ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ގޮވާލީ ގައުމުތަކުން ވަކިވެ އެކަހެރި ނުވުމަށް!

އ.ދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިގޭގެ އެތައް ގައުމެއް ހުއްޓުވުމަކަށް ގެނައި ކޮވިޑު-19 ގެ ބަލިމަޑުކަމުން ދައްކުވައިދިން ހަގީގަތަކީ އެއްވެސް ގައުމަކީ ވަކިވެ އެކަހެރިވެ އެކަނި އޮވެވޭނެ ގައުމެއް ނޫންކަންކަމަށާއި، ރައްކާތެރި ދިރިއުޅުމަކަށް އެންމެންގެ ވެސް ބައިވެރިވުން ބޭނުންވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ރައީސް ސޯލިހު ދެއްވި ތަގުރީރުގައި އެމަނިކުފާނުވަނީ ފާއިތުވި ދޮޅު އަަހަރު ދުވަސް މުޅި ދުނިޔެ ހޭދަކުރަން ޖެހުނީ ބޮޑު ވޭނެއްގެ ތެރޭގައިކަން ފާހަގަ ކުރައްވާފަ އެވެ. މިއީ ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ކުރިމަތިލާން ޖެހުނު، އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ގައުމުތަކަށް ކޮވިޑުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑާއި ދެކޮޅަށް އެޅި ފިޔަވަޅުތަކަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ، ބަލި ރާއްޖެ އެތެރެވުން ހުއްޓުވުމަށް އެޅި އެންމެ ބޮޑު ފިޔަވަޅަކީ ބޯޑަރުތައް ބަންދު ކުރުން ކަމަށެވެ. އަދި ފަތުރުވެރިކަމަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބި، ވިޔަފާރިތައް ހުއްޓި އެތައް އަހަރުތަކެއް ވަންދެން ކުރި މަސައްކަތްތައް ފަހަތަށް ޖައްސާލިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރާއްޖެއަށް ބޭރު ފައިސާ ވަނުން ހުއްޓި، އާމްދަނީގެ ވަސީލަތްތައް މަޑުޖެހިގެން ދިއުމަކީ ގައުމަށް ލިބުނު އެންމެ ބޮޑު ގެއްލުންކަން ރައީސްގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

“ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ތަޙައްމަލް ކުރަން ޖެހުނު. ފަތުވެރިކަން މުޅިން ހުއްޓުނު. ބޭރު ފައިސާ ލިބުން ދަތިވި. ވިޔަފާރިތައް ހުއްޓުމަކަށް އައި. ފުރަބަންދުގެ ސަބަބުން ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަން އެނދުމަތިވި. ދެލޯ ނޭދި އެދޭ އަޅުގަނޑުމެންގެ ދަރީންގެ ތަޢުލީމު އަހަރުތަކަކަށް ފަހަތަށް ޖެހުނު” ރައީސް

ދިވެހިރާއްޖޭގެ މައި ދޮރާށި ވަގުތީ ގޮތުން ބަންދު ކުރަން ނިންމި ނިންމުން އެއީ ފަސޭހަ ނިންމުމެއް ނޫންކަން ފާހަގަކޮށް ރައީސް ވިދާޅުވީ، ކޮވިޑާއި ކުރިމަތިލާން ފަށަން ޖެހުނީ ސުމަކާއި ހިސާބުން ކަމަށެވެ. އޭރު ވެކްސިން އުފައްދާނެ ގޮތެއް، ނުވަތަ ބައްޔާއި ބެހޭ މާބޮޑު މައުލޫމާތެއް ނޭނގޭއިރު، މިއަދާއި ހަމައަށް އައީ ސިއްހީ މާހިރުންނާއި އެ ބޭފުޅުންގެ ލަފައާއި އިރުޝާދުގެ ދަށުންކަމަށް ރައީސް ވިދާޅުވި އެވެ. އެ ހުރިހާ އުނދަގޫ ނިންމުންތަކަށް ފުން ނޭވާއެއް ލާން ޖެހުނު ނަމަވެސް، މިއަދު ދިވެހި ގައުމު ހަމަޖެހުމެއްގެ ތެރޭގައި އޮތުމަކީ ނެރެވުނު އެންމެ މުހިންމު ނަތީޖާގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވި އެވެ.

“މިކަންކަމާ ކުރިމަތިލުމުގައި އިހަށް ވިސްނަންޖެހުނީ، މިކަމުގައި ވިސްނަންވީ ގޮތަކީ ކޮބައިތޯ؟ ބޯޑަރުތައް ބަންދުކުރުމަކީ ހިތާއި ޒަމީރު ރުހިގެން ކުރިކަމެއް ނޫން. ބަޔަކު އެކަމަށް އެދޭތީއެއްވެސް ނޫން. އެކަމަކު އެ އުނދަގޫ ނިންމުން ނިންމަން އެވަގުތު ޖެހުނު. މި ބަލިމަޑުކަމާ ކުރިމަތިލުމަށް އަޅުގަނޑުމެން ފަށަންޖެހުނީ ސުމަކުން. އޭރު އަދި ވެކްސިން އޮތީ ހަމައެކަނި ދެކޭ ހުވަފެނެއްގެ ގޮތުގައި. މި ބަލިމަޑުކަމުގެ ތެރެއިން މިހިސާބަށް އާދެވެންދެން އަޅުގަނޑުމެން ކަށަވަރުކުރި ވަކި ކަންތައްތަކެއް ހުރި. އެއީ ކަމާބެހޭ ޞިއްޙީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތީގައި ދެމިތިބުން. މުވައްޒަފުންނާއި، މުއައްސަސާތަކާއި، ވޮލަންޓިއަރުންގެ ސަފުތައް ރުކުރުވައިލުން. ކާޑާއި، ބޭހާއި ތެލާއި، އެނޫންވެސް ޒަރޫރީ ތަކެތީގެ ސްޓޮކް ގުދަންކުރުން. ނަތީޖާއެއްގެ ގޮތުން އެދުވަހު ޤައުމުލީ ފުން ނޭވާއަށް މިވަގުތު ވަނީ ހަމަޖެހުމެއް ލިބިފައި” ރައީސް ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ، މި ވަބާއިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ޖެހުން ކަމަށެވެ. އެ އަމާޒާއި އެކު މަސައްކަތް ކުރަންޖެހޭނީ، ހަމަހަމަކަމާއި އެއް އުސޫލެއްގެ ދަށުންކަން ވަކާލާތު ކުރައްވައި ރައީސް ވިދާޅުވީ، މިފަދަ ބަލިމަޑުކަމެއް ތަކުރާރުވިޔަ ނުދިނުމަށް މުޅި ދުނިޔޭގެ ލޯތައް އަމާޒުކޮށްގެން ތިބީ އދ ގެ އާއްމު މަޖިލީހަށް ކަމަށާއި، ވަސީލަތްތަކާއި ހަކަތައާއި އިލްމާއި ހުނަރުގެ އިތުރުން ހޯދުންތައް އެއްތަންކޮށް ހިއްސާވުމަށް އެއްބަސްވާން ޖެހޭ ކަމަށެވެ. އަދި ވީ އިންސާނިއްޔަތާ ހުރިހާ ގައުމެއް ދިފާއު ވެގެން މެނުވީ ހަގީގީ ދިފާއެއް އަދި މާނަވީ ސަލާމަތެއް މިކަމަކުން ނުހޯދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮވިޑު-19 ގެ ގެއްލުން ހުރިހާ ގައުމަކަށް ވެސް ކުރިއިރު، މި ބަލިމަޑުކަމުން ދައްކައި ދިނީ އެއްވެސް ގައުމަކަށް ވަކިވެ އެކަހެރިވެގެން ހޯދޭ މޮޅު ނަތީޖާއެއް ނެތްކަން ކަމަށާއި އަމާން، ރައްކާތެރި ދިރިއުޅުމަކަށްޓަކައި އެންމެން އެއްބައިވަންތަވެ އެކުވެރިވާންޖެހޭކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ކުރިމަތިލުމުގައި ރާއްޖޭގެ ތަޖުރިބާ އެ މަޖިލީހުގެ މެންބަރުންނާ ހިއްސާކުރައްވާފަ އެވެ. މީގެ އިތުރުންވެސް ރާއްޖޭގައި ދިރިއުޅޭ ވެކްސިން ޖެހޭ ޢުމުރުފުރާގެ 95 އިންސައްތަ އަށްވުރެ ގިނަ ކިޔަވާ ކުދިންގެ ވެކްސިން ފުރިހަމަ ވެއްޖެކަމަށާއި، އަދި ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 85 އިންސައްތަ އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ކޮވިޑް ކޮންޓްރޯލް ކުރުމަށް ނެގި ފިޔަވަޅުތަކަށް ލުއި ދީ، ރާއްޖެއޮތީ ދުނިޔެއަށް މަރުޙަބާ ކިއުމަށް ތައްޔާރަށްކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: