ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލާއި ކުންފުނިތަކާއި މިޖެހެނީ ކޮން މައްސަލަތަކެއް؟

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތް އަހަރު ވަންދެން ހައުސިން މިނިސްޓަރުގެ މަގާމު އަދާ ކުރެއްވި ޑރ. މުހައްމަދު މުއިއްޒު އަތުގައި މިހާރު ވެސް ރެކޯޑެއް އެބައޮތެވެ. އެއީ މި ފަހުން މާލޭގައި އެންމެ ގިނަ މަޝްރޫތަކެއް ހިންގެވުމުގައި މޭސްތިރިއަކަށް އުޅުއްވުމެވެ. އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ޕީއެންސީއިން މާލޭގެ މޭޔަރު ކަމަށް އޭނާ ވާދަ ކުރައްވަނީ އެފަދަ ކޮންފިޑެންސެއްގައެވެ.

މާލޭގެ މޭޔަރުކަމަށް އައީ ރައްޔިތުންގެ ގިނަ އުއްމީދުތަކެއް ހާސިލް ކޮށްދެވޭނެ ކަމުގެ ޔަގީންކަމާއި އެކުގައި ކަމަށް އޭނާ ވިދާޅުވެއެވެ. ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބުކޮށް މޭޔަރުކަމުގެ މަގާމާއި ހަވާލުވެފައިވާއިރު، ގިނަ ބަޔަކު ޑރ. މުއިއްޒު ސިފަކުރައްވާފައި ވަނީ ވަރަށް ހީވާގި އަދި ނަތީޖާ ނެރޭ ބޭފުޅެއްގެ ގޮތުގަ އެވެ.

ނަމަވެސް މޭޔަރުކަމާއި ހަވާލުވެ މިހާތަނަށް ފާއިތުވި ދުވަސްތަކުގައި ސިޓީ ކައުންސިލާއި ކުންފުނިތަކާއި ދެމެދުގައި ޖެހެމުން މިދާ މައްސަލަތަކަކީ، މިވަގުތު އެންމެ ބޮޑަށް ދެކެވެމުން ގެންދާ ވާހަކަތަކެކެވެ.

މާފަންނު މީހުންނާއެކު ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި، މިމަހުގެ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ގޭބިސީތަކުން އުކާލާ ކުނި ނަގަމުނެ ދާނީ ކުރިއެކޭ ވެސް އެއްގޮތަށް ގޭބިސީތަކަށް ވަދެ ކަމަށް ޑރ.މުއިއްޒު ވިދާޅުވެފައިވެއެވެ. މުއިއްޒުގެ އެ ސްޓޭޓްމެންޓު ވެމްކޯއިން ދޮގު ކުރި އެވެ. އަދި ބުނީ ކުންފުނިން އެފަދައިން އަމަލު ނުކުރާނެ ކަމަށާއި، ގޭގެއަށް ގޮސް ކުނި ނަގާނެ ކަމަށް ބުނާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ވެމްކޯއިން ބުނީ ކޮވިޑުން ރައްކާތެރިވުމަށްޓަކައި މިދިޔަ އަހަރުގެ އޭޕްރިލް 16 ވަނަ ދުވަހުން ފެށިގެން ކުނި ނަގާނީ ގެތަކުގެ ތިރިން ކަމަށެވެ. އަދި އެކުންފުނިން ކުނި ނެގުމުގައި ކަންތައް ކުރާ ގޮތަށް ބަދަލުގެނެސްފައިވާ ކަމަށް ބުނެ ދައްކަމުންގެންދާ ވާހަކަތަކަކީ ދޮގުވާހަކަތަކެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މާލޭގެ ދައިރާތަކުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި މުއިއްޒު ދެއްކެވި ވާހަކަތަކާއި ގުޅިގެން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ އެފަދަ އެއްވެސް ނިންމުމެއް އަދި ނެތް ކަމަށެވެ. އަދި ބަދަލެއް ގެންނާނެނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފާތަކުގެ މަތީންކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ހަމައެހެންމެ އެފަދަ ބަދަލެއް އެކުންފުނިން ގެންނަނަމަ، އިސް އިދާރާތަކާއި މަޝްވަރާކޮށް ރައްޔިތުންނަށް އަންގައި އިއުލާނުކުރާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެހެންނަމަވެސް ވެމްކޯއިން ބުނި ބުނުމަށް މުއިއްޒު ވަނީ އެ ކުންފުނިން ގޭގެއަށް ގޮސް ކުނި ނުނަގާނެ ކަމަށް ބުނި ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. މިގޮތުން އާދަމް މުހައްމަދު ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ، މާލެ ސިޓީ ކައުންސިލާއި އެކު މިފަދައިން، އެކުންފުނީގެ މަސައްކަތްތަކަށް ބަދަލުގެންނާނެކަމަށް މަޝްވަރާކުރުމަށްފަހު، ދޮގު ބަޔާނެއް އާއްމު ކުރުމަކީ ވަރަށްވެސް ޒިންމާދާރުކަން ކުޑަގޮތަކަށް ހިންގި އަމަލެއް ކަމަށެވެ.

އަދި ކުރިއެކޭވެސް އެއްގޮތަށް، ގޭގެއަށް ވަދެ ކުނި ނަގަން ފަށާނެކަމަށް އެއްބަސްވެ ދެ ފަރާތުން ވާހަކަ ދެކެވުނުކަން ފާހަގަކުރައްވައި ޑރ.މުއިއްޒު ވަނީ އެދެމެދުގައި ވެވުނު އެއްބަސްވުމުގެ ފޮޓޯއެއް އޭނާގެ ޓްވީޓާގައި އާންމުކުރައްވާފައެވެ.

މީގެއިތުރުން ކޮންމެ މަހަކު ވެމްކޯއަށް ކައުންސިލުން ކުރަންޖެހޭ ޚަރަދު ބޮޑުކަން ފާހަގަކުރައްވައި ކައުންސިލާއި ވެމްކޯ އާއި ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މާލޭގެ ކުނި ނެގުމާއި މެނޭޖްކުރުން ކުރިޔަށް ނުގެންދާކަމަށް ވިދާޅުވެފައިވާއިރު، ޑރ.މުއިއްޒު ވަނީ ވެމްކޯއަށް ކައުންސިލުން ކުރަންޖެހޭ ހަރަދުތަކުގެ ފޮޓޮއެއް ވެސް ޓްވީޓްކޮށް އާންމުކޮށްފައެވެ.

މޭޔަރ މުއިއްޒު ކުރެއްވި ޓްވީޓާއި ގުޅިގެން “ސަންގުން” ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ ވެމްކޯގެ ގޭބީސީއާއި ވެމްކޯގެ ހިދުމަތްތަކާއި ގުޅޭގޮތުން މުއިއްޒު ވިދާޅުވާގޮތަށް އެއްވެސް އެއްބަސްވުމެއް ނޯންނާނެކަމަށެވެ. އަދި ގިނަ ބަޔަކަށް ހިދުމަތްދޭ ކުންފުންޏަކަށް ވުމުން، ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށްޓަކައި ނޫސް ބަޔާނެއް ނެރުއްވިކަމަށާއި، އެއީ އެކުންފުނީގެ ހިދުމަތްތައް ބަދަލު ނުކުރުމެއް ނޫންނަކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އަދި ވެމްކޯގެ މުވައްޒަފުންގެ މަސައްކަތުގެ އުސޫލްތަކަކަށް ބަދަލެއް ގެންނާކަށް ނުނިންމާކަމަށާއި، އެފަދަ ބަދަލަކަށް ނިންމާނީ ސަރުކާރާއި އެޗްޕީއޭއާއި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ދެފަރާތުން ދެގޮތަށް ބުނިކަމުގައި ވީނަމަވެސް ކޮންމެވެސް އެއްގޮތަކަށް އެކަން ވާނެކަން އެނގެއެވެ. އެހެންނަމަވެސް މިފަދައިން ކަންތައް ތައް ދިއުމަކީ ރައްޔިތުންނަށް ލިބޭ މައުލޫމާތުތަކާއި މެދުގައި އޮޅުން އަރައި ސުވާލު އުފެދޭނެ ކަންކަމެވެ.

ހަމަ މިފަދައިންވީ އަނެއް ކަމަކީ ސްޓެލްކޯއާ އެމްޑަބްލިއުއެސްސީއިން ބަންދުކޮށްފައިވާ މަގުތައް މަސްދުވަސްތެރޭ ހުޅުވަން ސިޓީ ކައުންސިލުން އެންގުމެވެ. އަދި މާލޭ ސިޓީ ކައުންސިލުން މިކަން އެންގީ އެ ދެ ކުންފުންޏަށް މިކަން ކުރުމަށް އެދި ފޮނުވި ސިޓީއެއްގައެވެ.

މާލޭގެ ބައެއް މަގުތަކާއި ގޯޅިތައް ޢާއްމުންނަށް ބޭނުންނުކުރެވޭ ގޮތަށް ބަންދުކޮށްފައިވާތީ ދިމާވާ ދަތި އުނދަގޫތަކުގެ ޝަކުވާ ކައުންސިލަށް ލިބޭކަން ފާހަގަކުރައްވައި، ޑރ.މުއިއްޒު ވިދާޅުވީ އެ މަގުތަކާއި ގޯޅިތައް ހުޅުވުމަށް ސްޓެލްކޯއާއި އެމް.ޑަބްލިޔު.އެސް.ސީ އަށް މިއަދުން ފެށިގެން 1 މަސް ދުވަހުގެ މުއްދަތެއް ދެވިފައިވާކަމަށެވެ.

މިކަމާއި ގުޅިގެން ފިޔަވަޅުތައް ވަރުގަދަކުރުމަށްފަހު ސިޓީ ކައުންސިލުން ހުޅުވުމަށް އެމްޑަބްލިއުއެސްސީއަށް އެދުނު މަގުތައް ހުޅުވުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް އެކުންފުނީގެ އެމްޑީ ހަސަން ޝާހު ވަނީ ވިދާޅުވެފައެވެ. އަދި އެސަރަހައްދަކީ ތެޔޮ ރައްކާތެރިކުރުމަށް އެމްއެންޑީއެފް އާއި ހިއްސާކުރުމަށް ފަހުގައި ހެދި ތަނެއް ކަމަށާއި އެފަދަ ހާދިސާތަކަށް ތަންނުދިނުމަށް ފިޔަވަޅުތައް ވަރުގަދަކުރުމަށްފަހު އެއްމަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެތަން ހުސްކުރުމަކީ އުނދަގޫ ވާނެކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ.

މިފަދަ މައްސަލަަތައް ގިނައިން ދިމާވާން ވެއްޖެނަމަ، ރައްޔިތުން ކުންފުނިތަކަށް ކުރާ އިތުބާރު ގެއްލުން ގާތެވެ. މިގޮތުން މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ސިޓީ ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ބާރު އޮތް ނަމަވެސް ކުންފުނިތަކާއި މަޝްވަރާކުރުމަށް ފަހުގައި ނޫނީ މިފަދަ ކަންކަން ހާމަކަން ބޮޑުގޮތެއްގައި އިއުލާނު ނުކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: