ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްޔެ ބުނީ ރާއްޖެއަށް ކޮށްދެވޭނެ ކަމެއް ނެތޭ، މިއަދު ރިޔާސަތުގައި!

ރަަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަދުި އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެ އެއްބައިވަންތަކަމާއި އެކަތިގަނޑަކަށް ވެ މަސައްކަތް ކުރުމަށް މަޖުބޫރު ކުރި އެއް ހާލަތަކަށް ވެގެންދާނީ މިހާރު ވެސް ދުނިޔޭގެ އެތައް ގައުމަކުން ކުރިމަތިލަމުންދާ ކޮވިޑު-19 ގެ ހާލަތެވެ. އެއް ގައުމު އަނެއް ގައުމަށް އެހީއަށް ބޭނުންވެފައިވާ މި ދަނޑިވަޅަކީ، އެ ގައުމުތަކަށް ދިމާވެފައިވާ އެތައް ގޮންޖެހުމެއްގެ ވާހަކަތައް ހަރުއަޑުން ގޮވާލަން ބޭނުންވެފައިވާ ވަގުތެއްކަމުން 75 ވަނަ އދ. ގެ ހާއްސަ މަޖިލީހުގެ ސެޝަން އެތައް ގޮތަކުން މުހިންމު ވެ އެވެ. މި ބައްދަލުވުން މިއަދު ފަށާފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ފޯކަސްއަކަށް ވަނީ ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމެވެ.

ސިޔާސަތުތައް ބަލައި ދެމެއްހެއްޓުމާއި، އެ ބައްޓަން ކުރމުގެ ހުރިހާ ޒިންމާއެއް އޮތީ ހާއްސަ މަޖިލީހަށެވެ. މިއީ ހުރިހާ ގައުމަކަށް ވެސް ދިމާވެފައިވާ މައްސަލަތަށް ބައިނަލްއަގުވާމީ ލެވެލްއެއްގައި މަޝްވަރާ ކުރުމަށް ލިބޭ އެންމެ ބޮޑު ފޯރަމެވެ.

އދ. ހާއްސަ މަޖިލީހަކީ އެ ޖަމިއްޔާގެ މުހިންމު ނިންމުންތައް ނިންމާ ގުނަވަނެވެ. ދުނިޔެއަށް ދިމާވެފައިވާ ސީރިއަސް، އަދި ނާޒުކު މައްސަލަތަކަށް އަލިއަޅުވާއިރު އޭގެ ތެރޭގައި ދުނިޔެއަށް ދޫކުރާ ވިހަ ގޭހުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއި، ގައުމުތަކަށް ދިމާވެފައިވާ ބަނޑުހައިހޫނުކަން އަދި އިންސާނީ ހައްގުތަކުން އެއްކިބާކޮށް ހިންގާ އެކި އަމަލުތަކާއި ދެކޮޅަށް އަޑު އުފުލަ އެވެ. 1946 ވަނަ އަހަރުގެ ތެރޭގައި އުފެދިގެން އައި މަޖިލީހުގައި މީގެ ކުރިން ވެސް ވަކާލާތު ކުރަމުން ދިޔަ އެތައްކަމަކަށް މިއަދު ވެސް ވާހަކަތައް ދެކެވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ ނަސްލީ ތަފާތު ކުރުންތަކާއި، މިންތީގެ ހަމަހަމަކަން އެވެ.

193 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ މި އާއްމު މަޖިލީހަކީ، ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ތަމްސީލު ކުރާ އެއް ފޯރަމަށް ވުމާއި އެކު، މުހިންމު ނިންމުންތަކަށް ބަހުސް ވެސް ކުރެވެއެވެ. އަދި އެ ވަގުތެއްގައި ދުނިޔޭގެ ސިޔާސީ ހަމަޖެހުމާއި، އިގްތިސޯދީ، އަދި ސިއްހީ ހާލަތާއި އޮތް ގޮތާއި މެދު ވާހަކަ ދެކެވެ އެވެ.

ދިވެހި ރާއްޖެއާއި އދ.

ދިވެހިރާއްޖެއަށް ލިބުނު ފުރިހަމަ މިނިވަންކަމާއި އެކު 1965، ސެޕްޓެމްބަރު 21 ގައި އދ. ގެ މެމްބަރެއްގެ ގޮތުގައި ރައްޖެ ގުޅުނެވެ. ރާއްޖެއިން އދ. ގެ މެމްބަރު ގައުމެއްގެ ގޮތުގައި ބައިވެރިވުމަށް ހުށަހެޅުމުން އދ. ފަދަ އައު ޖަމިއްޔާއެއްގައި ރާއްޖެ ފަދަ ކުޑަ ގައުމަކަށް އަދާ ކުރެވިދާނެ ދައުރާއި އެކު އެ ޖަމިއްޔާގެ ސަލާމަތީ މަޖިލީހުގައި މަޝްވަރާ ކުރެވުނެވެ.

އާންމު މަޖިލީހުން، އދ. ގައި އަދާކުރަމުން ދާ ބައެއް މަސްއޫލިއްޔަތުތަކުގެ ތެރޭ ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ލަފާގެ މަތީން، ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލްއެއް އައްޔަނު ކުރުމާއި އަދި ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ނޫން މެމްބަރުން އައްޔަން ކުރުމާއި އެކު، ބަޖެޓު ފާސްކުރުމުގެ މަސައްކަތް ހިމެނެ އެވެ. މިއީ އދ ގެ މައިގަނޑު 06 ގުނަވަނުގެ ތެރެއިން އެންމެ މުހިންމު އެއް ގުނަވަނެވެ.

އދ ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ރާއްޖެއަށް ކާމިޔާބު ކުރެވުމާއި އެކު، ރާއްޖެ ވެގެންގޮސްފައި ވަނީ އެ މަގާމު ފުރާ ސްމޯލް އައިލެންޑް ޑިވޮލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ގައުމުތަކުގެ ތެރެއިން 06 ވަނަ ގައުމަށެވެ. ހަމައެއާއި އެކު ރާއްޖެއަކީ 1989 ގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޮސިސް) އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރި ގައުމެކެވެ.

މޫސުމީ ބަދަލުތަކާއި ގުޅިގެން އިންސާނީ ހައްގުތަކަށް ކުރާ ނޭދެވޭ އަސަރާއި ގުޅޭގޮތުން، 2012 އިން ފެށިގެން ބައިނަލްއަޤްވާމީ މައިދާނުގައި މައިދާނުގައި އިސް ދައުރެއް އަދާ ކުރި އެވެ. އަދި އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލް (ޔޫއެންއެޗްއާރުސީ) ގައި އިންޑިޕެންޑެންޓް އެކްސްޕާޓް އޮން ހިއުމަން ރައިޓްސް އެންޑް އެންވައިރޮމެންޓުގެ މަގާމު އުފެއްދުމުގައި ރާއްޖެއިން އިސް ދައުރެއް އަދާ ކުރިކަން ފާހަގަ ކުރެވެ އެވެ.

މީގެ އިތުރުން އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލް (ޔޫއެން.އެޗް.އާރު.ސީ) ގައި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި އަދި ތަރައްގީވަމުން އަންނަ ކުދި ގައުމުތަކުގެ ބައިވެރިވުން އިތުރު ކުރުމޔގެ ގޮތުން 2012 ގައި ވޮލަންޓްރީ ޓްރަސްޓް ފަންޑެއް ގާއިމު ކުރުމުގައި ރާއްޖެއިން އިސް ދައުރެއް އަދާ ކުރި އެވެ.

2015 އިން 2016 ވަނަ އަހަރަށް ރާއްޖެއިން ވަނީ އެއޮސިސްގެ ޗެއާގެ މަގާމު ވެސް އަދާކޮށްފަ އެވެ.

ހާއްސަ މަޖިލީހުގެ ޒިންމާތައް

ގައުމުތަކުގެ އެތެރޭގައި އުފެދޭ އެކި އެކި މައްސަލަތަކުގައި، ހާއްސަ މަޖިލީހުން އަބަދުވެސް ލަފާ އަރުވަ އެވެ. ހާއްސަ މަޖިލީހުގެ އިސް ނެގުމަށް ސިޔާސީ، އިންސާނީ، އަދި އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ގައުމުތަކަށް ކުރިމަތިވީ އެކި މައްސަލަތައް ހައްލުކޮށްފައި ވެއެވެ. މިގޮތަށް ކުރޭވޭ މަސަައްކަތުން، ބަހުސްކޮށް ކޮންމެ ގައުމަކަށް ވެސް ހާއްސަ މަޖިލީހުގައި ވޯޓު ލުމުގެ ހައްގު ދެއެވެ. މައްސަލަތަކުގެ ހައްލު ހޯދަނީ، މެމްބަރު ގައުމުތަކުގެ މެޖޯރިޓީ ވޯޓާއި އެކު އެވެ. މާނައަކީ އެ ހުށަހެޅުމެއް ފާސްވާން ތިންބައި ކޮށްފައި ދެ ބައިގެ މެޖޯރިޓީ ވޯޓު ލިބެން ވާނެ އެވެ.

ބައެއް ހާލަތްތަކުގައި ވޯޓަކަށް ނުގޮސް ވެސް، މަޝްވަރާތަކަށް ފަހު ގައުމުތަކުގެ އިއްތިފާގުން ގޮތް ނިންމަ އެވެ. އެ ބާރު ލިބިގެންވަނީ އާއްމު މަޖިލީހުގެ ރައީސަށެވެ

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މަގްސަދުތައް

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ބޭރު ގައުމުތަކާއި، ރަހުމަތްތެރިކަން ބަދަހިކޮށް، ދުނިޔޭގެ ސުލްހަ އާއި، އަމަންއަމާންކަން ދެމެހެއްޓުމަށް ސަރަހައްދީ ގޮތުން އަދި ބައިލްއަގުވާމީ ގޮތުން ހަރަކާތްތެރިވާ މިނިވަން ހާރިޖީ ސިޔާސަތެއް ގާއިމްކޮށް ތަންފީޒު ކުރުމެވެ. އަދި ރާއްޖޭގެ ގަދަރާއި އިއްޒަތާއި، ޝަރަފު ދުނިޔޭގެ ކުރިމަތީގައި ކުރިއަރުވާ، ބައިނަލްއަގުވާމީ މުޖްތަމައުގައި ރާއްޖެއަކީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކަށް އިހުތިރާމު ކުރާ ގައުމެއްގެ ގޮތުގައި ހެދުމެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަދި ބޮޑެތި ކާމިޔާބީތަކުގެ އެއް ހެއްކަކީ ކޮވިޑުގެ ތެރޭގައި ހޭދަކުރި ދޮޅު އަހަރުގެ ތެރޭގައި ލިބުނު އެހީތަކެވެ. ކޮވިޑު-19 ގެ ހާލަތުން އަރައިގަތުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނެވެ. ވަކިން ހާއްސަކޮށް ކޮވިޑުގެ ތެރޭގައި ދިވެހިން އެކި ގައުމުތަކުގައި ތާށިވުމާއި، އެކި ގައުމުތަކުގައި ތައުލީމް ހާސިލު ކުރަމުންދިޔަ ދިވެހި ޒުވާނުން އަނބުރާ ގައުމަށް ގެނައުމަށް ކުރެވުނު މަސައްކަތްތައް ފާހަގަ ކުރެވެ އެވެ.

ބޭރުގެ އެހީތެރިކަމާއި އެކު ރައްޖެއިން މުޅި އާބާދީއަށް ޖެހޭވަރަށް ވެކްސިން ކަށަވަރު ކުރި އެވެ.

ޔޫއެންޖީއޭގައި ރައީސް ސޯލިހުގެ ދައުރު

ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް، މުހިންމު ބޮޑެތި ކަންތަކުގައި ބޮޑެތި މަޖިލީސްތަކުގައި އަޑުއުފުލާފައިވާ ގައުމެކެވެ. އޭގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަބަދުވެސް ހަރު އަޑުން އަޑުއުފުލާފައި ވެއެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކާއި މެދު ހޭލުންތެރިކަން އިތުރުކޮށް، ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ރާއްޖެފަދަ ކުޑަ ގައުމުތަކަށް ދިމާވަމުންދާ ނުރައްކާތައް ފާހަގަ ކުރުން ހިމެނެ އެވެ.

އަދި ހަމައާއި އެކު ހަރުކަށި ފިކުރާއި ޓެރަރިޒަމާއި ދެކޮޅަށް އަޑުއުފުލުމާއި، މިންތީގެ ހަމަހަމަކަން ގާއިމު ކުރުން އަދި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމާއި، ސުލްހަ ގާއިމް ކުރުމަށް އަޑުއުފުލުން ހިމެނެ އެވެ.

މި ސަރުކާރުގެ އެންމެ މުހިންމު އެއް ނިންމުމަކަށް ވެގެންދާނީ، އަލުން ކޮމަންވެލްތާއި ގުޅުމެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ރައްޖެ ވަކިވުމާއި އެކު ބައިނަލްއަގުވާމީ މުޖްތަމައުއިން ރާއްޖެ އެކީ އެކަހެރިވެގެން ދިޔަ އެވެ. އެހެންވެ، އެ އެކަހެރިވުން ނިމުމަކަށް ގެނައުމަށް މި ސަރުކާރުން ގިނަ މަސައްކަތްތައް ކުރައްވާފައި ވެއެވެ. އަދި އެ މަސައްކަތުގެ ދަށުން ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅިފައިވަނީ، 2020 ފެބްރުއަރީ 01 ގަ އެވެ.

މީގެ އިތުރުން ގަތަރާއި މިދިޔަ ސަރުކާރުން ގުޅުން ކަނޑާލުމުން އެ ގުޅުން އަލުން އައު ކުރީ 2021 މާޗު 15 ގަ އެވެ. އޭގެ ސަބަބެއްގެ ގޮތުން ރާއްޖެ މެދުއިރުމަތީގެ އެހެން ގައުމުތަކާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވާން ފުރުސަތު ހުޅުވިގެން ދިޔަ އެވެ.

ދިގު ރާސްތާއެއްގެ ބޮޑު ކާމިޔާބީއެއް!

ރާއްޖެއަށް 1965 ގައި ފުރިހަމަ މިނިވަންކަން ލިބުމުގެ ކުރިން ވެސް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯގެ އެހީތެރިކަން ލިބެމުން ދިޔަ އެވެ. އެއީ ރާއްޖެ އެވަަގުތު އޮތީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައިކަމަށް ވުމުންނެވެ. އެހެން ކަމުން، އދ ގެ މެމްބަރު ގައުމަކަށް ވުމުގެ ކުރިން ވެސް އެ މަޖިލީހަށް ރާއްޖެ ކުރިއެރުމަށް ކުރަމުން އައި މަސައްކަތެއް އެނގޭނެ އެވެ. އެހެން ނަމަވެސް އދ. އާއި ގުޅެން ރާއްޖެ ނިންމި ހިސާބުން ގައުމުތަކުން އުފެއްދި ސުވާލަކީ، ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ފަރާތުން އދ އަށް ލިބޭނެ ފައިދާ އާއި މެދު އެވެ. ބޮޑެތި ގައުމުތަކާއި ދެކޮޅަށް ބަސް ބުނަން ކެރިދާނެކަމާއި މެދު އެމީހުން ސުވާލު އުފެއްދީ އެވެ. އެހެން ނަމަވެސް މިއަދު ރާއްޖެ އަކީ އދ. ގެ އާއްމު މަޖިލީހުގައި އެންމެ ހަރު އަޑުން، ވާހަކަ ދައްކާ އެއް ގައުމެވެ. ރިޔާސަތުގައި މިއަދު އިންނެވީ ދިވެހި ދަރިއެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: