ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ އުންމީދަކީ އަންނަ އަހަރު ނިޒާމު ބަދަލުކުރާ ވޯޓު ނެގުން!

ޝެއާރކޮށްލާ ކަހަލަދޯ؟

ބަރުލަމާނީ ނިޒާމާއި މެދު ރައްޔިތުންގެ މެދުގައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރުން ކުރިޔަށްދާއިރު، އަންނަ އަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގޭވަރުވާނެކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މޭއި ހައެއްގައި އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާގައި ލިބުނު ސީރިއަސް ޒަހަމްތަކަށް އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދު ވަނީ މިއަދު ރާއްޖޭގެ ނޫސްވެރިންނާއި އޮންލައިންކޮށް ބައްދަލު ކުރައްވާފަ އެވެ.

ވެރިކަން ކުރުމުގެ ނިޒާމާއި މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި، ގާނޫނުގައި އެކަމަށް ކަނޑައެޅިފައިވާ އުސޫލުތައް ފާހަގަކޮށް ނޫސްވެރިއަކު ކުރި ސުވާލަށް ރައީސް ނަޝީދު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައި ނިޒާމު ބަދަލުކުރުމުގެ ވާހަކަ ސާފުކޮށް ބަޔާންކޮށްފައި ވާނެ ކަމަށެވެ. އެހެންވެ މިއަދާއި ހަމައަށް ވެސް އެމްޑީޕީގެ ގިނަ މެމްބަރުން އެކަމާއި މެދު ސުވާލުކޮށް، އެތައް އިންތިޒާރެއް ކުރިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅުމުން ކޯލިޝަންގެ ޕާޓީތަކުން އެކަމަށް ގަބޫލުވި ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުން އެއަށް ފަހު މެނިފެސްޓޯ އެކުލަވާލިއިރު ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރީ ޖުމްހޫރީ ޕާޓީން އެކަންޏެވެ. ނިޒާމުގެ ވާހަކަ މެނިފެސްޓޯގައި ހިމެނީ އެކަމަށް އަދާލަތު ޕާޓީއާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއްބަސްވެގެންކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އެހެން ކަމުން އުންމީދަކީ އެއްބަސްވެފައިވާ ގޮތަށް އަންނަ އަހަރުގެ ވަކި ހިސާބަކުން ފެންނަ ނުފެންނަ ވޯޓެއް ނެގުންކަމަށާއި އެކަމަށް ރައީސް ސޯލިހު ވެސް ދެބަސް ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ބަދަލުގައި، އެ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައީސް ނަޝީދު ބޭނުންފުޅު ވަނީ 2024 ގައި މަޖިލީހުގެ އިންތިހާބެއް ބޭއްވުމަށް ފަހު ސަރުކާރު އެކުލަވާލާށެވެ. އެކަން ރައީސް ނަޝީދު ރައީސް ސޯލިހަށް ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް އެ ހުށަހެޅުމަށް މާ ބޮޑު ސަމާލުކަމެއް ދެއްވުމެއް ނެތި، ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެމަނިކުފާނުގެ އަމާޒަކީ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ކަމަށެވެ. އަދި އެ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ހުރުމުން، ނިޒާމާއި މެދު ވާހަކަ ދައްކާނެ ވަގުތެއް ނެތްކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ނިޒާމާއި މެދު 2007 ގައި ރައްޔިތުން ގޮތް ނިންމާފައިވާކަމަށާއި، އެއީ ބަރުލަމާނީ ނިޒާމެއްގެ ދަށުން ސަރުކާރު ހިންގުން ކަމަށެވެ.

ނިޒާމާއި މެދު ފާޅުކަން ބޮޑުގޮތެއްގައި އެމްޑީޕީގެ އެތެރޭގައި ކެމްޕެއިންތައް ފެށި، ޕެޓިޝަންތަކުގައި ސޮއި ކުރި ނަމަވެސް އެ ޕާޓީން ބުނަމުން ދަނީ މިއީ ރާއްޖޭގެ ހިންގާ “ޖަމިއްޔާ” އެއްގެ އިސްނެގުމެއް ކަމަށެވެ.

މީގެ އިތުރުން ނިޒާމު ބަދަލު ނުކުރެވޭނަމަ ރައީސް ނަޝީދުގެ ވިސްނުމަކީ 2023 ގެ އިންތިހާބުގައި ވާދަކުރަން އެމްޑީޕީގެ ޕްރައިމެރީއަށް ކުރިމަތިލުމެވެ. ރައީސް ސޯލިހު ވެސް ވަނީ އެމަނިކުފާނު ދެވަނަ ދައުރަކަށް ކުރިމަތިލާން ބޭނުންނަމަ އެ ފުރުސަތު އޮންނާނެކަމަށް ވިދާޅުވެފަ އެވެ. ނުސީދާ ގޮތެއްގައި ދެވަނަ ދައުރަކަށް އިންތިހާބުގައި ވާދަކުރާނެކަން ރައީސް ސޯލިހު އިއުލާނު ކުރައްވާފައިވާއިރު ރައީސް ނަޝީދު ވަނީ ޕްރައިމެރީން ކާމިޔާބު ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ ޕްރެސްގައި ނޫސްވެރިން ވަނީ އެމްޑީޕީގެ އެތެރޭގެ މައްސަލަތަކާއި، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްުދުލްގައްޔޫމާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. ނަމަވެސް އެ ސުވާލުތަކަށް ރައީސް ނަޝީދު ދެއްވީ ވަރަށް ފިނި އަދި ކުރު ޖަވާބުތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: