ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެދުނީ އަލީގެ ކެންސަލްކޮށްފައިވާ ޕާސްޕޯޓު ހިފަހައްޓަން، އަމުރެއް ނުލިބުނު!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން ހިފަހައްޓަން އެދުނީ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަލީ ވަހީދުގެ އަތުގައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓު ކަމަށާއި އެއީ މިހާރު ކެންސަލްކޮށްފައިވާ ޕާސްޕޯޓަކަށް ވާތީ އެ ހިފަހައްޓަން އަމުރު ނެރެގެން ނިކުންނާނެ ނަތީޖާއެއް ނޯންނާނެ ކަމަށް ހައިކޯޓުން ބުނެފި އެވެ.

ހައިކޯޓުން މިއަދު އާއްމު ކުރި ހުކުމުގައި ވަނީ ޕީޖީން ނެރެދޭން އެދުނު އަމުރު ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އެ އަމުރު ނެރެ ނުދިނުމުގައި ކްރިމިނަލް ކޯޓުން ހުށަހަޅާފައިވާ ނުކުތާތަށް ގޯސްކަމަށް ކަނޑައަޅާފައި ވެއެވެ. މި އަމުރު ނެރެފައިވަނީ ހައިކޯޓުގެ ދެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ނެރެދިނުމުގެ ހާލަތު ނުވަތަ އެ ޖާގަ އެބައޮތްކަމަށް ވިދާޅުވެފައި ވަނީ ފަނޑިޔާރު އަލީ ސަމީރުގެ ރައުގަ އެވެ. ފަނޑިޔާރު އަލީ ސަމީރުގެ ރައުޔުގައި ވިދާޅުވެފައިވަނީ، ދައުލަތުން ހުށަހެޅި ލިޔުމުގައި މާ ކުރިން ވެސް ކެންސަލް ކޮށްފައިވާ އަލީ ވަހީދުގެ ޑޮމެސްޓިކް ޕާސްޕޯޓުގެ ނަންބަރު އޮތް ނަމަވެސް އޭގައި އަލީ ވަހީދުގެ ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމަށް އެދިފައި އޮތުމުން އަލީ ވަހީދަށް ރާއްޖެއިން ދޫކުރެވިފައިވާ އެހެން ޕާސްޕޯޓެއް އޮތްނަމަ އެ ޕާސްޕޯޓެއް ހިފަހައްޓަން ހައި ކޯޓުން އަމުރެއް ނެރެވިދާނެ ކަމުގައެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވިފައިވާ އަލީ ވަހީދުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފަށާފައިވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ އާއި އެކު އޭނާ ރާއްޖެއިން ބޭރަށް ދިޔަތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެހެންވެ، ދައުލަތުން ހުށަހެޅީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުމުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގައި ވަނީ ދައުލަތުން ކެންސަލް ކުރަން އެދުނީ މާ ކުރިން ވެސް ކެންސަލްކޮށްފައި އޮތް ޕާސްޕޯޓަކަށް ވާތީ އެ އަމުރު ނެރުމުގެ ބޭނުމެއް ނެތްކަމުން އެހެން ޕާސްޕޯޓެއް ކެންސަލް ކުރަން ބޭނުންވާނަމަ ދައުލަތަށް ޖެހޭނީ އެ ގޮތުގެ މަތިން ހުށަހަޅަން ކަމަށެވެ. 

ފަނޑިޔާރު އަލީ ސަމީރުގެ ރައުޔުގައި ވިދާޅުވެފައި ވަނީ، ދައުލަތުން ހުށަހެޅި ލިޔުމުގައި ކެންސަލް ކޮށްފައިވާ އަލީ ވަހީދުގެ ޑޮމެސްޓިކް ޕާސްޕޯޓުގެ ނަންބަރު ހިމަނާފައި އިން ކަމަށެވެ. އެހެން ނަމަވެސް އޭގައި އަލީ ވަހީދުގެ ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމަށް އެދިފައި އޮތުމުން އޭނާއަށް ދޫކޮށްފައިވާ އެހެން ޕާސްޕޯޓެއް އޮތްނަމަ އެ ޕާސްޕޯޓެއް ހިފަހައްޓަން ހައި ކޯޓުން އަމުރެއް ނެރެވިދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކޯޓުގައި ޝަރީއަތް ފަށާފައިވަނިކޮށް އަލީ ވަހީދަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީފައިވަނީ، ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށްކަން ފާހަގަކޮށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އައްސަދު ވެފައިވާ އިގުރާރުގައި ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ގެންނާނެކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެއާއި ހިލާފު އެއްވެސް ކަމެއް ހިންގައިފި ނަމަ އެކަމުގެ ޒިންމާ ގާނޫނުގެ ދަށުން ނަގަަންޖެހެނެކަން އެނގޭކަމަށް ބުނެފައި ވެއެވެ.

ޖާމިނުގެ މުއްދަތު ހަމަވީއިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައި ނުވެއެވެ. އަދި އޭރު އޭނާގެ ޝަރީއަތްތައް އޮތީ އޮންލައިންކޮށް ފަށާފަ އެވެ. އެކަން އިއުތިރާޒުކޮށް މައްސަލަ ހިފައިގެން ދައުލަތުން ހައިކޯޓަށް ދިއުމުން އެ ކޯޓުން ވެސް މައްސަލަ ބޭރުކޮށްލީ އެއްވެސް މީހެއްގެ ޣައިރު ހާޒިރުގައި، މައްސަލައެއް ކުރިޔަށް ނުގެންދެވޭނެ ކަމަށް ބުނެ އެވެ. އެހެންވެ ދެން ދައުލަތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް، ކޯޓަށް ހާޒިރުވާން އަންގައި އަލީ ވަހިދަށް ޗިޓު ފޮނުވި އެވެ. އެހެން ނަމަވެސް ބަޔާންކުރި ގަޑިއަށް އަލީ ވަހީދު ޝަރީއަތަށް ހާޒިރުވާން ރާއްޖެ އައިސްފައި ނުވާތީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ކުށުގައި ދެ މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.

އެއަށް ފަހު އަލީ ވަހީދު ރާއްޖެ ގެނައުމަށް އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރޭނެކަމަށް ފުލުހުން ބުނެފައިވަނިކޮށް، ވިސާ އޯވަ ސްޓޭވެގެން އިނގިރޭސިވިލާތުގެ ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އޭނާ ހައްޔަރު ކުރީ ދިވެހި ނޫސްވެރިންނާ ބައްދަލު ކުރަން ގަޑިއެއް ހާމަކޮށް ޓްވީޓެއް ކުރައްވާފައިވަނިކޮށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: