ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަވާބުދާރީ ނުކޮށް މީޑިއާތަށް ޖޫރިމަނާ ކުރުމަކީ، ކުރެވޭނެ ކަމެއް ނޫން: އެމްއެމްސީ

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، އެ ކުއްޖާއަށް އަނިޔާކޮށް މަރާލި މައްސަލައިގައި މީޑިއާތަކުން ގެނެސް ރިޕޯޓުތަކެއްގެ ސަބަބުން މީޑިއާތަށް ޖޫރިމަނާކޮށް އިންޒާރުގެ ސިޓީ ފޮނުވީ އެފަދަ ހަބަރުގެ މައްސަލަތައް ބަލައި އެސެސްމެންޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ޖެންޑާރ މިނިސްޓްރީއަށް ވެސް އަންގާފައިވަނިކޮށް ކަމަށް މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.

މީޑިއާ ކައުންސިލުން މިހެން ބުނެފައި ވަނީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން މީޑިއާތަކަށް އިންޒާރުގެ ސިޓީ ފޮނުވައި، މީޑިއާއެއް ޖޫރިމަނާ ކުރި މައްސަލައިގަ އެވެ.

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ރާއްޖޭގެ ބައެއް މީޑިއާތަކުން ހަބަރު ގެނެސްދިން ގޮތާއި، އަދި ރިޕޯޓުތައް ގެނައި ގޮތާއި މެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެއެވެ. ވަނަވަރު އާއްމުކޮށް، ކުއްޖާގެ ޒާތީ މައުލޫމާތު އަދި އާއިލާގެ ހާލަތު ބައެއް ރިޕޯޓުތަކުގައި ގެނެސްދީފައިވާއިރު އެއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކުށެކެވެ. އެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމާއި އެ ކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ކަންކަމަށް ހިތްވަރު ދިނުމަކީ މަނާކަމެކެވެ. އަދި އެފަދަ އަމަލެއް ހިންގާ ބަޔަކާއި މެދު ފިޔަވަޅު އެޅުމުގެ ބާރު ޖެންޑާރ މިނިސްޓްރީއަށް ލިބިގެން ވެއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުން ގޮތުން ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމާއި އެ ކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނެ ފަދަ ކަންކަމަށް ހިތްވަރު ދިނުން މަނާވާނެ އެވެ. އަދި އެފަދަ އަމަލެއް ހިންގި ބައެއް ނުވަތަ މީހެއްގެ މައްސަލަ ބަލައި ތަހުގީގުކޮށް، އޭގެ ކުޑަބޮޑު މިނާއި އެކަމެއް ތަކުރާރުވާ ވަރަށް ބަލައި، ޝާމިލްވާ ބައެއް ޖޫރިމަނާ ކުރެވިދާނެކަމަށް ބުނެފައި ވެއެވެ.

ގާނޫނޫގައިވާ ގޮތުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، އެ ކުދިންގެ ޒާތީ މައުލޫމާތެއް އެއްވެސް ފަރާތަކުން އާންމު ކޮށްގެން ނުވާނެ އެވެ. އަދި މައުލޫމާތެއް އާއްމު ކުރާއިރު އެ ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ އެއްވެސް މައުލޫމާތެއް ނުވަތަ ކުއްޖާގެ ފުރިހަމަ ނަން، ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި އާއްމުކޮށް ޝާއިއުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައި ވެއެވެ.

13 އަހަރުގެ ފިރިހެން ކުއްޖާ ރަހީނުކޮށް، އަނިޔާތަކެއް ދީ މަރާލި މައްސަލައިގައި މީޑިއާތަކުގައި ތަފާތު ގޮތްގޮތަށް ވާހަކަތައް ދެކެވުނެވެ. އަދި ކުއްޖާގެ ބައެއް ޒާތީ މައުލޫމާތާއި އެކު އާއިލާގެ ވާހަކަތަކެއް ވެސް ހިމަނާފައިވާއިރު މިއަދުގެ ވަގުތެއްގައި ޖެންޑާރ މިނިސްޓްރީން ވަނީ ކުއްޖާގެ ކަރާމާތަށް ގެއްލުންވާފަދަ މައުލޫމާތުތަކެއް ހިމަނާފައިވާކަމަށް ބުނާ ތިން މީޑިއާއަކަށް އިންޒާރުގެ ސިޓީއެއް ފޮނުވައި އިތުރު މީޑިއާއެއް ޖޫރިމަނާކޮށްފަ އެވެ.

ޖެންޑާ މިނިސްޓްރީގެ ނައިބު، ފާތިމަތު ޔުމްނާ ސޮއި ކުރައްވާ، ފޮނުވި ސިޓީގައި ޖޫރިމަނާކޮށްފައި ވަނީ “އަވަސް” ނޫހެވެ. އަދި އިންޒާރުގެ ސިޓީ ފޮނުވާފައިވަނީ “ވަން އޮންލައިން” އާއި، “ވަގުތު” އަދި “އަދަދު” ނޫހަށެވެ. ކޮންމެ މީޑިއާއަކަށް ވަކިން އެޑްރެސްކޮށް ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ އެ މީޑިއާތަކުން ކުއްޖާ މަރާލި ހާދިސާގައި އެ މީޑިއާތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަމެއް އަންނާނެ ފަދަ މައުލޫމާތު ހާމަ ކޮށްފައިވާ ކަމަށެވެ.

ޖޫރިމަނާ ކުރީ “އަވަސް” އޮންލައިނެވެ. އެއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާ އަދި 33 ވަނަ މާއްދާއާއި 53 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ. އެހެންވެ އެ ގަވައިދުގެ 18 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަމަބަރުގެ ދަށުން އަވަސް 2،000 ރުފިޔާއިން ޖޫރިމަނާ ކުރީ އެވެ.

މީޑިއާތަަކަށް އިންޒާރުގެ ސިޓީތައް ފޮނުވި މައްސަލައިގައި، ކަންބޮޑުވުންފާޅުކޮށް އެމްއެމްސީން އާއްމު ކުރި ބަޔާނުގައި ބުނީ 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް ފުރާނަ ގެއްލުވާލާއިފައިވާ މައްސަލައިގައި އެކި މީޑިއާތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރުތަކާގުޅިގެން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން، ބައެއް މީޑިއާތައް ޖޫރިމަނާކޮށް، އިންޒާރުގެ ލިޔުން ފޮނުވަމުންދާ ކަމުގެ މައުލޫމާތު ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މީޑިއާގައި ޝާއިއު ކުރާ ޝާއިއު ކުރުންތަކުގެ މައްސަލަ ބެލުމުގެ ގާނޫނީ އިހުތިސޯސް ލިބިގެންވަނީ އެ ކައުންސިލަށް ކަން ފާހަގަކޮށް ބަޔާނުގައި ބުނެފައި ވަނީ އެއްވެސް މަޝްވަރާކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާ ކުރުމަކީ، ކައުންސިލްގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބަޔާނުގައި ވެއެވެ.

އެމްއެމްސީން ބުނެފައި ވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ހަބަރާއި މަޢުލޫމާތު ޝާއިއު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އަމަލު ކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި، އެފަދަ ޝާއިއު ކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެގޮތް ބަޔާން ކުރާ އުސޫލު އެކުލަވާލުމުގެ ބާރު ލިބިދީފައި ވަނީ ވެސް އެ ކައުންސިލަށް ކަމަށެވެ.

“އެހެންކަމުން މި ދެންނެވި އުސޫލުގެ ތެރެއިން ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާއާ ޚިލާފުވާ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ، މި ކައުންސިލުން ކުރަންޖެހޭކަމެއްކަމުގައި ދެކެމެވެ. އަދި އެއީ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއްނެތި އިޖުރާއަތުން ބޭރުން، އެހެން ވުޒާރާއަކުން ނުވަތަ މުއައްސަސާތަކުން ކުރެވިދާނެކަމެއްކަމުގައި މި ކައުންސިލުން ޤަބޫލެއް ނުކުރަމެވެ. ހަމަ އެހެންމެ، މިފަދަ މައްސަލަތަކުގެ ހައްލަކީ ޖޫރިމަނާކޮށް އަދަބު ދިނުންކަމުގައިވެސް މި ކައުންސިލުން ނުދެކެމެވެ. އަދި މިބީދައިން މީޑިއާތައް ޖޫރިމަނާކޮށް އަދަބުދިނުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެއިން ފަހަކަށް އައިސް ކުރިއެރުންތަކެއް ހާސިލުކުރަމުންދަނިކޮށް، ނޫސްވެރިކަމުގެ މިނިވަންކަމުގައި އެތައް ދަރަޖައެއް ފަހަތަށް ހިނގައިދާނެކަމެކެވެ.” އެމްއެމްސީ

އެމްއެމްސީން ވަނީ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގެ ހަބަރުތައް މީޑިއާތަކުން ޝާއިއު ކުރުމުގައި، ކައުންސިލުން އެކުލަވާލާފައިވާ މައުލޫމާތު އާއްމު ކުރުމުގެ ގަވައިދުގާއި ހިލާފުކަން ފާހަގަ ކުރެވި އެކަން މީޑިއާތަކުގެ ސަމާލުކަމަށް ގެނެސް ބަޔާނެއް އާއްމު ކުރިކަމަށެވެ. އަދި އެކަން މަޝްވަރާ ކުރުމަށްފަހު އުސޫލުތަކާއި ހިލާފަށް ހުރި ކަންކަން ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށް ނިންމައި އެ މަސައްކަތް ފަށާފައިވާކަމަށް ބުނެފައި ވެއެވެ.

“އެސެސްމަންޓް ހަދަން ނިންމާފައިވާކަމުގެ މައުލޫމާތު މިހާރުވާނީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށާއި، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށާއި، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާވެސް ހިއްސާކޮށްފައެވެ.” އެމްއެމްސީ

އެހެންކަމުން އެމްއެމްސީން މައްސަލައިގައި އެސެސްމަންޓް ހަދައި، ވަކި ގޮތްތަކެއް ނުނިންމަނީސް އެކި ފަރާތްތަކުން މީޑިއާތަކާއި މެދު ފިޔަވަޅު އަޅައި އިންޒާރުގެ ލިޔުން ފޮނުވައި މީޑިއާތަކަށް ބިރު ދެއްކުމުގެ އަމަލުތައް ނުހިންގުމަށް އެ ބަޔާނުގައި ކައުންސިލުން ގޮވާލި އެވެ.

“މީޑިއާތަކުގައި ޝާއިއުކުރާ އެއްވެސް ކޮންޓެންޓަކާގުޅިގެން މައްސަލައެއް ފާހަގަވާނަމަ، މި ކައުންސިލަށް ޝަކުވާ ހުށަހެޅުމުގެ އިޖުރާއަތްތަކުގެ ތެރެއިން އެކަން ކުރުމަށް އެންމެހާ ފަރާތްތަކަށް މި ފުރުސަަތުގައި އިލްތިމާސްކުރަމެވެ.” އެމްއެމްސީ

މީޑިއާތަކަށް އިންޒާރު ދިން ޖެންޑާގެ ސިޓީގައި، ކުޑަކުދިންގެ ހައްގުތައް ރައްތެރިކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ކުއްޖާ ހެދި ބޮޑުވުމަށް ބެނުންވާ ރައްކާތެރިކަމާއި އަޅާލުން، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި ކުއްޖާގެ އާއިލާގެ ފަރާތުންނާއި، މުޖުތަމައުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއްގެ ގޮތުގައި ބުނެފައި ވެއެވެ.

ރާއްޖޭގައި މީޑިއާތަކުން ގެނެސްދޭ ވަކި ވަކި ހަބަރުތަކާއި، ރިޕޯޓުތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު ލިބިފައިވަނީ މީޑިއާތަކުގެ ބެލެނިވެރި ފަރާތް މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް އެ ކުއްޖާ މަރާލި މައްސަލައިގައި ބައެއް މީޑިއާތަކުން ހަބަރުތައް ގެނެސްދޭ ގޮތާއި މެދު ރައްޔިތުންގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެ މައްސަލައިގައި މީޑިއާ ކައުންސިލާއި އަދި ބްރޯޑްކޮމްއާއި ބައްދަލު ކުރުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: