ހައުސިން ޔުނިޓު އަޅައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދި، ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ގެ ދެ ދަރިން ޖާމިނުކޮށް މިނިވަންކޮށްދޭން އޭނާގެ ފަރާތުން ހުށަހަޅައިފި އެވެ.
އެޗްޑީސީ އާއި ސީލައިފާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކުރި މަޝްރޫއުގެ މައްސަލައިގައި އައްމަޓީގެ މަައްޗަށް 42 ދައުވާ ވަނީ އުފުލާފަ އެވެ. އެއްބަސްވުމުގައި ވާ މުއްދަތު ފަހަނަޅައި ދިޔައިރު ވެސް މަސައްކަތް ކުންފުނިން މަސައްކަތް ފަށާފައި ނުވެ އެވެ. އަދި ފެލްޓު ގަންނަން ހުށަހެޅި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ވަނީ ފައިސާ ނަގާފައިވާ އައްމަޓީގެ މައްޗަށް ކުރެވެނީ، މަކަރާއި ހީލަތުން އެ ފައިސާ ނަގައި ހިޔާނާތް ވީކަމުގެ ތުހުމަތެވެ.
އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 2021 މެއި 30 ގައެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން، ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮށް، އައްމަޓީ ހައްޔަރު ކުރީ އަވައްޓެރި ލަންކާއިންނެވެ. އޭރު އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯސްޓިސްއެއް ނެރެފައި ވެއެވެ.
އައްމަޓީގެ ޝަރީއަތް ފަށައި ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދާއިރު މީގެ ކުރީގެ އަޑުއެހުންތަކުގައި އޭނާ ވަނީ ބޭސްފަރުވާގެ ފުރުސަތަކަށް އެދި ހުށަހަޅާފަ އެވެ. އަދި ސިއްހީ ހާލަތު ގޯސްވެ، އެކަން ޖަލު އޮފިސަރުންނަށް އެނގި ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭކަމަށް ބުންޏެވެ. އެހެންވެ، ގޭބަންދަށް ދޫކުރުމަށް ހުށަހެޅުމުން ގާޒީ ވަނީ އައްމަޓީގެ ބޭސްފަރުވާގެ ކަންކަން ހަަމަޖެއްސުމަށް ދައުލަތާއި އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) އަށް އަންގައި އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށެވެ. އޭގެ ފަހުން އަލުން ބަންދުގެ މުއްދަތު އިތުރު ކުރުމަށް އައްމަޓީ ހާޒިރު ކުރުމުން، މިދިޔަ ޖޫން 17 ގައި އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރި އެވެ.
ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އޮގަސްޓު 12 ގައި އެ ކޯޓުން އައްމަޓީ ޝަރީއަތް ނިމެންދެން ބަންދު ކުރީ އެވެ. މައްސަލައިގައި މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ގާޒީ ވަނީ ހައިކޯޓުގެ ހުކުމް ދަމަހައްޓާކަމަށް އިއުލާނު ކުރައްވާފަ އެވެ. އެހެންވެ، ފުރުސަތަކަށް އެދި އައްމަޓީ ބުނީ އޭނާގެ ދެ ދަރިިން ޖާމިނުކޮށް ގޭބަންދަށް ދޫކޮށްލަން އެދޭ ކަމަށެވެ.
އައްމަޓީގެ ބަންދު ދަމަހައްޓަން ދައުލަތުން ހުށަހަޅަނީ އޭނާ ފިލާފާނެކަމުގެ ބިރު އޮތުމުންނެވެ. މީގެ ކުރިން ވެސް ރާއްޖެއިން ބޭރުގައި ފިލައިގެން އައްމަޓީ ދިރިއުޅެފައިވާތީ ދައުލަތުން އެކަމަށް އިއުތިރާޒު ކުރެ އެވެ.
ހުށަހެޅުން ތަކުރާރުކޮށް އައްމަޓީ ވަނީ، ކޯޓަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް ކޮންމެ ދުވަހަކު ހާޒިރުވެ ސޮއި ކުރާ އުސޫލެއް ގާއިމް ކުރިޔަސް އޭނާގެ މައްސަލައެއް ނެތްކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ގާޒީ ވިދާޅުވީ އައްމަޓީ އަކީ ހިޔާނާތުގެ ބޮޑު ތުހުމަތެއް ކުރެވޭ މީހެއް ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލުމަކީ މުޖްތަމައުގެ މަސްލަހަތު ގެއްލި، އެހެން ބަޔަކަށް އެފަދަ ކުށެއް ކުރުމަށް ހިއްވަރު ލިބިދާނެ ފަދަ ނިންމުމަކަށް ވެދާނެ ކަމަށެވެ.
ޝަރީއަތް ނިމެންދެން ބަންގައި ތިބޭ މީހުންގެ ބަންދުގެ މުއްދަތު ކޮންމެ 30 ދުވަހަކު ރިވިއު ކުރަން ޖެހޭނެ އެވެ. ހާލަތު ބަދަލުވެފައި ވާނަމަ އައްމަޓީގެ ބަންދާއި މެދު އިތުރު ގޮތެއް އެ ދުވަހަކު ނިންމާނެ އެވެ. އަދި ޖާމިނުވުމާއި ގުޅޭގޮތުން އެ ދުވަހު ހުށަހެޅޭނެކަމަށް ގާޒީ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ފްލެޓު އެޅުމަށް ސީލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއުއެއް ހިންގުމުގެ ގާބިލުކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) އެކުލަވާލައިވާ ރިޕޯޓުން އެނގެ އެވެ.