ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިޔާމް ފައިސަލްއަށް: ހަފްލާތަކުގައި ކިޔުމަށް ދޭ ސްޕީޗްގައި އޮންނަނީ ތެދުތޯ ބައްލަވާ!

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަފްލާތަކުގައި ވާހަކަދެއްކެވުމުގެ ކުރިއަށް، ގަނޑުގައި ލިޔެފައި އޮންނަ އެއްޗެއްގެ ތެދު ހަގީގަތް ބަލަންޖެހޭ ކަމަށް ވިދާޅުވެ ނައިބް ރައީސް ފައިސަލް ނަސީމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ނަސީމް ވަނީ ސަރުކާރުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރަމުންދިޔަ މަސަައްކަތްތަކަށް އަލިއަޅުއްވާލައްވައި، ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދިނުމަށްވެސް މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ. ފުދުންތެރިކަން އިތުރުކުރުމަށް ދިވެހިންގެ ހުނަރު އިތުރުކޮށް ދިވެހިންނަކީ ދިވެހިންގެ ކަންކަން ކުރެވޭނެ ބަޔަކަށް ހެދުމަށް ކުރައްވާ މަސައްކަތަކީވެސް ރައީސުލްޖުމްހޫރިއްޔާ ދިވެހިންނަށްޓަކައި ގެންގުޅުއްވާ އެންމެ މުހިންމު އެއްކަންތައް ކަމަށް ނައިބްރައީސް ވިދާޅުވެފައިވެއެވެ. އަދި ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރައްވާ އެއްދާއިރާއަކީ އެކި ފަންނުތަކުން މީހުން ބިނާކުރުމުގެ ދާއިރާކަމަށްވެސް ނައިބްރައީސް ވިދާޅުވިއެވެ.

ނައިބްރައީސް ދެއްކެވި ބައެއް ވާހަކަތަކަށް އަލިއަޅުއްވާލައްވައި ސަންގު ޓީވީއާއި ވާހަކަދައްކަވަމުން މެމްބަރު ޝިޔާމް ވިދާޅުވީ ނައިބްރައީސަކީ އާންމު ގޮތެއްގައި އިޖްތިމާއީ ކަންކަމުގައި ބަސް ވިދާޅުވާ ބޭފުޅެއްކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވާ މިންވަރު ނައިބްރައީސްއަށް އެނގިވަޑައިގެންފައި ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

“ނައިބްރައީސް އަތްޕުޅަށް ލިބޭ ކަރުދާހެއްގައި އޮތް އެއްޗެއް ވިދާޅުވަނީ. އެހެންނަމަވެސް އެކަންކަމަކީ އަމަލީ ސިފައެއްގައި ތަންފީޒްވަމުންދާ ކަންކަމެއް ނޫން. ޚާއްސަކޮށް އުފެއްދުންތެރިކަން އިތުރުކޮށް ޒުވާނުންނަށް ފަހި ފުރުސަތުތަަކާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ ކަންކަމަކީ ހަމަ ހަގީގަތުގައިވެސް ނުހިނގާ ކަންކަން.”

ޝިޔާމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައިއުފެއްދުންތެރިކަން އިތުރުކޮށް ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށެވެ. އެގޮތުން މަތީ ތައުލީމަށް ޚާއްސަކޮށްފައިވާ ބަޖެޓު ބޮޑުކޮށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ތައުލީމީ ދާއިރާއަށް ކަނޑައަޅާ ބަޖެޓަށްވުރެ ތިންގުނަ ބޮޑު ބަޖެޓެއް ރައީސް ޔާމީންގެ ވެރިކަމުގައި ކަނޑައެޅުއްވިކަމަށް ޝިޔާމް ވިދާޅުވިއެވެ.

“ކުޅިވަރު ބަޖެޓުވެސް 100 މިލިޔަނުން 300 މިލިޔަނަށް އިތުރުކުރުމާއި ޒުވާނުންނަށް އިތުރު ފުރުސަތު ފަހިކޮށްދީފައިވޭ. ޒުވާނުންނަށް ވަޒީފާގެ ފުރުސަތުގެ ފަހިކޮށްދިނުމަށްޓަކައި އިންފްރާސްޓަކްޗަރ އިތުރުކޮށް އަދި ކުންފުނި އިތުރުކޮށްދީ ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީފައިވޭ. ބައެއް ކަހަލަ ވަޒީފާތަކަކީ ދިވެހިންނަށް ނޫން ބަޔަކަށް އަދާނުކުރެވޭނެ ވަޒީފާތަކުގެ ގޮތުގައި ކަނޑައަޅާފައިވޭ” ޝިޔާމް

މީގެ އިތުރަށް ޝިޔާމް ވިދާޅުވީ، މިނިސްޓްރީތަކުގެ މެންޑޭޓް އަދާނުކުރެވުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ގެއްލިފައިވާ ކަމަށެވެ. އަދި މިހާރު ފެންނަމުންމިދަނީ، އެކި ކުންފުނިތަކުގެ ވެރިންނަށާއި ވުޒާރާތަކަށް ލަފާ ދެއްވާ ބޭފުޅުންގެ ގޮތުގައި ބިދޭސީން އައްޔަންކުރަމުންދާ މަންޒަރުކަމަށް ވިދާޅުވިއެވެ. ވަޒީފާއަށް އިއުލާންކުރަނީވެސް ވަކި ގައުމުތަކުގެ މީހުންނަށް އިސްކަންދީގެންކަމަށް ވިދާޅުވިއެވެ. ދައުލަތުގެ މިފަދަ މަގާމުތަކުގައި ބިދޭސީން ތިބޭ އަދަދުވެސް 130އަށް މިހާރު އަރާކަމަށް ވިދާޅުވިއެވެ.

ނައިބްރައީސްގެ ވާހަކަތަކަށް ރައްދުދެއްވައި ޝިޔާމް ވަނީ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރެވިފައިވަނީ ކޮންކަމެއްތޯ ސުވާލު އުފައްދަވާފައެވެ. ސަރުކާރުން ދޫކުރަމުންދާ އެސްއެމްއީ ލޯނުތަކަށް އިޝާރާތްކުރައްވައި ޝިޔާމް ވަނީ އެލޯނުތަކަކީ ވަކި ބަޔަކަށް އަމާޒުކޮށް ދޫކުރަމުންދާ ލޯނުތަކެއްކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: