ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެންޑާރ މިނިސްޓްރީއަށް ޖެހިފައިވަނީ ފަރުވާއެއް ނެތް ބައްޔެއް!

ފިޔަވަތީގައި އުޅޭ ކުދިންނަށް ރައްކާތެރިކަން ނުދެވުމުގެ ސަބަބުން، ތަނުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

“ބަނޑު ފުރޭވަރަކަށް ކާކަށް ވެސް ނުދޭ، އެއްވެސް ވަރަކަށް. އެއްވެސް އިރެއްގައި ނުދޭ ހަމަ…. ކުދިން ދިމާ ކުރަތީ، އެ ވާހަކަތައް ބުނީމަ ދައްތަމެން އަޅައެއް ނުލާ. ވަރަށް ނުލަފާ، ގޯސް އެއްޗިސް ކިޔަނީ..” މިއީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކު ރޮމުން ތަނުގެ ހާލަތު ކިޔައިދިން ގޮތެވެ. އެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވިއެވެ. ދައްކަން މިއުޅެނީ އެއްގޮތަކަށް ވެސް އެ ވީޑިއޯގެ ވާހަކައެއް ނޫނެވެ. ތަނުގެ ހާލަތުގެ ވާހަކައެވެ. ޖެންޑާރ މިނިސްޓްރީއާއި، އެ މިނިސްޓްރީގެ ދަށުން ބަލަހައްޓާ ތަންތަނަށް ޖެހިފައި އޮތް ފަރުވާއެއް ނެތް “ބައްޔެއް” ގެ ވާހަކަ އެކެވެ.

އާއިލާގެ ތެރޭގައި މައްސަލަތަކެއް ހުރުމުގެ ސަބަބުން، ނުވަތަ ޖިންސީ ގޯނާފަދަ އެކި މައްސަލަތަކުގައި ދައުލަތަށް ކުދިން ނަގާ ފަހަރު އާދެއެވެ. އެ ކުދިން ދައުލަތަށް ނަގަނީ އާއިލާގެ އިންތިހާ އިހުމާލު އޮތުމުގެ ސަބަބުންނެވެ.

ކުއްޖާ ރައްކާތެރި މާހައުލަކަށް ގެނެވިފައިވާކަމަށް މިއީ އަބަދުވެސް ދައުލަތުން ފާހަގަ ކުރާ ވާހަކައެކެވެ. ހަގީގަތުގައި ވެސް ކުއްޖާ އެ ގެންދަނީ ރައްކާތެރި މާހައުލަކަށް ބާއެވެ. ނޫނީ އެއްވެސް އަޅާލުމެއް، ލޮތްބެއް ލިބެން ނެތް “ޖަލެއްގެ” ތެރެއަށް ބާ އެވެ.

ދައުލަތަށް ގާނޫނުން ލާޒިމް ކުރަނީ ކުއްޖާއަށް ރަނގަޅު ތަރުބިއްޔަތެއް ދީ އަޅާލުން ފޯރުކޮށްދިނުމެވެ. މުޖްތަމައުއަށް ހެޔޮ ގޮތުގައި ނެރެދިނުމަށެވެ. އެ ކުއްޖާއަށް ލޮތްބަކީ ކޯޗެއްކަން ނޭނގި ބޮޑު ކުރާކަށް ނޫނެވެ. ބަންދުވެފައިވާ ތަނެއްގެ ތެރޭގައި ހިތުހުރި ގޮތަކަށް ދޫކޮށް، ކާ ގަޑިތަކުގައި ސުފުރާމަތި ތައްޔާރުކޮށްލުމަށް ވެސް ނޫނެވެ. އެ ޒިންމާ އެއަށްވުރެ ބޮޑެވެ. އެކަން ނުކުރެވޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ.

ސަރުކާރުގެ އިސްވެރިންނާއި، މި މަސައްކަތާއި ހަވާލުވެގެން ތިބި ބަޔަކު މި ވާހަކަ ގަބޫލު ކުރާކަށް ބޭނުމެއް ނުވާނެ އެވެ. ތިމާމެންގެ ސަބަބުން ޖީލެއް ހަލާކުވެގެންދާކަން އެ މީހުން ވަކި ގަބޫލު ކުރާނެ ހެއްޔެވެ. ކުށްވެރިވާނީ މައިމީހާ އެވެ. ނޫނީ އާއިލާގެ އެހެން މެމްބަރެކެވެ. ރަނގަޅު ވާހަކައެކެވެ. ދަރިންނަކީ މާތްﷲ ދެއްވާ އަމާނާތެކެވެ. އެ އަމާނާތް ހަވާލު ކުރެއްވި ބަޔަކަށް އެކަން ނުވުމުން، އޭގެ މަނާއަކީ ދެން އެ ކުދިން ބާކީކޮށްލުމެއް ނޫނެވެ.

މިއަދު އަނެއްކާވެސް ތަކުރާރު ކުރަން ޖެހިފައި މިއޮތީ، ޖެންޑާރ މިނިސްޓްރީއަށް ޖެހިފައިވާ ބައެއްޔެއްގެ ވާހަކަ އެވެ. ފަރުވާއެއް ވެސް ނެތީ އެވެ. ނުނީ ފަރުވާއެއް ހޯދަން ވެސް ބޭނުން ނުވަނީ އެވެ.

ޖެންޑާރ މިނިސްޓްރީގެ ހިންގުމުގެ މަސައްކަތްތަކާއި، ގަވައިދުތައް ލިޔެވިފައި ހުރީ ކަބަޑުތަކެއްގެ ތެރޭގައި ހުރި ފައިލްތަކެއްގަ އެވެ. ދައުލަތުން ކުޑަކުދިން ބެލެހެއްޓުމުގައި އަމަލު ކުރަންވީ ގޮތާއި، ކޭސް ވޯކަރުންގެ މަސައްކަތް ހުންނަން ޖެހޭ ގޮތް ކިތަންމެ ފަރި ޗާލު ބަހަކުން ލިޔުނަސް އަމަލުން ދެއްކޭކަށް ނެތެވެ. ޖެންޑާރ މިނިސްޓްރީގެ ތެރޭގައި ގިނައީ، ސަރުކާރަށް ފާޑުކިޔާތީ އެކަމެއް ހުއްޓުވަން މަގާމު ދީފައި ތިބި މީހުންނެވެ. ކުޑަކުދިންގެ ހިޔާ ހިންގަން ތިބި މީހުންނަކީ ފޮޅާ ސާފު ކުރަން ޖެހިފައި ތިބި ބައެކެވެ.

މިއީ އަޅުގަނޑު އިއްޔެ ނޫނީ މިއަދު ދައްކަން ފެށި ވާހަކައެއް ނޫނެވެ. ކުޑަކުދިންގެ ހިޔާގެ ތެރޭގައި ހުރި މައްސަލަތަކުގެ ވާހަކަ އެތައް ފަހަރަކު ދައްކައިފީމެވެ. ޕްރެސްތަކުގައި އެކި ގޮތްގޮތަށް ސުވާލު ވެސް ކުރީމެވެ. ނޫސްވެރިންތަކެއް ރިޕޯޓު ލިޔެގެން، ހުދު ކަފަގަނޑެއްހެން ސާފުކުރާނަމަ ވިދަ ވިދާ އޮތް ރަންގަނޑަކަށް ވާނީ ތި ޖެންޑާރ މިނިސްޓްރީ އެވެ. ބޮޑު ނިންޖަކުން ޖެންޑާރ މިނިސްޓްރީ އަބަދުވެސް ހޭލާނީ، ކޮންމެވެސް ކަންތައްގަނޑެއްގެ ތެރެއިންނެވެ. އެހާ ހިސާބުން އެކަން ގޯސްކޮށް ބަޔާނެއް ނެރެ، ޓްވީޓެއްކޮށްލައި ދެން ދުއްވައިގަންނަނީ މީޑިއާގެ ފަހަތުންނެވެ.

އެކަމަކު ރައްކާތެރިކަމުގެ އެއްވެސް މިންވަރެއް ނެތް ކުޑަކުދިންގެ ހިޔާގެ ހާލަތު ރަނގަޅު ކުރާކަށް ނޫޅެއެވެ. ނޫސްވެރިންނަށް ފިޔަވަތި އާއި ކުޑަކުދިންގެ ހިޔާގެ ހާލަތު ދެއްކުމަށް އެދި ހުށަހެޅުނު އަދަދެއް ވެސް ނޭނގެ އެވެ. ތަން ވީޑިއޯ ކުރުމުގެ އެއްވެސް ހުއްދައެއް ނުދެވޭނެކަމަށް ބުނުމުން، ވީޑިއޯ ކުރުމާއި ފޮޓޯ ނެގުން މަނާކޮށް ނޫސްވެރިންނަށް ތަނުގެ ހާލަތު ދެއްކުމަށް ވެސް ހުށަހެޅި އެތައް ނޫސްވެރިނެއް އެބަތިއްބެވެ. އެކަން ވެސް ކުރާކަށް ބޭނުމެއް ނުވެއެވެ.

ވިލިމާލެއަށް މަދުން ނަމަވެސް ދެވޭ ދުވަސްތަކެއްގައި، ކުޑަކުދިންގެ ހިޔާ ކައިރިއަށް ދެއެވެ. ކުދިންގެ ހަޅޭކުގެ އަޑާއި، ފާރުމައްޗަށް އަރާ، ނުވަތަ ފުރާޅުމައްޗަށް އަރާ ތިބޭތަން ވެސް ފެނެ އެވެ. އެ މަންޒަރު ފެންނަ އެކަކު ވެސް، އެތަނަކީ އެއީ އަމާން މާހައުލެއްގެ ގޮތުގައި ނުބުނާނެ އެވެ. ފިޔަވަތީގެ ހާލަތު އެއަށް ވުރެ ގޯހެވެ. އުމުރުން 13 އަހަރުން ދަށުގެ ކުދިން ތިބެންޖެހޭ ތަނެއްގައި، އުމުރުން 17 އަހަރުގެ ކުދިން ވެސް އެބަތިއްބެވެ. ތަނުގައި 100 އަށް ވުރެ ގިނަ ކުދިން ތިބިއިރު މިއީ ތަނުގެ ޖާގައާއި ނުބައްދަލު އަދަދެކެވެ.

އެ ކުދިން ބަލަހައްޓަން ޖެހޭ ކެއާ ވޯކަރުނެއް ނެތެވެ. ދުވަހުގެ މުސާރައަށް މުވައްޒަފުން ނަގައި، ކުދިން ބެލެހެއްޓުމާއި ހަވާލުކޮށްފައިވާއިރު ތަނުގެ މެނޭޖުމެންޓު އޮންނަނީ ގަދަ ނިންޖެއްގަ އެވެ. ދާނެ މިސްރާބަކަށް ދާން ވީ އެވެ. ގޯސްވާނީ އެހެން ބައެެކެވެ.

މާޒީގައި ހިނގާފައި ހުރި އެތައް ހިތާމަވެރި އަދި ނުރައްކާތެރި ހާދިސާތައް އެބަހުއްޓެވެ. ތަނުގެ ތެރެއިން ކުދިން ފުރައްސާރައާއި ކުރިމަތިލާން ޖެހުމާއި، ޖިންސީ ގޯނާގެ ޝިކާރައަކަށް ވުން އަދި އެ ކުދިން ވެސް ގޯސް މަގަށް އެޅޭ ފަހަރުތައް އާދެ އެވެ.

އެ ކުދިންގެ އަހުލާގުގެ ވާހަކަ އެއީ ކޮންމެހެން ވެސް ދައްކަން ޖެހޭ ވާހަކައެއްގެ ގޮތުގައި ގަބޫލު ކުރަމެވެ. އަހުލާގު ދަށްވީ އަޅާލަން ޖެހޭ ވަރަށް އަޅާ ނުލެވޭތީ އެވެ. އެ ކުދިން ގެނެވެނީ އެކި މާހައުލުތަކުންނެވެ. ތަފާތު އެކި ހާލަތްތަކުގެ ތެރެއިންނެވެ. ނަމަވެސް ސުވާލަކީ ކުއްޖާއަށް ރަނގަޅު ޕްރޮގްރާމްތައް ނުހިންގެނީ ތޯ އެވެ. ރިހިބިލިޓޭޓު ކުރެވޭނެ އެވެ.

ކޭސްވޯކަރުންނަށް އަންނާނެ ގޮންޖެހުންތައް އަދި އުނދަގޫތައް ވެސް ގަބޫލު ކުރަމެވެ. އެއްކޮޅުން ދައްކާ ގަދަ ބާރަށް، އަނެއްކާ އެއަށް ވުރެ ބާރުލައި އަޑު ހަރު ކުރާނަމަ އިސްލާހެއް ނުފެންނާނެ އެވެ.

ދައުލަތަށް ގެންދާ ގިނަ ކުދިންނަކީ އެއީ ކޭސްވޯކަރުންގެ ފަރާތުން އެއްވެސް އަޅާލުމެއް ނުލިބޭ ކުދިންނެވެ. މިފަދަ ކިތަންމެ ވާހަކައެއް ވެސް ދެއްކިދާނެ އެވެ. މިއީ އަދި މިނިސްޓްރީއާއި ހަވާލު ކުރެވިފައިވާ އެންމެ ތަނެއްގެ ވާހަކައެވެ. އަދި ރަށްތަކުގެ ހާލަތު ދެން ސިކުނޑިއަށް ގެންނަވާށެވެ.

ކުޑަކުދިންނަކީ، ދައުލަތުގެ ފަރާތުންނާއި، އާއިލާގެ ފަރާތުންނާއި މުޖުތަމައުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބުމުގެ ހައްގު ލިބިގެންވާ ބައެއް ކަމުގައި ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވެއެވެ. އަދި އެ މާއްދާގެ (ރ) ގައި ދައުލަތުގެ ކަމާބެހޭ ކޮންމެ އިދާރާއަކުންވެސް، ކުޑަކުދިންގެ މައްޗަށް ގާނޫނު ހިންގައި ތަންފީޒުކުރުމުގައި މަސައްކަތްކުރާ ފަރާތްތަކަކީ ހާއްސަ ތަމްރީން ލިބިފައިވާ ގާބިލު ފަރާތްތަކެއް ކަމުގައި ވުމަށް ލާޒިމު ކުރުމާއި އެކު، އެފަރާތްތަކުގެ ގާބިލިއްޔަތު ގަވާއިދުން މުރާޖައާކޮށް، ވަޒަންކުރެވި، އެފަރާތްތަކުގެ ފެންވަރު ރަނގަޅުކޮށް ތަރައްގީކުރުމަށް ބާރުއެޅަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މި ގާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށާއި ކުށަށް އަރައިގަންނަ ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ރީހެބިލިޓޭޓިވް ފަރުވާ ދެވޭނެ، އަދި އެކުދިން ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ އައިސް، މުޖުތަމައުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދެވޭނެ ގޮތެއްގެމަތިން އެކުދިންނަށް ހިންގޭ ޕްރޮގްރާމްތައް ބައްޓަންކުރުން ލާޒިމު ކުރެ އެވެ.

ނަމަވެސް މީގެއިން އެއްވެސް ގާނޫނީ މާއްދާއަކަށް ރިއާޔަތް ކުރާތަން ނުފެނެ އެވެ. ދައުލަތުން ކުޑަކުދިން ބަލެހެއްޓުމުގައި އަމަލު ކުރަންޖެހޭ، އިންޓަނޭޝަނަލް އެއްވެސް މިންގަނޑަކަށް ވެސް ބެލުމެއް ނެތީ އެވެ. މިކަން އިއްޔެ ހަވީރުން ފެށިގެން، ރޭ ދަންވަރު 12 ޖެހުމާއި ހަމައަށް ފިޔަވަތި ސަރަހައްދުގައި ތިބި ނޫސްވެރިންނަށް އެނގޭނެ އެވެ. ޒިންމާވާނެ މީހެއް، ނެތި ތަނުގެ ތެރޭގައި ހިނގަމުން ދިޔަ ކަންތަކަށް ކޮންމެ ނޫސްވެރިއަކު ވެސް ނަޒަރު ހިންގާލީ އަސަރާއި އެކު އެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް އަހަރެމެންނަށް ފެނުނު މަންޒަރެއް ނޫނެވެ.

ފިޔަވަތީގެ ބައެއް ކަންކަން އެނގޭ، އެ ސަރަހައްދުގައި އުޅޭ މީހުން ބުނާ ގޮތުން އެންމެ ބޮޑު އިހުމާލެއް އޮތީ ޖެންޑާރ މިނިސްޓްރީގެ އެވެ. ހުރިހާ އުމުރުފުރާއެއްގެ ކުދިން އެއްކޮށްގެން ގެންގުޅުން އެއީ ތަނުގެ އެންމެ ބޮޑު މައްސަލަ އެވެ.

އާއިލީ ބޮޑު މައްސަލައެއްގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ 10 އަހަރުގެ ކުއްޖާ އާއި ކުށުގެ ވެއްޓެއްގެ ތެރެއިން ގެންނަ އުމުުރުން 16 އަހަރު ވީ ކުއްޖާ ވެސް ހުންނަނީ ފިޔަވަތީގަ އެވެ. އެހެންވީމަ، ރަނގަޅަށް ހުންނަ ކުއްޖާ ވެސް ހަލާކުވެ ދަނީ އެވެ. ތަންކޮޅެއް މަޑުން އެއްކައިރީގައި ހުންނަ ކުއްޖެއް ނަމަ، ހަނގާ ވެސް ކުރަނީ އެވެ.

ޗައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާއި ހަމައަށް ނެގިޔަސް އޮންނާނީ ކައްޗަށޭ ބުނާ ބީދައިން، ދެން އެތާ އެތެރެ ރަނގަޅު ކުރެވޭނެ އެއްވެސް މަގެއް އޮތްހެން ހީއެއް ނުވެ އެވެ. މިއީ އެއްވެސް ހާލެއްގައި ވަކި މީހެއްގެ ބޮލުގައި އެޅުވޭނެ ޒިންމާއެއް ނޫނެވެ. މީގެ ކުރީގެ ސަރުކާރުތަކާއި، ޖެންޑާރ މިނިސްޓްރީގެ އިސްވެރިންތައް ސިޔާސީ މަގްސަދުތައް ހާސިލު ކުރުމުގެ ނަތީޖާއަކީ މިއީ އެވެ. މުވައްޒަފުންނާއި ގުޅޭގޮތުން ކުރެވޭ ތުހުމަތާއި ޝަކުވާތައް މީޑިއާތަކުން ރިޕޯޓު ކުރިޔަސް، އެކަމުގައި ކުށްވެރިވަނީ އެ ރިޕޯޓެއް ލިޔާ ނޫސްވެރިޔާ އެވެ.

ޖާގައިގެ ދަތިކަން އިންތިހާއަށް އޮތް އިރު، އެ ކުދިން ތިބީ ނަފްސާނީ ގޮތުން ބަލިކަށިވެފަ އެވެ. ހަގީގަތަކީ މިއީ އެވެ. ލިބެންޖެހޭ ފަރުވާ ނުލިބުމުގެ އެންމެ ބޮޑު އެއް ނަތީޖާ އަކީ، ޓްރިގާރ ވެ ރުޅިގަދަ ވުން އަވަސް ވުމެވެ. މިކަން ވަރަށް ރަނގަޅަށް މިނިސްޓްރީއަށް އެނގޭނެ އެވެ. އެކެއް އަނެއްކެއްގެ ބޮލަށް ޖަހައި، ވަރިހަމަ އުސޫލުން ތިބެނީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: