ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތަދޫ ބިމުގެ މައްސަލަ: އިސް މެޖިސްޓްރޭޓާއި ނިޒާރު ބައްދަލު ކުރި މައްސަލަ ޖޭއެސްސީން ބަލަނީ!

އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ އިކުއިޓޯރިއަލް ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަށް ނަގަން ސިޓީ ކައުންސިލުން އެނގި މައްސަލަ ކޯޓުގައި ކުރިޔަށް ގެންދަނިކޮށް މޭޔަރު އަލީ ނިޒާރު އެ ރަށުގެ އިސް މެޖިސްޓްރޭޓާއި ބައްދަލު ކުރި މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ބޭއްވި ސާކްސަމިޓަށް ހެދި ކޮންވެންޝަން ސެންޓަރު ކައިރިން ދޫކޮށްފައިވާ ގޯތިތައް އަނބުރާ ދައުލަތަށް ނެގުމަށް ފަހު ސިޓީ ކައުންސިލުން ނިންމީ ހިތަދޫ ސްޓޭޑިއަމްގެ ހުޅަނގަށް އޮންނަ ބިމުން ބަދަލު ދޭންށެވެ. މިއީ މުޅި ސިޓިގެ ވެސް މަސްލަހަތަށް ނިންމި، ނިންމުމެއްގެ ގޮތުގައި ބުނުމުން ގޯތިތަކުގެ ވެރިން އެ މައްސަލަ ހިތަދޫ ކޯޓަށް ހުށަހެޅީ އެވެ.

ގޯތިތަކުގެ ޖުމްލަ 14 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އޭގެ ތެރެއިން ހަތް މައްސަލައެއް ބެއްލެވީ ގާޒީ ރަފީއުއްދީން އަހުމަދެވެ. އަނެއް ހަތް މައްސަލަ ބެއްލެވީ މެޖިސްޓްރޭޓު ނިހާމު ރަޝީދެވެ.

ސިޓީ ކައުންސިލާ ދެކޮޅަށް 14 މީހަކު ދައުވާ ކޮށްފައިވާއިރު، އޭގެ ތެރެއިން ފުރަތަމަ ހަތް މައްސަލަ ބެއްލެވީ ގާޒީ ރަފީއުއްދީން އަހުމަދެވެ. ބާކީ ހަތް މައްސަލަ ބެއްލެވީ ރަތަފަންދޫ މެޖިސްޓްރޭޓު ކޯޓުން އައްޑު އަށް ޒިޔާރަތް ކުރެއްވި އިސް މެޖިސްޓްރޭޓު ނިހާމު ރަޝީދެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި މިދިޔަ އޮގަސްޓު މަހުގެ 10 ގައި ގާޒީ ރަފީއުއްދީން ނިންމެވި މައްސަލައިގައި ވަނީ ބަންޑާރަ ބިމުން ގޯތި ދޫކުރުމަށް ފަހު ދައުލަތުން އަނބުރާ އެ ބިން ހޯދަން ބޭނުންވެއްޖެ ހާލަތެއްގައި، ގޯތީގެ ވެރިފަރާތާއި ބަދަލެއް ދޭގޮތަށް މަޝްވަރާ ކުރެވިދާނެ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަށް އެ ބާރު ލިބިގެންވާކަން ފާހަގަކޮށް ހުކުމުގައި ބުނެފައިވަނީ އެ ނިންމުން ގާނާއި ހިލާފުކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

އެހެން ނަމަވެސް މައްސަލަ ގޯސްވީ ހިސާބަކީ އަނެއް ހަތް މައްސަލައިގެ ހުކުމް ތަފާތުވުމުންނެވެ. އެއް މައްސަލައެއް ދެ ފަނޑިޔާރުން ބައްލަވައި އައި އަނެއް ހުކުމުގައި ވަނީ ގޯތި ނަގަން ސިޓީ ކައުންސިލުން ނިންމީ ގޯސްކޮށް ކަމަށެވެ. އަދި އެއީ ގާނޫނާއި ހިލާފު އަމަލެއްގެ ގޮތުގައި ކަނޑައަޅުއްވައި ކައުންސިލްގެ ނިންމުން ބާތިލުކަމަށް ގާޒީ ނިހާމް ނިންމެވި އެވެ.

މި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށް، ޖޭއެސްސީން އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައެއްގެ މައުލޫމާތުތައް މީޑިއާތަކާއި ހިއްސާކޮށް ބުނީ ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހަޅިފައިވާ މައްސަލަތަކެއްގެ ޚަސްމަކާއި ސ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު މުހައްމަދު ހާޝިމް ބައްދަލުކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް “މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީން” ނިންމާފައިވާތީ ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

ޖޭއެސްސީއަށް ހުށަހަޅާފައިވަނީ ކޯޓުގައި މި މައްސަލަ ކުރިޔަށް ދަނިކޮށް އައްޑޫ މޭޔަރު ނިޒާރު އާއި، ކައުންސިލްގެ ބައެއް އެހެން މެމްބަރުންތަކެއް ހާޝިމްއާއި ހިތަދޫ ކޯޓުގައި ބައްދަލު ކުރި މައްސަލައެކެވެ. ހާޝިމްގެ މައްސަލަ ޖޭއެސްސީން ބަލަން ފެށިއިރު، އެއީ ގޯތީގެ މައްސަލަ ބެއްލެވި ފަނޑިޔާރެއް ނޫނެވެ.

ކޯޓުތަކުގައި މައްސަލަ ކުރިޔަށް ދާއިރު އެކަމެއްގައި ހިމެނޭ ޚަސްމަކާއި، ކޯޓުގެ ފަނޑިޔާރެއް ބައްދަލު ކުރުމަކީ ގާނޫނީ ކުށެކެވެ. އަދި ފަނޑިޔާރުގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭނެ ފަދަ ސިފައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: