ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

241 ގެ އިންކުއަރީ: ގައުމީ ސަލާމަތަށް ނުރައްކާހުރި ވާހަކަތައް ރިޕޯޓުގައި ނުހިމަނާނެ!

ރައީސް މުޙައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތުގެ އިންކުއަރީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ އިންކުއަރީގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ކުރިޔަށް ގެންދާ އިންކުއަރީގެ ރިޕޯޓު އާއްމު ކުރާއިރު ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ބެލެވޭ މައުލޫމާތުތައް ރިޕޯޓުން އާއްމު ނުކުރާނެކަމަށް ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ 06 ގައި އައިއީޑީއެއް ގޮއްވާލައި ދިން ހަމަލައާއި ގުޅިގެން އެމަނިކުފާނަށް ފޯރުކޮށްދޭ ސެކިއުރީ ބްރީޗްވީ ގޮތުގެ ޕާލިމަންޓު އިންކުއަރީއެއް 241 ކޮމިޓީން ވަނީ ފަށާފަ އެވެ. މައްސަލައިގައި ކޮމިޓީން ބަލަނީ ހާދިސާ ހިނގައިދިޔަ ގޮތާއި، ސެކިއުރިޓީ ދިނުމުގައި އެއްވެސް އިހުމާލެއް އޮތްތޯ، އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

241 ކޮމިޓީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ކޮމިޓީން މައުލޫމާތު ހޯދަން ބޭނުންވި ވަކިވަކި ފަރުދުންނާއި މުއައްސަސާތަކާ ސުވާލުކޮށް ގާތްގަނޑަކަށް މިހާރު ނިމިފައިވާ ކަމަށެވެ. އަސްލަމް ވިދާޅުވީ ސިފައިންގެ މުވައްސަސާގެ 33 އޮފިސަރެއް ހިމެނޭހެން ޖުމްލަ 49 ފަރާތަކާ ބައްދަލުކޮށް ސުވާލު ކުރެވުނު ކަމަށެވެ.

އަސްލަމް ވިދާޅުވީ މި ރިޕޯޓުގެ ބޭނުމަކީ ތަހުގީގެއް ހިންގައި އެއްވެސް ފަރާތަކަށް ފިޔަވަޅު އެޅުމެއް ވެސް ނޫން ކަމަށެވެ. އަދި ކޮމިޓީގެ ހޯދުންތަކަށް ބަލައި އެއްވެސް ފަރާތެއް މަގާމުން ވަކި ކުރުމަށް ނިންމާފައި ނުވާނެކަމަށް ވިދާޅުވި އެވެ.

ރިޕޯޓުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިޔަށްދާއިރު، ރިޕޯޓު އާއްމު ކުރުމަށްފަހު އަމަލު ކުރާނެ ގޮތާއި މެދު “ސަންގު” ގެ ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ކޮމިޓީގެ އިންކުއަރީގެ ހޯދުންތަކަކީ އެއީ ބައެއް ހާލަތްތަކުގައި ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ފާހަގަ ކުރެވި އާއްމު ނުކުރެވޭނެ މައުލޫމާތުތަކެއް ކަމަށެވެ. އެހެންކަމުން އެފަދަ މައުލޫމާތަކަށް އަމަލު ކުރާނެ ގޮތް ރިޕޯޓުގައި ހިމެނުމަށްފަހު އެކަން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރާއި ހިއްސާކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. މަޝްވަރާތަކެއްގެ ސިފައިގައި ވާހަކަތަކެއް ދެކެވުނު ނަމަވެސް އާއްމު ނުކުރެވޭނެފަދަ މައުލޫމަތާއި މެދު އަމަލު ކުރާނެ ގޮތާއި މެދު އަދި މިހާތަނަށް ގޮތެއް ނިންމާފައި ނުވާކަން އަސްލަމް ފާހަގަ ކުރެއްވި އެވެ.

އަސްލަމް ވިދާޅުވީ ކޮމިޓީގެ އިންކުއަރީގެ ހޯދުންތަކާއި އަދި ލަފާތައް ރިޕޯޓުގައި ހިމަނާނެ ކަމަށެވެ. އަދި ރިޕޯޓުގައި ނުހިމެނޭ ވަކި ބައިތަކެއްގެ ވާހަކަތައް ފާހަގަކޮށް، ވަކި ސަބަބުތަކަށްޓަކައި އެ މައުލޫމާތުތައް ހިއްސް ކުރެވެން ނެތްކަން އޭގައި ހިމަނާނެކަމަށް އަސްލަމް ވިދާޅުވި އެވެ.

ރިޕޯޓުގެ މަސައްކަތްތައް ނިންމާލުމަށް ހަފްތާއެއްހާ ދުވަސް ނަގާނެކަން ލަފާކޮށް އަސްލަމް ވިދާޅުވީ، މި މަހުގެ ނިޔަލަށް އެ އާއްމު ކުރެވޭނެ ކަމަށެވެ. އަދި އިންކުއަރީގެ މަސައްކަތް ނިމެނޭއިރު، ސުވާލު ކުރަންޖެހޭ އިދާރާއަކާއި ސުވާލު ނުކޮށް ނުވަތަ ހޯދަންޖެހޭ ހޯދުމެއް ދޫވެފައި ނޯންނާނެކަމަށް އަސްލަމް ވިދާޅުވި އެވެ.

“މިކަމާއި ގުޅިގެން ކޮމިޓީން އެކުލަވާލާ ރިޕޯޓަކީ ދެފުށް ފެންނަ ރިޕޯޓަކަށް ވާނެކަމުގެ ޔަގީންކަން ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ދަންނަވަން.” އަސްލަމް

ވަކި ވަކި މައުލޫމާތުތައް ދިނުމަށް އުޒުރުވެރިވެވަޑައިގެންނެވި ނަމަވެސް އަސްލަމް ވަނީ ސުވާލު ކުރުމަށް ހާޒިރު ކުރެވުނު ފަރާތްތަކުން އެއްބާރުލުން ލިބުނުކަމަށް ވިދާޅުވެފަ އެވެ. އަދި ލިބުނު މައުލޫމާތު ތަކުގެ އަލީގައި ފުރިހަމަ ރިޕޯޓެއް އެކުލަވާލެވޭނެކަމަށް އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ކޮމިޓީން ކުރިޔަށް ގެންދަނީ ތަހުގީގެއް ނޫންކަމަށާއި މިއީ އިންކުއަރީއެއް ކަމަށެވެ. އެހެން ކަމުން ޖިނާއީ ނަޒަރަކުން ސުވާލު ކުރުމުގެ އެއްވެސް ވިސްނުމެއް ކޮމިޓީގެ ނުހުންނާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ތަހުގީގު ކުރަންޖެހޭ ކަންކަން ފުލުހުންގެ މުވައްސަސާއިން ކުރިޔަށް ގެންދާނެކަމަށެވެ.

241 ކޮމިޓީގަށް ހާޒިރު ކުރި ބައެއް އިސް ބޭފުޅުންގެ ތެރޭގައި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކޮށްފައި ވެއެވެ.

“ކޮމިޓީއަށް ބޭނުންވާ ވަރަށް ގިނަ މައުލޫމާތު އެއްކޮށްފިން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮމިޓީއަށް ލިބެން ބޭނުންވި ވަރަށް މައުލޫމާތު އެއްކުރެވިއްޖެ.” އަސްލަމް

އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްކުރުމަށް އޭޑީކޭއިން ކުރީ ވަރަށް ޕްރޮފެޝަނަލް އަދި ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށެވެ. އެކަންކަން ފާހަގަށް މިހަފްތާގެ ތެރޭގައި އޭޑީކޭގައި ރައީސް ނަޝީދަށް ފަރުވާދިން މެޑިކަލް ޓީމާއި ބައްދަލު ކުރުމަށް ބޭނުންވާކަން ފާހަގަކޮށް އެކަން ހޮސްޕިޓަލަށް ހުށަހަޅާފައިވާކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ

ކޮމިޓިއަށް ހޯދިފައިވާ މައުލޫމާތާއި މެދު ހިތްހަމަޖެހޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ ތަހުގީގު ސްޕީޑާއި މެދު ހިތްހަމަޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: