ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓަށް ހާޒިރު ކުރިޔަސް މުއިއްޒުގެ މައްސަލައެއް ނެތް، ކަންބޮޑުވުމަކީ މަސައްކަތުގެ ވަގުތު ގެއްލުން!

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫމަޑި މައްސަލާގައި ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ދޮގު ބަޔާން ދިންކަމަށް ތުހުމަތުކޮށް ދައުވާ ކުރިޔަސް މައްސަލައެއް ނެތްކަމަށާއި، އެންމެ ބޮޑު ކަންބޮޑުވުމަކީ މި މަރުހަލާގެ ތެރެއިން މަސައްކަތަށް ވަގުތު ގެއްލުންކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒުއާ ދެކޮޅަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު އާބިޓްރޭޝަން މައްސަލާގައި ނޫމަޑީގެ ހެކިވެރިއަކަށްވެ މުއިއްޒު ދޮގު ބަޔާންދީފައިވާ ކަމަށް ތުހުމަތުކޮށެވެ.

މުއިއްޒުގެ މައްޗަށް އުފުލައިފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 10:30 ގައެވެ.

ކޯޓުން ނިކުމެވަޑައިގެން “ސަންގު” އާއި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މައްސަލައިގައި މިއަދު ކުރިޔަށް ގެންދިޔައީ އިބްތިދާއީ އަޑުއެއްހުމެއް ކަމަށެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކޯޓުން ލިޔުންތައް ހަވާލުކުރި މައްސަލައެއްކަން ފާހަގަކޮށް ވިދާޅުވީ، އޭގެ ފަހުން ދައުވާތަކާއި ގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ. ޝަރީއަތުގެ އަޑުއެހުމެއް ތާވަލު ކުރީ ކުއްލިގޮތަކަކަށް ކަމުން މައްސަލައިގައި ވަކީލުން އައްޔަނުކޮށްފައި ނުވާކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ޑރ. މުއިއްޒަށް ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަސް ވަނީ ދީފަ އެވެ. ދެން މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ އޮގަސްޓު މަހުގެ 16 ގެ 13:30 ގަ އެވެ.

“އަޅުގަނޑު އެދުނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ދިނުމަށް. ދެން އެއީ އެހާ ދުވަސް ވެގެން ދިޔައިރުގައި އަޅުގަނޑަށް… އެއް އަހަރާއި ގިނަ ދުވަސް ވަންދެން ވަކީލަކު މިކަމަށް ހާއްސަކޮށްގެން ބަހައްޓަންވީމަ. ވަކީލަކު ނެތް ހަމަޖެއްސިފައެއް… ދައުލަތުން ވެސް އެއަށް އިއުތިރާޒެއް ނުކުރޭ. އެހެންވީމަ 10 ދުވަސް އެކަމަށް ދިން” ޑރ. މުއިއްޒު

ޑރ. މުއިއްޒުގެ އުންމީދަކީ މައްސަލައިގައި އިންސާފުވެރި ޝަރީއަތެއް ކުރިޔަށް ގެންދިއުމެވެ. އޭނާ ވަނީ ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ގަނޫނާއި ހިލާފު އެއްވެސް އަމަލެއް ހިންގަވާފައި ނޯންނާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

“އެހެންވީމަ، އިންސާފުވެރިކަމާއި އެކު ޝަރީއަތް ކުރިޔަށް ގެންގޮސްފިނަމަ އެކަން ސާބިތުވެގެން ދާނެ.” ޑރ. މުއިއްޒު

ނޫމަޑީގެ މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކުރިޔަށް ގެންދިއުމުގައި އެއްވެސް މައްސަލައެއް ނެތް ނަމަވެސް، ޑރ. މުއިއްޒުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ ކޯޓު މަރުހަލާއަށް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހި މަސައްކަތްތަކަށް ހުރަސްއެޅިގެން ދިއުމެވެ.

“ހަގީގަތުގައި މިކަމުގައި އަޅުގަނޑުގެ އެއްވެސް ކަންބޮޑުވުމެއް ނެތް… ދެން އަޅުގަނޑުގެ އޮތް ހަމައެކަނި ކަންބޮޑުވުމަކީ މިވަގުތު މިހެން ޝަރީއަތުގައި އުޅެންޖެހުނީމަ ވަރަށް ގިނަ ވަގުތު ގެއްލޭ މަސައްކަތަށް. ރައްޔިތުންނަށް ހިދުމަތް ދިނުމަށް އަޅުގަނޑުމެން މިތިބީ މަސައްކަތަށް ނިކުމެ، ރެއާއި ދުވާލު.. ދެން އެކަމުގެ ތެރެއިން ބޭކާރު ވަރަށް ގިނަ ވަގުތު ދާނެ. އެ ނޫނީއްޔާ ނެތް ކަންބޮޑުވުމެއް” ޑރ. މުއިއްޒު

ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްދޭން މަސައްކަތުގެ ތެރެއަށް ނިކުމެ ތިބޭ ވަގުތުތަކުގައި، ޝަރީއަތް ކުރިޔަށް ގެންދިއުމުން ގޮންޖެހުންތަކެއް އައުން ފިޔަވާ އިތުރު މައްސަލައެއް ފާހަގަ ނުކުރެވޭކަމަށެވެ.

މިއަދުގެ 14:00 އަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަރުކޮމިޝަނަށް ޙާޒިރު ކުރުމާއި އަދި އޭނާގެ ޝަރީއަތެއް ކްރިމިނަލް ކޯޓުގައި ތާވަލު ކުރުން މިއީ ސިޔާސީ ގޮތުން ކުރާ ޖެއްސުމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އެބައޮތްތޯ ސުވާލު ކުރުމުން ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުމާއި، އެމަނިކުފާނު ކޮމިޝަންތަކަށް ހާޒިރު ކުރުން އެއީ ސިޔާސީ ބޭނުމެއްގައި ހިންގާ އަމަލުތަކެއް ކަމަށެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަކީ، ނުހައްގު ހުކުމެއްކަމަށާއި އަދި އެމަނިކުފާނުގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް އުފުލައި ޝަރީއަތް ހިންގަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

“ރައީސް ޔާމީނާއި މެދު އަމަލު ކުރަނީ އިންސާފުން ބޭރުންކަން އަޅުގަނޑުމެން އެންމެން ވެސް ގަބޫލު ކުރަން” ޑރ. މުއިއްޒު

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޑރ. މުއިއްޒު ވިދާޅުވީ ވަކީލެއްގެ ހާޒިރުގައި ނޫން ގޮތަކަށް އެއްވެސް ސުވާލަކަށް ޖަވާބުދިނުން ދަތިވާނެ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ސޮއްފަތު ހަބީބް ލިޔެކިއުންތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ޑރ. މުއިއްޒު ވިދާޅުވީ މައްސަލައިގެ ލިޔެކިއުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ލިޔުންތަކެއް ހަމަތޯ ޔަގީން ކުރެވޭނީ ގާނުނީ ޓީމެއް އައްޔަން ކުރުމަށްފަހުކަމަށް ވިދާޅުވި އެވެ.

ނޫމަޑީގެ މައްސަލަ 11 ޑިސެންބަރު 2017 ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ކުރިއަށްދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. މުއިއްޒުގެ ބައިވެރިވުމާއެކު އެވެ.

ދައުރު ބަދަލުވެ ވަޒީރުކަމުން ވަކިވަންދެން، އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުޢިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތެވެ.

ނަމަވެސް ވަޒީރުކަމުން ވަކިވުމަށް ފަހު 14 ޖޫން 2019 ގައި ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި ޑރ. މުޢިއްޒު ދެއްވި ބަޔާނުގައި ކުރިން އަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް، ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާކަމަަށް އޭޖީގެ އޮފީހުން ވަނީ ބުނެފަ އެވެ. 

އެއްބަސްވުން އުވައިލި މައްސަލައިގައި ނޫމަޑިން، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ހަރަދުތައް ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަނިކޮށް، ނޫމަޑިއާ ވާހަކަ ދައްކައި މި ސަރުކާރުން ވަނީ 55 މިލިއަން ޑޮލަރު (849،750،000ރ.) ބަދަލުގެ ގޮތުގައި ދޭން ނިންމައިފަ އެވެ. ކޯޓުން ބޭރުގައި ވެސް މިހާ ބޮޑު ބަދަލެއް ދޭން ޖެހުނު އެއް ސަބަބަކީ، ދައުލަތާ ދެކޮޅަށް އާބިޓްރޭޝަންގައި މުއިއްޒު ހެކިބަސް ދެއްވުން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ނޫމަޑި މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުން ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މުއިއްޒު މިއީ ހަމަ ބޮޑު ވަގެއް. ހައްޔަރުގައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދޭ. އޭނަގަ ގެހަދަން ފައިސާ ހޯދި ތަނެއް ބުނެދީބަލަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: