ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލިއްޔަތު ގަވާއިދާ ޚިލާފަށް 3 ޕްރޮޖެކްޓެއް އެވޯޑް ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ތިން ޕްރޮޖެކްޓެއް ޓެންޑާ ބޯޑުން އެވޯޑް ކުރި މައްސަލަ އެސްޖޭ ކޮންސްޓްރަކްޝަންސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

އެ ކުންފުނުން ނެރުނު ބަޔާނެއްގައި ބުނީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޖޮއިންޓް ވެންޗަރކޮށް މަސައްކަތް ކޮށްދިނުމަށް އެދި ބިޑް ހުށަހަޅާފައިވާ 3 ޕްރޮޖެކްޓެއްގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި އެ ޕްރޮޖެކްޓްތަކުގެ ބިޑް ޑޮކިއުމަންޓުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ހިލާފަށް އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދާވެސް ހިލާފަށް ދައުލަތަށް ގެއްލުންވާގޮތަށް ނޭޝަނަލް ޓެންޑާރ ބޯޑުން އެ 3 ޕޮރޮޖެކްޓް އިވެލުއޭޓްކޮށް ބިޑް އެވޯޑްކުރުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން 2 ޕްރޮޖެކްޓެއްގެ މަސައްކަތުގެ އެއްބަސްވުމުގައި މިހާރު ސޮއިވެސް ކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން އިޢުލާންކުރި މި 3 ޕްރޮޖެކްޓަކީ 27 ޖެނުއަރީ 2021 ގައި ބީލަމަށް ހުޅުވާލި ހދ.ހަނިމާދޫގައި ޢިމާރާތްކުރަން ފަށާފައިވާ ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތުގެ ޕްރޮޖެކްޓާއި، 02 ފެބްރުއަރީ 2021 ގައި ބީލަމަށް ހުޅުވާލި ތ.ވިލުފުށީގައި ޢިމާރާތްކުރާ ހައުސިންގ ޔުނިޓްގެ ޕްރޮޖެކްޓާއި 15 ފެބްރުއަރީ 2021 ގައި ބީލަމަށް ހުޅުވާލި ހދ.ނޮޅިވަރަންފަރުގައި އިމާރާތްކުރާ ހައުސިންގ ޔުނިޓުގެ ޕްރޮޖެކްޓެވެ.

އެ 3 ޕްރޮޖެކްޓަށް ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ރެސްޕޮންސިވް އެންމެ ކުޑަ އަގެއް ހުށަހަޅާފައިވާނީ އެސްޖޭގެ ފަރާތުންކަމަށްވާއިރު، ބިޑްތައް އިވެލުއޭޓްކޮށް އެވޯޑް ކޮށްފައިނުވަނީ އެސްޖޭގެ ފަރާތުން ހުށަހަޅާފައިވާ ބިޑްތަކުގައި ބީލަން ކަރުދާހުގައި ބުނާ އެމްޕްލޯޔަރސް ރިކުއަރމަންޓް އަދި ފައިނޭންޝަލް ރިކުއަރމަންޓް ފުރިހަމަ ނުވާތީކަމަށް ނޭޝަނަލް ޓެންޑާރ ބޯޑުން އަންގާފައިވާ ކަމަށް ބަޔާނުގައި ވެއެވެ. ނަމަވެސް ޓެންޑާރ ބޯޑުގެ ނިންމުން ގަބޫލުނުކުރެވޭތީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ބިޑްތަކުގެ މައްސަލަތައް މިނިސްޓްރީ އޮފް ފިނޭންސްގެ ޕްރޮކިއުމަންޓް އޮފިސަރަށް އެސްޖޭގެ ފަރާތުން ހުށަހަޅާފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

“ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 17.09 ގެ (ށ) ގެ (3) ވަނަ ނަންބަރުގައި މައްސަލަ ހުށަހަޅާ ތާރީޚުން ފެށިގެން ސަރުކާރު ބަންދުނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި، މައްސަލަ ނިންމައި، މައްސަލަ ނިންމި ގޮތް ލިޔުމަކުން މައްސަލަ ހުށަހެޅި ފަރާތަށް އަންގަން ޕްރޮކިއުމަންޓް އޮފިސަރަށް ލާޒިމްކޮށްފައި ވީނަމަވެސް މަތީގައި ހަވާލާދީފައިވާ ތ. ވިލުފުށީ ޕްރޮޖެކްޓް ފިޔަވައި އެހެން ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ޕްރޮކިއުމަންޓް އޮފިސަރަށް ހުށަހެޅުނު މައްސަލަތަކާ މެދު އެއްވެސް ނިންމުމެއް ނިންމަވައި އެކަން އަންގަވާފައެއް ނުވެއެވެ.” އެސްޖޭގެ ބަޔާނުގައި ވެއެވެ.

އެސްޖޭއިން ބުނީ ތ.ވިލުފުށީ ޕްރޮޖެކްޓާ ގުޅިގެން ޕްރޮކިއުމަންޓް އޮފިސަރ ނިންމާފައިވަނީ އެސް.ޖޭގެ ފަރާތުން ހުށަހެޅި ބިޑް އިވެލުއޭޓްކޮށް އެވޯޑް ކޮށްފައިނުވަނީ ހުށަހަޅާފައިވާ ބިޑްގައި އެމްޕްލޯޔަރސް ރިކުއަރމަންޓް އަދި ފައިނޭންޝަލް ރިކުއަރމަންޓް ފުރިހަމަ ނުވާތީ ކަމަށާއި ހދ.ހަނިމާދޫ ޕްރޮޖެކްޓާއި ހދ.ނޮޅިވަރަންފަރު ޕްރޮޖެކްޓާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްގެ ޕްރޮކިއުމަންޓް އޮފިސަރަށް ހުށަހެޅި މައްސަލަތަކަށް މިހާތަނަށް ޖަވާބު ދީފައެއް ނުވާ ކަމަށެވެ. 

ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 17.10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ޕްރޮކިއުމަންޓް އޮފިސަރަށް ހުށަހެޅި މައްސަލަ ހުށަހެޅުނު ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި، އެމައްސަލައާ މެދު ވަކިގޮތެއް ނިންމާފައި ނުވާނަމަ ނުވަތަ ޕްރޮކިއުމަންޓް އޮފިސަރުގެ ނިންމުމާމެދު ހިންހަމަ ނުޖެހޭނަމަ މައްސަލަ އަލުން ބެލުމަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހެޅުމުގެ ހައްޤު މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވާއިރު، ތ.ވިލުފުށީ ޕްރޮޖެކްޓާ ގުޅިގެން ޕްރޮކިއުމަންޓް އޮފިސަރު ނިންމާފައިވާނިންމުމާމެދު ހިންހަމަނުޖެހޭތީ މާލިއްޔަތު ގަވާއިދުގެ 17.10 ގެ ދަށުން އެމައްސަލަ ބަލައިދިނުމަށް އެދި 28 މާރިޗް 2021 ގައި މުސްތަޤިއްލު ރިވިއު ކޮމިޓީއަށް އެސްޖޭގެ ފަރާތުން މައްސަލަ ހުށަހަޅާފައިވާ ކަމަށް އެސްޖޭގެ ބަޔާނުގައި ވެއެވެ.

އަދި ހދ.ހަނިމާދޫ ޕްރޮޖެކްޓާއި ހދ.ނޮޅިވަރަންފަރު ޕްރޮޖެކްޓާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްގެ ޕްރޮކިއުމަންޓް އޮފިސަރަށް ހުށަހެޅި މައްސަލަތަކަށް ޖަވާބުދިނުމަށް ދަޢުލަތުގެ މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޖަވާބު ދީފައި ނުވާތީ އެ 2 ޕްރޮޖެކްޓާ ގުޅޭ މައްސަލަތައްވެސް މުސްތަޤިއްލު ރިވިއު ކޮމިޓީއަށް އެސްޖޭއިން ހުށަހަޅާފައިވާ ކަމަށާއި އެގޮތުން ހދ.ހަނިމާދޫ ޕްރޮޖެކްޓްގެ މައްސަލަ 03 އެޕްރީލް 2021 ގައި އަދި ހދ.ނޮޅިވަރަންފަރު ޕްރޮޖެކްޓްގެ މައްސަލަ 02 މެއި 2021 ގައި މުސްތަޤިއްލު ރިވިއުކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ.

މުސްތަޤިއްލު ރިވިއު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތައް ބެލުމަށްފަހު 3 ޕްރެޖެކްޓާ ގުޅޭގޮތުން މުސްތަޤިއްލު ރިވިއު ކޮމިޓީން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، ތ. ވިލުފުށި ޕްރޮޖެކްޓާ ގުޅޭގޮތުން ނިންމި ނިންމުން ބަޔާންކޮށް މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން އެސްޖޭއަށް 20 އެޕްރީލް 2021 ގައި ފޮނުވި ސިޓީގައި ވަނީ އެސްޖޭގެ ފަރާތުން ހުށަހަޅާފައިވާ ބިޑް ޑޮކިއުމަންޓަކީ ޝަރުތު ހަމަވާ އަދި ބަލައިގަންނަންޖެހޭ ޑޮކިއުމަންޓެއް ކަމާއި، އެއިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަން އަލުން އިވެލުއޭޓްކޮށްގެން ކުރިއަށް ގެންދިއުމަށް ނޭޝަނަލް ޓެންޑާރއަށް އަންގާފައިވާކަމަށެވެ.

ހދ. ނޮޅިވަރަންފަރު ޕްރޮޖެކްޓާ ގުޅޭގޮތުން ނިންމި ނިންމުން ބަޔާންކޮށް މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން އެސް.ޖޭއަށް 01 ޖޫން 2021 ގައި ފޮނުވި ސިޓީގައި ވަނީ ބީލަން އަލުން އިވެލުއޭޓްކޮށްގެން ކުރިއަށް ގެންދިއުމަށް ނޭޝަނަލް ޓެންޑާރއަށް އެންގުމަށް އެކޮމިޓީގެ 2021 ވަނަ އަހަރުގެ 48 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާކަމަށެވެ.

ހދ.ހަނިމާދޫ ޕްރޮޖެކްޓާ ގުޅޭގޮތުން ނިންމިނިންމުން ބަޔާންކޮށް މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން އެސް.ޖޭއަށް 27 ޖޫން 2021 ގައި ފޮނުވި ސިޓީގައި ވަނީ ބީލަން އަލުން އިވެލުއޭޓްކޮށްގެން ކުރިއަށް ގެންދިއުމަށް ނޭޝަނަލް ޓެންޑާރއަށް އެންގުމަށް އެކޮމިޓީގެ 2021 ވަނަ އަހަރުގެ 51 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާކަމަށެވެ.

އެސްޖޭއިން ބުނީ މުސްތަޤިއްލު ރިވިއު ކޮމިޓީން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު ހަވާލާ ދެވުނު 3 ޕްރޮޖެކްޓަށް އެސްޖޭއިން ހުށަހަޅާފައިވާ ބިޑްތަކަކީ ބީލަން ކަރުދާހުގައި ބުނާ ޝަރުތުތައް ފުރިހަމަވާ ބީލަންތަކެއް ކަމާއި ބިޑްތަކުގައި އެމްޕްލޯޔަރސް ރިކުއަރމަންޓް އަދި ފައިނޭންޝަލް ރިކުއަރމަންޓް ފުރިހަމަވާކަން އެނގެން އޮތް ކަމަށެވެ. ނަމަވެސް މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުންތަކަށް ޢަމަލު ނުކުރުމަށް ނެޝަނަލް ޓެންޑާރ ބޯޑުން 16 ޖުލައި 2021 ގައި ނިންމާފައިވާކަމަށް އެސްޖޭއަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

“ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބިޑިން މަރުޙަލާގައި އިދާރީ ގޮތުން އެންމެ ފަހުގެ ނިންމުން ނިންމާ ފަރާތަކީ ކޮބައިތޯ ބަލާއިރު މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި މަރުޙަލާތައް މަތީގައި ފާހަގަކޮށްފައިވާއިރު، ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ބެލުމުން، ބިޑަކާ ގުޅިގެން އުފެދޭ މައްސަލަތަކުގައި އެތެރޭގެ ޙައްލު ހޯދުމަށް ހުށަހެޅުމުން، އެންމެ ފަހު ބަސް ބުނާ ފަރާތަކީ، މުސްތަޤިއްލު ރިވިއު ކޮމިޓީކަން ސާފުކޮށް އެނގެއެވެ. ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ބަލާއިރު، މުސްތަޤިއްލު ރިވިއު ކޮމިޓީއިން އެންމެ ފަހުގެ ނިންމުން ނިންމުމުން، ނެޝެނަލް ޓެންޑާރ ބޯޑަށް އެނިންމުން ބާޠިލްކުރެވޭނެ މާއްދާއެއް، މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައި ނެތިސް، ހިތުހުރި ގޮތަކަށް މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުން ބާޠިލްނުކުރެވޭނެކަން އެނގެން އޮވެއެވެ. އެހެނީ، މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމަށް ޢަމަލުނުކުރުން ހުއްދަކުރެވުމަކީ، ޕްރޮޖެކްޓްތައް އިވެލުއޭޓްކޮށް އެވޯޑްކުރަން ތިބި ފަރާތްތަކަށް،އެފަރާތްތަކުން ބޭނުންވާ ވަކި ފަރާތްތަކަކަށް ނާޖާއިޒް މަންފާ ހޯދައި ދިނުމަށް ދެވޭ ލައިސަންސަކަށްވާނެތީއެވެ.” އެސްޖޭގެ ބަޔާނުގައި ވެއެވެ.

އެސްޖޭއިން ބުނީ ތިން ޕްރޮޖެކްޓާ ގުޅޭގޮތުން މުސްތަޤިއްލު ރިވިއު ކޮމިޓީން ގޮތެއް ނިންމުމުން އެކަން ނޭޝަނަލް ޓެންޑާރ ބޯޑަށް އެންގުމުން، ނޭޝަނަލް ޓެންޑަރ ބޯޑުގެ ފަރާތުން، ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، އެސްޖޭއިން ހުށަހެޅި ބިޑްތަކުގެ “އެމްޕްލޯޔާރސް ރިކުއާރމަންޓް” ފުރިހަމަ ވެފައިވާކަމަށް ބައްލަވައި، “އެމްޕްލޯޔާރސް ރިކުއާރމަންޓް” ގެ ޙުޞޫމާތް ނިމުމަކަށް އައިސްފައިވާކަން އެނގޭ ކަމަށެވެ. އަދި މުސްތަޤިއްލު ރިވިއު ކޮމިޓީން އެސް.ޖޭގެ ބިޑްތަކުގެ “ފައިނޭންޝަލް ރިކުއާރމަންޓް” ފުރިހަމަ ވާކަމަށް ނިންމާފައިވީނަމަވެސް ނެޝަނަލް ޓެންޑަރ ބޯޑުން އެނިންމުން ބަލައި ނުގަނެ ފައިނޭންޝަލް ރިސޯސް ރިކުއާރމަންޓްއާ ގުޅޭގޮތުން މުސްތަޤިއްލު ރިވިއު ކޮމިޓީން އަންގާފައިވާ އެންގުންތަކާ އެއްގޮތަށް އަމަލުކޮށްފައިނުވާކަން ފާހަގަކުރެވޭ ކަމަށް ބަޔާނުގައި ވެއެވެ.

ޕްރޮޖެކްޓްތަކަށް ހުށަހެޅި ބިޑްތަކުގައި ފައިނޭންޝަލް ރިކުއާރމަންޓާމެދު ނެޝެނަލް ޓެންޑާރ ބޯޑުން މައްސަލަ ޖައްސާފައިވަނީ ހަމައެކަނި 4 އޭޕްރިލް 2011 ގައި ބޭންކް އޮފް ސިލޯނުން ދޫކޮށްފައިވާ އަދި ވެލިޑިޓީގެ މުއްދަތުވެސް ހަމަނުވާ ކްރެޑިޓް ރެފަރެންސް ލެޓާރގައިވާ ފެސިލިޓީއާމެދު ކަމަށް ބަޔާނުގައި ވެއެވެ.

”ބޭންކް އޮފް ސިލޯން އިން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީ ބަލައި ނުގަންނަން ނެޝަނަލް ޓެންޑާރ ބޯޑުގެ ފަރާތުން ފުރަތަމަ ނިންމާފައިވާނީ ބޭންކް އޮފް ސިލޯނުން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީއަކީ “އެސްޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޑެޓް” ނަމުގައި ދޫކޮށްފައިވާ ފެސިލިޓީއެއްކަމަށް ބުނެއެވެ. ނަމަވެސް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ރަޖިސްޓަރީ ބިޑް ޑޮކިއުމެންޓާއެކު ހުށަހެޅިފައިވާއިރު، ރަޖިސްޓްރޭޝަންގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމަށް ބެލުމުން، އެސްޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ނަން، އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ބަދަލުކޮށްފައިވާކަން ސާފުކޮށް ފެންނަން އޮތްކަމާއީ ބޭންކް އޮފް ސިލޯނުން 04 އެޕްރީލް 2011 ވަނަ ދުވަހު ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީއަކީ މެދުނުކެނޑި މިއަދާ ހަމައަށްވެސް އެބޭންކުން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދެމުން އަންނަ ސާރވިސްއެއްކަން މުސްތަޤިއްލު ރިވިއު ކޮމެޓީން ގަބޫލުކޮށް އެކަން ނޭޝަނަލް ޓެންޑަރ ބޯޑަށް އަންގާފާއިވެއެވެ. އެހެންކަމުން ވުޖޫދުގައި އޮތް އެކްޓިވް ކްރެޑިޓް ފެސިލިޓީއަކީ ނެތް އެއްޗެއްކަމުގައި ބައްލަވައި ނުވަތަ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ނަމަށް ގެނެވިފައިވާ ބަދަލުތަކުގެ ސަބަބުން، އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީއަކީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައި ނުވާ ކްރެޑިޓް ފެސިލިޓީއެއްކަމަށް ބައްލަވައި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފައިނޭންޝަލް ރިކްއަރމެންޓް ފުރިހަމަނުވާކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުން ނިންމާފައިވާ ނިންމުމަކީ ބާޠިލް ނިންމެވުމެއްކަން ސާފުކޮށް އެނގޭކަން ފާހަގަކުރަމެވެ. އަދި އިވެލުއޭޝަން މަރުހަލާގައި މިފެސިލިޓީއަކީ އެކްޓިވް ފެސިލިޓީއެއްތޯ ބެލުމަށް ކްލެރިފިޝަނަށް ފޮނުވުމަށް ބީލަމުގެ މަޢުލޫމާތު ކަރުދާހުގައި ހުއްދަކޮށްފައިވީނަމަވެސް މިނިސްޓްރީ އޮފް ފިނޭންސް ނުވަތަ ނެޝަނަލް ޓެންޑަރ ބޯޑުގެ ފަރާތުން އެފަދަ ކުލެރިފިކޭޝަނަކަށް ފޮނުވާފައިނުވާކަންމުސްތަޤިއްލު ރިވިއު ކޮމެޓީން ފާހަގަ ކޮށްފައިވެއެވެ. އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ބޭންކް އޮފް ސިލޯނުން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީއަށް އިވެލުއޭޝަންގައި ރިޢާޔަތްނުކުރެވޭނެކަމަށް ނިންމާފައިވާ ނިންމެވުމަކީ ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުކޮށްދޭ ޙަޤީޤަތްތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަން އެނގެއެވެ.” ބަޔާނުގައި ވެއެވެ.

އެސްޖޭއިން ބުނީ ބޭންކް އޮފް ސިލޯންއިން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީއަކީ އެސްޖޭ ކޮންސްޓްރަކްޝަންއަށް ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީއެއްކަން ކަށަވަރުކުރެވިފައި ވާއިރު، އެ ކްރެޑިޓް ފެސިލިޓީއަކީ މިހާރުވެސް އެކްޓިވް ފެސިލިޓީއެއްކަން އެ ބޭންކުން ދޫކޮށްފައިވާ ލިޔުންތަކުންވެސް ސާބިތުވާ ކަމަށެވެ. އަދި މި ލިޔުންތައް އެސް.ޖޭގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅާފައިވެސް ވާނެ ކަމަށާއި އެ ޕްރޮޖެކްޓްތަކަށް އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ގުޅިގެން ބިޑް ހުށަހަޅާފައިވާއިރު، އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފައިނޭންޝަލް ކޭޝް ފްލޯއަށް އެކަނި ބެލިކަމުގައިވީނަމަވެސް ބީލަން ކަރުދާހުގައި ފާހަގަކޮށްފައިވާ ފައިނޭންޝަލް ރިސޯސަސް ރިކުއަރމެންޓް ފުރިހަމަވާކަންވެސް ލިޔުންތަކުން އެނގޭ ކަމަށް އެސްޖޭއިން ބުނެއެވެ.

”ނޭޝަނަލް ޓެންޑާރ ބޯޑުން މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުން ލިބުމުން، ޕްރޮޖެކްޓްތައް އެވޯޑް ނުކުރުމަށް ނިންމާފައިވަނީ، ހަމައެކަނި “ފައިނޭންޝިއަލް ރިކުއާރމަންޓް” ފުރިހަމަ ނުވާކަމަށް ބުނެއެވެ. މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމުގައި “ފައިނޭންޝިއަލް ރިކުއާރމަންޓް” އާ ގުޅިގެން ބަޔާންކޮށްފައިވަނީ ބޭންކް އޮފް ސިލޯންއިން 4 އެޕްރީލް 2011 ގައި ދޫކޮށްފައިވާ ލެޓާރ އޮފް ކްރެޑިޓަކީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލިޔުމެއް ކަމާމެދު ސުވާލު އުފެދޭ ކަމެއް އޮތްނަމަ، ނޭޝަނަލް ޓެންޑާރއިން އެކަމާ ގުޅޭ މަޢުލޫމާތު ބޭންކް އޮފް ސިލޯނުން ސާފުކުރެވެން އޮތްކަމަށެވެ ނަމަވެސް ނޭޝަނަލް ޓެންޑާރ ބޯޑުން ޢަމަލުކޮށްފައިވަނީ މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމުގައި ބަޔާންކޮށްފައިވާ ގޮތަށްތޯ ބަލާއިރު، މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމުގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމުގެ ނަމުގައި، ނޭޝަނަލް ޓެންޑާރ ބޯޑުން ބޭންކަށް ފޯނުން ގުޅައި، އާންމު އުޞޫލަކުން، ކުންފުނީގެ ނަންތަކަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ޖެނެރަލް ސުވާލުތަކެއް ކޮށްފައިވާކަމަށްވެއެވެ. ބޭންކްގެ ފަރާތުން ވާހަކަ ދެކެވެނީ ކަނޑައެޅިގެން ކޮން ވައްތަރެއްގެ ކޮން ފެސިލިޓީއަކާ ގުޅޭގޮތުންތޯއާއި، އަދި ވަކިން ޚާއްޞަކޮށް ކޮން ކަސްޓަމަރަކާ ގުޅޭގޮތުންކަން ބަޔާންކޮށްދިނުމުން، ފެސިލިޓީގެ ސާފު މަޢުލޫމަތު ހިއްޞާކޮށްދޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް ނެޝަނަލް ޓެންޑާރ ބޯޑުން ސާފުކުރަން ބޭނުންވާ މައުލޫމާތަކީ، 4 އެޕްރީލް 2011 ގައި ބޭންކުން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ފެސިލިޓީކަން ބަޔާންކޮށްފައި ނުވާކަން ފާހަގަކުރަމެވެ. އެހެން ނަމަވެސް ބޭންކްގެ އިސް ނެގުމަކަށް ބޭންކްގެ ކްރެޑިޓެ ޑިޕާޓްމަންޓްގެ މުވައްޒަފެއް ނޭޝަނަލް ޓެންޑާރ ބޯޑުގެ ސެކެރެޓްރިއޭޓަށް ގުޅައި، ސާފުކުރަން ބޭނުންވާ މަޢުލޫމާތަކީ، 4 އެޕްރީލް 2011 ގައި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ސިޓީގައިވާ ފެސިލިޓީއާގުޅޭގޮތުންތޯ ސުވާލުކޮށްފައިވާކަމަށް ބޭންކުން މަޢުލޫމާތު ލިބިފައިވެއެވެ. އަދި ތަކުރާރުކޮށް، އެސިޓީގައި ބަޔާންކޮށްފައިވާ ފެސިލިއަޓީއަކީ ވުޖޫދުގައިވާ، އެގްޒިސްޓިން ފެސިލިޓީއެއްކަން ބޭންކްގެ ފަރާތުން ނެޝެނަލް ޓެންޑާރ ބޯޑަށް ސާފުކޮށްދީފައިވާކަމަށް އެބޭންކުން މަޢުލޫމާތު ދީފައިވާކަން ފާހަގަކުރަމެވެ.” އެސްޖޭގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމުގެ މަޤްޞަދު ހާޞިލު ނުވާގޮތަށް އަދި ވަކިން ޚާއްޞަކޮށް ލިޔުމުން ދީފައިވާ އިރުޝާދުތަކާ ޚިލާފަށް ނެޝެނަލް ޓެންޑާރ ބޯޑުން ޢަމަލުކުރުމުން، އެއީ މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމުގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުންކަމަކަށް ނުބެލެވޭނެ ކަމަށެވެ. އަދި މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމާ އެއްގޮތަށް ނެޝަނަލް ޓެންޑާރ ބޯޑުގެ ފަރާތުން ޢަމަލުކުރިނަމަ އެސް.ޖޭގެ ފަރާތުން ހުށަހަޅާފައިވާ ބިޑްތައް ޑިސްކޮލިފައިއެއް ނުކުރެވޭނެ ކަމަށާއި، އެ ގޮތަށް ޢަމަލުކުރުމުން، 4 އެޕްރީލް 2011 އިގެ ބޭންކްގެ ސިޓީގައި ބަޔާންކޮށްފައިވާ ފެސިލިޓީއަކީ ވުޖޫދުގައިވާ އެގްޒިސްޓިން ފެސިލިޓީއެއްކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް ވެސް އެސްޖީން ބުނެއެވެ.

އެސްޖޭއިން ބުނީ އެ ކުންފުނީގެ ފަރާތުން ހުށަހެޅި ބިޑްތައް ރެސްޕޮންސިވް ނޫންކަމަށް ނެޝަނަލް ޓެންޑާރ ބޯޑުން ނިންމާފައިވަނީ އެމްޕްލޯޔާރސް ރިކުއާރމަންޓް އަދި ފައިނޭންޝިއަލް ރިކުއާރމަންޓް ފުރިހަމަ ނުވާތީކަމަށް ބުނެކަމަށްވީ ނަމަވެސް މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމަށް ބެލުމުން، މިއީ ވުޖޫދުގައި ނުވާ ސަބަބުތަކެއްކަން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން، މި ބިޑްތައް އިވެލުއޭޓްކުރުމުގައި ޢަމަލުކުރަންޖެހޭނީ، އެސްޖޭގެ ފަރާތުން ހުށަހެޅި ބިޑްތައްވެސް ހިމަނައިގެން ބިޑް އިވެލުއޭޓްކޮށް، އެވޯޑްކުރަންވީ ފަރާތް ކަނޑައަޅުމަށް ކަމަށާއި މި ޕްރޮޖެކްޓްތައް އެވޯޑްކުރުމުގެ ކަންކަން ބީލަން ކަރުދާހުގައި ހިމެނިފައިވާ ގޮތަށް ބަލާއިރު، ބިޑް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވަނީ ބިޑް އެވޯޑްކުރަންވާނީ ރެސްޕޮންސިވް ބިޑްތައް އިވެލުއޭޓްކުރުމުން، އެންމެ ދަށް އަގެއް ހުށަހަޅާފައިވާ ފަރާތަށް ކަމަށް ބަޔާނުގައި ވެއެވެ. އަދި ދަޢުލަތުގެ މާލިއްޔަތު ގަވާއިދުގެ  10.51 ގެ (ހ) ގައި ބަޔާންކޮށްފައިވަނީ އެންމެ ރަނގަޅު ޓެންޑަރ ހޮވުމުގައި ބަލަންވާނީ، އެ ބީލަން ވަޒަންކުރުމަށް ދަޢުވަތު ކަރުދާހުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށާއި އެސްޖޭއިން ހުށަހެޅި ބިޑްތަކަކީ ރެސްޕޮންސިވް ބިޑްތަކެއްކަމަށް މުސްތަޤިއްލު ރިވިއު ކޮމިޓީއިން ނިންމާފައިވުމާއެކު، ރެސްޕޮންސިވް ބިޑްތައް އިވެލުއޭޓްކުރުމުން، 3 ޕްރޮޖެކްޓަށްވެސް އެންމެ ދަށް އަގެއް ހުށަހަޅާފައިވަނީ އެސްޖޭގެ ފަރާތުންކަން ލިޔުންތަކުން އެނގޭ ކަމަށް ބަޔާނުގައި ވެއެވެ. އެގޮތުން؛

1. ހދ.ހަނިމާދޫގެ ޕްރޮޖެކްޓަށް އެސްޖޭގެ ފަރާތުން ހުށަހަޅާފައިވާ އަގަކީ ބިޑް އެވޯޑްކުރުމަށް ނެޝަނަލް ޓެންޑާރ ބޯޑުން ނިންމާފައިވާ ފަރާތުން ހުށަހެޅި އަގަށްވުރެ، 3,816,418.70 ރ. (ތިން މިލިއަން އަށްލައްކަ ސޯޅަ ހާސް ހަތަރުސަތޭކަ އަށާރަ ޕޮއިންޓް ހަތެއް ސުމެއް ރުފިޔާ) ކުޑަ އަގެކެވެ.
2. ހދ.ނޮޅިވަރަންފަރު ޕްރޮޖެކްޓަށް އެސްޖޭގެ ފަރާތުން ހުށަހަޅާފައިވާ އަގަކީ ބިޑް އެވޯޑްކުރުމަށް ނެޝަނަލް ޓެންޑާރ ބޯޑުން ނިންމާފައިވާ ފަރާތުން ހުށަހެޅި އަގަށްވުރެ، 9,289,424.97 ރ. (ނުވަ މިލިއަން ދެލައްކަ އަށްޑިހަ ނުވަހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ ނުވަދިހަ ހަތް ލާރި) ކުޑަ އަގެކެވެ.
3. ތ.ވިލުފުށީ ޕްރޮޖެކްޓަށް އެސްޖޭގެ ފަރާތުން ހުށަހަޅާފައިވާ އަގަކީ ބިޑް އެވޯޑްކުރުމަށް ނެޝަނަލް ޓެންޑާރ ބޯޑުން ނިންމާފައިވާ ފަރާތުން ހުށަހެޅި އަގަށްވުރެ، 8,531,087.57 ރ. (އަށް މިލިއަން ފަސްލައްކަ އެއްތިރީސް ހާސް އަށްޓިހަ ހަތެއް ޕޮއިންޓް ފަހެއް ހަތެއް ރުފިޔާ) ކުޑަ އަގެކެވެ.

“މަތީގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ބީލަންތަކުގެ އެމްޕްލޯޔާރސް ރިކުއާރމަންޓް އަދި ފައިނޭންޝިއަލް ރިކުއާރަމަންޓް ފުރިހަމަވޭތޯ ބެއްލެވުމުން އެކަންކަން އެސްޖޭގެ ބިޑްތަކުގައި ފުރިހަމަވާކަމަށާއި، އެކަންކަން މުސްތަޤިއްލު ރިވިއު ކޮމިޓީން ނިންމާފައިވާ ނިންމުންތަކުން ސާބިތުވާކަން އެނގެއެވެ. އެހެންކަމުން، އެސްޖޭ އަކީ މިބީލަންތަކަށް ކޮލިފައިވާ ފަރާތެއްކަން އެނގޭކަމަށްޓަކައި، މިބިޑްތައް އިވެލުއޭޓްކޮށް، ބިޑް އެވޯޑްކުރަންވާނީ، އެސްޖޭގެ ބިޑްތައް ހިމަނައިގެންނެވެ. އަދި އެސް.ޖޭގެ ބިޑްތައް ހިމަނައިގެން އިވެލުއޭޓްކުރުމުން، ދަޢުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.51 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕްރޮޖެކްޓްތައް އެވޯޑް ކުރަންޖެހެނީ އެސްޖޭއަށްކަން އެއްވެސް އޮޅުމެއް ނެތްގޮތުގައި އެނގެން އޮވެއެވެ.މިބީލަންތަކާ ގުޅޭގޮތުން ނެޝަނަލް ޓެންޑަރ ބޯޑުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް އަދި ބީލަން ކަރުދާހުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ހިލާފަށް ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކޮށްފައިވާކަން ލިޔުންތަކުން އެނގިގެންދެއެވެ.” އެސްޖޭގެ ބަޔާނުގައި ވެއެވެ.  

އެސްޖޭއިން ބުނީ މުސްތަޤިއްލު ރިވިއު ކޮމެޓީގެ ނިންމުމަކީ ޤާނުނީ ބާރު ލިބިގެންވާ ނިންމުމެއްކަމަށްވައިރު، އެ ނިންމުމާ ޚިލާފަށް ނޭޝަނަލް ޓެންޑަރއިން އަމަލުކުރުމަކީ ދަޢުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 17 ގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާވެސް ފުށުއަރާކަމެއް ކަމަށެވެ.

އަދި އެފަދަ ނިންމުމެއް ނިންމުމުން ވެގެން އެދަނީ މިނިސްޓްރީ އޮފް ފިނޭންސްގެ އޮނިގަނޑުގައި ހިމެނޭ 2 ފަރާތަކުން ތަފާތު ދެ ނިންމުމެއް އެއްކަމަކާ ގުޅޭގޮތުން ނިންމާފައިވުން ކަމަށާއި އެހާލަތުގައި ޤާނޫނީ އިމުގެ ތެރެއިން ދަޢުލަތަށް ގެއްލުން ނުވާނެ ގޮތަކަށް އަދި ބީލަން ހުށަހެޅި ފަރާތްތަކުގެ ހައްޤުތައް ނުގެއްލޭނެގޮތަކަށް މައްސަލަ ހައްލުކުރުމަކީ މިނިސްޓަރ އޮފް ފިނޭންސްގެ ޒިންމާއެއްކަމުގައި ދެކޭތީ މިމައްސަލައިގައި އަމަލުކޮށްފައިވާ ގޮތުން މި މައްސަލަ ޝަރުއީ ކޯޓަކަށް ހުށަހަޅައިފިނަމަ ދައުލަތަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮތުމާއެކު، އެސްޖޭގެ ފަރާތުން މިކަމުގައި އެދެވޭ ހައްލެއް ހޯއްދުމުގެ ގޮތުން މަތީގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް މިމައްސަލައިގައި ކަންހިނގާފައިވާގޮތް މިނިސްޓަރ އޮފް ފައިނޭންސްގެ ސަމާލުކަމަށް 16 ޖުލައި 2021 ގައި ލިޔުމުން ހުށަހަޅާފައިވާނެ ކަމަށް ބަޔާނުގައި ވެއެވެ. ނަމަވެސް މިކަމުގައި އެދެވޭ ހައްލެއް ލިބިފައިނުވުމުން މި ބީލަންތަކުގެ މައްސަލަ އެސްޖޭގެ ފަރާތުން މިހާރު ސިލިވް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: