ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ކުރިހާ ވެސް ކަމަކީ ހުސްކުރާ ސޭލް އަޅުވައިގެން ވައްކަން ކުރުން: ޑރ. ޖަމީލް

ޕީޕީއެމްގެ "އައްޑަނަ" ޖަލްސާގައި ޑރ. ޖަމީލް ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ވައުދުތަކާއި އެކު ވެރިކަމަށް އައުމަށް ފަހު ޑިމޮކްރަސީގެ ނަމުގައި އެމްޑީޕީއަށް ކުރެވޭހާ ވެސް ކަމަކީ ވައްކަންކޮށް ގައުމު ލޫޓުވާލުންކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

“އައްޑަނަ” ގެ ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދިޔަ ޖަލްސާގައި ޑރ. ޖަމީލް ވަނީ މި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، ދިވެހި ރައްޔިތުން ސަރުކާރަށް ދެއްކީ ވަރުގަދަ މަންޒަރެއް ކަމަށެވެ. މިއީ އެންމެ މެމްބަރުން ގިނަ، ލާމަސީލު އަދި ހިއްވަރުގަދަ ޕަޓީކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ޑރ. ޖަމީލް ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ވަރުގަދަވީ ރައީސް ޔާމީންގެ ދުރު ވިސްނުމުގެ ސަބަބުން ކަމަށެވެ. ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީނަކީ މި ގައުމު ދުށް އެންމެ ކެރޭ ގާބިލު އަދި ތައުލީމީ ލީޑަރުކަމަށާއި އެފަދަ ދެވަނައެއް ނެތް ކަމަށެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކޮށް ޑރ. ޖަމީލް ވިދާޅުވީ އެއީ މި ގައުމު ކައި ހުސްކުރާ ސޭލް އަޅުވާ ޕާޓީ ކަމަށެވެ. ރާއްޖޭގެ އެކި ސްކޫލުތައް ރަހުނު ކުރިކަމަށް ދެކެވޭ ވާހަކައަށް ވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވައި، ޑރ. ޖަމީލް ވަނީ ދާދި ފަހުން ފެންމަތިވި ދައްޕަރުގެ މައްސަލައަށް އިޝާރާތްކޮށް ސަރުކާރުން އެ ރަށް ވެސް ވިއްކާލީކަމަށް ވިދާޅުވެފަ އެވެ.

އަދި ވިދާޅުވީ މި ސަރުކާރުން ގެނައި އެއްވެސް ތަރައްގީއެއް ނެތްކަމަށާއި، ކުރެވުނުހާ ވެސް ކަމަކީ ގައުމު ވިއްކުމުގެ އިތުރަށް ވައްކަން ކުރުން ކަމަށެވެ.

“އެމްޑީޕީއަކީ ދިވެހި ގައުމުގައި ހުސްކުރާ ސޭލް އަޅުވާ ޕާޓީ… ހުސްކުރާ ސޭލް އަޅުވާ ޕާޓީ.. ފަޅު ރަށްތައް ވިއްކައިފި… ގިރިތައް ވިއްކައިފި.. ދައްޕަރު ވިއްކައިފި… އައްޑޫ ވިއްކައިފި… ހަނިމާދޫ ވިއްކައިފި.. މާލެ ވިއްކައިފި… ހުޅުމާލެ ވިއްކައިފި… ސްކޫލުތައް ވިއްކައިފި…. ވެލާނާގެ ވިއްކައިފި… އެމްޑިޕީ އެޅި ބްރިޖެއް ނެތް.. އެމްޑީޕީ އެޅި ފްލެޓެއް ނެތް… އެމްޑީޕީ ގެނައި ތަރައްގީއެއް ނެތް.. އެމްޑީޕީ ކުރިހާ ވެސް ކަމަކީ ހުސްކުރާ ސޭލްގެ އިތުރަށް ވައްކަން ކުރުން.. މުތުލަގުކޮށް ވައްކަން ކުރުން، އިތުރަކަށް ކުރެވުނު އެއްވެސް ކަމެއް ނެތް” ޑރ. ޖަމީލް

އެމްޑީޕީ ވެރިކަމަށް އަންނަ ފަހަރަކީ އެއީ ގައުމު މިނިވަންކަމާއި މެދު ސުވާލު އުފެދާ ހާލަތްތަކެއް އަންނަ ދުވަސްތަކެއްކަން ފާހަގަކޮށް ޑރ. ޖަމީލް ވިދާޅުވީ އެމްޑީޕީން އަބަދު ވެސް ވައްކަން ކުރަނީ “ނާވާ ހޮޅިން ކަމަށެވެ.

ވެރިކަމަށް އައުމަށް އެމްޑީޕީން ވެފައިވާ ބައެއް ވައުދުތަކަށް މަޒާޖީ ސިފައެއްގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ އޭގެ ތެރެއިން ފުއްދުނު އެއްވެސް ވައުދެއް ނެތް ކަމަށެވެ. އެގޮތުން ގޭދޮށު މަސް ފެކްޓްރީގެ އެތައް ވައުދުތަކެއް ވީ ނަމަވެސް އެކަން އެންމެ ރަނގަޅު ގޮތުގައި ބެލެހެއްޓިގެން ދެމެހެއްޓެނިވި ގޮތަކަށް ތަންފީޒު ކުރެވޭތޯ އެނާ ސުވާލު އުފެއްދި އެވެ.

“އެމްޑީޕީން ބުނީ ތިމަންނާމެންނަކީ…. މެނިފެސްޓޯ ތަންފީޒު ކުރާ މީހުންނޯ… ހައްގު މިންވަރު ދޭ ޕާޓީ އޯ.. ތިމަންނާމެންނަކީ ކަންނެލި ޖަގަހަ ހަދާ ޕާޓީ.. ތިމަންނާމެންނަކީ ގޭ ދޮރުމަތީ މަސް ވިއްކާ ޕްލާންޓު ހަދާ ޕާޓީ.. މަސް ވިއްކާ ޖަގަހަ ހަދާ ޕާޓީ.. ހުރިހާ ޖަގަހައެއް ހެދުނީ އެންމެ ދެތިން ގެއެއްގެ ކުރިމަތީގައި.. ފައްޔާޒް ކިޔާ މީހަކާ ބިގޭ ކިޔާ މީހެއްގެ ގޭ ކުރިމަތީގައި… ހައްގު މިންވަރު ނިމުނީ.” ޑރ. ޖަމީލް

މީގެ އިތުރުން ޑރ. ޖަމީލް ވަނީ އެމްޑީޕީ ޝަރުއީ ނިޒާމު ހަރުދަނާކޮށް އިސްލާހު ކުރާނެކަމަށް ބުނެ ދެއްކި ވާހަކައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ހާއްސަކޮށް ސިޔާސީ ނުފޫޒުތަކެއް ވަންނަގޮތަށް އެކުލެވިފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން މިނިވަން ކުރާނެކަމަށް ބުނެ ނަމަވެސް އެ ކޮމިޝަން އޮތީ “އެންމެ ލޯ ފާމެއްގެ ތެރޭގައި ތާށިވެފައި” ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ މިއަދު ދިވެހިންގެ ތެރޭގައި ވަރަށް ގިނަ ހިތްދަތިކަން އެބަހުރި ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރައީސް ޔާމީންގެ ނަމުގައި ހެކިތައް އުފައްދައި، އެމަނިކުފާނު ފްރޭމްކުރުން ކަމަށް ވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ހެކި ބަސް ދިނުމުން އޭގެ ހަދިޔާއެއްގެ ގޮތުން އޭނާ ގޭބަންދަށް ބަދަލުކޮށް އެއީ ނިދާ މެޝިނެއް ނެތިގެންކަމަށް ބުނި ނަމަވެސް އެ ވާހަކަ ގަބޫލު ކުރާނެ ދިވެހިންނެއް ނެތްކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ، އެމްޑީޕީން ވެރިކަން ހޯދީ، އިންސާފު ގާއިމު ކުރުމުގެ ވައުދާ އެކީގައި ނަމަވެސް، އެކަން ކުރުމުގައި ބޮޑުތަނުން ފެއިލްވެފައިވާ ކަމަށެވެ. އެހެން ކަމުން، “އިންސާފު” އެ ބަސް އެމްޑީޕީ ބޭނުން ކުރުން ރަނގަޅެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: