ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ކަމެއްގައިވެސް، މިސަރުކާރުން ކިޔަނީ ކުރީ ސަރުކާރު: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކަމެއް ގޯސްވާ ކޮންމެ ފަހަރަކު މިސަރުކާރުން ދައްކާ ވާހަކައަކަށް އަބަދުވެސް އޮންނަނީ “ކުރީ ސަރުކާރު”ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ޖަލުގައި ގައިދީއަކު ނިޔާވި މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ވަނީ ހުށައަޅާފައެވެ. އެމައްސަލައަށް ބަހުސްކުރައްވަމުން އެމްޑީޕީ މެމްބަރުން ވަނީ ހުސްވި ސަރުކާރުގައި ޖަލުތަކުގައި ނިޔާވި މީހުންގެ މައްސަލަ ބަލާފައިނުވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި މިސަރުކާރުގައި ޖަލުތަކުގެ ކަންކަންވެސް މާ ރަނގަޅަށް ބަލަމުންދާކަމަށް އެމްޑީޕީ މެމްބަރުން ފާހަގަކުރައްވާފައިވެއެވެ.

މިވާހަކަތަކަށް ރައްދު ދެއްވައި މެމްބަރު ސައީދު ވިދާޅުވީ ކަމެއް ގޯސްވާ ކޮންމެ ފަހަރަކު މިސަރުކާރުގެ ވަޒީރުންނާއި މެމްބަރުން ދައްކަވާ ވާހަކައަކަށް އޮންނަނީ ކުރީ ސަރުކާރުކަމަށެވެ. އަދި މިފަދަ މުހިންމު މައްސަލަތައް ހުށައެޅުމުން، އެކަން ސިޔާސީކޮށް ކުރީ ސަރުކާރުގެ ވާހަކަތައް އަބަދުވެސް އެމްޑީޕީ މެމްބަރުން ދައްކަވާކަމަށް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މިފަދަ މައްސަލަތައް ބެލުން އަވަސް ކުރަންޖެހޭ ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުގައި މިފަދަ މައްސަލަތައް ބަލަމުން އަންނަނީ ފިނިހަކަ ސްޕީޑުގައިކަމަށް ސައީދު ވިދާޅުވެފައިވެއެވެ. އަދި މިސާލެއްގެ ގޮތުން އެމްބިޔުލަންސް ފޮނުވުން ލަސްވުމުގެ ސަބަބުން ނިޔާވި، މިޝްކާގެ ވާހަކަ ފާހަގަކުރެއްވިއެވެ.

“ބައެއް މެމްބަރުން އެބަ ފާހަގަކުރައްވާ އީވާން ނަސީމްގެ މަރާއި ހިސާބުން، އެބޭފުޅުންގެ ގަލަން ހިނގަންފެށިކަމަށް. ސުވާލަކީ މެމްބަރުންނަށްވީ ހިސާބުން މެމްބަރުންގެ މިނިވަންކަމުގެ ގަލަމުން ދެލި ހުސްވީބާއޭ” ސައީދު

އެމްޑީޕީ އާއި ޕީޕީއެމްގެ ހުރި ތަފާތު ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ޕީޕީއެމް-ޕީއެންސީއިން މައްސަލަތަކުގެ އަޑުއުފުލާނެކަމަށެވެ. އެހެންނަމަވެސް، މަޖިލީހުގެ ރިޔާސަތުގެ ބޮލަށް އަރައި، މޭޒުތައް މަތިން ފުންމުން ފަދަ ކަންކަން އިދިކޮޅުން ނުކުރާނެކަމަށް ސައީދު ވިދާޅުވިއެވެ.

އެމްޑީޕީ މެމްބަރުންގެ ވާހަކަތަކުގައި އެމްޑީޕީއަކީ އަނިޔާވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. މިވާހަކަތަކަށް ރައްދު ދެއްވައި ސައީދު ވިދާޅުވީ އިސްލާމީ އުންމަތަކަށް އަނިޔާވެރިވެވޭނެ އެންމެ ބޮޑަށް މިސަރުކާރުން އަނިޔާވެރިވެފައިވާކަމަށެވެ. އެގޮތުން، އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އާންމުކޮށްފައިވާ ރިޕޯޓު ތައްޔާރުކުރި އެމްޑީއެންއަށްވެސް މިހާތަނަށް އައިއިރު ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކުރެއްވިއެވެ. އަދި މުޅި ދައުލަތާއި އިގްތިސާދު ފުނޑާލާފައިވާކަމަށާއި އެހެންނަމަވެސް، އެމްޑީޕީ މެމްބަރުން އަބަދުވެސް އަނިޔާވެރިނުވާކަމަށް ވިދާޅުވާކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: