ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

32 ރަށެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓު ޕްރޮޖެކްޓުގެ ދަށުން ޒޯން 3 (ކ، އއ، އދ، ވ) އަތޮޅުގެ 32 ރަށުގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި އެރަށްރަށުގެ ކައުންސިލާ ދެމެދު ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އަދި ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްތަކުގެ ރައީސުންނެވެ.

މިއެއްބަސްވުމުގެ ދަށުން ކުނިކޮށި ނެތް ރަށްރަށުގައި ކުނިކޮށި އެޅުމާއި ކުނި މެނޭޖުކުރާނެ ވަސީލަތްތައް ނެތް ރަށްރަށަށް ކުނި ރައްކާތެރި ގޮތުގައި މެނޭޖުކުރާނެ ވަސީލަތްތައް ފޯރުކޮށްދެވޭނެއެވެ. މިގޮތުން، 15 ރަށުގައި ރަށު ފެންވަރުގެ ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމާއި، 11 ރަށެއްގައި މިހާރު ހުރި ރަށު ފެންވަރުގެ ކުނި މެނޭޖުކުރާ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މިޕްރޮޖެކްޓުގެ ދަށުން ކުރެވޭނެއެވެ.

މިސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި އުސޫލުން ކުނި މެނޭޖުކުރުމުގެ ޒަމާނީ ޓެކްނޯލޮޖީ އެކުލެވޭ ނިޒާމެއް، މާލެ ސަރަޙައްދުގައި ޤާއިމުކުރެވި، ދިރިއުޅުމަށް އެކަށޭނަ ސާފުޠާހިރު މާހައުލެއް މިރީތި ރަށްތަކުގައި އުފައްދައި، ރަށްރަށުގެ ޖަޒީރާވަންތަކަން އަލުން އިއާދަކުރުމާއި ތަޣައްޔަރުވެފައިވާ ކުނިގޮނޑުތައް ނައްތާލުން ކަމަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ކުރިއަށްގެންދާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަކީ އެހީދޭ ޖަމާޢަތްތައް ކަމަށްވާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، ޖޭ.އެފް.ފީ.އާ.އާރް އަދި ޓީ.އޭ.އެސް.އެފްގެ އެހީއާއެކު ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މިމަޝްރޫޢޫގެ މަޤްސަދަކީ ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނެޖުކުރާ ނިޒާމެއް ގްރޭޓަރ މާލެ ސަރަޙައްދު އަދި ޒޯން 3 ގެ ރަށްތަކުގައި (32 ރަށް) އެކުލަވާލުމެވެ. މިޕްރޮޖެކްޓް ހިންގަނީ މައިގަނޑު 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އެގޮތުން ފޭސް 1 ގައި ހިމެނެނީ މޫސުމަށް އަންނަ ބަދަލުތަކަށް އަދި ކާރިސާތަކަށް ވިލުންވެރި ( ކްލައިމެޓް އެނޑް ޑިޒާސްޓާރ ރެސިލިއަނޓް) ކުނި އުފުލާ، ނައްތާލާ ނިޒާމެއް އުފެއްދުމާއި ރަށުފެންވަރުގެ ކުނި މެނެޖް ކުރުމުގެ ނިޒާމެއް ޤާއިމުކުރުމާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުނި ނައްތާލަން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

މިގޮތުން ތިން އާރް އަށް އާއްމުން ހޭލުންތެރިކުރުން- (ރޭޑިއުސް، ރީޔޫޒް، ރިސައިކަލް) ހިމެނެއެވެ. އަދި ދެވެނަ ފިޔަވަހީގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒެއް ޤާއިމު ކުރުމާއި ތިލަފުށީގެ ޑަމްޕްސައިޓް ރިމީޑިއޭޓްކުރުމާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހިއްޓެނިވި ގޮތަކަށް ކުނި މެނެޖްކުރުމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: