ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާގެ ޕާލިމަންޓް އިންކުއަރީ: 241 ކޮމިޓީގެ 45 ރިކޮމަންޑޭޝަންއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީން (241 ކޮމިޓީ) ފާސްކޮށްފިއެވެ.

މިރޭ ކުރިޔަށް ގެންދިޔަ 241 ކޮމިޓީގެ ބައްދަލުވުމުގައި ރިޕޯޓުގައި ހިމެނޭ ލަފާތައް ފާސްކުރުމަށް ނިންމީ ކޮމިޓީގައި ހިމެނޭ 13 މެމްބަރުންގެ ވޯޓާއި އެކު އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅައި، ރިޕޯޓު ފާސް ކުރީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ ތާއީދާއި އެކު އެވެ.

50 އަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ހިންގި މި އިންކުއަރީގެ މައްޗަށް އެ ކޮމިޓީން އެކުލަވާލީ 236 ސަފްހާގެ ރިޕޯޓެކެވެ. އޭގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވާއިރު، ދައުލަތުގެ ބާރުތަކުގެ ވެރިންނަށް މި ރިޕޯޓް އަރުވާނެއެވެ.

ރިޕޯޓްގައި ގައުމީ ސަލާމަތާ ގުޅުންހުރި ބައެއް މައުލޫމާތުތައް ހިމެނޭތީ، ރިޕޯޓު އާއްމު ކުރާއިރު އެބައިތަ އުނި ކުރުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ. އެކަން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް މީގެ ކުރިން ވެސް މީޑިއާތަކާއި ހިއްސާ ކުރެއްވި އެވެ.

އުނި ކުރި ބައެއް މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ އިންޓެލިޖެންސް ހިންގުމާއި، އަމަލު ކުރަމުންދާ ގޮތާއި، އެ ނިޒާމުގެ ތެރޭގައި ހިމެނޭ ސިއްރުތަކެވެ. މީގެ އިތުރުން ސަލާމަތީ ހިދުމަތްތަކުން، ފޯރުކޮށް ދޭ ސެކިއުރިޓީގެ ސިއްރުތައް ވެސް ރިޕޯޓުން ވަނީ އުނިކޮށްފަ އެވެ.  

ކޮމިޓީގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، 241 އިން ކުރިޔަށް ގެންދިޔައީ ހިތްހަމަޖެހޭ މަސައްކަތެއް ކަމަށެވެ. އަދި ކޮމިޓީގައި ތަޖުރިބާ ހުރި ގިނަ މެމްބަރުން ތިއްބެއިރު، އެކަން ރިޕޯޓުން ހާމަވާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރޭ ކޮމިޓީން ފާސްކުރި ހުށަހެޅުންތަކުގެ ތެރޭގައި ޓެރަރިޒަމްގެ ގާނޫނީ ނިޒާމަށް ބަދަލު ގެނައުން ހިމެނެ އެވެ. ރައީސް ނަޝީދަށް މިދިޔަ މޭއި މަހު ދިން މި ހަމަލާގެ އިންޓެލިޖެންސް މައުލޫމާތެއް ލިބިފައިނުވާކަމަށް ފުލުހުންނާއި އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެ މައްސަލައިގައި ދެ މުވައްސާސާއަށް ވަރަށް ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވެގެން ދިޔަ އެވެ.

1 ކޮމިޓީގަށް ހާޒިރު ކުރި ބައެއް އިސް ބޭފުޅުންގެ ތެރޭގައި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކޮށްފައި ވެއެވެ.

އޭގެ އިތުރުން ކޮމިޓީން ވަނީ 03 މިލިއަން ރުފިޔާއަށް ރައީސް ނަޝީދަށް ހަމަލައެއް ދޭން ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު މޭއި މަހުގެ 03 ގައި މިނިސްޓަރު މާރިޔާއަށް ދެއްވި އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ވެސް ސުވާލުކޮށްފަ އެވެ.

ކޮމިޓީގެ ހުށަހެޅުންތައް، ނުވަތަ ލަފާތަކުގެ ގޮތުގައި އަސްލަމް ވިދާޅުވި ކަންތަކުގެ ތެރޭގައި އިންޓެލިޖެންސް މައުލޫމާތު އެއްކުރުމުގެ ނިޒާމު ހަރުދަނާ ކުރުން ހިމެނެ އެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތުތައް ހިއްސާކުރާނެ ޑާޓާ ސިސްޓަމެއް އެކުލަވާލުމަށް ހުށަހަޅާފައި ވެވެ.

މީގެ އިތުރުން ރާއްޖޭގައި ހަލުވިކޮށް ފެތުރެމުންދާ ހަރުކަށި ފިކުރު ހުއްޓުވުމަށް، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު ހަރުދަނާ ކުރުމަށް ކޮމިޓީގެ ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ.

ރާއްޖޭގައި ޓެރަރިޒަމްގެ އަމަލެއް ނުވަތަ އެފަދަ ހަމަލާއެއް ދީފި ހާލަތެއްގައި ސިފައިންނާއި، ފުލުހުން ގުޅިގެން މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ އުސޫލެއް އެކުލެވުމަށް ރިޕޯޓުގައި ވެވެ.

ޖުމްލަ 45 ލަފާ ދީފައިވާ، އެ ރިޕޯޓުގައި ހިމެނެނީ:

  1.  ޓެރަރިޒަމްގެ ގާނޫނުގައި ބަޔާން ކުރާ އިންޓެލިޖެންސް ރައްކާތެރި ކަމާ އެކު ބަދަލު ކުރެވޭ ނިޒާމު އަދި އޮނިގަނޑު ވީހާވެސް އަވަހަކަށް ފާސްކޮށް އެއަށް އަމަލު ކުރަން ފެށުން.
  2. ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަންކަމާ ގުޅޭ މައުލޫމާތު އެމްއެންޑީއެފްއާއި ފުލުހުންގެ ހިދުމަތް އަދި ޓެރަރިޒަމްގެ ގާނޫނުގައި ބަޔާން ކުރާ އިދާރާތަކުގެމެދުގައި ހިއްސާ ކުރާނެ ހާމަނައިޒްޑް ޑާޓާ ސިސްޓަމް އެއް ވީ އެންމެ އަވަހަކަށް އެކުލަވާލުން.
  3. އިންޓެލިޖެންސް އެއްކުރުމާއި އަދި، ބެލެހެއްޓުމުގައި ސަލާމަތީ ހިދުމަތްތަކުގެ މެދުގައި ރައްކާތެރިކަމާ އެކު ބަދަލު ކުރެވޭނެ ގޮތަށް އިދާރާތަކުގެ މެދުގައިވާ ފުށު އެރުންތައް ނައްތާލުން ވަކިކޮށް ބަޔާންކޮށް ނޭޝަނަލް އިންޓެލިޖެންސް އެކްޓްއެއް އެކުލަވާލުން
  4. ޓެރަރިޒަމް ގާނޫނުގައި އިދާރާތަކަށް ހަވާލުކޮށްފައިވާ މަސައްކަތްތަކަށް ރިއާޔަތްކޮށް އެ މަސައްކަތްތަކުގެ އޮޑިޓެއް ހެދުން. އަދި އޭގައި އިދާރާތަކުގެ ގާބިލުކަން ދެނެގަތުމާއި ބަޖެޓުން ކުރެވޭ ހަރަދާއި ނެރެފައިވާ ނަތީޖާ ބެލުމަށް ފަހު ބަޖެޓް މުރާޖައާ ކުރުން
  5. ހަރުކަށި ފިކުރު ފެތުރުނަ ނުދިނުމަށް އިސްލާމިކް މިނިސްޓްރީ، ޔޫތު މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި، ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކުގެ ދާއިރާގައި ހިމެނޭ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރުން.
  6. އެމްއެންޑީއެފް އަދި ފުލުހުން މަޝްވަރާކޮށް ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ނޭޝަނަލް ސެކުއިރިޓީ އެޑްވައިޒަރެއް އައްޔަން ކުރުން.
  7. ދީނީ ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ކުރާ މަސައްކަތުގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު ހަރުދަނާކޮށް ތަންފީޒުކުރުން.
  8. ކައުންޓަ ޓެރަރިޒަމްގެ މަސައްކަތްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ޑޭޓާ ހޯދުމުގައި ގާނޫނީ ގޮތުން ހުރި ގޮންޖެހުންތައް މުރާޖައާކޮށް އެ މަސައްކަތްތަކަށް ހައްލު ހޯދުން.
  9. ހަނގުމާވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ބޭނުންކޮށްގެން ޓެރަރިޒަމްގެ އަމަލެއް ހިންގައިފި ހާލަތެއްގައި، އެމްއެންޑީއެފްއާއި ފުލުހުން އެކުމުގައި މަސައްކަތް ކުރަންވީ ގޮތުގެ އުސޫލު ސާފުކޮށް ބަޔާން ކުރުން.
  10. ޓެރަރިޒަމާއި ހަރުކަށި ފިކުރާއި އަދި ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަންކަމާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގެ ކައުންޓަރ ޓެރަރިޒަމްގެ ދައުރު ފުޅާކޮށް މުވައްޒަފުންނާއި ވަސީލަތްތައް އިތުރު ކުރުމާއި އެކަށޭނަ ބަޖެޓެއް ދިނުން.
  11. ސިފައިންގެ ގާނޫނު އިސްލާހުކޮށް ސިފައިންގެ ޖަވާބުދާރީ ކުރުމުގެ އޮނިގަނޑު ސާފުކޮށް ބަޔާންކޮށް ނޭޝަނަލް ސެކުއިރިޓީ ގާނޫނެއް ގާއިމް ކުރުން.
  12. އެމްއެންޑީއެފްގެ އިދާރީ ހިންގުމާއި އިންޓެލިޖެންސް އަދި އޮޕަރޭޝަންސް ކަންކަމަށް ބޭނުންވާ އެންމެހާ އުސޫލުތަކާއި މިހާރު އެކުވަލާފައިވާ އުސޫލުތަކާއި ޕްލޭންތައް އަޕްޑޭޓު ކުރުން.
  13. ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑުން ކަމުގައިވާ ސާޖެންޓް އިލްހާމް އާދަމް އާއި ޕްރައިވެޓް މުހައްމަދު ރިޝްވާން އަދި ކޯޕަރަލް މުހައްމަދު ނިޔާޒްގެ މަސައްކަތް ގައުމީ ފެންވަރުގައި ފާހަގަކުރުން.
  14. އިންޓެލިޖެންސްގެ ދާއިރާއަށް ޒަމާނީ ކުރިއެރުން ގެނެސްދިނުމަށް، އެނަލިިސިސް މަސައްކަތްތަކާއި އަދި އެއް ފަހަރާއި ގިނަ މައުލޫމާތު ރައްކާ ކުރެވޭނެ ބޮޑެތި ޑާޓާ ސިސްޓަމްތަކާއި އާޓިފިޝަލް އިންޓެލިޖެންސްއާއި ފޭޝަލް ރެކޮގްނިޝަންގެ ޒަމާނީ ވަސީލަތްތައް ހޯދުން.
  15. އިންޓެލިޖެންސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި ހައިބްރިޑް ތްރެޓް އެންވަޔަރަމަންޓްގައި މަސައްކަތް ކުރުމަށްޓަކައި ސެކުއިޓީ އެނަލިސިސްގެ ދާއިރާއިން މީހުން ބިނާ ކުރުން.
  16. ޓެރަރިޒަމް އަދި ހަރުކަށި ފިކުރު ފަތުރަން ހަރަދު ކުރާ މީހުނާއި ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ މައުލޫމާތުތަކުގެ ޑޭޓާބޭސްއެއް ނުވަތަ އެފަދަ މީހުންގެ ވޮޗްލިސްޓްއެއް ގާއިމް ކުރުން.
  17. ހަރުކަށި ފިކުރު ފަތުރާ މީހުން ސިސްޓަމަށް ފްލެގް (ފާހަގަ) ވުމަށް ފަހު، ހުރިހާ އިދާރާއެއް މެދުގައި މި މީހުންގެ ތަހުގީގު މަރުހަލާ އާއި ޝަރުއީ މަރުހަލާ އަދި ބަންދުގެ މަރުހަލާ މޮނިޓާ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުން.
  18. ޝަރުއީ ނިޒާމުގައި މަސައްކަތް ކުރާ ފަންނީ ފަރާތްތަކަށް ޓެރަރިޒަމާއި ހަރުކަށި ފިކުރާ ގުޅޭ ކަންކަން ހިއްސާ ކުރުމާއި ޝަރުއީ ނިޒާމުގައި މަސައްކަތް ކުރާ ފަންނީ ފަރާތްތަކަށް މި ދާއިރާއާއި ގުޅޭ ތަމްރީންތައް ދިނުން.
  19. ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިދާނެ ފަރާތްތައް ފާހަގަ ކުރެވޭ ހިސާބުން ފެށިގެން އެ މީހުން ރިހެބިލިޓޭޓް ކުރުން ފެށި އެ މަރުހަލާ ނިމެންދެން އަމަލު ކުރާނެ ގޮތުގެ ފްރޭމް ވޯކެއް އެކުލަވާލައި އެ ތަންފީޒު ކުރުން.
  20. ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިދާނެ ފަރާތްތައް ފާހަގަކޮށް، ހިންގާ ރެހިބިލިޓޭޝަންގައި ބައިވެރިވާ އެފަދަ ފަރާތްތަކުގެ ވިސްނުން މޮނިޓާކޮށް، ވިސްނުމުގެ މައްޗަށް އެފަދަ މީހުންތައް ގިންތިކޮށް ވަކިވަކި ޕްރޮގްރާމްތައް ހިންގުން.
  21. ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ އިހުތިސާސްތައް މުރާޖާއާކޮށް އެ މުއައްސަސާގެ ބެލެނިވެރިކަން ބަދަލު ކުރުން.
  22. ހަރުކަށި ފިކުރުގެ މީހަކު ފާހަގަ ވުމުން އެކަން ރިޕޯޓު ކުރާނެ ގޮތާއި އަދި އަމަލު ކުރާނެ ގޮތް އާންމުންނަށް ސާފުކޮށް އޮޅުން ފިލުވައި ދިނުން.
  23. ސޯޝަލް މީޑީއާގެ ވަސީލަތްތައް މެދުވެރިކޮށް ހަރުކަށި ފިކުރުގެ ވިސްނުމަށް ބާރުއަޅައި ހުށަހެޅުންތައް ދެމުންދާ މީހުންތައް ދެނެގަނެ އެ މީހުނަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރުން.
  24. ސަލާމަތީ ހިދުމަތްތަކުގެ އިދާރާތަކުގައި މަސައްކަތް ކުރާ ފަންނީ ފަރާތްތަކަކީ އެފަދަ ދާއިރާތަކުގެ ތައުލީމާއި ތަޖުރިބާ ހުރި ފަރާތްތައް ކަން ކަށަވަރު ކުރުން
  25. ހަރުކަށި ފިކުރަށް މަގުފަހި ވެދާނެ ގޮތަށް ތައުލީމީ ނިޒާމުގައި ހިންގާ އެކި ކަންކަން ދެނެގަނެ އެފަދަ އަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން
  26. ރާއްޖޭގެ ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރަމުން ދާ ގޮތް ދެނެގަނެ، ހަރުކަށި ފިކުރުގެ މީހުން ބަންދު ކުރަން ހާއްސަ އިންތިޒާމެއް ހަމަޖައްސައި ބެލެހެއްޓުން.
  27. ޖަލުގައި ހިންގާ ޕްރޮގްރާމްތަކުގައި ދީނީ ހަރުކަށި ފިކުރުގެ ފަލްސަފާ ފަތުރާ މީހުން ދަރުސް ދިނުމުގައި ބައިވެރި ނުވާކަން ކަށަވަރު ކުރުން.
  28. ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް ވީހާވެސް އަވަހަށް އެޅުން.
  29. މި އިންކުއަރީގައި މަގާމުގެ ޒިންމާ އަދާ ކުރުމުގައި އިހުމާލުވި ކަމަށް ފާހަގަކުރެވުނު ފަރާތްތަކާ މެދު ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، އެ ފަރާތްތަކަށް އަޅަން ޖެހޭ ފިޔަވަޅެއް އެޅުން.
  30. މޯލްޑިވްސް މަނިތަރީ އޮތޯރިޓީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އާއި އެހެން އިންޓެލިޖެންސް އިދާރާތަކާއެކު މަސައްކަތް ކުރެވޭނެ ގޮތަށް އަދި ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތައް ހިމެނޭ ގޮތަށް އެ ޔުނިޓްގެ އޮނިގަނޑު މުރާޖައާ ކުރުން.
  31. ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރާ ހުރިހާ އިދާރާތަކެއް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދައި އެ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރުން.
  32. މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު ފާސްކުރިތާ ހަތް އަހަރު ވެގެން ދިޔައިރު ވެސް ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައި ނުވާއިރު ޒަމާނީ އުސޫލުތައް ހިމެނޭ ގޮތަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން.
  33. މަނީ ލޯންޑްރިންނާއި ޓެރރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އިދާރާތަކަށް ހުރި ހުރަސްތައް އަދި ގާނޫނީ ގޮތުން ހުރި ހުރަސްތައް ދެނެގަންނަން ގައުމީ ފެންވަރުގައި ހިރާސް އެސަސްމަންޓްއެއް ހެދުން.
  34. އެފްއައިޔޫގެ މުވައްޒަފުންގެ ފަންނީ ގާބިލްކަން އިތުރު ކުރުން.
  35. ޢެފްއައިޔޫއަށް ލިބޭ މައުލޫމާތުތައް ޕްރޮސެސް ކުރަނީ މެނުއަލްކޮށް ކަމުން، މި ކަމަށް ބޭނުންވާ އޮޓޯމެޓޭޑް ޓޫލްސްތައް ހޯދަން ބަޖެޓް ފޯރުކޮށްދިނުން

މިއަށްފަހު ދެން ހިމެނެނީ، ރައީސް ނަޝީދުގެ ސެކިއުރިޓީ އާއި ގުޅޭގޮތުން ހުށަހެޅި ކަންތަކެވެ. އެއީ؛

  1. ރައީސް މުހައްމަދު ނަޝިދަށް ތްރެޓު ލެވެލްއާއި އެއްވަރަށް ސެކިއުރިޓީ ފޯރުކޮށް ދިނުން.
  2. ޑިފެންސް އިންޓެލިޖެންސް ސާވިސްގެ ތްރެޓް އެސަސްމަންޓްތަކަށް ފަހު އެ ރެކަމަންޑޭޝަންތައް ތަންފީޒު ކުރުން.
  3. ރައީސް ނަޝީދިމުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގެ ހުރިހާ މެންބަރުންނަށް ގަވާއިދުން ތަމްރީންތައް ދިނުން.
  4. ރައީސް ނަޝީދު ގޭގައި އުޅުއްވާ ވަގުތާއި އަދި ބޭރުގައި އުޅުއްވާ ވަގުތުތަކުގައި ވެސް ސެކިއުރިޓީ ގާޑުން 24 ގަޑިއިރު އެ ސަރަހައްދުގައި ހަތިޔާރާއެކު ތިބުން.
  5. ސޯލް ޕްރޮސީޖާއެއް ކަނޑައެޅުމަށްފަހު، ސީސީޓީވީން ރައީސް ނަޝީދު އުޅުއްވާ ގެކޮޅު ރަނގަޅަށް މޮނީޓާރ ކުރުން.
  6. ރައީސް ނަޝީދަށް ރައްކާތެރިކަން ދޭން ޖެހޭ ހާލަތްތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދުން.
  7. ރައީސް ނަޝީދުގެ ކާރުކޮޅަކީ އެއީ ސްޓެންޑަޑް އާމަން ކާރުކޮޅެއްކަން ކަށަވަރު ކުރުން.
  8. ރައީސް ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގައި އީއޯޑީ ތަމްރީން ހުރި ފަރާތްތައް ހިމެނުން އަދި އެ މީހުންނަށް ބޭނުންވާ ވަސީލަތްތައް ވެސް ފޯރުކޮށް ދިނުން.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި މިހާތަނަށް 08 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނަވަރު އާއްމުކުރީ 05 މީހުންގެ އެވެ.

ހަމަލާގެ މައްސަލައިގައި ކުރިޔަށް ގެންދިޔަ ޕާލިމަންޓް އިންކުއަރީ ރިޕޯޓަށް ސިފައިންގެ މުވައްސަސާގެ 33 އޮފިސަރެއް ހިމެނޭހެން ޖުމްލަ 49 ފަރާތަކާ ބައްދަލުކޮށް ސުވާލު ކުރެވުނެވެ.

މި މައްސަލައިގައި ކޮމިޓީން ބަލާފައި ވަނީ ހާދިސާ ހިނގައިދިޔަ ގޮތާއި، ސެކިއުރިޓީ ދިނުމުގައި އެއްވެސް އިހުމާލެއް އޮތްތޯ، އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ. ކޮމިޓީން ތަކުރާރުކޮށް ވަނީ، މިއީ ޖިނާއީ ތަހުގީގެއް ނޫންކަން ފާހަގަކޮށްފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: