ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނުކަމަށް ރައްޔިތުން ގަބޫލުކުރޭ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވުނުކަމަށް ރައްޔިތުން ގަބޫލުކުރާކަމަށް މައުލޫމާތު ލިބޭކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓަރ ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެންފައެވެ. މެމްބަރު އާޒިމްގެ އިތުރުން ބައެއް އެހެން މެމްބަރުންވެސް ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން މިނިސްޓަރަށް ސުވާލު އަމާޒުކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ 2013 ވަނަ އަހަރު 14،000 ބަންގްލަދޭޝް ވޯކް ޕާމިޓް ދޫކޮށްފައިވާ ކަމަށެވެ. 2014 ވަނަ އަހަރު 18،000 އަށްވުރެ ގިނަ މީހުންނަށް އަދި 2015 ވަނަ އަހަރު 26،000 މީހުންނަށް ވޯކް ޕާމިޓް ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. 2017 ވަނަ އަހަރު 8،000 މީހުންނަށް އަދި 2018 ވަނަ އަހަރު 27،000 ބަންގްލަދޭޝް މީހުންނަށް ވޯކް ޕާމިޓް ދޫކޮށްފައިވާއިރު 2019 ވަނަ އަހަރުވެސް 11،000 މީހުންނަށް ވޯކް ޕާމިޓް ދޫކޮށްފައިވާކަމަށް މިނިސްޓަރ އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކައެވެ. 2020 ވަނަ އަހަރު ވޯކް ޕާމިޓް ދޫކޮށްފައިވަނީ 89 ބަންގްލަދޭޝް މީހުންނަށް ކަމަށާއި އަދި މިއަހަރު ވޯކް ޕާމިޓް ދޫކޮށްފައިވަނީ އެންމެ 24 މީހުންނަށްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިމައްސަލައަކީ ފާއިތުވި ފަންސަވީހަކަށް އަހަރުވެސް އޮތް މައްސަލައެއްކަމަށާއި މައްސަލަ ހައްލުކުރުމަށް އެންމެ ފުރަތަމަ ކުރި ކަމަކީ ހިޔުމަން ޓްރެފިކިންއަށް އެންމެ ބޮޑަށް ހުޅުވާލެވިފައިވާ ދޮރު ބަންދުކުރުން ކަމަށެވެ. އެހެންކަމުން ބަންގްލަދޭޝްގެ ރައްޔިތުން ގެނައުން ވަރަށް ބޮޑުތަނުން މިހާރު ދަށްކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިސަރުކާރުން ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ރެގިޔުލަރައިޒްކޮށް ގާނޫނުގެ ތެރެއަށް ފެއްތުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލް ހިއްސާކުރައްވާ މިނިސްޓަރ ވިދާޅުވީ އެންމެ ފުރަތަމަ އެކަމަށް ގޮވާލުމާއިއެކީގައި 43،000އެއްހާ މީހުން ރަޖިސްޓްރީ ކުރިކަމަށެވެ. އެހެންނަމަވެސް އެމަސައްކަތް ފެށިތަނުން، ކޮވިޑްގެ ބަލި ހާލަތު މެދުވެރިވެ އެމަސައްކަތް ހުއްޓާލަން ޖެހުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ފޭސް ޓު ފޭސް ވެރިފިކޭޝަން ހަދަންޖެހޭ. ބަޔޯމެޓްރިކްސް ހެދުމަށްފަހު ފުލުހުންގެ ޑެސްކަށް ދިޔުމަށްފަހު އެމީހުންގެ މައްސަލައެއް ނެތްތޯ ބަލަންޖެހޭ. އެނިޒާމް ގާއިމްކޮށްފައި ވަނިކޮށް ކޮވިޑްގެ ކަންކަން އައުމާއެކު ހުއްޓާލީ. އެއަށްފަހު މިދިޔަ މަހު އަލުން މިކަން މިފަށައިގަނެވުނީ”

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ރެގިޔުލަރައިޒޭޝަން ޕްރޮގްރާމްގައި ރަޖިސްޓްރީވި 43،000އެއްހާ މީހުންގެ ތެރެއިން 8،000އަށްވުރެ ގިނަ މީހުން އަމިއްލައަށް ބޭނުންވެގެން ފުރުވާލާފައިވާ ކަމަށެވެ. އެއީ ރަޖިސްޓްރީވި މީހުގެ ތެރެއިން ތިން ބައިކުޅައެއްބައި ކަމަށް ވިދާޅުވިއެވެ. އަދި 15،000 އެއްހާ ބިދޭސީން 2020 ވަނަ އަހަރު އަމިއްލައަށް ފުރައިގެން ދިޔަ ކަމަށާއި މިއަހަރުގެ މިހާތަނަށް 3000އެއްހާ މީހުން ފުރާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޖުމްލަ 27،000 އެއްހާ ބަންގްލަދޭޝް މީހުން ޕްރޮގްރާމް ފެށިފަހުންވެސް ރާއްޖެއިން ގޮސްފައިވާ ކަމަށާއި އިތުރުވެފައިވަނީ 120 މީހުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމަކީ ހައްޔަރުކޮށްގެން ނުވަތަ ކަނޑު ބޯޓަކަށް މީހުން އަރުވައި، ފޮނުވާލައިގެން ކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ނުވެސް ކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއެކު މިކަންކަން ހައްލުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް، ރެގިޔުލަރައިޒްކުރުމުގެ ޕްރޮގްރާމެއް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. މިނިސްޓްރީ ތެރޭގައި އެމަސައްކަތް ކުރިއަށް ނުގެންދެވޭ އަދަދަށް މީހުން ގިނަވެ އެމަސައްކަތްކުރުން ގަލޮޅު ދަނޑަށް ފަހުން ބަދަލުކުރިއެވެ. ތަފާތު އެކި މަސައްކަތްތައް ކުރުވުމުގެ ނަމުގައި އެތެރެކުރާ ބިދޭސީން ހިޔުމަން ޓްރެފިކިންގެ މަޅިގައި ބެދޭއިރު، މިކަމަކީ ހިނގާ ކަމެއްކަން ސަރުކާރުންވެސް މިހާރު ގަބޫލުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: