ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަކުވާ ހުށަހެޅުމުން ވެސް މަހުލޫފަށް އިންތިހާބުގައި ވާދަ ކުރެވޭނެ ގޮތެއް ނުވި!

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް އަންގާފައިވާ އެންގުން މުރާޖައާ ކުރުމަށް ފަހު އެ ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ޕާޓީގެ ޝަކުވާ ބަލާ ކޮމިޓީން ނިންމައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަހްލޫފަށް މަންފާ ލިބުނު ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މިދިޔަ ޖޫން މަހު ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފަ އެވެ. ހިޔާނާތުގެ މައްސަލައާއި، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލަމުންދާ ކޮމިޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާ މީހުންނަށް ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް އެމްޑީޕީގެ ގައުމީ ހިނގާ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އެ ނިންމުމުގެ ސަބަބުން، ހިޔާނާތުގެ މައްސަލައިގައި ދެވަނަ ފަހަރަށް ސަސްޕެންޝަންގައި ހުންނެވި މަހުލޫފަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އެ ނިންމުން އާއްމު ކުރިއިރު މަހުލޫފް އޮތީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ކުރިމަތިލާ ކެމްޕެއިން ހަރަކާތްތައް ވެސް ފަށާފަ އެވެ.

ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނެންގެވިކަމަށް ބުނެ މަހުލޫފްގެ ނަން ހިމެނިފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ތަހުގީގުގަ އެވެ. މި ސަރުކާރުން އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ލިސްޓުގައި ނަން އޮތްކަން ރަސްމީކޮށް ހާމަވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ލިސްޓު އާއްމު ކުރުމުންނެވެ. އޭގެ ފަހުން މަހުލޫފްގެ މައްޗަށް ދައުވާކޮށް ދޭން އެދި ޕީޖީއަށް އޭސީސީން މިދިޔަ ޖޫން މަހު ހުށަހެޅި ނަމަވެސް މައްސަލައިގައި ޕީޖީން އަދިވެސް ގޮތެއް ނިންމާފައި ނުވެ އެވެ.

މަހުލޫފްގެ މައްސަލަ ދިގުލައިގެން ދަނީ ބައެއް ހެކިތައް ހޯދަން ޖެހޭތީކަމަށް މީޑިއާތަކުގެ ސުވާލަށް ޕީޖީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެ މައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލޭތީ އެކަމާއި މެދު މަހުލޫފް ވަނީ ވަރަށް ބޮޑަށް ނުރުހުންފާޅު ކުރައްވާފަ އެވެ. އަދި އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް އަންގައި އެމްޑީޕީން ރަސްމީކޮށް ސިޓީއެއް ފޮނުވުމުން މަހުލޫފް އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅި އެވެ. އޭނާއި އެކު ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިސްތިއުނާފަށް ހުށަހެޅި މައްސަލައިގައި، އޭނާގެ ޝަކުވާ ބަލައިގަނެ އިންތިހާބުގައި ވާދަ ކުރެވޭނެކަން ވަނީ އަންގާފަ އެވެ.

މަހުލޫފްގެ ޝަކުވާގެ ޖަވާބެއްގެ ގޮތުގައި ބުނެފައިވަނީ، އޭނާއަށް އިންތިހާބުގައި ވާދަ ނުކުރޭނެކަމަށް ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ. އެކަން ޓްވީޓަކުން ހާމަކުރުމަށް ފަހު، އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މަހުލޫފްގެ މައްސަލަ ޕީޖީއަށް ފޮނުވައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީޑިއާތަކަށް އާއްމު ކުރި ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000 އެމެރިކާ ޑޮލަރު މަހުލޫފަށް ރިޝްވަތުގެ ގޮތުގައި ލިބިފައިވާކަމަށެވެ. ހިޔާނާތުގެ ފައިސާތައް އެކި މީހުންނަށް ޓްރާންސްފާރ ކުރަމުން ދިޔަ އެސްއޯއެފްގެ ޗެކަކުން މަހުލޫފްގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އޭރުގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު އޭނާއަށް ދިން ފައިސާކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

ޑޮލަރު ގަނެފައިވާކަމަށް އެއްބަސްވެ، އެއީ ސައްހަ މުއާމަލާތެއްގެ ގޮތުގައި މަހުލޫފް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް އޭސީސީގެ ބަޔާނުގައި ވާ ގޮތުން އެއީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާއެއް ނޫނެވެ.

މި މައްސަލައިގައި އެސެޓް ރިކަވަރީ ކޮމިޝަނުން ލަންކާ މީހެއްގެ ބަޔާން، އެމްބަސީ މެދުވެރިކޮށް ނަގާފައިވަނީ ގޯސްކޮށް ކަމަށް ބުނެ މަހުލޫފްގެ ފަރާތުން ހުށަހެޅި ސިޓީގެ މައްސަލަ ބަލައި ރައީސް އޮފީހުން ވަނީ އެކަން ހިނގާފައިވަނީ ގާނޫނާއި ހިލާފަށްކަމަށް ރިޔާސީ ކޮމިޝަނަށް އަންގާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: