ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައްޗަށް އެޅި ބިންގަލެއް ކެއްޗާހަމަޔަށް ނެންގަސް އޮންނާނީ ކައްޗަށެވެ!

އެމްޑީޕީ ޕްރައިމެރީއަށް ފަހު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ހަރަކާތުގައި ރައީސް ސޯލިހު އަދި ރައީށް ނަޝީދު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިމާރާތެއްގެ ބިންގަލެއް ކައްޗަށް އެޅިއްޖެނަމަ ކިތަންމެ މައްޗަށް ނެގިޔަސް އެއިމާރާތެއް ހުންނާނީ ކައްޗަށެވެ. ހަމައެހެންމެ ނުބައިގޮތަކަށް ފެށިއްޖެކަމެއް ކިތަންމެ ބޮޑުވެގެންދިޔަސް އެކަމެއް އޮންނާނީ ނުބައިކޮށެވެ. ދިވެހި ހަރުބަހަކުން ބުނަނީނަމަ ކައްޗަށް އެޅި ބިންގަލެއް ކެއްޗާހަމަޔަށް ނެންގަސް އޮންނާނީ ކައްޗަށޭ ބުނެއުޅެއެވެ. މި އިޝާރާތްކުރެވެނީ ރާއްޖޭގައި ސިޔާސީ ގޮތުން އުދެދުނު އެންމެ އިސް ޕާޓީގައި މިއަދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ އަޑީގައިވާ ހަގީގަތުގެ ވާހަކައަށެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެންނަން 1990 ގެ އަހަރުތަކުން ފެށިގެން، ގިނަ ބަޔަކު އެތައް ގުރުބާނީއެއް ވެގެން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ޕާޓީކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެދުމެވެ. އެމްޑީޕީ މިއަދު އުމުރުން 15 އަހަރު ފުރި “ފުރާވަރު އުމުރު” ފަހަނައަޅައި ދާއިރު، އެމްޑީޕީގެ ކޮންމެ މެންބަރަކު ވެސް ވަރަށް ފަހްރުވެރިކަމާ އިއެކު ބުނާ އެއްވާހަކައެއް އޮވެއެވެ.

އެއީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރަޓިކް ޕާޓީ އަކީ އެމްޑީޕީކަމާއި، ޑިމޮކްރަސީގެ ހަމަތަކާއި، މިންތަކާއި، އިންތަކަށް އެމްޑީޕީއަށްވުރެ ވަކިން ފަރިތަ އެހެން ޕާޓީއެއް ރާއްޖޭގައި ނެތް ކަމެވެ. ނަމަވެސް ފެންނަ މަންޒަރުތަކާއި މެމްބަރުންގެ ބަސްތަކަށް ބެލުމަށްފަހުގައި، ހަގީގަތަކީ އެއީބާވައޭ ހިތަށް އަރައެވެ.

ސަރުކާރު ހިންގުމާ ގުޅޭގޮތުން އެއް ޕާޓީއަކުން ނިކުތް ވާދަވެރި ދެ ކެންޑިޑޭޓުންގެ ފަހަތުގައި ޕާޓީގެ މައި ދެ “ތަނބު” ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިއްބަވާ އުފެދިފައިވާ ބޮޑު ކޯޅުންގަނޑުގެ ވާހަކަތައް މިހާރު ދޭތޭރެ ދޭ ތެރެއިން ގަދަވެއެވެ.

އަދި ޕާޓީގެ އެތެރޭގައި އުފެދިފައިވާ ނުތަނަވަސްކަން ރައްޔިތުންނާއި ހަމައަށް ތިލަވެގެން އަންނައިރު، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެތެރެއިންވެސް ކޯޅުންތައް ފެނި ޕާޓީ ވެއްޓި ފަޅަފަަޅައިގެންދާ ހިސާބުގަ އޮތް ތަންވެސް ރައްޔިތުންނަށް ދާދި ގާތުން ފެންނަމުންދެއެވެ. މިހުރިހައި ކަމެއްވެސް ގިނަ ބޭފުޅުން ސިފަ ކުރަައްވަނީ ރާވައި، ލިޔެލައިގެން ކުޅުނު ‘”ކަސޯޓީ އެޕިސޯޑެއް” ގެ ގޮތުގައެވެ.

އެއްބައިވަންތަކަމާއި، އެއްފިކުރަކަށް މަސައްކަތްކުރި ޕާޓީއެއް، ދެފެކްޝަނަކަށް ބެހި، މެމްބަރުންގެ ކޯޅުމަކަށް ދާންޖެހުނު ސަބަބަކީ ކޮބައިބާވައެވެ. މިކަމާއި ގުޅިގެން “ސަންގު” ގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވީ އެމްޑީޕީ އެންމެ ފުރަތަމަ ވެރިކަމަށް އައުމުންވެސް ރައީސް ނަޝީދު، ޕާޓީގެ އެތެރޭގެ ކަންކަން ބަދަލު ކުރެއްވުމަށް އުޅުއްވިކަމަށާއި، ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައެޅިފައިވާ ހުރިހައި ބާރުތަކެއް ވަނީ ނިގުޅައިފައިކަމަށެވެ.

ހަމައެހެންމެ ޑރ.ޑީޑީ ޕާޓީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އިރުގައިވެސް ރައީސް ނަޝީދު ޕާޓީގެ ރައީސާއި ގިނަ ކަންކަމުގައި މަޝްވަރާނުކުރައްވާކަމަށާއި، ވެރިކަމުގެ ދުވަސްވަރުގައި މުހިންމު ކަންކަމުގައި ޕާޓީގައި އިސްކޮށް އުޅުއްވާ އެއްވެސް ބޭފުޅެއްގެ މަޝްވަރާ ނުހޯއްދަވާކަމަށް ޑރ.ޑީޑީ ވިދާޅުވެފައިވެއެވެ. އަދި އޭރުގައިވެސް ރައީސް ނަޝީދުގެ އަމަލު ކުރައްވަމުން ގެންދެވި ގޮތާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑު ވިދާޅުވުން އަމާޒުވިކަމަށާއި، މެމްބަރުންގެ މެދުގައި އެކިކަހަލަ ހިޔާލުތަފާތުވުން އުފެދުނުކަމަށް ޑރ.ޑީޑީ ވަނީ ވިދާޅުވެފައެވެ. އަޅަން އުޅުނު އިމާރާތުގެ ބިންގާ އޭރުވެސް އޮތީ ކައްޗަށްށެވެ. ހަމައެހެންމެ މިކަމުގެ ސަބަބުން ޕާޓީގެ އެތެރޭގައި މެމްބަރުންގެ ފަރާތުން ރައީސް ނަޝީދަށް އޮތް ތާއީދު ކުޑަވެފައިވާކަން ފާހަގަވެގެންދެއެވެ.

އެއަށްފަހުގައި އެމްޑީޕީގެ ވެރިކަން ވެއްޓި ސަރުކާރު ބަދަލުވުމަށްފަހުގައި އަނެއްކާވެސް ރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ހޯދުމަށް ރައީސް ނަޝީދަށް އޭރު ކުރިމަތި ނުލެއްވުނީ އެމަނިކުފާނު އެވަގުތު ހުކުމެއްގައި ހުންނެވުމާއި ގުޅިގެންނެވެ.

އެހެންކަމުން އއ. އުކުޅަހުގައި އެމްޑީޕީން ބޭއްވި “އާދަޔާ ހިލާފު” ކޮންގްރެސްގައި އެޕާޓީގެ އިސް މެމްބަރުންނާއި ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ކަނޑައެޅި ޑީލުގައި އިންތިހާބުގައި ވާދަކުރުމަށް އެމަނިކުފާނު ވަނީ ރައީސް ޞާލިހަށް ރައީސްކަމަށް ކުރިމަތިލުމުގެ ޓިކެޓު ހޯއްދަވައިދެއްވާފަ އެވެ. މި ޑީލުގައި ރައީސް ޞާލިހަށް ދީފައި ވަނީ އިންތިގާލީ ވެރިކަމުގެ ޓިކެޓެއްކަމަށް ވާހަކަދެކެވެއެވެ. އަދި ރައީސްކަމުގެ މަގާމަށް ރައީސް ނަޝީދަށް އާދެވޭނެ މަގު ހޯދަވަން އެމަނިކުފާނު ބޭނުންވެއެވެ.

ނަމަވެސް ޑީލާއި ހިލާފުވެފައިވާ މަންޒަރުތައް ފެންނަމުންދާއިރު، ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައި ދެކެވޭ ވާހަކަތަކަކީ، މިއީ ދެފަރާތުންވެސް ބާރުގެ ބޭނުމުގައި ކުރަމުން ގެންދާ ކަންތައްތަކެއް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ފެކްޝަނުން ވަނީ މިއީ ރައީސް ޞާލިހް ވެވަޑައިގެންނެވި ބަގަޣާވާތުގެ އަމަލެއްކަމަށް އެމަނިކުފާނަށް ތުހުމަތުކޮށްފައެވެ.

އިސް މަގާމުތަކުގައި ހުރެ އެޕާޓީން ގެންނެވި ކެނޑިޑޭޓް ރައީސް ނަޝީދުގެ މަގާމަށް އަންނަން އުޅުނު ކޮންމެ މީހަކުވެސް އެޕާޓީން މަޑުމަޑުން އެއް ފަރާތް ކޮށްފައިވެއެވެ. މިއީ ރައީސް ނަޝީދު ވެރިކަން އަލުން ހޯއްދެވުމަށް ކުރައްވާ މަސައްކަތްތަކެއް ކަމަށް ގިނަ މެމްބަރުން ތުހުމަތު ކުރައްވާއިރު، އެމަނިކުފާނަށް ތާއީދު ކުޑަވާކަމަށާއި، ޕާޓީގެ އެންމެ އިސް ލީޑަރުގެ މައްޗަށް ބާރު ނުފޯރުވނީ އިސްލީޑަރުގެ އަތުގައި ބާރު އޮތޮމުން މަގާމުން އެއްފަރާތް ކުރެއްވުމުގެ ބާރު ރައީސް ނަޝީދުގެ މައްޗަށް ނެތުމުން ކަމަށް މެމްބަރުން ތުހުމަތުކުރެއެވެ.

ފެންނަ ފެނުމަށްވެސް މިއީ ތެދު މައުލޫމާތެއްކަން ފާހަގަވެއެވެ. ދެބަސްވުންތައް އުފެދުނީ ޒާތީ ކަމެއްގައިކަމަށް ގިނަ ބަޔަކު ބުނިނަމަވެސް ރައީސް ނަޝީދު ވަނީ ރައީސް ޞާލިހާއިއެކު ސިޔާސީ ގޮތުން މަސައްކަތެއް ކުރެވޭކަށް ނެތްކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި ހިންގެވުމާއި މެދުގައި ރައީސް ޞާލިހް ވަކި އެއްޗެއް ވިދާޅުނުވެ، ވައުދުތައް ފުއްދެވުމުގައި މަސްއޫލުވެ އުޅުއްވާކަމަށް ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު މިފަދައިން ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށް މަސައްކަތް ކުރަމުން ގެންދެއެވެ.

ކޮންމެ ގޮތެއް ވިޔަސް ގަދަ ގިނީގައި ކެކެމުން ކެކެމުންދިޔަ އެމްޑީޕީ މިވަގުތަށް އެ އޮތީ ހިހޫވެ ހިނދިފަ އެވެ. އެހެންނަމަވެސް އެއީ އަދި ކުޑަ ހިނދުކޮޅެއްގެ ކަމެކެވެ. ރައީސް ނަޝީދު ރާއްޖެ އައުމުން، ލަފާވާ ގޮތަށް މާގިނަ ދުވަހެއް ނުނަގައި އަނެއްކާވެސް ކެކެން ފަށިދާނެއެވެ. މި ހުރިހައި ކަންކަމެއްވެސް އަލުން ރަނގަޅުކުރުމަކީ ފަސޭހަ ކަމެއް ކަމަކަށް ހިއެއް ނުވެއެވެ. ބިންގާ އޭރުވެސް އޮތީ ކައްޗަށެވެ. އަދި އޭގެ ސަބަބުން މިހާރުވެސް އޮތި ހަމަ ކައްޗަށެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: