ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދުގެ ޓްވީޓެއް: އެނބުރި އަންނާނަން، ދައްކަން އުޅުނު ވާހަކަ ވެސް ދައްކާނަން!

ޖީންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި މަގާމުން ވަކިކޮށްފައިވާ އަލީ ވަހީދާއި، ރައީސް ސޯލިހު އަދި ރައީސް ނަޝީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ދައުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީ ފަހަތަށް ނުޖެހޭނެކަމަށް ބުނެ ޖިންސީ ގޯނާގެ ތުހުމަތުގައި ޓޫރިޒަމް މިނިސްޓަރުކަމުން ވަކި ކުރި އަލީ ވަހީދު ޓްވީޓެއް ކުރައްވައިފި އެވެ.

ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނޭހެން ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދުގެ މައްޗަށް މިނިސްޓްރީގެ 13 މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވެ އެވެ. އޭނާ މަގާމުން ވަކި ކުރީ އެ މުވައްޒަފުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކޮށް، އެކަމުގެ ޝަކުވާ ހުށަހެޅުމުންނެވެ.

މައްސަލަ ތަހުގީގުކޮށް، ކޯޓު މަރުހަލާ ފަށާފައިވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ ބޭސްފަރުވާއަށް ކަމަށް ބުނެ އެވެ. އެއަށް ފަހު މިވީ މުއްދަތުގެ ތެރޭގައި އޭނާ ރާއްޖެ އައިސްފައި ނުވާތީ އެތައް ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައި ވަނީ، އޭނާ ފިލުވުމުގައި ބައެއް އިސްވެރިންގެ އަތެއްވާކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް އޮންލައިންކޮށް ކުރިޔަށް ގެންދާ މައްސަލައިގައި އެކަން އިއުތިރާޒުކޮށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ އަޑުއެހުމަށް ހާޒިރު ނުވުމުން އަލީ ވަހީދަށް ވަނީ އެ ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ކުށުގައި ދެ މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެހެން ނަމަވެސް އެ ހުކުމް ތަންފީޒު ކުރެވޭނީ، އަލީ ވަހީދު ރާއްޖެ ގެނެވިގެންކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

އޮގަސްޓު 25 ގައި އަލީ ވަހީދު އިނގިރޭސިވިލާތުގެ ފުލުހުން ހައްޔަރު ކުރީ، ވިސާ އޯވަ ސްޓޭވެގެން ނަމަވެސް އެ ދުވަހު އޭނާ މަސައްކަތް ކުރީ ދިވެހި ނޫސްވެރިންނާއި ބައްދަލުކޮށް ޕްރެސް ކޮންފަރެންސްއެއް ބޭއްވުމަށެވެ. ގެޓްވިކްގެ ޑިޓެންޝަން ސެންޓަރުގައި ހުންނަތާ ދެ ހަފްތާ ފަހުން، އެ ގައުމުން ވަނީ ރަސްމީކޮށް އަލީ ވަހީދު ހައްޔަރު ކުރި ކަން ރާއްޖޭގެ ފުލުހުންނަށް އަންގާފަ އެވެ.

ނަމަވެސް މިވަގުތު އަލީ ވަހީދު ހުރިތަނެއް ސާފެއް ނޫނެވެ.

އަނެއްކާވެސް ކުއްލިގޮތަކަށް އަލީ ވަހީދު ކުރި ޓްވީޓުގައި ވަނީ، އިންސާފުވެރި އަދުލުވެރި ޝަރުޢީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް ހުރި ކަމަށެވެ. އެނބުރި އަންނާނެކަމުގެ އިންޒާރާއި އެކު އޭނާ ވަނީ ދައްކަން އުޅުނު ވާހަކަތައް ވެސް ހާމަކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އަލީ ވަހީދު ހައްޔަރު ކުރުމުގެ ކުރިން ޕްރެސްއެއް ބާއްވައި މަސައްކަތް ކުރީ ސަރުކާރުގެ އެތެރޭގެ ބައެއް މައުލޫމާތުތަކާއި، ސިޔާސީ އެކި ބޭފުޅުން “ކޮމްޕްރޮމައިޒް” ވާނެފަދަ ލިޔުންތަކެއް ލީކު ކުރުމަށްކަމަށް ވާހަކަ ދެކެވެ އެވެ. އަދި އެކަމަށް ބާރު ލިބެނީ އަލީ ވަހީދު މިރޭ ކުރި ޓްވީޓުގައި ވެސް އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާތީ އެވެ.

މީގެ ދުވަސްތަކެއް ކުރިން އަލީ ވަހީދުގެ ފަރާތުން އޭނާގެ ވަކީލުން ވެސް ބަޔާނެއް އާއްމު ކުރި އެވެ. އޭގައި ބުނީ، އޭނާއާއި މެދު އަމަލު ކުރަމުން ދަނީ ބޭއިންސާފާއި އަނިޔާވެރިކާމާއި އެކު ކަމަށެވެ. އެއްވެސް ތަހުގީގު ކުރުމެއް، އަދި ސުވާލު ކުރުމެއް ވެސް ނެތި އަލީ ވަހީދު މަގާމުން ވަކިކުރި އިރު ކުރާ ތުހުމަތުތައް ވެސް ސާފުކޮށްދީފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ.

މިއީ ސިޔާސީ މަގްސަދެއް ހާސިލް ކުރުންގެ ގޮތުގައި ސިފަކޮށް، އެ ބަޔާނުގައި ބުނެފައިވަނީ ދައުވާ ސާބިތުވާނެ އެއްވެސް އުންސުރެއް ދައުލަތަށް ދެއްކިފައި ނުވާކަމަށެވެ. އޭގެ ތެރޭގައި ކުށް ކުރިކަމަށް ބުނާ ތާރީހާއި، ވަގުތުތައް އަދި އެ ކުށް ހިންގި ގޮތެއް ވެސް ދައުލަތަށް ބުނެ ނުދެވޭކަމަށް ބަޔާނުގައި ވެއެވެ. ފާއިތުވެދިޔަ އެއް އަހަރު ދުވަހު ދައުލަތުން އަލީ ވަހީދު ފްރޭމް ކުރުމަށް އެތައް މަސައްކަތެއްކޮށްފައިވާކަމަށް ވަކީލުންގެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: