ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިހާންގެ ޝަރީއަތް: ދައުލަތުން އެދުނީ ރޮލެކްސް ގަޑި އާއި، އެޕާޓްމެންޓު ނަގައިދޭން!

ނިހާންގެ ރޮލެކްސް ގަޑީގެ މައްސަލައިގައި ޕީޕީއެމްގެ ތެރޭގައި ވެސް ނުތަނަވަސްކަން އުފެދުނު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ރިޝްވަތުގެ ގޮތުގައި ނެންގެވިކަމަށް ބުނާ ރޮލެކްސް ގަޑިއާއި، މަނީ ލޯންޑަރ ކޮށްގެން ގަނެފައިވާ ޕްލެޓިނަމް އެޕާޓްމެންޓު ދައުލަތަށް ނަގައިދިނުމަށް ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ނިހާންގެ މައްޗަށް، ދައުލަތުން ވަނީ ހަ ދައުވާއެއް އުފުލާފަ އެވެ. އެއީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި، ރިޝްވަތު ލިބިގަތުމުގެ ކުށުގެ ދެ ދައުވާ އަދި ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާ އެވެ. މި ދައުވާތައް އިއްވުމުން އޭނާ ވަނީ އެ ކުށަށް އިންކާރުކޮށްފަ އެވެ.

ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވާ ގޮތުން އެމްއެމްޕީއާރުސީގެ ތެރޭގައި ހިނގަމުން ދިޔަ ކޮރަޕްޝަންތަކެއްގެ މައްސަލައިގައި އޮޑިޓު ރިޕޯޓު ރައްްޔިތުންގެ މާލިއްޔަތު ކޮމިޓީއަށް އެޖެންޑާކޮށްފައި ނުވަނީ ކުރީގެ ނައިބް ރައީސް، އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްޣަފޫރު އޭނާއަށް އެގޮތަށް އަންގައިގެންނެވެ. އަދި މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ނިހާން އަދާކުރަން ޖެހޭ ޒިންމާތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ޑޮލަރު (ހަ ލައްކަ ފަންސާސް) ދީފައިވާ ކަމަށެވެ.

އަދީބު ނިހާނަށް ދެމުން ދިޔަ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގި ހުރެ، ނުވަތަ ޝައްކު ކުރެވޭ ހާލުގައި ވެސް އޭނާގެ އަތުން 150،000 ޑޮލަރު (އެއްލަކަ ފަންސާސް ހާސް) ގެ ޗެކަކާއި އޭނާ ހަވާލުވީކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

މީގެ އިތުުރުން 2014 ގައި ނިހާން ވިލިމާލެ ދާއިރާގެ މެމްބަރަކަށް ހުންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުގައި ދައުލަތުގެ ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) އައްޔަނު ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިފައިވާކަމަށް ނިހާންގެ މައްޗަށް ކުރާ ތުހުމަތުތަކުގައި ވެއެވެ.

ހިޔާނާތާކުގެ ފައިސާއިން 1.9 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ޕްލެޓިނަމް އެޕާޓްމެންޓެއް ގަތުމަށް އެސްއޯއެފްގެ އެކައުންޓަކުން އެންމެ ފުރަތަމަ އެ ފައިސާ ޖަމާކޮށްފައި ވަނީ ނިހާންގެ އާއިލީ ބޭފުޅެއްކަމަށް ވާ އޭނާގެ ބޭބެ މުހައްމަދު އިނާންގެ އެކައުންޓަށް ކަމަށް ވެއެވެ. އެއަށް ފަހު އެނާގެ އެކައުންޓުން އެ ފައިސާ ޖަމާކުރީ ހަބީބް ބޭންކުގައި ޖޭ ހޮޓެލްސްގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. ޕްލެޓިނަމް އެޕާޓްމެންޓު މުއާމަލާތް ކުރީ އެ އެކައުންޓުންނެވެ. މިއީ “ކަޅު ފައިސާ ދޮވުމުގެ” އަމަލެކެވެ. އެހެންވެ މިއީ ފައިސާގެ އަސްލު އޮޅުވާލުންކަމަށް ތުހުމަތުކޮށް، ނިހާންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެވެ.

ދައުވާތައް އިއްވުމުން، މިއަށް އިންކާރުކޮށް ނިހާން ވިދާޅުވީ ދައުވާތައް ސާފު ނުވާތީ އިތުރު ތަފްސީލު ބޭނުންވާ ކަމަށެވެ. ނިހާންގެ ގާނޫނީ ވަކީލު ހުސްނީ މުބާރިކް ވިދާޅުވީ ހަމައެކަނި އެންމެ މެމްބަރެއް މެދުވެރިކޮށް އަދީބަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ބާވައިގެން، ނުވަތަ ނުބާއްވައިގެން ވެސް އަދީބަށް ލިބޭނެ މަންފާއެއް، ގެއްލުމެއް ނޯންނާނެ ކަމަށެވެ.

ނިހާންއަށް ރިޝްވަތު ދީގެން އަދީބަށް ކުރާނެ މަންފާއާއި މެދު ސުވާލު އުފައްދައި، ހުސްނީ ވިދާޅުވީ ނިހާންގެ ބޭބެ އިނާންގެ އެކައުންޓުން ޖޭ ހޮޓެލްސްއަށް ޖަމާކުރި ފައިސާ އަކާއި އަދީބު ދިންކަމަށް ބުނާ ފައިސާއި ގުޅުވާލެވެނޭ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އޭގެ ރައްދުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ދިފާއުން އެ ދެއްކެވި ވާހަކަތަކާއި، އަދީބަށް ވީ މަންފާތައް ސާބިތު ކުރުން ލާޒިމެއް ނޫން ކަމަށެވެ.

މަނީ ލޯންޑްރިން އަކީ ކޮބައިކަން ތަފްސީލުކޮށް، ދައުލަތުގެ ވަކީލު ވިދާޅުވީ އެއީ ފައިސާގެ އަސްލު އޮޅުވާލުން ކަމަށެވެ. އެސްއޯއެފްގެ އެކައުންޓުން އިނާންގެ އެކައުންޓަށް ފައިސާ ޖަމާކޮށް، އެ އެކައުންޓުން ޖޭ ހޮޓެލްސް ނަމަކަށް ކިޔާ އެކައުންޓަށް ފައިސާ ޖަމާކުރުމަކީ އެއީ ކަޅު ފައިސާ ދޮވުންކަމަށް ވަކީލު ވިދާޅުވި އެވެ. ނިހާން އެ ފައިސާ ބޭނުން ކުރީ، ޕްލެޓިނަމް އެޕާޓްމެންޓެއް ގަތުމަށް ކަމުން އެއީ އޭނާ ލިބިގަތް މަންފާއެއްކަމަށް ވެސް ވަކީލު ފާހަގަ ކުރި އެވެ.

މިއަދުގެ އަޑުއެހުމުގައި ނިހާންގެ ވަކީލު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ނިހާންއަށް މި ދައުވާ އުފުލަންޖެހޭ ސަބަބެއް ކަމަށެވެ. އަދި ދައުލަތުން ބުނަމުން ދިޔައީ ނިހާން ރިޝްވަތުގެ ގޮތުގައި ރޮލެކްސް ބްރޭންޑުގެ ގަޑިއަކަށް އެދުމާއި، ޕްލެޓިނަމް އެޕާޓްމެންޓު ގަތުން ފަދަ ކަންކަމަކީ އަދީބުގެ އެންގުމަށް ކުރި މަސައްކަތްތަކަށް ލިބުނު މަންފާ ކަމަށެވެ. ހޫނު ބަހުސްތަކަކަށް ފަހު ދައުލަތުން ހުށަހެޅީ ރޮލެކްސް ގަޑި އާއި، ނިހާން ގަތް ޕްލެޓިނަމް އެޕާޓްމެންޓު އަދި ރިޝްވަތުގ ގޮތުގައި ނިހާން ނެންގެވި ޖުމްލަ ފައިސާ ދައުލަތަށް ނަގައިދިނުމަށެވެ.

ރޮލެކްސް ގަޑި ލިބިވަޑައިގެން ނިހާން ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއްކަމަށް ވާ އިންސްޓަގްރާމްކޮށްފައިވާ ޕޯސްޓެއް

ދައުލަތުން ރޮލެކްސް ގަޑީގެ ވާހަކަ ދެއްކުމުން، ނިހާން ވަނީ މަޖާޒީ ސިފައެއްގައި ބޯ ހޫރާލުމަށް ފަހު ކުށަށް އިންކާރު ކުރައްވާފަ އެވެ. އަދި އޭނާގެ ވަކީލު ވިދާޅުވީ އެއް ކުށަކާއި ގުޅުވައި ދެ ދައުވާއެއް ނުކުރެވޭނެ ކަމަށެވެ. ހުސްނީ ވިދާޅުވީ ރިޝްވަތަށް އެދުމުގެ ކުށުގެ އެއް ދައުވާ ކުރަނީ ރޮލެކްސް ގަޑީގެ މައްސަލައިގައި ކަމަށެވެ. އެހެން ކަމުން އެ މައްސަލަ އާއި ގުޅުވައި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ކުރަންވީ ސަބަބާއި މެދު އޭނާ ސުވާލު އުފެއްދި އެވެ.

ނިހާންގެ ވަކީލު ވިދާޅުވީ، އޭނާއަށް ރޮލެކްސް ގަޑިއެއް ދިނީ މުހައްމަދު މަނިކުކަމަށް ބުނާއިރު އެއީ މުއްސަނދި ވިޔަފާރިވެރިއެއް ކަމަށެވެ. އަދި އަދީބު އަންގާ ގޮތަކަށް ނުވަތަ ބޭނުންވާ ގޮތަކަށް މުހައްމަދު މަނިކު އަމަލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ނިހާނަށް ގަޑި ދިން މުހައްމަދު މަނިކު ނިޔާވެފައިވާތީ އެކަމުގައި، ދެން ބުނާނެ އިތުރު ވާހަކައެއް ނޭނގޭކަމަށް ވަކީލު ވިދާޅުވި އެވެ،

ދައުލަތުގެ ޖަވާބުތަކާއި މެދު ހިތްހަމަނުޖެހުން ހުރުމުން، ދިފާއުން ފުރުސަތަކަށް އެދުނު ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ ދައުލަތަށް، ދައުވާތައް ސާފުކޮށްދެވިފައިވާ ކަމަށެވެ. ގާޒީ ވިދާޅުވީ ދައުވާތަކާއި ގުޅޭގޮތުން ހުށަހެޅުން ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ދެ ގަޑިއިރަށް ދެމިގެން ދިޔަ މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދެފަރާތުން ވެސް ހެކި ހުށަހެޅުން ކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: