ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުލޫފްގެ މައްސަލައިގައި ލަންކާ މީހާގެ ބަޔާން ނެގީ ގާނޫނާއި ހިލާފަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރަކަށް ހުންނަވައިގެން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުކޮށްފައިވާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ހިންގާ ތަހުގީގު ކުރިޔަށް ގެންގޮސްފައިވަނީ ގޯސްކޮށްކަމަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ކޮމިޝަނަށް އަންގައިފި އެވެ.

މީޑިއާތަކުގައި ރިޕޯޓު ކުރަމުންދާ މި ހަބަރާއި ބެހޭ ތަފްސީލުތަކަށް އެދުމުން އެސެޓް ރިކަވަރީ ކޮމިޝަނުން އެކަން ދޮގެއް ނުކުރެ އެވެ. އަދި ރައީސް އޮފީހާއި ރިޔާސީ ކޮމިޝަނާއި ދެމެދު ދެކެވޭ ވާހަކަތަކާއި ބެހޭ އެއްވެސް މައުލޫމާތެއް މީޑިއާތަކާއި ހިއްސާ ނުކުރާކަމަށް ބުންޏެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެގެން އައީ، ތަހުގީގުގެ ބޭނުމަށް ލަންކާ މީހެއްގެ ހެކި ބަސް ނަގަން އެސެޓް ރިކަވަރީ ކޮމިޝަނުން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް އަމަލުކޮށްފައިވަނީ ގާނޫނާއި ހިލާފަށްކަމަށް ބުނެ މަހުލޫފްގެ ފަރާތުން ރައީސް ސޯލިހަށް ސިޓީއެއް ހުށަހެޅުމުންނެވެ. އަދި އެކަމާއި ބެހޭ ތަފްސީލުތައް މަހުލޫފް ސޯޝަލް މީޑިއާގައި ވެސް ދެއްވާފައި ވެއެވެ.

ޖިނާއީ މައްސަލަތަކުގައި މީހެއްގެ ބަޔާން ނެގުމަށް އަމަލު ކުރަންޖެހޭ ވަކި އުސޫލެއް އޮވެ އެވެ. އެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނީ ރަސްމީކޮށް އެ ގައުމެއްގެ ސަރުކާރެއްގައި ގާނޫނީ އެހީތެރިކަމަށް އެދި ހުށަހަޅައިގެންނެވެ.

މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހުލޫފް ފޮނުވި ސިޓީއާއި ލަންކާގައި ހުރި މީހެއްގެ ހެކި ބަސް ގާނޫނާއި ހިލާފަށް ނެގި މައްސަލައިގައި ރައީސް ސޯލިހާއި މީޑިއާތަކުން ސުވާލު ކުރި އެވެ. އެކަން ހިނގާފައިވާ ގޮތް ބެލުމަށް ފޮރިން މިނިސްޓްރީއަށް އަންގާފައިވާކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ މަހްލޫފްގެ ސިޓީގައި އެންމެ ބޮޑަށް ފާހަގަ ކުރައްވާފައި އޮތީ އިޖުރާއަތުތަކާއި ހިލާފަށް ލަންކާގައި ހުރި މީހެއްގެ ބަޔާން ނެގި ކަމުގެ ޝަކުވާ ކަމަށެވެ. އެހެން ކަމުން އެކަން ހިނގައިދިޔަ ގޮތް ސާފު ކުރުމަށް ފަހު އެމަނިކުފާނަށް ފާހަގަވާ ކަންކަން އެސެޓް ރިކަވަރީ ކޮމިޝަނަށް ހުށަހެޅުމަށްފަހު، މައްސަލައެއް އުޅޭ ނަމަ އެކަން ހާމަ ކުރައްވާނެކަން ރައީސް އެ ދުވަހު ހާމަ ކުރެއްވި އެވެ.

“ސަންގު” އަށް އެނގިފައިވާ ގޮތުން މައްސަލަ ބެލުމަށް ފަހު ރައީސް އޮފީހުން ވަނީ އިޖުރާއަތްތައް ކުރިޔަށް ގެންދިޔައީ ގޯސްކޮށް ކަމަށް އަންގާފަ އެވެ. އެ އެންގުމުގައި ވަނީ ބަޔާން ނެގުމުގެ ކުރިން ފޮނުވަން ޖެހޭ “މިއުޗުއަލް ލީގަލް އެސިސްޓެންސް ރިކުއެސްޓު” ފޮނުވާފައި ނުވާ ކަމަށެވެ.

ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގައި ބޭރު މީހެއްގެ ބަޔާން ނަގަން ޖެހިއްޖެ ހާލަތެއްގައި އަމަލު ކުރަންޖެހޭ ގޮތް ބަޔާންކޮށްފައި ވެއެވެ.

ހިޔާނާތުގެ ލިސްޓުގައި ނަން ހިމެނުނު މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މިދިޔަ ޖޫން 09 ގައި ފޮނުވި ހިސާބުން ފެށިގެން މަހުލޫފު ހުންނެވީ ސަސްޕެންޝަނުގަ އެވެ. މައްސަލާގައި ގޮތެއް ނުނިމި ދިގުލައިގެން ދާތީ މަހުލޫފް ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި މެދު ނުރުހުން ފާޅުކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: