ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް: ހެކި ބަލައިގަތުމާއި މެދު ހޫނު ބަހުސްތަކެއް!

ތަހުގީގު ކުރިޔަށްދާ މައްސަލައެއްގައި ސުވާލު ކުރުމަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ގިނަ ހެކިތައް ބަލައިނުގަތުމަށް އެމަނިކުފާނު އެދިވަޑައިގެންފި އެވެ.

މިއަދު މި މައްސަލައިގައި ކުރިޔަށް ގެންގޮސްފައި ވަނީ އިބްތިދާއީ އަޑުއެހުމެކެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސް ގާޒީ އަހުމަދު ޝަކީލް އެވެ.

މައްސަލައިގައި ކުރިން ގެންދިޔަ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުސަތު ދީފަ އެވެ. އަދި ދައުވާ ލިބޭ ރައީސް ޔާމީންގެ ފަރާތުން ވަނީ، ހުށަހެޅުންތަކާއި އެކު އިތުރު ހެކި ހާމަކުރުމުގެ ފުރުސަތަކަށް އެދިފަ އެވެ.

ރައީސް ޔާމީން ބޭނުންވަނީ ދައުލަތުގެ ގިނަހެކި ބަލައިނުގަތުމަށް!

ރައީސް ޔާމީންގެ ފަރާތުން މިއަދުގެ އަޑުއެހުމެއް ހަތަރު ހުށަހެޅުމެއް، ހުށަހެޅި އެވެ. އެއީ ހެކިތައް ޝަރީއަތަށް ބަލައި ނުގަތުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް ކުރެވި ޖަލު ހުކުމެއް އިއްވާފައިވާ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަސް ބަލައި ނުގަތުމެވެ. ޝިޔާޒް ވިދާޅުވީ ޒިޔަތަކީ ރައީސް ޔާމީނާއި ދެކޮޅަށް ހެކި ދޭން އުފައްދާފައި ހުރި “މެޝިނެއް” ކަމަށެވެ. އަދި އޭނާއަކީ ހިޔާނާތަށް އިއުތިރާފުވެ، މައްސަލައިގެ އެންމެ އަޑީގައި ހިމެނޭ އެކަކު ކަމަށެވެ.

މީގެ އިތުރުން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަކީ ވެސް ހިޔާނާތުގެ މާސްޓަމައިންޑްކަމަށްވާއިރު، އޭނާގެ ހެކި ބަސް ބަލައި ނުގަނެވޭނެކަމަށް ޝިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އަދީބާއި ޒިޔަތަކީ ވެސް މައްސަލައިގައި ހުކުމެއް އިއްވާފައިވާ ދެ މީހުން ކަމަށެވެ. އަދި އަދީބަކީ ވެސް ރައީސް ޔާމީންގެ މައްޗަށް ހެކި ބަސް ދޭން އުފައްދާފައި ހުރި “މެޝިނެއްގެ” ގޮތުގައި ސިފަ ކުރި އެވެ.

މީގެ އިތުރުން ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ، އަހުމަދު އާމިރުގެ ހެކި ބަސް ގަބޫލު ނުކުރެވޭނެކަން ފާހަގަކޮށް ދައުލަތުން ބުނެފައިވަނީ، އެނާއަކީ ހުށަހަޅާފައިވާ ދައުވާގެ ވާގިޔާއަކާއި އެއްވެސް ގުޅުމެއް ހުރި މީހެއް ވެސް ނޫން ކަމަށެވެ. އަދި އޭނާ ތަހުގީގަށް ދީފައިވާ އެއްވެސް ބަޔާނެއްގައި ރައީސް ޔާމީނާއި ދެކޮޅު އެއްވެސް ވާހަކައެއް ދައްކާފައިނުވާކަމަށާއި އެ ބަޔާނުގައި އެމަނިކުފާނުގެ ނަން ވެސް ގަނެފައި ނުވާކަމަށް ޝިޔާޒް ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ، މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ގެ ހެކި ބަސް ވެސް ބަލައި ނުގަތުމަށް ވަކީލުން ހުށަހެޅި އެވެ. ކިތާބީ ހެކިތައް ބަލައި ނުގަތުމަށް ހުށަހަޅައި، ޝިޔާޒް ވިދާޅުވީ ފުއްގިރި ކުއްޔަށް ދިނުމުގެ ލިޔެކިއުންތަކާއި ބޭންކް އޮފް މޯލްޑިވްސްގެ ޗެކްތަކެއް ހިމެނޭއިރު ރަށެއް ކުއްޔަށް ދޫކުރުމަކީ ޖިނާއީ ކުށެއް ނޫން ކަމަށެވެ.

ވޮޑަމުލާގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމުގެ ގަޒިއްޔާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަތީ އެ ބަލައި ނުގަތުމަށް އެދި ޝިޔާޒް ވިދާޅުވީ، ކުރިން ކޮށްފައި އޮތް ދައުވާއެއްގެ ހުކުމް، އިތުރު އެހެން އާ ދައުވާއެއްގެ ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ. ޝިޔާޒް ވިދާޅުވި އެ މައްސަލައަކީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީން އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާރ ކުރެއްވިކަމަށް ބުނާ މައްސަލަ އެކެވެ.

މީގެ އިތުރުން ވެސް ދައުލަތުން ހުށަހަޅާފައިވާ އެހެން ހެކިތައް ބަލައި ނުގަނެވޭނެ ސަބަބުތައް ރައީސް ޔާމީންގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ.

ރައީސް ޔާމީނަށް ދައުވާކުރުމަށް ފަހު ހެކީންގެ ލިސްޓު ބަދަލުކޮށް، އިސްލާހުކޮށްފައިވާތީ ވަކީލުން އެކަމަށް އިއުތިރާޒު ކުރި އެވެ. އަދި ދައުވާކުރުމަށް ފަހު ޝަރީއަތް ފެށުމުގެ ކުރިން ތިން ހެއްކެއް އިތުރުކުރި ކަމަށާއި މިއީ މައްސަލަ އަނބުރާ ގެންދިއުމަށް ފަހު އަލުން ހުށަހެޅި މައްސަލައެއްގެ ގޮތުގައި ނިންމައިދޭން ހުށަހެޅި އެވެ. ވަކީލުންގެ ފަރާތުން ދެން ހުށަހެޅީ މިކަންކަމަށް ރިއާޔަތް ކުރުމަށްފަހު މިހާރު ކުރިޔަސްދާ މައްސަލައަކީ ގާނޫނާއި ހިލާފަށް ކުރިޔަށް ދާ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށެވެ.

މީގެ އިތުރުން ރައީސް ޔާމީނަށް ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ލިބިފައިނުވާކަން ފާހަގަކޮށް ވަކީލުން ވިދާޅުވީ ތަހުގީގުގައި ސުވާލު ކުރުމުގެ ކުރިން ކުށަށް ދޭން ޖެހޭ ގާނޫނީ އިންޒާރު ދީފައި ނުވާ ކަމަށެވެ.

ރައީސް ޔާމީންގެ ހުށަހެޅުންތަކުތެ ތެރޭގައި އެމްއެމްޕީއާރުސީ މައްސަލައިގެ ލިޔުންތަކާއި، ތަހުގީގުގެ ހޯދުންތަކުގެ ލޮގުތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ހިމެނެ އެވެ.

ރައީސް ޔާމީންގެ ހުށަހެޅުންތަކަށް ދައުލަތުން އިންކާރު

އަދީބާއި ޒިޔަތަކީ ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދޭން އުފައްދާފައިވާ މެޝިނެއްގެ ގޮތުގައި ސިފަކޮށް، ރައީސް ޔާމީންގެ ވަކީލުން ދެއްކެވި ވާހަކައިގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ ހިޔާނާތް ހިންގުމުގައި އެ ދެމީހުން ދައުރެއް އޮތުމާއި އެކު ކަންހިނގައިދިޔަ ގޮތް އެނގޭނެ މީހުންނަކީ އެއީ ކަމަށެވެ. ހިޔާނާތް ހިނގައިދިޔަ އިރު ޒިޔަތަކީ އެމްއެމްޕީއާރުސީގެ އެމްޑީއަށްވާއިރު އޭނާ އެ މަގާމަށް އައްޔަނު ކުރީ ދައުވާ ލިބޭ ރައީސް ޔާމީން ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓަރަކަށް އަދީބު އައްޔަނު ކުރީ ވެސް ރައީސް ޔާމީންކަމަށް ދައުލަތުން ބުންޏެވެ.

އަދީބާއި ޒިޔަތުއަކީ ފާސިގުންކަމަށް ތަކުރާރުކޮށް ދައްކާ ވާހަކައަށް، ދައުލަތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދެއްކި އެވެ. އަދި ބޮޑެތި ސްކޭމްތަކުގެ އެތެރޭގެ މައުލޫމަތު އެނގޭނީ، އެކަން ކުރި ބައެއް މެދުވެރިކޮށްކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ. ބޮޑެތި ކުށްތައް ކުރާ މީހުން މެދުވެރިކޮށް މައުލޫމާތު ހޯދައި، އެ މީހުން ކުށަށް އިއުތިރާފުވެ ކަން ހިނގައިދިދޔަ ގޮތް އެ މީހުން މެދުވެރިކޮށް ހޯދުމަކީ ދުނިޔޭގެ ނަޒަރުން އާކަމެއް ނޫން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުން މިސާލެއްގެ ގޮތުގައި ނެންނެގެވީ، ބްރެޒިލްގައި މިހާތަނަށް ހިނގައިދިޔަ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ޕެޓްރޯބްރާސް ސްކޭމް އެވެ. ނުވަތަ އޮޕަރޭޝަން ކާ ވޮޝް އެވެ. ދައުލަތުން ބުނެފައިވާ ގޮތުން، މިއީ އެމްއެމްޕީއާރުސީގެ މައްސަލައާއި ދާދި އެއްގޮތަކަށް ހިނގައިދިޔަ އަމަލެކެވެ.

ދައުލަތުން ބުނެފައިވަނީ މަނީ ލޯންޑްރިން ފަދަ ބޮޑެތި ކުށްތަކުގައި އެތައް ބައެއްގެ ބައިވެރިވުން އޮންނާނެ ކަމަށެވެ. އެހެން ކަމުން ހެކި ބަސް ނެގުމުގައި އެކަމަށް ރިއާޔަތް ކުރަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މި މައުޟޫއަށް ދައުލަތުން އިތުރަށް ބުނެފައިވަނީ، ކުށްވެރިއަކު ކުށަށް އިއުތިރާފުވެ އޭނާއާއި އެކު އެ އަމަލެއް ހިންގި މީހުން ހޯދުމަށް އެއްބާރުލުން ދޭނަމަ އިއުތިރާފުގެ އެއްބަސްވުމެއް ގާއިމު ކުރެވިދާނެ ކަމަށެވެ. އެހެން ކަމުން މިފަދަ ބޮޑު މައްސަލައެއް ސާބިތު ކުރެވޭނީ ހެކިންގެ ހެކި ބަހުންނާއި، ކިތާބީ ހެކިތަކުގައި ވާ މައުލޫމާތާއި އެއާއި ގުޅުން ހުރި ކަންކަމަށް ބެލުމަށްފަހު ކަމުން، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މި އުސޫލަށް ޕްރެކްޓިސް ކުރާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ބައެއް ހެކިންތައް ދައުވާގެ މައުޟޫއާއި ނުގުޅޭކަމަށް ދިފާއީ ވަކީލުން ވިދާޅުވުމުން، ދައުލަތުން ބުނެފައިވަނީ އެއީ މައްސަލައިގެ މުހިންމު ހެކިތަކެއް ކަމަށެވެ. އަދި ފުއްގިރި މައްސަލައިގެ މުއާމަލާތް ހިނގައިދިޔަ ގޮތް ސާބިތު ކުރެވޭނީ އެ މީހުންގެ ހެކި ބަހަށް ރިއާޔަތް ކުރެވިގެންކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ފަހު ފުރުސަތުގައި ދައުލަތުގެ ވާހަކައަށް ރައްދު ދެއްވަން ރައީސް ޔާމީންގެ ވަކީލުން އެދުމުން އެކަމަށް ދައުލަތުން އިންކާރުކޮށް ބުނީ، އެ ފުރުސަތު އެގޮތަށް ދޭނަމަ ދެން ނިމުމެއް ނޯންނާނެ ކަމަށެވެ.

ގާނޫނީ އިންޒާރު ދިނުމާއި ބެހޭ ގޮތުން ވަކީލުން ދެއްކެވި ވާހަކައަށް ރައްދުދީ، ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓާރ އަހުމަދު ނައުފަލް ވިދާޅުވީ ގާނޫނީ އިންޒާރު ދިނީ ރިޝްވަތުގެ ކުށާ ގުޅިގެން ކަމަށެވެ. ދައުވާކޮށްފައި ވަނީ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ކުށުގައިކަމަށް ވުމުން އެކަމަށް ޖަވާބުދާރީވުމަށް ފުރުސަތު ލިބުނު ކަމަށް ގަބޫލު ކުރާ ކަމަށެވެ. ވަކީލު ވަނީ މިއީ އޮއްޓަރެއް ނެތް ހުށަހެޅުމެއްގެ ގޮތުގައި ވިދާޅުވެފަ އެވެ.

ދެ ގަޑިއިރަށް ދިގު ދެމިގެން ދިޔަ މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، ހެކި ބަސް ހާމަ ކުރުމާއި ސިއްރު ކުރުމާއި ބަލައިގަތުމާ ގުޅޭ ގޮތުން ދެ ފަރާތުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތަކަށް އޮންނަ އޮކްޓޯބަރު މަހުގެ 04 ގައި ދުވަހު ބާއްވާ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: