ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ ގެ ރިޔާސަތު ރާއްޖެއިން ބެލެހެއްޓުމަކީ ކުޅިވަރު މުބާރާތަކުން ޗެމްޕިއަންކަން ލިބުން ފަދަ ބޮޑު ކާމިޔާބީއެއް: ސަމީރު

ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އދ ގެ އާންމު މަޖިލީހުގެ ރިޔާސަތު ދިވެހިރާއްޖެއިން ބެލެހެއްޓުމަކީ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތަކުން ޗެމްޕިއަންކަން ހާސިލްކުރުން ފަދަ ބޮޑު ކާމިޔާބީއެއްކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއިން ގެނެސްދޭ ސަރުކާރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ސަމީރު ވިދާޅުވީ އދގެ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން ދިވެހިރާއްޖެއަށް ލިބިގެންދިޔުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. މިއީ ދިވެހިރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައި ހުރިހާ ދިވެހި ރައްޔިތުންވެސް ދެކެންޖެހޭ ކަމަށް ސަމީރު ވިދާޅުވިއެވެ. މިކާމިޔާބު ލިބުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވި ވިސްނުންފުޅާއި ދިވެހި ޚާރިޖީ ސިޔާސަތު ފާހަގަކޮށްލެވޭކަމަށް ސަމީރު ވިދާޅުވިއެވެ.

މިކާމިޔާބީއާއިއެކީ ދިވެހި ރައްޔިތުންނަށްވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށް ސަމީރު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ގައުމީ ޓީމް ޗެމްޕިއަންކަން ހޯދުމުން އެކަމާއި ހުރިހާ ދިވެހި ރައްޔިތުން އުފާވެ، ފަހުރުވެރިވާ ކަމަށާއި އެކަން ހާސިލްކުރުމުގައި މަސައްކަތް ކުރި އެންމެންނާއި މެދު އިތުރު އުންމީދުތަކެއް އާވެގެންދާކަމަށް ސަމީރު ވިދާޅުވިއެވެ. އެހެންކަމުން، މިކަމަކީވެސް އެފަދަ ކަމެއްގެ ގޮތުގައި ދެކެންޖެހޭ ކަމަށާއި އެއަށްވުރެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިކަން ދެކެންޖެހޭ ކަމަށް ސަމީރު ވިދާޅުވިއެވެ. ކުޅިވަރުގެ މައިދާނުގައި ލިބޭ ކާމިޔާބީ ރާއްޖެއިން ބަލައިގަނެ، އެކަން ފާހަގަކުރާ ފަދައިން އާބާދީގެ ގޮތުން ކުޑަ ގައުމަކުން އދގެ ރިޔާސަތު ބަލަހައްޓަން ލިބުންވެސް ފާހަގަކުރަން ޖެހޭކަމަށް ސަމީރު ވިދާޅުވިއެވެ.

މިކަމަކީ ރައީސް ސޯލިހުގެ ކާމިޔާބު މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާ ސަމީރު ވިދާޅުވީ ރައީސް ސޯލިހަކީ، އެކުރައްވާ މަސައްކަތްތައް އަބަދުވެސް ކާމިޔާބުކަމާއެކު ނިންމަވާލައްވާ ބޭފުޅެއް ކަމަށެވެ. އދ ގެ ރިޔާސަތު ބެލެހެއްޓުން ރާއްޖެއަށް ލިބިފައިވަނީވެސް ރައީސް ސޯލިހު ކުރެއްވި ބުރަ މަސައްކަތުން ކަމަށާއި ރާއްޖެއާއި ދުނިޔޭގެ އެހެން ގައުމުތަކާއި މެދު ދެކިވަޑައިގަންނަވާ ގޮތް ވަރަށް ރަނގަޅަށް ހާމަކޮށްދެެއްވައިފިކަމަށް ސަމީރު ވިދާޅުވިއެވެ.

މިކާމިޔާބު ހޯދުމަށް ދިވެހި ދައުލަތުން ބޮޑު ހަރަދެއް ކުރެއްވި ނަމަވެސް މިހަރަދަކީ ސަލާމަތީ މަޖިލީހުން ގޮނޑިއެއް ހޯދުމަށްޓަކައި މީގެ ކުރިން ކޮށްފައިވާ ހަރަދާއި އަޅާ ބަލާއިރު ކުޑަ މިންވަރެއްކަމަށް ވިދާޅުވިއެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ހިނގާދިޔަ ކަންކަމުން މިސާލު ޖައްސަވައި ސަމީރު ވިދާޅުވީ މީގެ ކުރިން ބޮޑެތި ހަރަދުތަކެއް ކޮށްގެންވެސް މިކަން ވަނީ ނާކާމިޔާބު ވެފައިކަމަށެވެ.

“ސަލާމަތީ މަޖިލީހުން ގޮނޑިއެއް ހޯއްދެވުމަށް އެތައް ގުނަ ހަރަދެއް ކޮށްގެން އެބޭފުޅުން ކުރެއްވި މަސައްކަތްވީ ނާކާމިޔާބު. 46 ގޮނޑި ލިބުނީ ގާތްގަނޑަކަށް 17 މިލިޔަން ހަރަދުކުރައްވައިގެން. އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރމުގެ ނަތީޖާ މިއީ” ސަމީރު

އދ ގެ ރިޔާސަތު ބެލެހެއްޓުން ރާއްޖެއަށް ލިބުމަކީ އެކަމުގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެކަމެއްގެ ގޮތުގައި ސަމީރު ފާހަގަކުރެއްވިއެވެ. އދގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވާ ކޮންމެ ބައްދަލުވުމަކުން ދިވެހިންގެ މަސައްކަތްތެރިކަން ފެނިގެންދާ ކަމަށާއި ރާއްޖެ އިތުރަށް އިޝްތިހާރުވެގެންދާކަމަށް ސަމީރު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ދިދައާއި އދ ގެ ދިދައާއެކު ނެގިގެންދާ ކޮންމެ ފޮޓޯއަކީ ތާރީހީ މުހިންމު ފޮޓޯތަކަކަށް ވެގެންދާނެ ކަމަށާއި އެފޮޓޯތަކުން އެތައް މެސެޖްތަކެއް އާންމުވެގެންދާނެކަމަށް ސަމީރު ވިދާޅުވިއެވެ. އެހެންކަމުން، މިކާމިޔާބަކީ ސިޔާސީ ކާމިޔާބެއްގެ ގޮތުގައި ނުދެކި ގައުމީ ކާމިޔާބެއްގެ ގޮތުގައި ދެކުމަށް ސަމީރު އެދިވަޑައިގެންފައިވެއެވެ.

އދ ގެ 76 ވަނަ އާންމު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. މިކަމަކީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން އަންނަނީ ފާހަގަކުރަމުންނެވެ. އދ ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ރާއްޖެއަށް ކާމިޔާބު ކުރެވުމާއި އެކު، ރާއްޖެ ވެގެންގޮސްފައި ވަނީ އެ މަގާމު ފުރާ ސްމޯލް އައިލެންޑް ޑިވޮލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ގައުމުތަކުގެ ތެރެއިން 06 ވަނަ ގައުމަށެވެ.

ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް، މުހިންމު ބޮޑެތި ކަންތަކުގައި ބޮޑެތި މަޖިލީސްތަކުގައި އަޑުއުފުލާފައިވާ ގައުމެކެވެ. އޭގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމާއި، މޫސުމީ ބަދަލުތަކާއި މެދު ހޭލުންތެރިކަން އިތުރުކޮށް، ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ރާއްޖެފަދަ ކުޑަ ގައުމުތަކަށް ދިމާވަމުންދާ ނުރައްކާތައް ފާހަގަކުރުން ހިމެނެއެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން އެންމެ މުހިންމު އެއް ނިންމުމަކަށް ވެގެންދާނީ، އަލުން ކޮމަންވެލްތާއި ގުޅުމެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވުމާއިއެކު ބައިނަލްއަގުވާމީ މުޖްތަމައުއިން ރާއްޖެ އެކަހެރިވެގެން ދިޔަ އެވެ. އެހެންކަމުން، އެކަން ނިމުމަކަށް ގެނައުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށް، އެ މަސައްކަތުގެ ދަށުން ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅިފައިވަނީ، 2020 ފެބްރުއަރީ 01 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: