ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އަޅުގަނޑުމެން ޖަލަށް ލީ މަސްލަހަތު ހިމާޔަތް ކުރަން، މިހާރު އެކަން ވިސްނޭ: ވައްޑ

ކުރީގެ މަޖިލިސް މެމްބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް( ލޯޔަރު ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަޖިލިސް މެމްބަރުންތަކެއް ޖަލަށްލީ، މަސްލަހަތު ހިމާޔަތްކުރަން ކަމަށާއި މިހާރު އެކަން ކުރެއްވި ސަބަބު ވިސްނޭކަމަށް ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެ އެވެ.

“ސަންގު ޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވައްޑެ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ތުލުސްދޫ ދާއިރާއަށާއި ޖުމްލަކޮށް މުޅި ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ބާރު ސްޕީޑެއްގައި ކުރިއަށްދިޔަ ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމް ތެރެއަށް ސިޔާސީ ގޮތުން ހިޔާކު ތަފާތު މީހުން ވަނުމާއެކު، ސިޔާސީ ގޮތުން ބަޔަކު އަމިއްލަ އެދުންތަކެއް ޙާސިލް ކުރުމަށް ކުރި މަސައްކަތްތަކުގައި އޭރު ކަންކަން ވަރަށް ބޮޑަށް ބޮއްސުންލައިގެން ދިޔައީ ކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި ޕާޓީއަށް އިހްލާސްތެރި މީހުންނަށް ޕާޓީ ދޫކޮށް ދިޔުމަށް މަޖުބޫރުވިކަމަށް ވައްޑެ ވިދާޅުވިއެވެ.

“ރައީސް ޔާމީން އެންމެ ފަހުން ވިދާޅުވެފައި އެބަވޭ ބައެއް މީހުން އަދިވެސް ދަސްނުވާ ވާހަކަ. އެއީ ހަމަ ވަރަށް ބޮޑު ތެދުފުޅެއް. އަޅުގަނޑުމެން އޭރު މަސައްކަތްކުރަމުންދިޔައީ ވަރަށް އިހްލާސްތެރިކަމާއެކު. އަޅުގަނޑުމެން އަތޮޅުތެރެއަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ބަޖެޓްކުރަމުންދިޔަ ވަރަކަށް ރައީސް ޔާމީން ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަންކަން ކުރައްވަމުން” ވައްޑެ

ވައްޑެ ވިދާޅުވީ، ހިނިތުންވުމަކާއެކީ އައިސް ޕާޓީއާއި ގުޅިގެން މަސައްކަތް ކުރައްވަން ފެއްޓެވުމުން އެބައެއްގެ ނިޔަތް އެހެން މީހުންނަށް ނޭންގިދާނެ ކަމަށެވެ. އެހެން ނަމަވެސް، ރައީސް ޔާމީނަށް އެކަން ގަބޫލު ކުރެވި، ބައެއް ބޭފުޅުން ދަސް ނުވިކަމަށް ވިދާޅުވުމުން އެކަމާއިމެދު ވަރަށް ހިތްހަމަޖެހުނުކަމަށް ވައްޑެ ވިދާޅުވިއެވެ. އެހެންނަމަވެސް، އޭރުވެސް މަސައްކަތް ކުރެއްވީ ރައީސް ޔާމީންގެ ދިފާއުގައި ކަމަށާއި އެމްޑީޕީ މެމްބަރުން މަޖިލީހުގެ ތެރޭގައި އަޑުގަދަ ބޭނުންކޮށް ދުއްތުރާ ކުރަން ފެށުމުންވެސް، ރައީސް ޔާމީންގެ ދިފާއުގައި އެންމެ ފުރަތަމަ މަސައްކަތްކުރެއްވި ބަޔަކަށް އެބޭފުޅުންވާނެކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، ބަޔަކު ދެއްކި ވާހަކަތަކާއެކު ސަރުކާރުގެ ފަރާތުން މަޖިލީހަށް ވަކި ބިލުތަކެއް ހުށައެޅިކަމަށާއި އެބިލުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުން ގަބޫލުކުރެވޭވަރުގެ ބިލުތަކެއް ނޫންކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި ދުރުގައި ތިއްބެވި ބައެއް ބޭފުޅުން ނާޖާއިޒް ފައިދާއަށް މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުން ޕާޓީ ދެބަޔަކަށް ބެހުނުކަމަށް ވިދާޅުވިއެވެ. އަދި މިސާލެއްގެ ގޮތުން ރީކޯ މުސާގެ ނަން ވައްޑެ ވަނީ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޕާޓީގައި ތިބި އިހްލާސްތެރި މެމްބަރުުން ދުރުކުރުވުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން “ގޮނޑި ގެއްލުނު 12 މެމްބަރުން”ގެ ވާހަކަތައް އުފަންވީކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި ޕާޓީއެއްގެ ތެރެއިން ދެފެކްޝަނެއް އުފެދިއްޖެނަމަ، އެއް ބަޔަކު އަނެއް ބައެއްގެ ކުށް ފެންނަން ފަށާނެކަމަށް ވައްޑެ ވިދާޅުވިއެވެ.

“ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް އެމަނިކުފާނުގެ ވެރިކަމަށް ލޮޅުމެއް އަންނަން އުޅޭކަމަށް ފެނިވަޑައިގަންނަވާނަމަ، ގާނޫނީގޮތުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރު އެމަނިކުފާނު ބޭނުންކުރައްވާނެ. އެކަން އަޅުގަނޑު ގަބޫލުކުރަން. ކުރައްވަންޖެހޭނެ. ދެން އޮތް ގޮތަކީ، އަޅުގަނޑުމެންނަށްވެސް އަނިޔާއެއް ލިބޭކަމުގައިވާނަމަ އަޅުގަނޑުމެން ބަލާނެ އަނިޔާއަކާއި ދުރަށްދާން. އެގޮތަށް ކުރެވިފައިވާ ކަންތައްތަކެއް އެއީ. އެއްވެސް ހާލެއްގައި ޔާމީނާއި ދޭތެރޭގައި، އެމަނިކުފާނަށް ޚާއްސަ ޒާތީ ހަސަދައެއް އޮވެގެން އެމަނިކުފާނާއި ދުރަށް ދިޔައީއެއްނޫން” ވައްޑެ

މަޖިލީހުގެ ގޮނޑި ގެއްލުނު 12 މެމްބަރުންނަކީ އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަސައްކަތްކުރެއްވި ބޭފުޅުން ނޫންތޯ ސުވާލުކުރެއްވުމުން ވައްޑެ ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި އެމްޑީޕީއާއި އެއްބައިވާންޖެހުނީ އޭރު މަސީހު ކަންތައް ކުރެއްވި ގޮތުގެ ސަބަބުންކަމަށެވެ. އެގޮތުން މެމްބަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމާއި، ރިޔާސީ އިންތިހާބާއި ދިމާކޮށް ކުރަމުން ދިޔަ މަސައްކަތްތަކަށް ފިއްތުންތައް ކުރިމަތިކުރުވަން ފެށުމުން އޭރު އެމްޑީޕީއާއެކު އެ މަސައްކަތް ކުރަންޖެހުނީކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި މަސްލަހަތަށްޓަކައި މަޖިލީހުގެ ރައީސްކަމުގެ ގޮނޑި ދޫކޮށްލެއްވުމަށްފަހު ދާއިރާގެ ގޮނޑިއަށް ވަޑައިގެންނެވުމަށް ދެންނެވިކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.

“އޭރު އޮތީ މައްސަލަ ޖެހިފައި، އެމައްސަލަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިޔާގެ ނޯ ކޮންފިޑެންސް ވޯޓެއް ނަގަން އުޅޭކަމަށް ތުހުމަތުކޮށް އެކަމުގެ ތެރެއަށް އަޅުގަނޑުމެން ވެއްދި. އެއްވެސް އިރެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނޯ ކޮންފިޑެންސް ވޯޓެއް ނަގަން އަޅުގަނޑުމެން މަސައްކަތްކޮށްފައެއް ނުވާނެ. ދުވަހަކުވެސް ކޮށްފައެއް ނުވާނެ” ވައްޑެ

ލޯޔަރު ވައްޑެއަކީ ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ ގޮނޑި ގެއްލުނު 12 މެމްބަރުންގެ ތެރެއިން މެމްބަރެކެވެ. އޭރު ހިނގައިދިޔަ ކަންކަމުގެ ތެރެއިން ޕީޕީއެމްއިން ދުރުކުރުމުން ދެން މަސައްކަތްކުރައްވާފައިވަނީ މިހާރު މިއޮތް ކޯލިޝަންގެ ވެރިކަން ގެނައުމަށެވެ. އެހެންނަމަވެސް، އަނެއްކާވެސް މިހާރު ކޯލިޝަނާއި ދުރަށްޖެހި ދާދިފަހުން ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއިއެކު ދާދިފަހުން ވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 27%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 0%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: