ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިގޭގެ ރައްދު: ޒާތީ ވިޔަސް އެއާޕޯޓު އެޅުމުގައި ފަހަތަށް ޖެހުމެއް ނެތް!

އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. އަލިފުށީގައި މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނިފައި ނުވާ އެއާޕޯޓު ޕްރޮޖެކްޓެއް ކުރިޔަށް ގެންދަނީ ވަކި މީހަކަށް ފައިދާ ހޯދައިދިނުމަށްކަމަށް ބުނެ އެމްޑީޕީގެ ބައެއް މެމްބަރުން އަމާޒު ކުރި ފާޑުކިއުންތަކާއި ތުހުމަތުތަކަށް ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ރައްދު ދެއްވައިފި އެވެ.

ރ އަތޮޅުގައި އިފުރު އެއާޕޯޓު އޮއްވައި، އެ އަތޮޅު އަލިފުށީގައި އެއާޕޯޓެއް އަޅަން ނިންމީ ކުއްލިގޮތަކަށް ކަމަށް ބުނެ އެމްޑީޕީގެ އެތެރޭގައި ވަނީ އަނެއްކާވެސް ނުތަނަވަސްކަން އުފެދިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އާއި، ސޯޝަލް މީޑިއާގައި ރައީސް މުހައްމަދު ނަޝީދާއި އަރިސް ބޭފުޅުން ވަނީ ބިގޭއަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކޮށްފަ އެވެ. އެ ބޭފުޅުން ތުހުމަތު ކުރާ ގޮތުން މިއީ ވަކި މީހަކު ރުއްސުމަށް ހިންގާ ޕްރޮޖެކްޓެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިވަގުތު ރ. އަތޮޅާއި ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަލިފުށީގައި ޖޮބް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބިގޭ ވަނީ ވާހަކަ ދައްކަވާފަ އެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ ރަށުގައި އެއާޕޯޓު އެޅުމުގެ މަސައްކަތްތަކީ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު ކަމަށެވެ. އަދި އެ މަޝްރޫއާއި ހަމައަށް ވާސިލްވާން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރުގެ ތެރޭގައި ވެސް އަލިފުށީ ރައްޔިތުންގެ އެންމެ ބޮޑު ހުށަހެޅުމަކަށްވީ ދާއިރާގެ ދަތުރުފަތުރުގެ މައްސަލަ ހައްލު ކުރުން ކަމަށެވެ.

ވައިގެމަގުން އަލިފުށިއަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެހި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރު އެކަމުގެ ތާވަލު ވެސް ހުށަހަޅާފައިވާކަން ފާހަގަކޮށް ބިގޭ ވިދާޅުވީ އެ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރެވިއްޖެނަމަ 2023 ވަނަ އަހަރު އެއާޕޯޓު ބޭނުން ކުރެވޭ ވަރުވާނެ އެވެ.

ޕްރޮޖެކްޓުގެ މަސައްކަތާއި އެކު ހުރި ގޮންޖެހުންތަކާއި އަދި ފާޑުކިއުންތަކަށް ރައްދު ދީ ބިގޭ ވިދާޅުވީ އޭނާއާއި ޒާތީ ގޮތުން ބަޔަކު ދިމާކުރުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ އޭނާއަށް އަމާޒުކޮށް ކިތަންމެ ގިނަ ވާހަކަތަކެއް ދެއްކިނަމަވެސް ކުރިޔަށް ދާނީ “އެންމެ ތަންފުކެއް ވެސް ފަހަތަށް ނުޖެހި” ކަމަށެވެ.

“އަޅުގަނޑު ދަންނަވާލަން ބޭނުން އަލުފުށީ ރައްޔިތުންގެ އަރިހުގައި.. ކިތަންމެ ވަރަކަށް ޒާތީ ގޮތުން އަޅުގަނޑާއި ދިމާލަށް އިނގިލި ދިއްކުރި ނަމަވެސް އެންމެ ތަންފުކެއް ވެސް ފަހަތަކަށް ނުޖެހި ރައްޔިތުން އަޅުގަނޑާއި ހަވާލުކުރި އަމާނާތް ތިބޭފުޅުންނާއި ހަމައަށް ގެނެސްދޭނަމޭ…” ބިގޭ

ބިގޭ ވަނީ އޭނާއާއި އަރިސް ބައެއް މެމްބަރުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަވަމުން ގެންދާކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށްފަ އެވެ. ސޯޝަލް މީޑިއާއާއި އަދި މީޑިއާތަކާއި އެ ނޫން ވެސް އެކި ޕްލެޓްފޯމުތަކުގައި އޭނާއާއި ގުޅުވައި ނުވަތަ އެއާޕޯޓާއި ބެހޭ ގޮތުން ދައްކަމުން ގެންދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

އަލިފުށީގައި އެއާޕޯޓު އަޅަން ނިންމާފައި ވަނީ ވަކި މީހަކު ރުއްސަން ކަމަށާއި އެކަމަށް ރައްޔިތުންގެ ޓެކްސް ފައިސާ މިސްމެނޭޖް ކޮށްގެން ނުވާނެކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަށް ބިގޭ ރޭ ރައްދު ދެއްވި އެވެ. ސަރުކާރުން މަޝްރޫއުތައް ހިންގާ ގައުމެއް ތަރައްގީ ކުރާއިރު އިސްކަންދޭން ޖެހޭ ވަކި ތަރުތީބެއް އޮންނާނެކަމަށް ބުނެ މީކާއިލް ވަނީ މާލޭގެ އެތައް ރައްޔިތުންނެއް ނިކަމެތި ހާލުގައި ބޯހިޔާވަހިކަމެއް ވެސް ނެތި ތިއްބައި ސަރުކާރުން ކުއްލިގޮތަކަށް 451 މިލިއަން ރުފިޔާގެ އެއާޕޯޓެއް އެޅުމުގެ މަޝްރޫއު އިއުލާން ކުރުމަކީ ލަދުވެތިކަމެއްގެ ގޮތުގައި ސިފަކޮށްކޮށްފަ އެވެ.

މީކާއިލްގެ މި ވާހަކަތަކަށް ރައްދު ދީ ބިގޭ ވިދާޅުވީ، އެ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އޭނާއަކީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ވެސް މެމްބަރެއްކަން ފާހަގަކޮށް ވިދާޅުވީ، އަލިފުށީގެ ބިން ހިއްކުމުގެ ވާހަކަ ދެކެވި ބަޖެޓުގައި ހިމެނިފައިވާނެ ކަމަށެވެ. އަދި ޕަބްލިކް ސެކްޓާރ އިންވެސްޓުމެންޓުގެ ދަށުން ހިންގޭ ޕްރޮގްރާމުގައި ވަކި ރަށެއްގެ ނަމެއް ނެތި އެކި ރަށްތަކުގައި އެއާޕޯޓު އެޅުމުގެ ވާހަކަ ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“އެހެންވީމަ ބަޖެޓުގައި އޮވެގެން މިކަން މިދަނީ… އަޅުގަނޑު މިރޭ ހަމަ ދަންނަވާލަން ބޭނުން ބަޖެޓުގައި ނެތްކަމެއް ސަރުކާރަކުން ނުކުރައްވާނެ… ފިނޭންސް މިނިސްޓަރު ނުނިންމަވާނެ… ޓެންޑާރ ބޯޑަކުން ނުނިންމަވާނޭ… އެހެންވީމަ ތިބޭފުޅުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން މިކަމަކީ އޮންނަ އުސޫލުގެ ތެރެއިން އެންމެ ފުރިހަމައަށް ހުރިހާކަމެއް ވެސް ތަރުތީބު ވެގެން އައިސްފައި އޮތް ކަމެކޭ… ހަގީގަތާއި ހިލާފަށް ބޭފުޅުން އެ ދައްކަވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނޫނޭ..” ބިގޭ

މީގެ އިތުރުން ބިގޭ ވިދާޅުވީ ރައްޔިތުންތަކަކަށް ލިބޭ ކޮންމެ ކުރިއެރުމެއް އެއީ ގައުމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އެހެންކަމުން ވަކިބަޔަކަށް ކުރާ ހިދުމަތެއް ވުމުން އެއީ ނުކުރާންޖެހޭ ކަމެއްގެ ގޮތުގައި ދެކުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭއި މަހުގައި ދެވުނު ޓެރަރިސްޓް ހަމަލާއާއި ގުޅޭގޮތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީ (241 ކޮމެޓީ) އިން ހިންގި އިންކުއަރީއަށް ބިގޭ ނުފޫޒުތަކެއް ފޯރުވިކަމަށް ބުނެ ވެސް އޭނާއަށް އެމްޑީޕީގެ މެމްބަރުން ފާޑުކިޔާފައި ވެއެވެ. މި ތުހުމަތުކޮށްފައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް ހުރަސް އަޅި ކަމުގެ ތުހުމަތުގައި، ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ ބެއްލެވުމަށް ރައީސް ނަޝީދު ހުށަހެޅުއްވުމުން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމެޓީން ބިގޭގެ އެންގުމަށް އެ މައްސަލަ ބޭރުކުރިކަމަށް ބުނެ އެވެ. އެ މައްސަލައިގައި އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕު ވެސް ހޫނު ވިއެވެ.

އެކަން އެންމެ ފަހުން ހިނދިގެން ދިޔައީ ރާއްޖޭގެ ޕްރައިވެޓް މީޑިއާއެއްގެ ޕްރޮގްރާމެއްގައި ބައިވެރިވެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އިބްރާހިމް އެކަމާނެ ޅިއަނުގެ ދިފާއުގައި ނިކުންނެވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: