ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ ނިޒާމުގެ ވާހަކަ ދައްކަވަނީ ހުރިހާ ހަޑިއެއްގެ ޒިންމާ ނަގަން ޖެހޭނެކަން ރައީސް ނަޝީދަށް އެނގޭތީ: ޝިޔާމް

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމުގެ ވާހަކަ ދައްކަވަނީ ސަރުކާރުން ހާވާ ހުރިހާ ހަޑިއެއްގެ ޒިންމާ އެމަނިކުފާނު ނަންގަވަން ޖެހޭނެކަން އެނގިލައްވާތީކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއިމެދު ރައީސް ނަޝީދު އަބަދުވެސް ވާހަކަދައްކަވާއިރު ދާދި ފަހުން ބޭއްވި އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސް އަބްދުﷲ ޔާމީންވެސް ބޭނުންފުޅުވަނީ ބަރުލަމާނީ ނިޒާމެއްކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަމުގެ ނިޒާމް ބަދަލުކުރުަމށް ރައީސް ޔާމީންގެ ތާއީދު ލިބިލައްވާނެކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ބަރުލަމާނީ ނިޒާމަކީ ރަނގަޅު ނިޒާމެއްގެ ގޮތުގައި ފާހަގަކުރައްވައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާފައި ވަނީ 2007 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައެވެ. މިކަން ރައްޔިތުންގެ މަޖިލީހުގެ ޔައުމިއްޔާތަކުން ހާމަވާއިރު ރާއްޖޭގައި މިވަގުތު އޮންނަން ފެންނަ ނިޒާމަކީ ރިޔާސީ ނިޒާމްކަމަށް ކަނޑައަޅާފައިވަނީ އާންމުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާއި ގުޅޭގޮތުން ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ސުވާލު ކުރުމުން ޝިޔާމް ވިދާޅުވީ ސީދާ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ރައީސް ޔާމީން ވާހަކަދެއްކެވި އަޑު އަހާފައި ނުވާކަމަށެވެ. އަދި ގާނޫނު އަސާސީގައި ކަނޑައެޅިގެން ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއްކަން ބުނެފައި ނެތަސް ނިޒާމް ބަދަލު ކުރާކަމުގައި ވާނަމަ އެ ބަދަލު ދެންވެސް ގެންނާނީ ރައްޔިތުންކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ވާހަކަދައްކަވާފައި ހުރިކަން ހާމަވާއިރު، ޝިޔާމް ވިދާޅުވީ 2007 ވަނަ އަހަރު ގައުމު އޮތް ހާލަތާއި މިހާރު ގައުމު ހާލަތާއި ވަރަށް ތަފާތު ކަމަށެވެ. އޭރު ކަންކަން ހުރި ގޮތުން ފަހަރުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ވާހަކަފުޅު ދައްކަވާފައި އޮވެދާނެކަމަށާއި އެހެން ނަމަވެސް ރިޔާސީ ނިޒާމެއްގެ ފޮނި މީރުކަން އެނގިގެންދިޔައީ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

“2013 ވަނަ އަހަރު ވެރިކަމަށް އައިސް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެވުނު ފުރަތަމަ ރައީސަކީ ރައީސް ޔާމީން. ރިޔާސީ ނިޒާމެއްގެ ފޮނި މީރުކަން ފެނިގެންދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައި” ޝިޔާމް

މިފަހަކަށް އައިސް ރައީސް ނަޝީދު ވެރިކަމުގެ ނިޒާމް ބަދަލުކުރަން ބޭނުންވާކަމަށް ވިދާޅުވެ އެވާހަކަތައް ދައްކަވަނީ އެކަށީގެންވާ ސްޕީޑެއްގައި ސަރުކާރުގެ ކަންކަން ކުރިއަށް ނުދާތީކަމަށް ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުން ހާވާ ހުރިހާ ހަޑިއެއްގެ ޒިންމާ ނަންގަވަންޖެހޭނީ ރައީސް ނަޝީދު ކަމަށާއި އެކަން ރައީސް ނަޝީދަށްް އެނގިލައްވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

“ވައުދުތައް ނުފުއްދި ދެއަހަރު ތިން އަހަރު ވެގެންދަނީ. އިޖްތިމާއީ މައްސަލަތައް ހައްލުނުވެ އިގްތިސާދީ ބޮޑު އަނދަވަޅަކަށް ގައުމު ވެއްޓިފައި މިއޮތީ. ސަރުކާރަށް ކަންކަން ނުވީމަ ނިޒާމް ގޯސްކޮށްފައި ވާހަކަ މިދައްކަވަނީ.” ޝިޔާމް

ޝިޔާމް ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އިތުބާރު ހޯދުމަށް ބައިވަރު މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އަދި ސިޔާސީ ބޭފުޅުންނަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރުވެސް މިހާރަށްވުރެ ބޮޑުކުރަން މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ. މިވަގުތު ގައުމުގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ އެމައްސަލަތައް ހައްލުކުރުންކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ސަރުކާރުން ވީހާވެސް އަވަހަކަށް ސިޔާސީ ޕާޓީތަކާއެކު މަޝްވަރާތައް ފަށަންޖެހޭ ކަމަށާއި ޕީޕީއެމް ޕީއެންސީ ކޯލިޝަން އޮންނާނީ އަބަދުވެސް ސަރުކާރާއެކު މަޝްވަރާކުރަން ތައްޔާރަށްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި މެދު އާންމުންގެ ފެންނަ ނުފެން ވޯޓެއް ނެގީ 2007 ވަނަ އަހަރުގައެވެ. ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއްކަމަށް ކަނޑައެޅުނީ އެވޯޓުގެ ނަތީޖާއަށް ފަހުގައެވެ. 2007 ވަނަ އަހަރު އާ ގާނޫނު އަސާސީގެ މަސައްކަތް ކުރިއިރު އޭރު ގާނޫނު އަސާސީ އެކުލަވާލީ މިހާރު ރާއްޖޭގައި މިއޮތް ތިން ބާރު ވަކިވެފައި އޮތް ނިޒާމަށް އެންމެ ފެތޭނެފަދަ ގޮތަކަށެވެ.

ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް އާންމުންގެ ތާއީދު ބޭނުންވާއިރު އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިއަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ ބޮޑުވަޒީރުކަމަށް އައުމަށް ރައީސް ނަޝީދު އެތައްފަހަރަކު ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، އެކަމަށް އެދިވަޑައިގެން ރައީސް ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖެއްވެސް ފޮނުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: