ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހްލޫފްގެ އުދާސްތައް ބަންޑުންކޮށްލައިފި!

އަހުމަދު މަހްލޫފް—
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ އުދާސްތައް ބަންޑުން ކޮށްލައިފިއެވެ.

މަހްލޫފް މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރި މައްސަލައިގައި މަހުލޫފްގެ މައްޗަށް ދައުވާކުރަން އޭސީސީން އިއްޔެ ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

އެކަމާ ގުޅިގެން މަހުލޫފް މިއަދު ވިދާޅުވީ ފެށުނީއްސުރެވެސް އެމްއެމްޕީއާރްސީގެ މައްސަލައިގައި އޭނާ އާއި މެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ އޭނާ މަގާމުން ވަކިކުރުން ކަމަށް މަހުލޫފް ވިދާޅުވިއެވެ.

“އެމީހުންނަށް ނުވިސްނެނީ އަޅުގަނޑު މިއުޅެނީ މަގާމުގަ ބަގުޑި ބައްދައިގެން ހުންނަން ނޫންކަން. ކުރި ތުހުމަތު ވެސް ގޯސް. ތުހުމަތު ކުރީ SEZ ބިލަށް ވޯޓު ދީގެން. ނަމަވެސް އޭރު އަޅުގަނޑަކީ PPM ގެ މަޖިލިސް މެންބަރެއް، ވޯޓު ދިނީ ތްރީލައިން ވިޕާ އެއްގޮތަށް” މަހުލޫފް ވިދާޅުވިއެވެ.

އޭސީސީއަށް އަށް ދައުވާ ކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް މި މައްސަލައިގަ ލިބިގެން ނުވާ ކަމަށާއި އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ޤަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފުވާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. އަދި މީގެކުރިން ދައުވާ އުފުލި އެންމެންގެ ވެސް މައްސަލަތައް ފޮނުވާފައި ވަނީ އެ ކޮމިޝަނުން ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އަދި މި މައްސަލާގައި ހެކީގޮތުގައި ހޯދާފައިވާ ބަޔަނާއި ތަކެއްޗަކީ ސީދާ ރާއްޖެ އާއި ލަންކާގެ ގާނޫނާއި ހިލާފަށް ހޯދާފައިވާ ހެކި ކަމަށާއި މިވަގުތު އެކަމުގެ ތަފްސީލަށް ދެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުގެ މައްސަލަވެސް ހަމަ ބަލަންވީ. އެކަމަކު އެކަން ކުރަންވާނީ ޤާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް. ސިޔާސީ ނުފޫޒުން ބައެއް ނަންތައް އުނިކުރުމަށްފަހު ވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުން ވެސް ކޮމިޝަނަށް 3 އަހަރު ވީއިރު ފެނުނީ އަޅުގަނޑުގެ ނަން އެކަނިތޯ” މަހުލޫފް ވިދާޅުވިއެވެ.

އަދި ޤާނޫނާއި ގަވައިދުގެ ތެރެއިން އެސެޓް ރިކަވަރީ ކޮމިޝަން، ޕޮލިސް، ޕީޖީ އަދި އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް އޭނާއާ މެދު ތަފާތުނުކޮށް މައްސަލަ ގެންދާނަމަ އެންމެ ދުވަހަކުވެސް މަގާމުގައި ނުހުންނަވާނެ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

“ކަންބަޅިއެއްހެން ހަމައެކަނި އަޅުގަނޑު ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރްސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް. ވަރުބަލިވެއްޖެ، އަޅުގަނޑަށްވެސް އަބަދު އަނގަ ބަންދުކޮށްގެން ނުހުރެވޭނެ” އޭނާ ވިދާޅުވިއެވެ.

އޭސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ މަހްލޫފްގެ މައްސަލާގައި ތަހުގީގަށް ފާހަގަކުރެވުނު ކަންކަން ހާމަކޮށްފަ އެވެ. އެގޮތުން ބުނެފައިވަނީ މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަން އެނގޭ ކަމަށެވެ.

ބިލް ފާސްކުރަން ވޯޓު ދެއްވުމަށްޓަކައި އޮގަސްޓް 27، 2014ގައި މަހްލޫފް މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވީ މެލޭޝިޔާގައި ހުންނެވުމަށް ސީދާ ވޯޓަށް ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ބިލް ފާސްކުރަން މަހްލޫފް ވޯޓު ދީފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

“އެ ވޯޓަށް ފަހު އަހްމަދު އަދީބު އަބްދުލްޣަފޫރު (ހ.ސާމަރާ / މާލެ) އާއި އަހްމަދު މަހްލޫފް އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަހްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ.” ބަޔާނުގައިވެ އެވެ.

އޭސީސީން ފޮނުވާފައިވާ މައްސަލައިގައި ދައުވާކުރުމާ މެދު ޕްރޮސިކިއުޓާ ޖެނެރަލް ގޮތެއް ނިންމަވަންދެން މަހުލޫފް ސަސްޕެންޑު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި މަހުލޫފުގެ ނަން އޮތުމާ ގުޅިގެން އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އޭނާ ގޭގައި މަޑުކުރައްވަން 2019 ވަނަ އަހަރު ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފައެވެ. ނަމަވެސް މަހްލޫފްގެ ކަރަޕްޝަން މައްސަލަމުން ނުދާކަމަށް އޭސީސީން އެންގުމުން އޭރު ރައީސް ވަނީ މަހްލޫފްގެ ސަސްޕެންޝަން އުވާލައިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 70%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިޔަދއްކަވާ ވާހަކަ ގަބޫލްކުރެވޭކަށް ނެތޭ. ހެޔޮ ދުއާއި ސަލާމް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: