ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް: ދައުލަތުން ހުށަހެޅީ ދައުވާއާއި ގުޅޭ ލިޔުމެއް ނުދޭން!

ކުރީގެ ރއީސް ޔާމިން އަބްދުލް ގައްޔޫމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ފުލުހުންގެ ތަހުގީގާ ގުޅޭ ބައެއް ލިޔުންތައް ސިއްރުކޮށް، އެލިޔުންތައް ދޫ ނުކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓަރ ޖެނެރަލް ކޯޓުގައި އެދިވަޑައިގެންފި އެވެ.

ހިޔާނާތުގެ މަންފާ ހޯދިކަމަށް ބުނާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރީގެ މައްސަލައަކީ ރަށް ކުއްޔަށް ދޫކުރުމުގައި ހިމެނޭ މުއާމަލާތާއި ގުޅޭ މައްސަލައެކެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

މި ދެ ދައުވާ އާ ގުޅިގެން މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 (އެއް މިލިއަން ތިންލައްކަ ސާޅީސް ނުވަހާސް އަށްސަތޭކަ އަށްޑިހަ ފަހެއް) ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 (ދެ މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް ދުއިސައްތަ ފަންސާސް) ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 (ތިރީސް ހަތަރު މިލިއަން ހަލައްކަ އަށްޑިހަ ނުވަހާސް ހަތަރުސަތޭކަ ފަންސަވީސް) ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެއެވެ.

މިއަދު މައްސަލައިގައި ކުރިޔަށް ގެންދިޔައީ އިބްތިދާއީ އަޑުއެހުމެކެވެ. ގިނަ ދުވަސްތަކަކަށް ފަހު ކްރިމިނަލް ކޯޓަށް ހާޒިރުވެގެން ކުރިޔަށް ގެންދިޔަ މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާއި ގުޅިގެން ދައުލަތުން ހުށަހެޅީ އެންމެ ހުށަހެޅުމެކެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 117 ވަނަ މާއްދާގެ ދައުލަތުން ހުށަހެޅި ހުށަހެޅުމެކެވެ. މި ހުށަހެޅުމަކީ އެ ގާނޫނުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުން ހުށަހަޅާފައިވާ ރިޕޯޓެއްގެ ވަކި މިންވަރެއް ހާމަ ނުކޮށް ރައީސް ޔާމީނަށް، ޝަރީއަތުން ކަނޑައަޅުއްވާ ޝަރުތުތަކާއި އެއްގޮތަށް، ޝަރީއަތުގައި ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައިވާ ހުށަހެޅުމެކެވެ. މި ރިޕޯޓުތަކަކީ މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފުލުހުންގެ މޯބައިލް ފޮރެންސިކް ރިޕޯޓުގެ އެންއެކްސް ހިމެނޭ ސީޑީ އެކެވެ.

ދައުލަތުގެ ފަރާތުން އައިޝަތު މުހައްމަދު މިއަދުގެ އަޑުއެހުމުގައި ވަނީ، ހުށަހަޅާފައިވާ ސީޑީތަކުގެ އެންއެކްސް ރައްކާތެރިކަން ކަށަވަރުކުރުމުގެ އަމުރަކަށް އެދިފަ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެ ރިޕޯޓުތަކުގައި ގިނަ އަދަދެއްގެ މީހުންގެ ޒާތީ މައުލޫމާތުތައް ހިމެނުމެވެ. އަދި އޭގައި ހިމެނޭ ޒާތީ މައުލޫމާތުތަކަކީ މިހާރު ވެސް ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ދަށުން ތިން އިދާރާއަކުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ގޮތުގައި ވަކީލު ފާހަގަ ކުރެއްވި އެވެ. އެހެން ކަމުން އެ ލިޔެކިއުންތައް ދައުވާ ލިބޭ ފަރާތަށް ދޫކޮށްފިނަމަ ބައެއްގެ ޒާތީ މައުލޫމާތުތައް މުޖްތަމައުގެ ތެރެއަށް ފެތުރިގެން ދިއުމުގެ ފުރުސަތު އޮންނާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ތަހުގީގަށް ހުރަސްއެޅުން ފަދަ މައްސަލަތައް ދިމާވެދާނެތީ، އެ ހެކިތައް ރައީސް ޔާމީނަށް ދޫނުކޮށް އެންއެކްސްތަކުގައި ވާ ޒާތީ މައުލޫމާތުތައް އުނިކުރުމަށް ފަހު ކަނޑައަޅާ ޝަރުތުތަކަކާއި އެއްގޮތަށް އެ ތަކެތި ބަލައި ދިރާސާ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ދައުލަތުން އެދުނެވެ.

ރައީސް ޔާމީނަށް ދިން ފުރުސަތުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އަބްދުﷲ ޝިޔާޒް ވިދާޅުވީ ދައުލަތުގެ ހުށަހެޅުމުގައި ކަންބޮޑުވާ ކަންތަކެއް އެބަހުރި ކަމަށެވެ. ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދި ދައުލަތުން ހުށަހެޅިއިރު، އޭގެ ސަބަބަކީ އެއީ ގާނޫނުން އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ސަބަބެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޖިނާއީއިޖުރާއަތުގެ ގާނޫނުގެ 131 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކުރާ ހާލަތްތަކުން، ހާލަތަކަށް އެ ސަބަބު ނުފެތޭކަމަށް ޝިޔާޒް ފާހަގަ ކުރި އެވެ.

ޝިޔާޒް ވިދާޅުވީ ހެކީގެ ގޮތުގައި ހުށަހަޅާ ލިޔުންތަކަކީ ސިއްރު ކުރެވޭނެ ލިޔުންތަކެއް ނޫން ކަމަށާއި، މިއީ ދިފާއަށް ދޫކުރަން ޖެހޭ އެއްޗެއް ކަން ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ޒާތީ މައުލޫމާތުތައް އުނި ކުރުމަށް ފަހު ހަމައެކަނި ޝަރީއަތުގެ މަރުހަލާގައި ދައްކާ ގޮތަށް ދައުލަތުން ބުނުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާއެއްގެ ދަށުން އުސޫލުތަކާއި މުޅިން ހިލާފު އަމަލެއް ކަމަށެވެ.

“އެ ގަޒިއްޔާގައި ބަޔާންކޮށްފައި މި އޮންނަނީ، އިންސާފުން ޝަރީއަތް ކުރުމަކީ ގާނޫނު އަސާސީގެ 142 ވަނަ މާއްދާއިން ކޮންމެ މީހަކަށް މެ ލިބިގެންވާ އަސާސީ ހައްގެއްކަން. އަދި އިންސާފުން ޝަރީއަތް ކުރުމުގައި އެންމެ އަސާސީ އެއްކަމަކީ ދައުވާ ސާބިތުކުރުމަށްޓަކައި، ތުހުމަތު ކުރެވޭ ފަރާތާއި އިދިކޮޅަށް ހުރި ހެކިތައް އެނގުމާއި، އެ ހެއްކާއި ބެހޭ ގޮތުން ސުވާލު ކުރުމުގެ ފުރުސަތު ލިބިދިނުން. ހުށަހެޅިފައިވާ ލިޔުމަކާއި ބެހޭ މައުލޫމާތެއް އެނގުމަކައި ނުލާ ހެކީންނާއި ސުވާލު ކުރުމަކީ އެދެވޭ ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން.” ޝިޔާޒް

ޝިޔާޒް ވިދާޅުވީ ލިޔެކިއުންތައް ނުލިބި ޖަވާބުދާރީވާން ދަތިވާނެކަން ތަކުރާރުކޮށް ފާހަގަކޮށްފައިވާނެ ކަމަށެވެ. މިއީ މައްސަލައިގައި ދައުވާ ސާބިތުކުރުމަށް ދައުލަތުން ބަރޯސާވާ ލިޔުމަކަށްވާއިރު، ދިފާއުން އެ ބަލައި އެޔާއި މެދު ހުށަޅުމެއް އޮތްނަމަ އެ ފުރުސަތު ލިބެންޖެހޭނެކަމަށް ޝިޔާޒް ވިދާޅުވި އެވެ. އެހެން ކަމުން ދައުލަތުން އެ ސިއްރު ކުރުމަށް ކުރާ މަސައްކަތް ކުށްވެރިކުރާކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

“އެހެން ކަމުން އަޅުގަނޑުމެން އެދެނީ މިހާރު ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 131 ވަނަ މާއްދާއިން ބަޔާންކުރާ ހާލަތުން ކުރެން ހާލަތެއް މި ދެންނެވި ލިޔުންތައް ނުފެތޭ ސަބަބަކީ އެއީ ފުރަތަމަ ހާލަތުގައި ބަޔާން ކުރާ ޖިސްމާނީ ނުވަތަ ފުރަތަމަ ސަބަބުގައި ބަޔާން ކުރާ އިގްތިސޯދީ ގެއްލުމެއް، ނޫނީ މީހަކަށް މަޖުބޫރު ކުރުމުގެ އަމަލެއް މި ލިޔުމަކުންނެއް ނުހިނގާ.. އެފަދަ ސަބަބެއް ނެތް… އެފަދަ ސަބަބެއް އޮތްކަމަށް ވެސް ދައުލަތުން ވިދާޅެއް ނުވޭ…” ޝިޔާޒް

ލިޔުންތައް ދޫކޮށްފިނަމަ ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ދައުލަތުން ބުނާ ވަހަކައިގެ ރައްދުގައި ޝިޔާޒް ވިދާޅުވީ “މީހަކު ހިނގާ ގޮތަކުން ވެސް ތަހުގީގަށް ހުރައެޅިދާނެކަމަށް” ދައުލަތުން ބުނެފާނެ ކަމަށެވެ. އަދި މިހާތަނަށް ދައުލަތުން ދޫކުރި އެއްވެސް ލިޔެކިއުމަކުން ތަހުގީގަށް ހުރައެޅޭފަދަ އެއްވެސް އަމަލެއް ދިފާއިން ހިންގާފައި ނޯންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ ޝިޔާޒް ހުށަހެޅީ ދައުލަތުން އެދުނު ގޮތަކަށް އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ނިންމައި، ލިޔެކިއުންތައް ދޫކުރުމަށެވެ.

ދެ ގަޑިއިރަށް ދިގު ދެމިގެން ދިޔަ މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، ހެކި ބަސް ހާމަ ކުރުމާއި ސިއްރު ކުރުމާއި ބަލައިގަތުމާ ގުޅޭ ގޮތުން ދެ ފަރާތުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތަކަށް އޮންނަ އޮކްޓޯބަރު މަހުގެ 04 ގައި ދުވަހު ބާއްވާ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: