ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔެއަށް ރައީސް ދެއްވި ވަރުގަދަ މެސެޖު: ފަލަސްތީނުގެ ޝުކުރު ރާއްޖެއަށް!

އ.ދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ މިނިވަންކަމުގެ ދިފާއުގައި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އދ.ގައި މިރޭ އެކަމުގެ ހައްލަކަށް ގޮވާލެއްވުމުން ފަލަސްތީނުން އުފާކޮށް, ރާއްޖެއަށް ޝުކުރު އަދާކޮށްފި އެވެ

އދ،ގެ އާއްމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ދިވެހި ސަރުކާރާއި ދިވެހި އެންމެހައި ރައްޔިތުން ތިބީ ފަލަސްތީނު ރައްޔިތުންނާއި އެކުގައި ކަމަށެވެ. އދ ގެ ޢާންމު މަޖިލީހާއި ސެކިއުރިޓީ ކައުންސިލުން ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ނެރުނު ގަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ ނަމަވެސް ފަލަސްތީން ރައްޔިތުންގެ ހައްގުތައް ކަށަވަރުވެފައި ނުވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރައްވައި ރައީސް ވިދާޅުވީ، އިޒްރޭލުން ފަލަސްތީނުގެ އަންހެން ފިރިހެން ކުދިބޮޑު އެތައް ބައެއްގެ ހައްގުތައް ތަކުރާރުކޮށް ނިގުޅައިގަންނަމުން ދާ ކަމަށެވެ. ނަމަވެސް އަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައް ބަޔަކާއި، ގައުމުތަކުން ފަލަސްތީނުގެ ހައްގުގައި ނިކުންނަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުންކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި، ކުޑަ ދައުލަތެއް ތަމްސީލު ކުރާ މީހެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް މިއަދު އ.ދ ގައި ވާހަކަފުޅު ދެއްކެނީ ދުނިޔެއިން ދިވެހިރާއްޖެ ބަލައިގެންފައިވާތީ ކަމަށްވެފައި، މިލިއަނުން މީހުން ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.

“އދ ގެ ޢާންމު މަޖިލީހާއި، ސެކިއުރިޓީ ކައުންސިލުން ފަލަސްޠީނުގެ ޙައްޤުގައި ނެރުނު ގަރާރުތަކާއި، ނިންމުނު ނިންމުންތައް ގިނަ. މަދު އެއްޗަކީ، އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްތީނުގެ ހައްގު. ކުޑަ ދައުލަތެއް ތަމްސީލުކުރާ މީހެއްގެ ހައިސިއްޔަތުން މިއަދު މިތާހުރެ މި ވާހަކަ އަޅުގަނޑަށް ދެއްކޭ ސަބަބެއް އެބަވޭ. އެއީ، ދުނިޔެއިން އަޅުގަނޑުމެން ދިވެހިރާއްޖެ ބަލައިގެންފައި ވުން. މިލިއަނުން އަދަދު މަތި ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމުން، ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ.” ރައީސް

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދިވެހިން އެދެނީ ފަލަސްތީނަކީ އދ. އާއި މުޅި ދުނިޔެއިން ވެސް މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަންނަ ގައުމަކަށް ވުމަށާއި، އެމީހުންނަށް އެމީހުންގެ މިނިވަންކަމާއި ހައްގުތަކާއި އިމްތިޔާޒާއި އިހުތިޔާރުތައް ދޫކޮށްލުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ސޯލިހުގެ މި ގޮވާލުމަށް އދ.އަށް ފަލަސްތީނުން ކަނޑައަޅާފައިވާ މިޝަންއިން ޝުކުރު އަދާކޮށް ބުނީ، މިއީ ދުނިޔޭގެ ގައުމުތަކަށް ރާއްޖެއިން ދިން ވަރުގަދަ މެސެޖެއް ކަމަށެވެ. 

ފަލަސްތީނުގެ ބިންތަކަށް ބަޔަކު ވެރިވެގެން ތިބޭ ތިމުމަށް ރާއްޖެއިން އަޑުއުފުލިއިރު، އެ ގައުމު މިނިވަން ވާނެ ދުވަހެއްގެ އިންތިޒާރުގައި ތިބިކަމަށް ޓްވީޓުގައި ވެއެވެ.

ފަލަސްތީނުގެ އިތުރުން ރައީސް ވަނީ ދެކުނު އޭޝިއާގެ އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އަފްޣާނިސްތާނުގެ މިއަދުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން، އަފްޣާނިސްތާނުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވާން ޖެހޭކަމުގައި ވިދާޅުވެ، މިކަން ކަށަވަރުކުރުމަށްޓަކައި އެޤައުމުގެ ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް އަފްޣާނިސްތާނުގައި އޮތުން މުހިންމު ކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: