ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެނީ ރައްޔިތުން، ކަނީ ސަރުކާރުން؟

ދިވެހި ޒުވާނުން ބޭނުންވަނީ ސަރަހައްދީ ސިޔާސީ ކޯޅުމަށް ވުރެ ބޮޑަށް ސުލްހަވެރިކަމާއި އަމާންކަން، ކަމަށް ބުނެ ލިޔެފައިވާ ބޯޑުތަކެއް ހިފައިގެން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަގުމަތިން ފެނުނު މަންޒަރެކެވެ. ޒުވާނުންގެ ބަޔަކު ކާނެ އެއްޗެއް ނެތިގެން ގަސްބުޑެއްގެ ކައިރީގައި ހުރި ޑަސްބިނަކުން ކުނީގެ ތެރެއިން ކާއެއްޗެއް ނަގައި ކާ މަންޒަރު ބެލީ އަސަރާއިއެކުގަ އެވެ. ފެނުނީކީއެއް އަޅުގަނޑަކަށް އެކަންޏެއްވެސް ނޫނެވެ. މިއީ މިހާރު މިފަހަކަށް އައިސް އެކިފަހަރުމަތިން އެކި މީހުންނަށް ފެންނަ މަންޒަރުތަކެކެވެ.

ރާއްޖޭގެ އާބާދީގެ 40 އިންސައްތައަކީ ޒުވާނުންނެވެ. ކޮންމެ ގައުމެއްގެވެސް، އެ ގައުމެއްގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އެގައުމުގެ ޒުވާނުންކަން އެއީ ޝައްކެއްނެތް ކަމެކެވެ. ގައުމު ތަރައްގީވެ ކުރިއަރައި ދިއުން އޮތީ އެގައުމެއްގެ ޒުވާނުންގެ ހިންމަތާއި ހިތްވަރާއި ހުނަރު އަދި ގާބިލިއްޔަތުންނެވެ. ގައުމުގެ މުސްތަގުބަލާއި މެދު ކުރެވޭ އުންމީދުތަކުގެ ހަގީގީ މޭސްތިރިންނަކީ އެގައުމެއްގެ ޒުވާނުންނެވެ. ނަމަވެސް މިއަދު މިމުޖުތަމައުގެ ތެރެއިން މިފެންނަ މަންޒަރުތަކުން ހިތް ފަޅައިގެންދާހައިވަރުވެސް ވެއެވެ.

މާލޭގެ މަޖީދީމަގުގައި އިށީނދެގެންނާއި ބާޒާރާއި މާރުކޭޓު ސަރަހައްދުތަކުގައި، އަދި ހޮސްޕިޓަލްތަކުގެ ކުރިމަތީގައި ސަލާންޖަހާ މީހުންގެ އަދަދު ދަނީ މަދުވަމުންނެއް ނޫނެވެ. ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެއިން ކޮންމެ މީހެއްގެ ބޮލުގައި “މަސްތުގެ ޝިކާރައަކަށް ވެފައިވާ މީހެއް” ގެ ޓެގު އެޅުވޭނެބާވައެވެ؟ އޭގެ ތެރެއިން ފެންނަ ކޮންމެ މީހަކީވެސް ކޮންމެވެސް ނުބައި ކަމެއް ކޮށްގެން ބިކަވެފައިތިބި ކަމުގެ ޔަގީންކަން  އެކަކަށްވެސް ދެވޭނެބާވައެވެ؟

އަދި ހަމައެކަނި ޒުވާނުންނެއް ވެސް ނޫނެވެ. މުސްކުޅިވެ ބިކަ ހާލުގައި ތިބޭ ފަގީރު މީހުންގެވެސް ހާލަކީ މިއީއެވެ. އެހީގެ އަތެއް ދިއްކޮށް ނުލާ ހާލު ރަހުމުގެ ލޮލަކުން ބަލައިލާނެ މީހަކުވެސް މިއަދަކު ނުފެނެއެވެ.

އޭގެތެރެއިން ފަގީރު، އަދި ނިކަމެތި ހާލާއި ގުޅިގެން، ކާނެ އެތިކޮޅެއް ނުލިބި ސަލާންޖަހަން ތިބި މީހުންވެސް ތިބޭނެއެވެ. ބަނޑުހައި ހޫނުކަންމަތީގައި ދުވާލު ހަތަރުދަމު ތިބެންޖެހިފައިވާ މީހުން ތިބޭނެއެވެ. މިކަން މިހެން ވާއިރު، ސުވާލު އުފެދެނީ ރާއްޖެ މިހާލަތަށް ވެއްޓެން ދިމާވީ ކީއްވެކަމެވެ. އެއިން އެއްވެސް މީހަކަށް ދެވޭނެ އެހީތެރިކަމެއް ނެތީބާވައެވެ؟ހަމަ ނެތީހެއްޔެވެ؟

ދައުލަތުގެ އާމްދަނީއާއި ރައްޔިތުންގެ އަތުން ނަގާ ޓެކްސް އަކީ ހަމައެކަނި އިސް މަގާމުތަކުގައި ތިބި މީހުންގެ ޖީބު ފުރަން ހުރި އެއްޗެއް ބާވައެވެ. މިހެން މިބުނީކީ ހެއްކެއް ނެތިއެއްވެސް ނޫނެވެ. ރާއްޖޭގައި ކަންހިނގަނީ ހަމަ މިބުނިގޮތަށް އެއްވެސް ތަފާތެއް ނެތިއެވެ. މިއަދު ފެނިގެންދަނީ ދައުލަތުގެ އާމްދަނީއަށާއި، ރައްޔިތުން އަތުން ޓެކްސް ގެ ގޮތުގައި ނަގާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެވޭތަނެވެ. އޭގެ އިންތިހާ ބޭނުން ޖެހިފައިވާ، އަދި އެންމެ ހައްގުވެގެންވާ ރައްޔިތުމީހާއަށް ނުދީ އިސްރާފުކުރެވޭ ތަނެވެ.

ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް، އެމީހުންގެ ހައްގު ހޯދައިދިނުމަށްޓަކައި މަގާމަށް އަރައިތިބި މަޖިލިސް މެންބަރުންވެސް ފެންނަނީ އެބޭފުޅުންގެ ޒާތީ ކަންކަމަށް މަންފާ ލިބޭ ގޮތަށް ކަންކަން ކުރަން މަޖިލީހަށް ހުށަހަޅަމުންދާތަނެވެ. ނިކަމެތި ހާލުގައި  އަތެއްހައި ކުޑަ ޖިފުޓިއެއްގައި މާލޭގައި މީހުންތައް ދިރިއުޅޭއިރު މަޖިލިސް މެމްބަރުންނަށް ވެސް ކެރުނީ މަޖިލީހުގެ ކޮންމެ މެންބަރަކަށް އެ މެންބަރެއް ދިރިއުޅުއްވާ ގޭގެ ކައިރިން ޕާކިން ސްލޮޓެއް ހަމަޖައްސައި ދިނުމަށް ހުށަހަޅަންށެވެ.

ހަމައެހެންމެ ސަރުކާރުގެ އިސް މަގާމުތަކުގައާއި މަޖިލީހުގެ މަގާމުތަކުގައި ތިއްބަވާ ގިނަ ބަޔަކަށް ޖީބު ފުރި ބާރުވަންދެން ބޮޑެތި މުސާރަ ލިބޭއިރު، އޭގެތެރެއިން ރައްޔިތުންނަށް ހޯދައިދޭންވާ ހައްގާއި، ހިދުމަތް ދޭން މަސައްކަތްކުރަނީ ވަރަށް މަދު މެމްބަރުންނެކެވެ. ނިކަމެތި ރައްޔިތުންގެ ޝަކުވާތައް މަޖިލީހަށް ހުށަހެޅުމަށް އަހަންމިއްޔަތުކަމެއް ނުދީ އެއް އަހަރުދުވަހު ޖަލްސާތަކަށް ނުދިޔަނަމަވެސް ގޮނޑި ގެއްލުމުގެ ބިރެއްވެސް ނޯވެއެވެ. އަދި ނުދިއުމުގެ އިތުރަށް، އެއީ ސިޔާސީގޮތުން ނުފޫޒުވެރި މީހެއްނަމަ، އޭނާ އަދި ކަމެއް ނުކުރުމުންވެސް މަގާމާއި މުސާރަ ގެއްލުމަކީ އެއްވެސް ގޮތަކަށް ވާނެކަމެއް ނޫނެވެ.

ހަމައެހެންމެ މި ސަރުކާރުގެ ވުޒާރާތަކަށް އައްޔަން ކޮށްފައި ތިބި މިނިސްޓަރުންގެ އަދަދާއި، ކޮމިޝަންތަކާއި އެކޮމިޝަންތަކަށް ބޭކާރު ގޮތުގައި ބޭފުޅުން އައްޔަންކުރުމުގެ އިތުރުން، އެ ކޮމިޝަންތަކުން ކުރާ މަސައްކަތެއް ފެންނަ ނެތް ކަމަކީވެސް އަރަތެއް ކަހަލަ ކަމެކެވެ. ކޮމިޝަންތަކެއް ހަދައި މެންބަރުންތަކެއް އައްޔަން ކޮށް ސަރުކާރުން އެ ބަޔަކަށް މުސާރަ ދެމުންދާ އިރު ކުރާ މަސައްކަތުގެ ނަތީޖާ ނުފެންނަކަމަކީ ދައުލަތަށް ލިބެންވާ އާމްދަނީއާއި، ރައްޔިތުން ދައްކަމުން ގެންދާ ޓެކްސް އޭގެ އެންމެ ބޭނުންތެރިގޮތުގައި ހަރަދުކުރުން ބާވައޭ ހިތަށް އަރައެވެ. ކޮންމެ ބޭފުޅަކު މިނިސްޓަރު ކަމުގެ މަގާމަށް އައުމަށްފަހުގައި، އެބޭފުޅެއްގެ މުސާރައިން ތިން ހަތަރު ފަސް ބިން ގަންނަ ވަރަށް މުސާރަވެސް ފަލަބާވައޭ ހިތަށް އަރައެވެ. މި

އީ އެއްގޮތަކަށްވެސް ވަކި ފަރާތަކަށް ބުރަވެ ހުރެވެސް ދެއްކެން އޮތް ވާހަކައެއް ނޫނެވެ. މިސަރުކާރުވެސް އައީ މިއީ އޯގާތެރި ސަރުކާރެކޭ ކިޔައިގެންނެވެ. ހަމައެހެންމެ ބޭކާރު ހަރަދުތައް ނުކުރުމަށް އެންމެ ބޮޑަށް ގޮވާލި އެއް ޕާޓީއަކީ އެމްޑީޕީއެވެ. އެހެނެއްކަމަކު އެމްޑީޕީވެސް ވެރިކަމަށް އައުމަށް ފަހުގައި ކަންތައްތައް ވަނީ ހަމަ ކޮންމެ ވެރިކަމެއްގައިވެސް އޮންނަ ގޮތަށެވެ. ކޮންމެ ސަރުކާރެއް އައިނަމަވެސް ރައްޔިތުމީހާ ހުންނަން ޖެހެނީ ހަމަ އެ ނިކަމެތި ހާލުގައެވެ.

އެއަށްފަހުގައި ދެންމިފެންނަނީ ސަރުކާރުގެ މާލީ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާތަނެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ރަހުނުކޮށް ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކި ސުކޫކުން އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ދިވެހި ސަރުކާރުން ހޯދިތާ މާގިނަދުވަހެއް ނުވެ އެންމެފަހުން ސްކޫލްތައްވެސް ރަހުނުކޮށް ދަރަންޏަށް ފައިސާ ނަގަން ސަރުކާރުން ނެގީއެވެ. އެންމެ ސްކޫލެއް ދެ ސްކޫލެއް ނޫނެވެ. 9 ސްކޫލެކެވެ. މިކަމުން އުފެދޭ ސުވާލަކީ ދައުލަތުގެ މާލު ހުސްވާއިރުގައި ވެސް އަދިވެސް ކުރަންވީ އެއިން އިސްރާފުތޯއެވެ؟

މި ސަރުކާރުން ހިލޭ އެހީގެ ގޮތުގަ އާއި ބޭރުގެ އެހީގައި ފައިސާ ހޯދުމައްޓަކައި އަޅަމުން މިގެންދާ ފިޔަވަޅުތަކަކީ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާ ކަންކަމެވެ. މިފަދަ ބޮޑެތި ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން އެއްވެސް ވަރަކަށް ރައްޔިތުންނާއި މިކަން ހިއްސާނުކޮށް، ރައްޔިތުންގެ މަޝްވަރާއާއި ލަފާ ނުހޯދައި ފިޔަވަޅު އެޅުމަކީ އެންމެ ބުއްދިވެރިގޮތްބާވައެވެ؟ ރައްޔިތުންގެ ބަހަކީ އެއްވެސް އަގެއް އޮތް އެއްޗެއް ބާވައޭ ހިތަށް އަރައެވެ.

ސަރުކާރުން ކުރާ ހޭދައިގެ ވާހަކަތައް ދައްކާއިރު ކޮވިޑް ބަލި މަޑުކަމާ އެކީ ރާއްޖެއަށް ދިމާވި އިގްތިސޯދީ ހީނަރުކަމުން އަރައިގަތުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް އެބަ ކުރެވެއެވެ. އެހެންނަމަވެސް ކުރި ކަމެއް ކުރެވުނު ތަން މިފެނުނީ ހިލޭ އެހީގެ ދަށުންނެވެ. މިހާލަތުން އަރައިގައުމަށްޓަކައި، ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރަމުން ގެންދިޔަ ކަމެއް ހަމަ ހިލާ ނުފެނުނެވެ.

ކޮވިޑާއި ގުޅިގެން ވަޒީފާ ގެއްލުނު މީހުންގެވެސް އެތަކެއް ބަޔަކު އެބަ ތިއްބެވެ. ވަކި ދުވަސްތަކެއް ވަންދެން ވަގުތީ ގޮތުން އެހީތެރިކަމަކަށް އިންކަމް ސަޕޯޓު ފޯރުކޮށްދިނެވެ. އެއަށްފަހުގައި އަނެއްކާވެސް ރައްޔިތުން އެމީހުންގެ ނިކަމެތި ހާލަތަށް އަލުން ރުޖޫއަވެއްޖެއެވެ. ނަމަވެސް މިފަހަރު ރުޖޫއަވީ މުޅިން ތަފާތުކޮށްށެވެ. އެބައެއްގެ ގެއްލުނު ވަޒީފާއާއި އެކުގައެވެ.

ހަގީގަތުގައިވެސް މީހުން ކިޔައިއުޅެނީ ތެދު ވާހަކައެކެވެ. ނިކަމެތީންނަށް އޮތީ ހަމަ ނިކަމެތި ގޮތެވެ. އަދި މުއްސަނދިންނަށް މުއްސަނދިކަން އިތުރުވާވަރަކަށް އިތުރުވަމުންދާނެކަމަކީ ދީނީގޮތުންވެސް ދެކެވޭ ވާހަކަތަކެވެ. ކޮންމެ ބަޔަކުވެސް އިންތިހާބާއި މަގާމުގެ ބޭނުމުގައި ރައްޔިތުންނަށް އެމީހުންގެ ބޭނުންތައް ފުއްދައިދީ އަސާސީ ހައްގުތައް ގާއިމުކޮށްދިނުމުގައި މަސައްކަތް ކުރާނެކަމަށް ބުނެއުޅެއެވެ. ނަމަވެސް މަގާމަށް އެރުމުން މި ފެންނަނީ ކުލަވަރު ބަދަލުވެގެންދާ ތަނެވެ. ދޭވަރަކަށް ދޭންޖެހެނީ ރައްޔިތުންނެވެ. އޭގެ ނަހަމަ ފައިދާ ނަގަން ތިބޭ ބަޔަކު ޒިންމާ ނަގަނީ އެ ކައި ޖީބު ފުރާށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: