ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާރިސް އަލުން ސިޔާސީ މައިދާނަށް، އެމްއާރުއެމްގެ ރައީސްކަމަށް ފޯމު ހުށަހަޅައިފި

ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދައިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫންގެ އިސް ނެންގެވުމުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ރީފޯމް މޫވްމަންޓު (އެމްއާރްްއެމް) ގެ ރައީސް ކަމަށް ދަރިކަލުން އަހުމަދު ފާރިސް މައުމޫން ކުރިމަތިލައްވައިފި އެވެ.

“ސަންގު” އަށް މިކަން އެމްއާރުއެމްއިން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ފާރިސްގެ ފޯމު ހުށަހެޅީ ރޭގެ ވަގުތެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ފާރިސް އަކީ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެކި ފަހަރު މަތީން ހައްޔަރުކޮށް ޖަލަށް ގެންދެވުނު ބޭފުޅެކެވެ. ފާރިސްއަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ވެސް ހައްޔަރު ކުރި އެވެ. އޭރު ރައީސް ޔާމީނާއި ދެކޮޅަށް މަސައްކަތް ކުރަމުން ދިޔަ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި އެންމެ އިސްކޮށް އުޅުއްވީ ވެސް ފާރިސް އެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލައިގައި ފާރިސްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ތުހުމަތުތަކެއް ވެސް ކުރެވުނެވެ. ބައްޕާފުޅު ޕާޓީން ބޭރު ކުރި ހިސާބުން ފާރިސް ގެންދެވީ ރައީސް ޔާމީނާއި ދެކޮޅަށް އަޑުއުފުލައި، އެ ވެރިކަން ނިމުމަކަށް ގެންނަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރިޔާސީ އިންތިހާބު ނިމެންދެން ޖަލު ބަންދުގައި ހުންނެވުމަށް ފަހު ކަފާލާތުގެ ދަށުން މިނިވަންވެ، ހުންނެވީ ސިޔާސީ މައިދާނާއި ދުރުގަ އެވެ.

ޖެހިގެން އައި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފާރިސް ވާދަކުރެއްވީ މައްޗަންގޯޅި އުތުރު ދާއިރާއަށެވެ. އެހެން ނަމަވެސް ކުރިމަތިލާން ޖެހުނު ނާކާމިޔާބީ އާއި އެކު އޭނާ ސިޔާސީ މައިދާނުން ގެއްލިގެން ދިޔަ އެވެ.

އެމްއާރްއެމް އުފައްދައި, އެ ޕާޓީގެ އިންތިގާލީ ކޮމިޓީގައި ފާރިސް ހުންނަވައެވެ. ޕާޓީގެ ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވީ ނަމަވެސް ސަރުކާރުގެ ކަންކަމުގައި އެއްވެސް ވަރަކަށް ވާހަކަ ދައްކަވާތަން ނުފެނެ އެވެ.

އެނގިފައިވާ ގޮތުން ސިޔާސީ ހަމަޖެހުން ގާއިމް ކުރުމަށް ފާރިސް މިހާރު ބޭނުންވަނީ ޕާޓީގެ ހިންގުމާއި ހަވާލުވާށެވެ. އަދި ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ވެސް އިސްކޮށް އުޅުއްވާނެ އެވެ.

ފާރިސް އަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ޕީޖީ ލީޑަރަހަށް ހުންނެވިއިރު، އެމަނިކުފާނާއި އެންމެ ގާތުން މި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅާ އެވެ. އެމްއާރްއެމްގެ ރައީސް ކަމަށް ފާރިސް އެކަނި ކުރިމަތިލެއްވިއިރު, އެ ޕާޓީގެ ޒައީމްގެ މަގާމަށް ރައީސް މައުމޫން ވަނީ ކުރިމަތިލައްވާފަ އެވެ.

އެމްއާރްއެމްގެ އިސް މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދަށް ހަމަަވާނެ އެވެ. އަދި މިވަގުތާއި ހަމައަށް ޕާޓީގެ ނައިބު ރައީސްކަމަށް  މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވަނީ ކުރިމަތިލައްވާފަ އެވެ.

މީގެ އިތުރުން އަންހެން ނައިބު ރައީސުންގެ މަގާމަށް އާމިނަތު ނާދިރާ ވަނީ ވާދަ ކުރަން ފޯމު ހުށަހަޅާފަ އެވެ. ނާދިރާއަކީ ޕީޕީއެމް ދެބައިވެގެން ދިޔައިރު މައުމޫން ފެކްޝަނުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭގެއިތުރުން އެމްއާރްއެމްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް ވެސް ނާދިރާ ވާދަ ކުރެއްވި އެވެ.

އެމްއާރުއެމްގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 02 ގަ އެވެ. އެމްއާރުއެމްގެ ކޮންގްރެސް ނުބޭއްވި ލަސްވެގެން ދިޔައީ، ޕާޓީ އުފެއްދިތާ މާ ގިނަ ދުވަހެއް ނުވެ ކޮވިޑުގެ ކަންކަމާއި ދިމާވުމުގެ ސަބަބުންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: