ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒްމްގެ ގާނޫނުގައިވާ ގޮތަށް އަމަލުކޮށްފިނަމަ ހައްލު ލިބޭނެ: އޭޖީ

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒްމް މަނާކުރުމުގެ ގާނޫނު ކިތަންމެ ފުރިހަމައަށް އެކުލަވާލާފައި އޮތަސް، ކުށްކުރާ މީހުން ކުށްކުރާ ގޮތް ތަފާތުވާ ކަމަށާއި އެކަމުގެ ސަބަބުން ގާނޫނު ތަންފީޒުކުރުމަށް ގޮންޖެހުންތަކެއް ދިމާވަމުންދާކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޓާނީ ޖެނެރަލް ރިފްއަތު ހާޒިރުކޮށްފައިވަނީ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު ޓެރަރިޒްމްގެ ގާނޫނާއި ގުޅޭގޮތުން ސުވާލުކުރުމަށެވެ. މެމްބަރު ވައްޑޭ ކުރެއްވި ސުވާލުގައިވަނީ ޓެރަރިޒްމް މަނާކުރުމުގެ ގާނޫނުން އަދިވެސް މުޖުތަމައަށް ނުރައްކާވާ މީހުން ބަންދުގައި ބޭތިއްބުމަށް މަގުދައްކައިނުދޭ ކަމަށާއި ރިހިބިލެޓޭޝަން ޕްރޮގްރާމް ހިންގުމަށްވެސް އެފަދަ މީހުން ދައުލަތުގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށް ފުރުސަތު ނެތްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައިވާތީ އެކަމާއި ގުޅޭގޮތުންނެވެ. މިކަމުގައި ގާނޫނީގޮތުން ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ މިމައްސަލައަށް ގާނޫނީ ގޮތުން ހައްލެއް ހޯދައިދިނުމަށް ލަސްވަމުންދަނީ ކީއްވެތޯ ވައްޑެ ވަނީ ސުވާލުކުރައްވާފައެވެ.

ސުވާލުގެ ޖަވާބުގައި އޭޖީ ރިފްއަތު ވިދާޅުވީ ޓެރަރިޒްމްގެ ތުހުމަތުކުރެވޭ މީހުންނާއި މެދު އަމަލުކުރާނެ އިޖްރާއަތްތަކެއް މިހާރުވެސް ގާނޫނުގައި ކަނޑައަޅާފައިވާކަމަށެވެ. މިހާރުވެސް އަމަލުކުރުމަށް ދެއިޖްރާއަތެއް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް ރިފްއަތު ވިދާޅުވިއެވެ. އޭގެ ތެރެއިން އެއްގޮތަކީ މޮނިޓަރިން އެންޑް ކޮންޓްރޯލިން އަމުރު ނުވަތަ މޮނިކޮން އަމުރު ނެރުން ކަމަށާއި ދެވަނަ ގޮތަކީ ހައްޔަރުކޮށް ބަންދުކުރުކުރުމަށް ކަނޑައަޅާފައި އޮންނަ އިޖްރާއަތްތަކާއި އެއްގޮތަށް އަމަލުކުރުންކަމަށް ވިދާޅުވިއެވެ.

ރިފްއަތު ވިދާޅުވީ، ޓެރަރިޒްމްގެ އަމަލެއް ހިންގަފާނެކަމަށް ބުއްދިއަށް ގަބޫލުކުރެވޭ ހެކި ނުވަތަ ސަބަބެއް އޮވެއްޖަނަމަ ނުވަތަ ޓެރަރިޒްމްގެ އަމަލެއް ހިންގަފާނެ ނުވަތަ އެފަދަ ކަމެއްގައި ބައިވެރިވެދާނެކަމަށް ބެލެވޭ ހާލަތެއްގައި މޮނިކޮން އަމުރު ނެރުމަށް އެދުމުގެ ބާރު ހޯމް މިނިސްޓަރަށް ލިބިގެންވާކަމަށެވެ. އަދި މިހާތަނަށް ހައިކޯޓުން ވަނީ މިފަދަ އަމުރުތައް ނެރެދެއްވާފައިކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ. ޓެރަރިޒްމްގެ މައްސަލައެއްގައި ޝަރީއަތް ހިނގަމުންދާ މީހަކީ ނުވަތަ ކުށުގެ ތުހުމަތުކުރެވޭ މީހަކީ ކުށުގެ ރިކޯޑް އޮތް މީހެއްނަމަ ނުވަތަ އިންޓެލިޖެންސް ރިޕޯޓެއް އެމީހަކާއި ގުޅޭގޮތުން ހަދާފައިވާނަމަ މޮނިކޮން އަމުރު ނެރެދިނުމަށް އެދުމުގެ ބާރު މިނިސްޓަރަށް ލިބިގެންވާކަމަށް ރިފްއަތު ވިދާޅުވިއެވެ.

“ޓެރަރިޒްމް ގާނުނު ތަންފީޒުކުރުމުގައި ދަތިތަކެއް ހުރިކަމަށް ޕޮލިސް ސާވިސްއިންވެސް ހޯމް މިނިސްޓަރުވެސް ފާހަގަކޮށްފައިވޭ” ރިފްއަތު

ދާދިފަހުންވެސް ޓެރަރިޒްމް މަނާކުރުމުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށައަޅުއްވާފައިވާކަން ފާހަގަކުރައްވައި އޭޖީ ވިދާޅުވީ، މިހާރުވެސް ގާނޫނުގައި ކަނޑައަޅާފައިވާ އިޖްރާއަތުގެ ދަށުން ބަންދުގެ މަރުކަޒެއްގައި ޓެރަރިޒްމްގެ ކުށުގެ ތުހުމަތުކުރެވޭ މީހަކު ބަންދުކުރުމުގެ ބާރު ލިބިގެންވާކަމަށެވެ. އަދި ހަނގުރާމައަށް ދިޔުމަށްފަހު އެނބުރި އައިސްފައިވާ މީހުންގެ ތެރެއިން ކުށް ސާބިތުނުވެ ތިބި މީހުންނަށް ރިހިބިލެޓޭޝަން ޕްރޮގްރާމް ހިންގިދާނެކަމަށްވެސް އޭޖީ ވިދާޅުވިއެވެ.

މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާ ދެ އިޖްރާއަތަކީ ދުނިޔޭގެ އެހެން ތަންތަނުގައިވެސް އަމަލުކުރަމުންދާފަދަ އިޖްރާއަތްތައްކަމަށް އޭޖީ ވިދާޅުވިއެވެ. އަދި މިފަދަ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނާއިމެދު އަމަލުކުރާނެ ގޮތް ގާނޫނުގައި ސާފުކޮށް ބުނެފައިވާކަމަށްވެސް އޭޖީ ވިދާޅުވިއެވެ. އަދި ގާނުނުގައިވާ ގޮތަށް ތަންފީޒީ އިދާރާތަކުން ކަންތައް ކޮށްފިނަމަ ހައްލު ހޯދޭނެކަމަށް ގަބޫލުކުރައްވާކަމަށް އޭޖީ ވިދާޅުވިއެވެ.

އިތުރު ސުވާލުތަކަށް ހުޅުވާލި ފުރުސަތުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭޖީ ރިފްއަތު ވިދާޅުވީ އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން ގާނޫނަށް ގެންންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރުވެސް އިސްލާހުތަކަކާއެކު މަޖިލީހަށް ބިލެއް ފޮނުވާފައިވާނެކަމަށް ވިދާޅުވިއެވެ. އަދި ޕްރޮސެކިޔުޓަރ ޖެނެރަލް އަމަލުކުރައްވާ ސިޔާސަތު ބަދަލުކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެކަމަށް އޭޖީ ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ ގާނޫނު ތަންފީޒްކުރަމުންދާއިރު ގޮންޖެހުންތައް ދިމާވާކަމަށް ގަބޫޅުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، ޓެރަރިޒްމްގެ މައްސަލަތަކަކީ ހުރިހާ ހިސާބެއްގައިވެސް އުނދަގޫ މައްސަލަތަކެއް ކަމަށާއި ކިތަންމެ ފުރިހަމައަށް ގާނޫނު ފަރުމާކުރިޔަސް، ކުށްކުރާ ގޮތް ތަފާތުވެގެންދާ ކަމަށެވެ. އެހެންކަމުން، ހެއްކާއި ގަރީނާ ހޯދުމަށް އުނދަގޫތަކެއް ދިމާވާ ކަމަށާއި ހޯދާ ހެކި ޝަރީއަތަށް ގެންދިޔުމަށްވެސް ދަތިތަކެއް ކުރިމަތިވާކަމަށް އޭޖީ ވިދާޅުވިއެވެ. އެގޮތުން އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ހެކި ހޯދަން ދަތިވުމާއި، ހެކި ތަހުލީލުކުރުމަށް ބޭރަށް ފޮނުވަންޖެހުމަކީވެސް ދިމާވާ ގޮންޖެހުމެއްގެ ގޮތުގައިވަނީ ފާހަގަކުރައްވާފައެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހޯމް މިނިސްޓަރ އިމްރާން އަބުދﷲ ހާޒިރުކުރެވި މިކަމާއި ގުޅޭގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރ ވަނީ  ޓެރަރިޒަމްގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުން ވެސް އެފަދަ މީހުން ހައްޔަރުކޮށްފައި ބޭތިއްބުމަށް ހައްލެއް ހޯދައި ދެވިފައިވާ ނުވާ ކަމަށް ވިދާޅުވެފައެވެ. ގާނޫނުން މިފަދަ މީހުން ހައްޔަރުކުރުމުގެ ބާރު ލިބިދީފައިނުވާކަމަށް މިނިސްޓަރ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެފަދަ މީހުން ހައްޔަރުކޮށް ރީހެބިލިޓޭޓު ކުރެވެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބޭނެ ނިޒާމެއް ގާނޫނުގެ ތެރެއިން ލިބިދޭންޖެހޭކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: