ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުތަކަކީ ދުނިޔޭގެ އެންމެބޮޑު އެއް ގުދުރަތީ ކާބަން ސްޓޯރޭޖް ސިސްޓަމް: ސަބްރާ

ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުތަކަކީ ދުނިޔޭގެ އެންމެބޮޑު އެއް ” ނެޗުރަލް ކާބަން ސްޓޯރޭޖް ސިސްޓަމް” ކަމަށް ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ކޮމަންވެލްތް އެންޓަރޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލުގެ “30×30” ވެބިނަރގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ސަބްރާ ވިދާޅުވީ ކަނޑުތައް ހިމާޔަތްކުރުން ވެގެންދާނީ މުސްތަޤުބަލުގައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ އެޅޭ މުހިންމު ފިޔަވަޅުތަކުން ކަމަށެވެ. އަދި ރާއްޖޭގެ ސަރަޙައްދުގެ 99 އިންސައްތައަކީ ކަނޑުގެ ސަރަޙައްދުކަން ފާހަގަކުރައްވައި، ރާއްޖެއަކީ ވެސް އެހެން ޖަޒީރާ ރަށްތަކުގެ އަހުލުވެރިން ފަދައިން ކަނޑުގެ ދިރުންތަކުގެ މައްޗަށް ދިރިއުޅުން ވަރަށްބޮޑަށް ބަރޯސާވެފައިވާ ޤައުމެއްކަން ވަނީ ފާހަގަކުރައްވާފަ އެވެ.

ރާއްޖެއިން ކުރަމުންގެންދާ ދޮށީގެ މަސްވެރިކަމުގެ މައްޗަށް އަލިއަޅުވާލައްވާ، ސަބްރާ ވިދާޅުވީ ރާއްޖެއިން ދޮށީގެ މަސްވެރިކަން ކުރާގޮތަކީ ތިމާވެއްޓާ އެންމެ ރަޙުމަތްތެރި އަދި ދެމެހެއްޓެނިވި ގޮތްކަމަށެވެ. އަދި އޭގެ ސަބަބުން ކަނޑުއަޑީގެ ދިރުންތަކަށްވެސް އޭގެ ގެއްލުން ނުފޯރާކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެހެންކަމުން މިއީ މަހުގެ ސްޓޮކަށްވެސް ގެއްލުންނުވެ، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމަށް ބާރުލިބިގެންދާ ކަމެއްގެ ގޮތުގައި ޞަބްރާ ވަނީ ފާހަގަކުރައްވާފަ އެވެ.

ދާދިފަހުން މިމަހު ބޭއްވި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގެ 25 ވަނަ ސެޝަނުގައި، އިންޑިއާ ކަނޑުގައި ރީނދޫ އުރަހަ ކަންނެއްލި އަދި ކަޅުބިލަމަހުގެ މަސްވެރިކަން އޭގެ ސްޓޮކަށް ގެއްލުންވާ މިންވަރަށް ކުރަމުންދާތީ އެ ބާވަތްތަކުގެ މަހުގެ ސްޓޮކް ދިރުވާ އާލާ ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެ ބާވަތްތަކުގެ މަސްވެރިކަން ކުރުމާބެހޭގޮތުން ނިންމި ނިންމުމަށް އިޝާރާތްކުރައްވައި ޞަބްރާ ވަނީ ރާއްޖެއަކީ އަބަދުވެސް ދެމެހެއްޓެނިވި މަސްވެރިކަމަށް ބާރުއަޅާ ވަކާލާތުކުރަމުންދާ ޤައުމެއްކަން ފާހަގަކުރައްވާފަ އެވެ.

ހަމަ އެހެންމެ، މަސްވެރިކަން ކުރާ ފަރާތްތަކުން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ބާރުއެޅުމުގެ ގޮތުން ކަނޑުތައް ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެކަނި އަޅައިގެން އެކަން ޙާޞިލުނުވާނެކަމަށާއި އެއާއި ވިދިގެން ދެމެހެއްޓެނިވި މަސްވެރިކަމާއި ދެކޮޅު ފިޔަވަޅުއެޅުމުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތްތަކަށް މަސްވެރިކަން ކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބޮޑެތި ބާޒާރުތަކުން ފުރުޞަތުތައް އިތުރަށް ފުޅާވެ ފަހިވެފައި އޮންނަންޖެހޭކަމުގައި ވެސް ޞަބްރާ ވިދާޅުވި އެވެ.

ޞަބްރާގެ ވާހަކަފުޅުގައި ތިމާވެށީގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވަމުން ވަނީ ރާއްޖެއިން މިޔަރުގެ މަސްވެރިކަން މަނާކޮށްފައިވާކަމާއި، ބ. އަތޮޅު ބަޔޮސްފިޔާ ރިޒާރވް އެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމާއި އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން 2023 ގެ ނިޔަލަށް ރާއްޖެއިން ހުއްޓާލުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއާއި އަދި “ހައި ލީކޭޖް ސިންގަލް ޔޫސް ޕްލާސްޓިކް” އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރުން މިމަހުން ފެށިގެން ތަންފީޒުކުރަން ފަށާފައިވާކަން ފާހަގަކުރައްވާފަ އެވެ.

ޞަބްރާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުރާލާ ފިޔަވަޅުތައް އަޅަމުންގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެވުނު ފަސްއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެކުލަވާލާ “މެރިން ސްޕޭޝަލް ޕްލޭން” އަކީ ނޫ އިޤްތިޞާދެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތާއި އަދި ކަނޑުގެ ދިރުންތައް ޙިމާޔަތްކޮށް ބެލެހެއްޓުމަށް މަގުފަހިވެގެންދާނެކަމެއްކަން ޞަބްރާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ޕޮލިސީތައް ހަދާ އެއާ އެއްގޮތަށް އެކަންކަން ތަންފީޒުކުރުމަކީ ގޮންޖެހުންތަކެއް ހުރި ކަމެއްނަމަވެސް އެއީ މުސްތަޤްބަލުގައި އޭގެ ފައިދާތައް ނުހަނު ބޮޑަށް ފެންނާނެކަމެއްކަން ފާހަގަކުރެއްވި އެވެ. އަދި އެންމެންގެ ލާބައާ މަންފާއަށްޓަކައި، ކަނޑުގެ ދިރުންތައް ދިރުވާ އާލާކުރުމާގުޅޭ މަޝްވަރާތައް ކުރިޔަށް ގެންގޮސް، ހޭލުންތެރިކަން އުފައްދައި، އަދި އެކަމަށް ޤަވާއިދުތައް ހަދަމުންދިޔުމުގެ މުހިންމުކަން ވެސް ޞަބްރާ ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކޮން ހާ ބޭކާރު ވާހަކަތަކެއް. سبحان الله
    ލިޔަން ކިޔަން ނުދަންނަ މީހުން ސަރުކާރުގެ އިސް ވެރިންގެ ގޮތުގައި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: