ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ ޕްލޭނަކީ މަތިން ބާއްވައިލެއްވި އެއްޗެއް ނޫން، ބަދަލުކުރެވޭނެ: މުއިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ޕްލޭނަކީ މަތިން ބާއްވައިލެއްވި އެއްޗެއް ނޫން ކަމަށާއި އެޕްލޭނަކީ ބަދަލުކުރެވޭނެ އެއްޗެއްކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ މާލެ ސިޓީގެ ރަށްވެހިންނާއި ބައްދަލުކުރައްވައި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ ހުޅުމާލޭގެ ޕްލޭނަކީވެސް ޕްރޮފެސަރެއްގެ ޚިޔާލާއި ވިސްނުމަށް އެކުލަވާލާފައިވާ ޕްލޭނެއް ކަމަށާއި އެޕްލޭން ބަދަލުނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެޕްލޭން ބަދަލުކޮށްގެން މިހާރަށްވުރެ ބޮޑަށް މާލޭގެ ރައްޔިތުންނަށް ބޭނުންތެރި ތަނަކަށް ހުޅުމާލެ ބަދަލުކުރެވެންޖެހޭކަމަށް މޭޔަރު ވިދާޅުވިއެވެ.

ހުޅުމާލެއިން ބިން ވިއްކަން ނިންމާފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މޭޔަރު ވިދާޅުވީ ވިޔަފާރީގެ ބޭނުމަށް ބިން ވިއްކުމުގެ ކުރިއަށް އާންމު ރައްޔިތުންނާއި މެދު ވިސްނަން ޖެހޭ ކަމަށެވެ. 60 ގޯތި ހުޅުމާލެއިން ވިއްކަން ނިންމާފައިވާތީ އެކަމަށް އަލިއަޅުއްވާލައްވައި މޭޔަރު ވިދާޅުވީ، އެންމެ ކުޑަ އަގެއްގެ ގޮތުގައި 4000 ރުފިޔާ ކަނޑައަޅައިގެން އެކަން ކުރުމަކީ، އެންމެ މުއްސަނދި މީހުންނަށް އެކަނި އަތްފޯރާ ފަށުގައި އެކަން ކުރުން ކަމަށެވެ. މިކަމަކީ މާލެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިކަން މާލެ ސިޓީ ކައުންސިލުން ކުށްވެރިކުރާ ކަމަށާއި މިކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ނިކަމެތި މީހާއަށް ބޯހިޔާވަހިކަމުގެ ވަގުތީ ހައްލަކަށް އޮތީ ފްލެޓް ކަމަށެވެ. އެހެންނަމަވެސް، އެއީ ދާއިމީ ހައްލެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށާއި ފްލެޓްތަކުގެ ތެރެއިން، މިހާރު ދޫކޮށްފައިވާ ހިޔާ ފްލެޓްތަކުގައިވެސް އެތައް މައްސަލަތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް، މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ހިއްކާފައިވާ 240 ހެކްޓަރުގެ ބިމުގައި އެކިއެކި ބޭނުންތަކަށް ބިން ނެގުމަށްފަހުވެސް އާންމުންނަށް ގޯތި ދޫކުރެވޭ ވަރަށް ޖާގަ އެބައޮތް ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކޮމާޝަލް ބޭނުންތަކަށާއި ސްކޫލް އިމާރާތްކުރުން ފަދަ އަސާސީ ބޭނުންތަކަށް ބިން ނެގުމަށްފަހުވެސް އާންމު ރައްޔިތުންނަށް ގޯތި ދޫކުރެވޭނެ ޖާގަ އެސަރަހައްދުގައި އޮންނާނެކަމަށް ވިދާޅުވިއެވެ.

“1400 އަކަފޫޓޫގެ މަދުވެގެން 500 ގޯތި އާންމު ރައްޔިތުންނަށް ދެވޭނެ ޖާގަ އެބައޮތް. އަދި އެޖާގަ ދޫކޮށްފަވެސް ވިޔަފާރި ބޭނުމަށް، ގިނަ ލާރި ހޯދަން، އަގުބޮޑުކޮށް ވިއްކަން 2000 އަކަފޫޓުގެ މަދުވެގެން 100 ގޯތީގެ ޖާގަ އޮންނާނެ” މުއިއްޒު

މުއިއްޒު ވިދާޅުވީ، މާލެ ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަތަކުގެ ބަދަލު މާލެ ރައްޔިތުންނަށް ކިރިޔާވެސް ދެވެން އޮތީ ހުޅުމާލެއިން ހިލޭ ގޯތި ދީގެންކަމަށެވެ. ހުޅުމާލޭގެ ބިން ހިއްކަން ހޭދަވި 60 މިލިއަން ޑޮލަރާއި ދެންވެސް މަގުހެދުމާއި ބޭރު ތޮށިލުން ފަދަ ހަރަދުތައް އެއްކޮަށްލުމަށްފަހުވެސް، ހިލޭ 500 ގޯތި ދޫނުކުރެވޭ މިންވަރުގެ ހަރަދެއް ނުހިނގާނެ ކަމަށާއި އެކަން އެގޮތަށް ނުކުރެވެންވީ ސަބަބެއްވެސް ނެތް ކަމަށެވެ. މާލެ ސަރަހައްދު ތަރައްގީކުރުމަށް އެތައް ދުވަހެއް ވަންދެން ހަރަދުކުރެވިއްޖެކަމަށާއި ވިޔަފާރި އުސޫލުން ކަންކުރުމުގެ ބަދަލުގައި އާންމުންނަށް ފައިދާވާ ފަދަ ގޮތަކަށް ކަންކަން ހިންގަން ބަދަލުތައް ގެންނަންޖެހޭކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

“އެއީ ސަރުކާރުގެ ސިޔާސަތު އެގޮތަށް ނިންމީމައި، ނިންމެން އޮތްކަމެއް. އަގުހެޔޮކޮށް ނުވަތަ ހިލޭ 1400 އަކަފޫޓޫގެ 500 ގޯތި ދޫކުރުމަށްފަހުވެސް އެކަން ރިކަވަރ ކުރަން އަގުބޮޑުކޮށް ގޯތި ވިއްކަން ޖާގަ އެބައޮތް” މުއިއްޒު

ބައްދަލުވުމުގައި އާންމުން ދެއްކި ވާހަކަތަކުގައި މިހާތަނަށް އައި ހުރިހާ ސަރުކާރަކުންވެސް މާލެ ރައްޔިތުންނަށް އިހުމާލުވެފައިވާ ކަމަށާއި ބޯހިޔާވަހިކަމަކީ އެންމެ އަސާސީ ހައްގުތަކުގެ ތެރެއިން އެއް ކަންތައްކަން ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަނީ މާލެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު މާކެޓިން ޓޫލްއެއްގެ ގޮތުގައި ބޭނުންކޮށް އެކަންކަމަށް ބޮޑެތި އެޖެންޑާތައް އާންމުކޮށްގެންކަމަށާއި އެހެންނަމަވެސް ވެރިކަމަށް އައުމަށްފަހު ދިރިއުޅުމުގެ ހާލަތަށް ކުރަނީ މަލާމާތްކަމަށް ވާހަކަދެއްކި އާންމުން ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: