ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިކަމެތި ރައްޔިތުންގެ ނިމުމެއް ނެތް އާދޭސް!

ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ވެރިންނަށާއި، ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް އުޅުއްވާ މީހުންނަކީ ހަމަ ސާބަސް ހައްގުވާ ބައެކެވެ. މިހެން ނުބުނަންވީ ސަބަބެއްވެސް ނެތެވެ. ހައްގު ލިބެންވާ މީހުންނަށް އެ ހައްގު ހޯދައިދިނުމުގައި މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަކީ އިސްވެރިންނަށް ތިބި މީހުންގެ އަގުހުރި މޮޅު މަސައްކަތް އަންގައިދޭ ލާމަސީލު ނަމޫނާއެވެ.

މިވާހަކަ މިހެން ދެއްކުމުން އަނެއްކާވެސް އެއްކަލަ ހިޔާ މަޝްރޫއަށް ފްލެޓް ބެހިގޮތުގެ ވާހަކަތައްވެސް ހަނދާންވެއެވެ. ރައްޔިތުންގެ ތެރޭގައި މިކަމާއި ހިތްހަމަ ނުޖެހޭ ހަމައެކަކުވެސް ނެތެވެ. ކޮންމެ މީހެއްގެ ދުލުންވެސް އިވެނީ ތައުރީފުގެ ބަސްތަކެވެ. އަމުނަނީ ޝުކުރާއި ވެދުމާއި ސަލާމެވެ. އިހުސާސްވަނީ އުފާވެރިކަމެވެ. ހިތްހަމަ ޖެހުމާއި އަމާންކަމެވެ. ދަތިކަމަކީ ނެތް އެއްޗެކޭވެސް ހިތައް އަރާފަދައެވެ.

މިއީ ކޮންމެ ރައްޔިތެއްވެސް ހިޔާލެއްގައި، ނުވަތަ ހުވަފެނެއްގައި އިވިދާނެ ވާހަކަތަކަކަށް ވެދާނެއެވެ. އެހެންނަމަވެސް މިއީ މިހަޔާތުގައި ރާއްޖޭގައި ވާންއޮތް ކަންކަމެއް ނޫނެވެ. ނިމިދިޔަ ސަރުކާރުތަކުގައިވެސް ވީ މިހެންނެވެ. އަދި މި ސަރުކާރުންވެސް ވަކި ތަފާތެއް ނުފެންނައިރު، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ހޯދައިދިނުމުގައި ބީރު ކަންފަތެއްދީ އިންސާފެއްނެތް ވެރިކަމެއް ހިންގުމުގައި ވަކި ސަރުކާރަކަށް މިއަދަކު ގުދޯ ގުދޯ ކިޔޭކަށެއް ނެތެވެ.

މިއީ މިހާރު ރައްޔިތުންގެ ކުލަނުވެއޮތް ހަގީގަތަކަށް ބަދަލުވެފައި އޮތްކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިއަދު ރައްޔިތުން އާދޭސް އެކުރާ ފްލެޓުތަކުގެ މައްސަލަތަކުގައި، އެ ހައްގުވާ މީހުންނާއި، ޝަރުތު ހަމަވާ މީހުންނަށް ނުލިބި، އެމީހުން އެކަހެރިކޮށް، އެ ފްލެޓުތައް ސަރުކާރުގެ އަތުމުށުން ނުވަތަ ހަނޑޫ ދޮލަނގަކުން ހަނޑޫ ހޮވާ އުސޫލުން ހޮވާލާ މީހުންނަށް ލިބޭކަމީ މިހާރު ރާއްޖޭގައި ކަންކަން ވާގޮތެވެ. ނިކަމެތިންނަކީ އެއްވެސް ހައްގެއް އޮތްބައެއް ބާވައޭވެސް ހިތައްއަރައެވެ. ނޫނީ އެއީ ފޯރާ މީހުން ކާނެ ވަރަކަށް ކާފަ ބާކީވާ ބައި ކެއުން ހައްގުވާ ބައެއް ބާވައޭވެސް މިހާރު އެބަ ހިތަށް އަރައެވެ.

ފަހަރެއްގައި މިހެން ބުނުމުން ފޯރާ މީހުން، ނުވަތަ ލިބޭ މީހުން ހިތުގައިވެސް ޖެހުން އެކަށީގެންވެއެވެ. އެހެނެއްކަމަކު ހަގީގަތް ބަދަލެއްވެސް ނުވާނެއެވެ. ނިކަމެތި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް އެދި ރައްޔިތުން އެމީހުންގެ ފަސްބައި އުފުލައި ނާށިގަނޑު ހިފައިގެން ސަލާންޖަހަމުން ދާއިރުވެސް، އެމީހުންގެ އާދޭސްތައް އަޑުއަހާނެ ހަމަ އެކަކުވެސް ނެތެވެ. އެމީހުންގެ ހައްގުތައް ފޭރިގަނެ، ނުހައްގުން އެއެއްޗެއް އެހެންބަޔަކަށް ލިބުނަސް ނިކަމެތި މީހާ ވަކި ކުރާނީ ކީއްހެވެ؟

ގެދޮރު ނެތި ހާލުގައި ދިރިއުޅޭ ނިކަަމެތިންނަށް ފްލެޓްތައް ދޭނެވާހަކަ ބުނެ، ނުވިތާކަށް އެގްރިމެންޓުތަކުގައި ސޮއިކުރުވައި، އަލުން އެއަތުލުމުން، އެމީހުންނަށް އިހުސާސްވާނީ އިންސާފުވެރިކަން ބާވައެވެ؟ އެންމެ ނުބައި މީހުންވެސް، ނިކަމެއްޗަކަށް ކާއެއްޗެއް ދީފަ، އޭނާ އެ ކާންއުޅުމުން އަތުލައެއް ނަހަދައެވެ. މިހެން މިކަން ވާއިރު މިފެންނަނީ އަދި މާ ނުބައި ކަންކަމެވެ.

އަނިޔާވެރި ސަރުކާރެއް ނޫނޭ ކިޔައި އައި މިސަރުކާރުން ހިޔާ ފްލެޓްތައް އިންސާފުވެރިކަމާއިއެކު ބަހާނަމޭ ބުނި ހަނދާން އަދިވެސް ވެއެވެ. ފްލެޓް ބެހި އިރު ލިސްޓުގައި އިބްރާހިމް ޒާހިރް މޫސާވެސް ހިމެނުނެވެ. އިންސާފާއި ދެކޮޅަށް އޭނާއާއި ދޭތެރޭގައި އަމަލުކުރެވުނު ގޮތް އޭނާ “ސަންގު” އާއި ހިއްސާކުރީ ފުން ހިތާމައާއި އަސަރާއި އެކުގައިއެވެ.

އޭނާ ބުނާގޮތުންނަމަ މިހުރިހައި ކަމެއް ހިނގުމުގެ ކުރިން އޭނާ ހުރީ ގއ.މާމެންދޫޫގައެވެ. އަދި ފްލެޓް ހޯދުމަށް ލުމުން، ފްލެޓް ލިބުނު މީހުންގެ ތެރޭގައި އޭނާ ހިމެނިފައިވާކަމަށާއި، ފްލެޓް ލިބޭނެކަމަށް ޔަގީންވުމުން މާލެ ދިޔަކަމަށް ޒާހިރް ވަނީ ބުނެފައެވެ. މާލެ ގޮސް ހެކިވެރިން ގޮވައިގެން ފްލެޓްއާއި ހަވާލުވުމަށް އަންނާށޭ އެޗްޑީސީން ބުންޏެވެ. ފްލެޓް ލިބޭނެކަމަށް ޔަގީންވުމުން އެތަނަށް ބަދަލުވުމަށްޓަކައި ފޮނި ހުވަފެންތަކެއް ކޮށް، ފްލެޓަށް ބަދަލުވުމަށްޓަކައި ބޭނުންވާ ސާމާނު އެގޮތް މިގޮތުން ބުރަ މަސައްކަތްކޮށްގެން ގަތެވެ. ހެކިވެރިން ގޮވައިގެން ސޮއިކުރުމަށްޓަކައި މާލެ ދިއުމުން ސޮއި ކުރުވުމަށްފަހުގައި ފުރަތަމަ ޓަވަރަށްވެސް ފޮނުވާލިއެވެ.  އެއަށްފަހު ދެން ބުނީ އޭނާގެ އަންހެނުންގެ އަތުގައި ފްލެޓެއް އިނުމުން ފްލެޓެއް ނުލިބޭނެކަމަށްށެވެ.

އެހެންނަމަވެސް ދިރިއުޅެން ޖެހިފައިވާ ހާލާއި ގުޅިގެން އޭނާ އުޅެނީ އޭނާގެ އަންހެނުންނާއިއެކު ނޫންކަމަށާއި، އަންހެނުންނާއި އެކީ ދިރިއުޅޭ މާހައުލްއަކީ އޭނާއާއި އޭނާގެ ދަރިންނަށް އެކަށީގެން ނުވާ މާހައުލެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. މިކަން މިހެން ވުމުން އޭނާ ވަނީ އޭނާގެ އަންހެނުން ހުންނަ ގެއިން ބަދަލުވެފައެވެ. ހަމައެހެންމެ އޭނާގެ 5 ކުދިން ތިބޭކަމަށާއި، އޭގެތެރެއިން އެއް ކުއްޖަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމަށްވެސް އޭނާ ބުނެއެވެ.

ހަމައެހެންމެ މިމައްސަލަ ފުލުހުންނަށް ޖެއްސުމުން އެމާހައުލް ރަނގަޅު ނޫންކަމަށް ފުލުހުންވެސް ބުނެފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ހައުސިން މިނިސްޓްރީއަށް ވެސް މިމައްސަލަ ހުށަހަޅާފައިވާނެކަމަށާއި، އޭނާއާއި އޭނާގެ ދަރިން ދިރިއުޅޭނެ މާހައުލެއް އޭނާގެ އަންހެނުންގެ ކައިރިން ނެތްކަމަށް ބުނެފައިވާނެކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންނަމަވެސް މިހާތަނަށް އެއްވެސް އިދާރާއަކުން މިކަމަށް އެހީވެދީފައި ނުވާކަމަށް އޭނާ ބުނެއެވެ.

މިވާހަކަތައް ޒާހިރް ސަންގާއި ހިއްސާކުރިއިރު، އޭނާގެ ވާހަކަތަކުން އޭނާ ކުރާ ހިތާމައާއި ވިސްނަންޖެހޭ ވިސްނުމުގެ އިތުރުން ބައްޕައެއްގެ ހައްގުގައި ދަރިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ކުރަމުންދާ ކަންތައްތަކާއި ވަމުންދާ ގުރުބާނީތަކާއިމެދު އޭނާ ކުރާ ހިތާމަ، ފާހަގަވެގެންދެއެވެ.

ފްލެޓް ހައްގުވާ މީހުންނަށް ފްލެޓް ނުދޭހާލު، އެބަޔަކު ދިގު ދަތުރަކަށްފަހު މާލެ ގެނެސް، އެފަދަ ކަމެއް ކުރުމުން އެ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި މައްސަލަތަކަށް ޒިންމާވާނީ ސަރުކާރަކުން ނޫނެވެ. ނުވަތަ މިކަމުގައި އިސްމަގާމުގައި އުޅުއްވާ ބޭފުޅުންނެއްވެސް ނޫނެވެ. ވާއިރު، ރައްޔިތުންނަށް މިފަދަ ދަތިކަން ދިނުމުގެ ބޭނުމަކީ ކޮބައިބާވައެވެ؟

ދޭނަމޭ ބުނެ ނުދިނުމަށްވުރެ، ދޭން ހޮވާލާފައިވާ މީހުންނަށް އެ ދިނުން މާ ބުއްދިވެރިއެވެ. އާންމު ރައްޔިތުން ހިތުގައި އުންމީދުގެ ހުޅުކޮޅެއް ބޭކާރު ގޮތުގައި ރޯކުރުމުގައި ސަރުކާރަށާއި އިސް ވެރިންނަށް ލިބެނީ ކޮން ފައިދާއެއްތޯ ސުވާލުއުފެދެއެވެ. މިއީ އަދި އެއްވާހަކައެވެ. މިފަދަ ކިތަންމެ ވާހަކަތަކެއް ކޮންމެ ދުވަހަކު އަޑުއިވި ފެނިގެންދެއެވެ. އެހެންނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ރައްޔިތުންނަށް އަބަދުވެސް އޮތީ އެއްގޮތެކެވެ. މިހާރުވެސް އަދި އޭރުވެސް އެއްގޮތެކެވެ. ސަރުކާރުން ބުނާ ބަހަށް ހެއްލިގެން ކޮންމެ ފަހަރަކު ލަނޑުލިބުމެވެ. އަދި ލަނޑުލިބުމުން އާދޭހުގެ މައްޗަށް އާދޭސް ކޮށްލަ ކޮށްލަ ތިބުމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: