ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރުގެ ދަތުރުގައި ރައީސް ސޯލިހު ލައްވާ “ރިބަން ކަނޑަން” އުޅެނީ ކޯޓުގައި ހުރި މައްސަލަތަކެއްގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އުތުރު ދަތުރުފުޅާއި ދިމާކޮށް އަވަސް އަރުވާލައިގެން އިފްތިތާހްކުރަން އުޅޭ ޕްރޮޖެކްޓްތަކަކީ ނޭޝަނަލް ޑެންޓަރ ބޯޑުން ދަޢުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް ހަވާލުކުރާ ޕްރޮޖެކްޓްތަކެއްކަމަށްވާތީ އެމައްސަލަ ސިވިލް ކޯޓަށް ވައްދައިފިއެވެ.

މިގޮތުން ގަވާއިދާ ހިލާފްކަމަށް ތުހުމަތުކުރެވޭ 3 ޕްރޮޖެކްޓަކީ ތ.ވިލުފުށީގައި އިމާރާތް ކުރަން ފަށާފައިވާ 64 ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތާއި އަލަށް އިމާރާތްކުރާ 36 ހައުސިންގ ޔުނިޓް ޑިޒައިން އެންޑް ބިލްޑް އުސޫލުން ޤާއިމް ކުރުމަށް ހަވާލުކުރުމަށް ނިންމާފައިވާ ޕްރޮޖެކްޓާއި، ހދ.ނޮޅިވަރަންފަރުގައި އިމާރާތް ކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތް ކުރުމަށް ހަވާލުކުރުމަށް ނިންމާފައިވާ ޕްރޮޖެކްޓްގެ އިތުރުން ހދ.ހަނިމާދޫގައި އިމާރާތް ކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތް ކުރުމަށް ހަވާލުކުރުމަށް ނިންމާފައިވާ ޕްރޮޖެކްޓެވެ.

މައުލޫމާތުލިބޭގޮތުގައި މި 3 ޕްރޮޖެކްޓަކީވެސް މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލާފައިވާ ޕްރޮޖެކްޓްތަކެއް ކަމަށްވާއިރު، ބިޑް އިވެލުއޭޝަން މަރުހަލާގައި ބިޑް ޑޮކިއުމަންޓާ ހިލާފަށް ބައެއް ފަރާތްތަކުގެ ބީލަންތައް ނޭޝަނަލް ޑެންޓަރ ކޮމެޓީން ބާތިލްކޮށްފައިވެއެވެ. އެ ބީލަންތައް ބާތިލްކޮށްފައިވަނީ މާލިއްޔަތު ގަވާއިދާއި ބިޑް ޑޮކިއުމަންޓްތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ހިލާފަށްކަން ފާހަގަކުރެވިގެން އެކަމުގެ ޝަކުވާ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 17.11 ގެ (ހ) ގެ ދަށުން އެކުލަވާލާފައިވާ “ބީލަމުގެ މައްސަލަބަލާ މުސްތަޤިއްލު ރިވިއު ކޮމެޓީ” އަށް ހުށަހެޅުމުން އެކޮމެތީން އެމައްސަލަތައް ބަލުމަށްފަހު ނިންމާފައިވަނީ ނޭޝަނަލް ޑެންޓަރ ކޮމެޓީން އަމަލުކޮށްފައިވަނީ ބިޑް ޑޮކިއުމަންޓުގައި ކަނޑައަޅާފައިވާ އުސޫލު ތަކާހިލާފަށް ކަމަށް ޓެންޑަރ ބޯޑުގެ އޮފިޝަލަކުވެސް މިނޫހަށް މަޢުލޫމާތު ދީފައިވެއެވެ. އަދި އެ ޕްރޮޖެކްޓްތަކަށް ހުށަހެޅި ބީލަން އަލުން އިވެލުއޭޓްކޮށްގެން ކުރިޔަށް ގެންދިއުމަށް ނޭޝަނަލް ޓެންޑަރ އަށް ބީލަމުގެ މައްސަލަ ބަލާ މުސްތަޤިއްލު ރިވިއު ކޮމެޓީން މީގެ މަސްދުވަސްކުރިން އަންގާފައިވާކަމަށްވެއެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ 3 ޕްރޮޖެއްކްޓެއް ދަޢުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް ހަވާލުކުރުމަށް ނޭޝަނަލް ޑެންޓަރ ބޯޑުން ނިންމާފައިވާކަމަށް ކުރެވޭ ތުހުމަތާއެކު ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދާލުމުން، އެމިނިސްޓްރީގެ މީޑިއާ އޮފިޝަލް ލައްމާން މުހައްމަދު ވިދާޅުވީ، މުސްތަގިއްލު ރިވިއު ކޮމިޓީގެ ނިންމުމާއި ހިލާފަށް ޓެންޑަރ ބޯޑުން ކަމެއް ނިންމާފައިނުވާކަމަށެވެ. އަދި ހދ. ހަނިމާދޫ، ހދ.ނޮޅިވަރަންފަރު އަދި ތ.ވިލިފުށި ހައުސިންގ ޕްރޮޖެކްޓާއި ގުޅިގެން ބީލަމުގެ މައްސަލަ ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީއިން ބަލައިދިނުމަށް އެދި މައްސަލައެއްވެސް އެކޮމިޓީއަށް ހުށަހަޅާފައި ނެތް ކަމަށެވެ.

ނަމަވެސް ފިނޭންސްގެ އޮފިޝަލެއްވަނީ ފިނޭންސްގެ މީޑިއާ އޮފިޝަލް ލައްމާންގެ ވާހަކަތައް ދޮގުކުރައްވާފައެވެ. ފިނޭންސްގެ އޮފިޝަލެއް މިނޫހާއި މިމައްސަލައިގެ ތަފްސީލް ހިއްސާކުރައްވަމުން ވިދާޅުވީ މުސްތަގިއްލު ރިވިއު ކޮމިޓީއަށް މިމައްސަލަ ހުށަހެޅި ބެލުނު ކަމަށެވެ. އަދި މުސްތަގިއްލު ރިވިއު ކޮމިޓީއިން ނިންމީ މިހާރު މި 3 ޕްރޮޖެކްޓްވެސް ދޭން ޓެންޑަރ ކޮމިޓީން ނިންމާފައިވާ ފަރާތްތަކަކީ މިކަމަށް އެންމެ އެކަށޭ ފަރާތް ނޫންކަމަށާއި ބީލަންތައް އަލުން އިވެލުއޭޓްކުރުމަށްކަމަށެވެ.

މުސްތަޤިއްލު ރިވިއު ކޮމެޓީން ނިންމާފައިވާ ނިންމުމަށް ރިޢާޔަތްކޮށް، އަލުން އިވެލުއޭޓްކުރުމުގެ ކަންކަން، ކުރިއަށް ގެންދިއުމަށް އަންގާފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުން ނޭޝަނަލް ޑެންޓަރ އިން ނިންމާފައިވަނީ މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމަށް އިޙްތިރާމް ނުކުރުމަށެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި އެގޮތަށް ޑެންޓަރއިން ނިންމާފައިވަނީ އަލުން އިވެލުއެޓް ކޮށްފިނަމަ މިހާރު ދިނުމަށް ކަނޑައަޅާފައިވާ ކުންފުނިތަކަށް ބިޑް ކާމިޔާބު ނުކުރެވުމުގެ ފުރުސަތު އޮތުމާއި، ނޭޝަނަލް ޑެންޓަރއިން މިހާރު ނިންމާފައިވާ ގޮތުން މި 3 ޕްރެޖެކްޓްގެ ބީލާން ކާމިޔާބު ކުރާ ފަރާތްތަކުގެ ތެރޭގައި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޝާމިލްވާ ކުންފުނިތަކަކެއް ހިމެނުމެވެ.

މިކަމުގައި ޓެންޑަރ ބޯޑުން ސަންގާއި ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވީ މުސްތަގިއްލު ރިވިއު ކޮމިޓީގެ ނިންމުމާއެކު ޓެންޑަރ ބޯޑުގައިވެސް އެމަޝްވަރާ އެތައް ފަހަރަކު ކުރިކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުތުރަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގެ ބައެއް ރަށްތަކުގައި ޕްރޮޖެކްޓްތަކެއް އިފްތިތާހްކުރުމަށް ނިންމުމުން، އަވަސް އަރުވާލައިގެން ޓެންޑަރ ބޯޑުން މިކަން “އުސޫލުން ބޭރުން ގަވާއިދާއި ހިލާފަށް” ނިންމީކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އުތުރަށް ދަތުރެއްކުރައްވަން ނުނިންމެވިނަމަ އަވަސް އަރުވާލައިގެން މިކަން ނުކުރީސްކަމަށް އެފަރާތުން ވިދާޅުވިއެވެ.

ބީލަމުގެ މައްސަލަތައް ބަލާ މުސްތަޤިއްލު ރިވިއު ކޮމެޓީގެ ނިންމުމަކީ ޤާނުނީ ބާރު ލިބިގެންވާ ނިންމުމެއްކަމަށްވައިރު، އެ ނިންމުމާ ޚިލާފަށް ނޭޝަނަލް ޓެންޑަރއިން އަމަލުކުރުމަކީ ދަޢުލަތުގެ މާލީ ކަންތައްތައް ކުރިޔަށް ގެންދިއުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ދަޢުލަތުގެ މާލިއްޔަތު ބެލެހެއްޓުން ހަވާލުވެފައިވާ ވުޒާރާއިން ކަނޑައެޅިގެން ހިލާފުވުން. ރައީސުލްޖުމްހޫރިއްޔާ ރަށަކަށް ވަޑައިގަންވައޭކިޔާފައި ގާނޫނުން ބޭރުން އުސޫލުތައް މުގުރަމުން ދުވެގެން ނުވާނެ. އަދި އަމުދުން ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން މިވަރުގެ ގޯހެއް ހައްދަވައިގެން ނުވާނެ އެނގިތިބެ، މައްސަލަ އޮތީ ކޯޓުގައި. ކޯޓުން ނިމުނީމަވެސް ހަވާލުކުރެވިދާނެ ނޫންތޯ؟ މީގެކުރިންވެސް މިގޮތަށް އަމަލުކުރައްވާފަވެސް އެބަހުރި: ނެޝަނަލް ޓެންޑަރގެ އޮފިޝަލް

މީގެއިތުރުން މިމައްސަލާގައި ފިނޭންސް މިނިސްޓްރީން އަމަލުކުރައްވާފައިވަނީ މީގެކުރިން މިފަދަ މައްސަލަތަކުގައި އަމަލުކުރެއްވި އުސޫލާއިވެސް ހިލާފަށްކަންވަނީ ފާހަގަކުރެވިއެވެ. މިގޮތުން މުސްތަގިއްލު ރިވިއު ކޮމިޓީގެ ނިންމުމާއި ދެކޮޅަށް ޓެންޑަރ ކޮމިޓީން ބިޑެއް ނިންމި މައްސަލަ ކޯޓަށް ހުށަހަޅަން އެއްވެސް ފަރާތަކުން ނިންމާ އެކަން ފިނޭންސް މިނިސްޓްރީއަށް އަންގައިފިނަމަ، އެޕްރޮޖެކްޓްތައް އެވޯޑްކުރުން މަޑުޖައްސާލައެވެ. ނަމަވެސް މިކަމުގެ ޝަކުވާއާއި ކޯޓަށް މައްސަލަ ހުށަހަޅާފައިވާކުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީއަށް ރަސްމީކޮށް އެންގިނަމަވެސް މިޕްރޮޖެކްޓްތަކުގައި ސޮއިކުރުން މަޑުޖައްސާލަން ފިނޭންސް މިނިސްޓްރީއިން ބޭނުމެއް ނުވެއެވެ. ގަވާއިދާ ހިލާފަށް އޮތް ކަމެއްގައި ސޮއިކުރާ ސަބަބެއްކަމަށް އެބޭފުޅުން ދައްކަވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅެވެ.

ދަޢުލަތުގެ މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު، ބީލަމަކާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ އެއޮފީހެއްގެ ޕްރޮކިއުމަންޓް އޮފިސަރަށް މައްސަލަ ހުށަހަޅަންޖެހެއެވެ. އަދި ޕްރޮކިއުމަންޓް އޮފިސަރުގެ ނިންމުމާ މެދު ހިންހަމަ ނުޖެހޭނަމަ މިނިސްޓްރީ އޮފް ފިނޭސްގައި ގައިމުކޮށްފައިވާ “ބީލަމުގެ މައްސަލަތައް ބަލާ މުސްތަޤިއްލު ރިވިއު ކޮމެޓީ”އަށް މައްސަލަ ހުށަހެޅަންޖެހެއެވެ. މުސްތަގިއްލު ރިވިއު ކޮމެޓީން މައްސަލަ އަލުން ބެލުމަށްފަހު މައްސަލައާ ގުޅޭގޮތުން ރަނގަޅު ކުރަންޖެހޭ ކަންތައްތަކާއި އެމައްސަލައާ ގުޅޭގޮތުން އަޅަން ފެންނަ ފިޔަވަޅު އެންގުމުން އެ ކޮމެޓީން ނިންމާ ނިންމުންތަކަށް ދަޢުލަތުގެ ހުރިހާ އިދާރާތަކުން އަމަލުކުރަންޖެހެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން ފިނޭސް މިނިސްޓްރީގެ މުސްތަގިއްލު ރިވިއު ކޮމެޓީން ނިންމަފައިވާ ނިންމުންތަކާ ހިލާފަށް މި 3 ޕްރެޖެކްޓްގެ މަސައްކަތް ކުރިޔަސް ގެންދިއުމަށް ކުއްލިގޮތަކަށް ބުރާސްފަތި ދުވަހު ބޭއްވުނު ނޭޝަނަލް ޓެންޑަރ ބޯޑުގެ ބައްދަލުވުމުން ވަނީ ނިންމާފައެވެ. އަވަސް އަރުވާލައިގެން މިގޮތަށް ނިންމިސަބަބަކީ ހަފްތާ ބަންދުތެރޭގައި ރައީސުލްޖުމްހޫރިއްޔާ އުތުރުގެ ބައެއް ރަށްތަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުތެރޭގައި މީގެ ތެރެއިން ބައެއް ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް އަމަލީ މަސައްކަތް ފެށުމުގެ ގޮތުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: