ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހް ދޫކޮށް ނަޝީދު ފަހަތަށް އަރަންވީ ކީއްވެ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ގިނަ ކަންކަމުގައި ދެކޭގޮތް އެއީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެއްބަސްވެވޭ، އެމަނިކުފާނަށް ތާއިދު ކުރެވޭ ކަންކަމަކަށް ނުވެއެވެ. ދެބޭފުޅުންގެ ދެމެދުގައި އޮތް ހިޔާލު ތަފާތުވުންތައް ޕްރައިވެޓް މެސެޖްތަކުން ފެށިގެން، ގައުމީ މަޖިލިސް މެންބަރުންގެ ވަޓްސް ގްރޫޕްތަކާއި ހަމައަށް ދަތުރުކޮށްފިއެވެ. އޭގެފަހުން ފާޅުކަންބޮޑު ގޮތެއްގައި ރާއްޖޭގެ މީޑިއާގައި އެވާހަކަ ދެކެވެން ފަށައިފިއެވެ. އެންމެ ފަހުން ބައިނަލްއަޤުވާމީ މީޑިއާ އާއި ހަމައަށް ވެސް މިޚަބަރުތައް މިއޮތީ ގޮސްފައެވެ.

މިއަދު އެމްޑީޕީ މެންބަރުން ހިތުގައި އުފައްދަން ޖެހޭ ސުވާލަކީ އަދި އުފެދޭ ސުވާލަކީ ވެސް އެބޭފުޅުން އަރަންވީ ކޮން ފަޅިއަކަށް ހެއްޔެވެ؟ ރައީސް ސޯލިހް ފަޅިއަށް ހެއްޔެވެ؟ ރައީސް ނަޝީދު ފަޅިއަށް ހެއްޔެވެ؟ ނަޝީދު ފަހަތައް އަރަން ޖެހޭނެ ސަބަބަކަށް އޮންނާނީ އަލުން އަނެއްކާވެސް އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ގެނައުމެވެ. ނަޝީދު އަލުން ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ޖާނާއި މާލުދޭން ނިންކުންނައިރު މީގެ ކުރިން ނަޝީދުގެ ވެރިކަމުގައި ކަން ހިނގިގޮތް ހަނދާންނަށް ގެނައުން އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

ނަޝީދު 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ އެތައް ބައެއްގެ އުއްމީދުތަކާއި އެކުގައެވެ. އަނިޔާވެރި، ހުދުމުހުތާރު، ދިގު 30 އަހަރުގެ ވެރިކަމެއް ނިންމުމަށް ނަޝީދަށް ވޯޓް ދިން އެންމެންގެ ވެސް އެދުމެއް އޮތެވެ. ހައްގު މިންވަރު ދިވެހި ރައްޔިތުންނަށް ހޯދައިދީ، އިންސާނީ ހައްގުތައް ކަށަވަރުކޮށްދީ، ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކޮށްދީ، މަސްތުވާތަކެތީގެ ދޮރުތައް ބަންދުކޮށްދީ ދަތުރުފަތުރުން ރާއްޖެ ގުޅުވާލައިދީ، ތަކެތީގެ އަގު އަތްފޯރާ ފަށަށް ގެނެސްދިނުން މިއީ ނަޝީދު ވެވަޑައިގެންނެވި ވައުދުތަކެވެ.

ރައީސް ނަޝީދާއި އޭރުގެ ނައިބްރައީސް ޑރ ވަޙީދު

ފުރަތަމަ ބޯހިޔާވަހިކަމުގެ މައްސަލަތަކުން ފަށަމާ ހިނގާށެވެ. ވެށިފަހި މާލެ ޕްރޮގްރާމްގެ ނަމުގައި ޕްރޮޖެކްޓެއް ފައްޓަވާ މާލޭގެ އެތައް ބަޔަކަށް ހުޅުމާލެ އިން ބިންތައް ދިނެވެ. އެބިންތަކުގައި ގެތައް އެޅި މީހުން ގެތައް އަޅައިގެން ގެސްޓްހައުސްތައް އެޅި މީހުން ގެސްޓްހައުސްތައް އަޅައިގެން އެއުޅެނީއެވެ. މާލޭގެ އެންމެ މުހިއްމު ސަރަހައްދުތަކުން އިންޑިއާގެ ޓާޓާ ކުންފުންޏަށް ފްލެޓް އަޅަން ބިންތައް ދިނެވެ. ފްލެޓްތައް ވެސް ކޮންމެވެސް ވަރަކަށް އެޅިއެވެ. ނަމަވެސް ބައި ލައްކަ މީހުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމުގައި ނަޝީދުގެ ސަރުކާރު ވެސް ވީފެއިލްއެވެ.

މަސްތުވާތަކެއްޗަށް ހުޅުވާފައި ހުރި ދޮރުތައް ބަންދުކުރަން ވެފައި އޮތް ވައުދު ފުއްދުމަށް ބޭނުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ގެންދާ ހަމީހަކު ހައްޔަރު ކުރުން ކަމަށާއި އެއީ އެހައި ހިސާބުން ނިންމާލެވޭނެ މައްސަލައެއް ކަމަށް އެތައް ފޯރަމެއްގައި ވިދާޅުވިއެވެ. ނަމަވެސް ކަންތައްވީ އެހެންނެއް ނޫނެވެ.

ނަޝީދުގެ ވެރިކަމުގައި ބައެއް މީހުންނަށް ފާރަލައިގެން ހައެއްކަ މަސް ދުވަހު ފުލުހުން އުޅުމަށް ފަހު ވެސް އެބުނާ ބޮޑުން ހައްޔަރު ކުރީ ޝަރީއަތުގެ މަރުހަލާގައި އެމީހުންގެ އަތުގައި އަތް ލެވޭ ވަރަށް ހެކި ނުހޯދައެވެ. އެންމެ ފަހުން އެމީހުން ހައްޔަރު ކުރުމަށްފަހު ދޫކޮށްލާ، އަދި ބައެއް މީހުންނަށް ފައިސާ ވެސް ދޭން ޖެހުނީ ނަޝީދުގެ ސަރުކާރުން ކަންކޮށްފައި އޮތްގޮތް ދޯހަޅި ކަމުންނެވެ. މަސްތުވާތަކެތީގެ ހަބޮޑުންގެ ވާހަކަ އޭރުގެ ސަރުކާރު ތަރުޖަމާން ނިންމަވާލެއްވީ އެއީ ތިލަފުށީގައި އަމިއްލަ ކުންފުނިތަކުން ހިންގާ ހަބަނދަރުގެ ވާހަކަ ކަމަށް ވިދާޅުވެފައެވެ.

ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ވައުދު ފުއްދުމަށްޓަކައި ކުރި ކަމަކީ ގާތް ރަހުމަތްތެރިންނަށް ރިސޯޓް ހިންގާނެ ރަށްތައް ދިނުމެވެ. މިހާރު ވެސް އޭރު ރަށްތައް ލިބުނު ނަޝީދުގެ އެކުވެރިން އެތިބީ ރިސޯޓް އޯނަރުންނަށް ވެފައެވެ. އެއިން ބޭފުޅެއްގެ ކުންފުންޏަކުން ހިންގާ ފެރީގެ ނިޒާމެއް ނެތެވެ. އެންމެ ފަހުން ފެރީގެ ނިޒާމް ހިންގަން މިޖެހުނީ ސަރުކާރަށެވެ. ރިސޯޓްތައް ނަޝީދުގެ އެކުވެރިންނަށެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު؛ ޒަމާންވީ ގާތް ދެއެކުވެރިން މިއަދު ސިޔާސީ ގޮތުން ޚިޔާލު ތަފާތު

ތަކެތީގެ އަގު އަތްފޯރާ ފަށަށް ގެންނަ ވާހަކަ ދައްކާއިރު ނަޝީދުގެ ވެރިކަމާއިއެކު ފެނިގެން ދިޔައީ ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދިޔަ މަންޒަރެވެ. ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެން ނަމަވެސް ޑޮލަރުގެ އަގު ކޮންޓްރޯލް ކުރާނެ ކަމަށް ވިދާޅުވި ރައީސްގެ ނިންމުމަކަށްވީ ޑޮލަރުގެ އަގު 15.42 އަކަށް ރަސްމީކޮށް ބޮޑު ކުރުމެވެ. ރާއްޖޭގެ ބާޒާރުގައި ހުރި ތަކެތީގެ އަގު އެވްރެޖްކޮށް %20 ބޮޑުވެގެން ދިޔައިރު ވެސް ނަޝީދުގެ އިގްތިސޯދީ ސިޔާސަތެއް ނުފެނުނެވެ.

އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކަންޏާ އެންމެ ވާހަކައަކުން ސުރުހީ އަޅާލާފައި އެވާހަކަ ނިންމާލާނީއެވެ. އަބްދުﷲ ގާޒީ ހައްޔަރުކޮށް 21 ދުވަސް ވަންދެން ގެންގުޅުނީ ނަޝީދުގެ އޯޑަރަށެވެ. އަބްދުﷲ ގާޒީ ދޫކޮށްލަން ރާއްޖޭގެ ހުރިހާ ކޯޓަކުން ނެރުނު އަމުރުތައް ބޮލާލާ ޖެއްސެވުމަށް ފަހު ނަޝީދު ހިލާފުވީ ހަމައެކަނި ރާއްޖޭގެ ގާނޫނުތަކަކަށް ނޫނެވެ. އެމަނިކުފާނު ފެށުނީއްސުރެ ދިފާއު ކުރައްވަމުން ގެންދެވި ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާއި ވެސް ހިލާފު ވީއެވެ.

ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުން

މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް ނަޝީދު އޯކޭ ބަޔަކު އެމްޑީޕީގައި ތިބޭނެއެވެ. ނަމަވެސް އެމީހުން ވެސް އަމިއްލަ ނަފްސާއި ކުރަން އޮތް ސުވާލެއް އެބައޮތެވެ. މިހުރިހާ ސަބަބެއް މިހެން ހުރުމުންނާއި މިހާރު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުންނާއި ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮޔާއި ވައި ޖެހޭ ގޮތައް ބަލާއިރު ނަޝީދަށް ދެން ރާއްޖޭގެ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެވިދާނެ ހެއްޔެވެ؟

ފުރަތަމަ ކަމަކީ ރާއްޖޭގެ ވެރިކަމަށް އަންނަން ބޭނުން ވާނަމަ އެކަން ކުރެވެން އޮތް ގޮތަކީ ކޯލިޝަނެއްގެ ތެރެއިން ކެންޑިޑޭޓަކު އައުމެވެ. 2008 ވަނަ އަހަރު ނަޝީދު، 2013 ވަނަ އަހަރު ޔާމީން އަދި 2018 ވަނަ އަހަރު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ވެސް ކޯލިޝަނަކުންނެވެ. މިކޯލިޝަނަކީ ދީނީ މީހުންގެ ބަސް ވިކޭ ވިޔަފާރިވެރިންގެ ބެކް އޮތް ކޯލިޝަނަކަށް ވެސް ވާން ޖެހެއެވެ. ނަމަވެސް ނަޝީދަށް އިތުބާރުކޮށް ކޯލިޝަން ހަދާނެ ސިޔާސީ ލީޑަރަކު ނެތެވެ. އަމުދުން ނަޝީދަށް ތާއިދު ކުރާނެ ދީނީ އިލްމުވެރިޔަކު ނެތެވެ. ވިޔަފާރިވެރިން އިންވެސްޓް ކުރާނީ ވެރިކަމަށް އާދެވިދާނެ ކަމުގެ ކުޑަވެސް އުއްމީދެއް އޮތް ބޭފުޅަކަށެވެ. އެއުއްމީދެއް ނަޝީދާއި މެދަކު ނެތެވެ.

ދެވަނަ ސަބަބަކީ މެޖޯރިޓީ ގްރޫޕްތަކުގެ ތާއީދު ނަޝީދަށް ނެތުމެވެ. މެޖޯރިޓީ ގްރޫޕްތައް ކަމަށް ރާއްޖޭގައި މިއޮތީ ފުލުހުންނާއި ސިފައިންނާއި ދީނީ އަދި ގައުމީ ވަންތަ ސިޔާސަތުތަކަށް ތާއިދު ކުރާ މީހުންނެވެ. ފުލުހުންނާއި ސިފައިން އެއްކޮށްލުމުންނާއި އެމީހުންގެ އާއިލާތަކާއިއެކު އެއީ އަށްޑިހަ ވަރަކަށް ހާސް މީހުންގެ ވޯޓެވެ. އޭގެތެރެއިން %90 މީހުންނަކީ ނަޝީދުގެ ވިސްނުމާއި ފިކުރާއި އިދިކޮޅު މީހުންނެވެ.

އިސްލާމްދީނުގެ އަސާސްތައް ދަމަހައްޓާ ގައުމީ ވަންތަ ފިކުރު ހުންނަ މީހުން ނުވަތަ ނޭޝަނަލިސްޓުންގެ ތާއީދެއް ވެސް ނަޝީދަކަށް ލިބޭނެ ގޮތެއް ނެތެވެ. އެމަނިކުފާނުގެ ހުޅުވާލެވިފައިވާ ވިސްނުމާއި ފިކުރު އެއީ ދީނީ މީހުންނާއި ނޭޝަނަލިސްޓުންނަށް ކަމުދާ ފިކުރަކަށް ނުވެއެވެ.

މިހުރިހާ ސަބަބެއް މިހެން ހުއްޓާ އަދިވެސް ނަޝީދަށް ވެރިކަމަށް އާދެވިދާނެ ފުރުސަތެއް އެބައޮތް ކަމަށް ގަބޫލު ކުރާ ބަޔަކު ތިބެދާނެއެވެ. ނަމަވެސް އެބަޔަކު ކުރަންވީ ސުވާލަކީ ނަޝީދަށް ވެރިކަން ލިބިއްޖެނަމަ ރާއްޖޭގެ މައްސަލަތައް ހައްލު ކުރެވިދާނެ ހެއްޔެވެ؟ ބޯހިޔާވަހިކަމުގެ މައްސަލަ އާއި މަސްތުވާތެކެތީގެ މައްސަލައަށް ނިމުން ގެނެވިދާނެ ހެއްޔެވެ؟ ތަކެތީގެ އަގު ހެޔޮ ކުރެވިދާނެ ހެއްޔެވެ؟ ހައްގު މިންވަރު ދިވެހިންނަށް ހޯދައި ދެވިދާނެ ހެއްޔެވެ؟

ނޫނެކެވެ. ނަޝީދަކަށް އެކަމެއް ނުވާނެއެވެ. ނަޝީދަށް އެކަން ކުރެވޭނަމަ އެންމެ ކުޑަމިނުން މިމައްސަލަތައް ހައްލު ކުރެވޭނެ ސިޔާސަތުތަކެއް އޮންނާނީ އިއުލާން ކުރެވިފައެވެ. އެފަދަ ސިޔާސަތެއް ނަޝީދުގެ ނެތެވެ. އެމަނިކުފާނު ދައްކާ ވާހަކައިގެ އެކޮޅާއި މިކޮޅު ބެލުމަށް ފަހު މިއަދު ގަބޫލުކުރަން މަޖުބޫރު ހަގީގަތަކީ ނަޝީދު ނޫން ގޮތެއް އެމްޑީޕީން މިއަދު އިހްތިޔާރު ކުރަން އެބަޖެހެއެވެ. މިއަދު އެމްޑީޕީއަށް އޮތް އަނެއް ގޮތަކީ ނުވަތަ ނަޝީދު ވިދާޅުވާ އަލްޓަނޭޓިވް ސޮލިއުޝަނަކީ ރައީސް ސޯލިހެވެ.

ވަރަށް ގަދަ
64%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 3%ވަރަށް ދެރަ 19%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: