ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އޭސީސީއަށް: ފައިސާ ދީގެން ހައްލު ކުރީ ނޫމަޑި މައްސަލަ އެކަނި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ފައިސާ ދައްކައިގެން ހައްލުކޮށްފައިވާނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ (ނޫމަޑި) ގެ މައްސަލަ އެކަނި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިހެން ބުނެފައިވަނީ، ދައުލަތުން މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދޭންޖެހޭ ނިޒާމުގެ ނަޒާހަތްތެރިކަމާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމު ކުރި ބަޔާނާއި ގުޅިގެންނެވެ.

ރައީސް އޮފީހުން ބުނީ، ދައުލަތާއި ދެކޮޅަށް ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލު ކުރުމުގެ މަސައްކަތް އަބަދުވެސް ކުރިޔަށްދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް 2019، ޖަނަވަރީ 27 ގައި ކޮމިޓީއެއް އުފައްދައި މަޝްވަރާ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓަނީ ޖެނެރަލްގެ އޮފީހާއި އިކޮނޮމިކް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީ ކޮމިޓީގައި ހިމެނި ކަމަށެވެ. މި ކޮމިޓީގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އޭގެ ފަހުން އެ މަސައްކަތްތައް އޮތީ މަޑުޖެހިފަ އެވެ.

ކޮމިޓީއަށް ޖުމްލަ 37 މައްސަލަ ހުށަހެޅި، ބައެއް މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދެކެވިފައިވާކަން ފާހަގަކޮށް ރައީސް އޮފީހުން ބުނެފައިވަނީ ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ފައިސާ ދައްކައިގެން ހައްލުކޮށްފައިވާނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ (ނޫމަޑި) ގެ މައްސަލަ އެކަނި ކަމަށެވެ.

މިއީ ނޫމަޑިއިން ދިވެހި ސަރުކާރުގެ މައްޗަށް ރައްދުވާ ގޮތަށް ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި 2 މައްސަލައެކެވެ. އެއީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިންގ ޔުނިޓް ތަރައްގީ ކުރުމަށް ނޫމަޑިއާއި ކުރީގެ ހައުސިން މިނިސްޓްރީ އާއި ޓްރާންސްޕޯޓު އެންޑް އެންވައިރޮމެންޓާއި ދެމެދު 2011 ޖަނަވަރީ 20 ގައި ސޮއިކުރި އެއްބަސްވުމެއްގެ މައްސަލައަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީއަކާއި 3 ރަށެއްގެ ނަރުދަމާގެ ނިޒާމު ތަރައްގީ ކުރުމަށް 2013، މޭއި 30 ގައި ސޮއި ކުރި އެއްބަސްވުމުގެ މައްސަލައެކެވެ.

މި މައްސަލަތަކާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނޫމަޑިން ބޭނުންވީ 155 މިލިއަން އެމެރިކާ ޑޮލަރާއި އާބިޓްރޭޝަނަށް ހިނގާނެ ހަރަދެވެ. އެއީ ދިވެހި ފައިސާއިން ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާ އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ނޫމަޑި މައްސަލައިގައި ދިވެހި ދައުލަތުން މާލީ ބޮޑު ބުރައެއް އުފުލަން ޖެހުނީ ހައުސިން މިނިސްޓަރަކަށް ހުންނަވައި ޑރ. މުހައްމަދު މުއިއްޒު ދިވެހި ސަރުކާރާއި ދެކޮޅަށް އެ ކުންފުންޏާއި އެއްކޮޅަށް ހެކި ބަސް ދީފައިވާތީ ކަމަށް ގާނޫނީ މާހިރުން ލަފާދިން ކަމަށެވެ. އާބިޓްރޭޝަނުން ގޮތެއް ކަނޑައަޅާ ހާލަތެއްގައި، ދައުލަތަށް އަނެއްކާވެސް އިތުރު ބުރައަކާއި ކުރިމަތިވެދާނެތީ ދެ ބަސްވުން ހައްލުކޮށް ދިވެހި ސަރުކާރުގެ ފަރާތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު ހުށަހެޅީ ދިވެހި ސަރުކާރުންނެވެ.

މި މަރުހަލާއަށް ދިއުމަށް ސެޓްލްމަންޓް އެގްރީމަންޓެއްގައި އާބިޓްރޭޝަން މަރުހަލާއިން “ކޮންސެންޓް އެވޯޑަކަށް” ދެފަރާތުން ސޮއި ކުރީ 2019 އޮގަސްޓު 25 ގަ އެވެ.

ނޫމަޑީގެ މައްސަލަ 2017 ޑިސެންބަރު 11 ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ކުރިއަށްދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒުގެ ބައިވެރިވުމާއި އެކު އެވެ. ވަޒީރުކަމުން ޑރ. މުއިއްޒު ވަކިވެވަޑައިގަންނަވަންދެން، އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުޢިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތެވެ.

ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުމާ ގުޅިގެން ސެޓުލްމެންޓް ކޮމިޓީން އެ މައްސަލަ ފުލުހަށް ފޮނުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެކަން ހާމަކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެ. އަމީރު ވިދާޅުވީ ނޫމަޑި މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި ޑރ. މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުން ކަމަށެވެ.

ކުރީގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުންތައް އުވައިލުމުގެ ސަބަބުން ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލަަތަކުގައި އިހުމާލުގެ އަތެއް ވާ މީހުންގެ މައްސަލަތައް ބަލާނެކަމަށް އަމީރު ވަނީ ވިދާޅުވެފަ އެވެ.

ނޫމަޑީގެ މައްސަލައިގައި ސަރުކާރުން ބުނެފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އާއި ދިވެހި ސަރުކާރާއި ދެމެދުގައި ވެފައިވާ އެއްބަސްވުންތަކެއް ގާނޫނާ ހިލާފަށް ރައީސް ޔާމިން ސަރުކާރުން އުވާލުމުން ދޭންޖެހުނު ބަދަލު ނުދިން ނަމަ ދައުލަތައް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ.

މި މައްސަލައިގައި މުއިއްޒުގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓުގައި އޭނާގެ ޝަރީއަތް ވަނީ ފަށާފަ އެވެ. މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: