ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވެރިކަމުގައި ޖަލުގައި ނިޔާވީ އެކަކު، ކުރީ ސަރުކާރުގައި 10 މީހުން ނިޔާވިއިރު މައްސަލަ ނުބަލާ: ގަޕޯ

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރް މޫސާ(ގަޕޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރަށް ތިން އަހަރު ވާން ގާތްވަމުންދާއިރު ޖަލުތަކުގައި ނިޔާވެފައިވަނީ އެންމެ މީހެއް ކަމަށާއި ކުރީ ސަރުކާރުގައި 10 މީހުން ނިޔާވިއިރު އެއްވެސް މައްސަލައެއް ބަލާފައިނުވާކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރް މޫސާ(ގަޕޯ) ވިދާޅުވެއްޖެއެވެ.

އިއްޔެ ހުޅުމާލެ ޖަލުގައި ގައިދީއަކު ނިޔާވި މައްސަލާގައި އެކަމުގައި ކަރެކްޝަންސްގެ އިހުމާލުވާކަމަށް އާއިލާއިން ތުހުމަތުކުރަމުންދާތީ އެމައްސަލަ ބަަލައިދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ. މިކުއްލި މައްސަލައަށް ބަހުސްކުރުމަށް ފާސްވީ އެމްޑީޕީ ބައެއް މެމްބަރުންގެ ވޯޓާއިއެކު ޖުމްލަ 24 މެމްބަރުންގެ ވޯޓުންނެވެ.

ކުއްލި މައްސަލައަށް ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި ގަޕޯ ވިދާޅުވީ ހުޅުމާލެ ޖަލުގައި ގައިދީއަކު ނިޔާވި މައްސަލަ މަޖިލީހަށް ހުށައެޅީ އިހްލާސްތެރި ނިޔަތެއްގައި ނޫންކަމަށެވެ. މިމައްސަލައަކީ އެއްވެސް އިހްލާސްތެރިކަމެއް އޮވެގެން ހުށައެޅި މައްސަލައެއް ނޫންކަމަށާއި މިމައްސަލަ އިދިކޮޅުން ހުށައެޅީ ސިޔާސީ މަގްސަދެއްގައި ކަމަށް ގަޕޯ ވިދާޅުވިއެވެ.

“ސަރުކާރަށް ތިން އަހަރު. އެންމެ މީހަކު ޖަލުގައި މަރުވީ. ކުރީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ޖަލުތަކުގައި 10 މީހުން މަރުވެފައިވޭ. އެއިން އެއްވެސް މައްސަލައެއް ބަލާފައި ނެތް” ގަޕޯ

ގަޕޯ ވިދާޅުވީ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ސަރުކާރުން އެމައްސަލަ ތަހުގީގުނުކޮށްގެން ނޫން ކަމަށެވެ. ދެސަރުކާރުގައި ޖަލުތަކުގައި ނިޔާވި މީހުންގެ އަދަދަށް ބެލުމުންވެސް މިސަރުކާރުން ކަންކަން ރަނގަޅަށް ބަލަމުންދާކަން ހާމަވާކަމަށް ގަޕޯ ވިދާޅުވިއެވެ. އެހެންކަމުން ރެކޯޑްތަކަށް ބަލާއިރުވެސް، މިކަމުގައި އަދި ގޯހެއް ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ. ގަޕޯ ވިދާޅުވީ މިމައްސަލަ މިވެރިކަމުގައި ބަލާނެ ކަމަށާއި ހިޔުމަން ރައިޓްސް ކޮމިޝަނުންވެސް އަދި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމެޓީ)އިންވެސް މައްސަލަ ބަލާނެކަމަށެވެ.

މީގެ އިތުރުން، މިސަރުކާރަކީ އަނިޔާވެރި ސަރުކާރެއްވެސް ނޫންކަަމަށް ގަޕޯ ވިދާޅުވެފައިވެއެވެ. އެމްޑީޕީއަކީ އަނިޔާވެރިކަމާއި ވައްކަމާއި ދެކޮޅަށް އަބަދުވެސް ވަކާލާތުކުރާ ބައެއް ކަމަށާއި ރައްޔިތުން އެކަމުގައި ޝައްކުކުރާނެ ޖާގައެއް ނެތްކަމަށެވެ. މަޖިލީހަށް މިފަދަ މައްސަލަތައް ހުށައަޅަނީ ފިތުނަ އުފައްދަން ކަމަށް ވިދާޅުވެ އިދިކޮޅުން މިމައްސަލަ ހުށައަޅާފައިވާތީ އިދިކޮޅަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވެއެވެ.

މިމައްސަލާގައި އާއިލާއިން ކުރާ ތުހުމަތުތައް ބެލުމަށް ގޮވާލައި މަޖިލީހަށް ހުށައަޅާފައިވަނި އިދިކޮޅުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

މައްސަލަ މަޖިލީހަށް ހުށައަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ އުމުރުން 40 އަހަރުގެ މުހައްމަދު އަސްލަމްގެ މަރުގެ މައްސަލަ އާއިލާއަށް ނާންގައި ސިއްރުކުރުމަށް މަސައްކަތްކޮށްފައިވާކަމަށް އާއިލާއިން ބުނަމުންދާ ކަމަށެވެ. ހުޅުމާލޭ ޖަލުގައި ހުއްޓައި އޭނާ ބަލިވެގެން އިއްޔެގެ ހަވީރު 5 ޖަހާކަށްހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އެހެންނަމަވެސް، އާއިލާއަށް އެކަމުގެ އެއްވެސް މައުލޫމާތެއް ކަރެކްޝަންސްއިން ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި އަސްލަމް ނިޔާވިކަންވެސް އެނގުނީ އިރުއޮއްސި 7 ޖެހިފަހުން އެހެން މީހަކު އާއިލާއަށް ގުޅާފައި އެމައުލޫމާތު ދިނުމުންކަމަށެވެ. އެހެންކަމުން އެކަން ހިނގައިދިޔަ ގޮތް ބެލުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: