ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް އެއީ މިހާރު އާ ވާހަކަތަކެއް ނޫނެވެ. ބާރުގެ ބޭނުމަށް ކުރަމުންދާ އެއް ހަނގުރާމައިގެ ނިމުމަށް ފަހު މި ނިމުނީ ދެވަނަ މެޗެވެ. ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ދުވަހުން ދުވަހަށް ފަނޑުވަމުން ގޮސް ބޭއްވި ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން ވެސް ފެނިގެން ދިޔައީ ބޯވިއްސާރައިގެ ކޮޅުމައްޗެވެ. ދެ ރައީސުންގެ ފަރާތުން ވެސް 09 ކެނޑިޑޭޓުން ނެރެ، އެ އިންތިހާބުގައި ސިއްރު ވޯޓެއްގައި ނަގައި މެޖޯރިޓީ ފަސޭހަކަމާއި އެކު ކިހިލީގައި ޖަހާލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޖުމްލަ 18 ކެނޑިޑޭޓުންގެ ތެރެއިން، އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހޮވުނީ ރައީސް ސޯލިހުގެ ތާއީދާއި އެކު އެ އިންތިހާބަށް ނިކުތް ބޭފުޅުންނެވެ. އެމްޑީޕީގެ ބަހުންނަމަ މިއީީ އެ ޕާޓީގެ “ސުޕްރީމް ކޯޓު” އެވެ. ރައީސް ނަޝީދު ޖެހުނީ ހުސް އަތާ، ނިކުންނާށެވެ.
ދެން އޮތީ 2018 ގެ ރިޔާސީ އިންތިހާބާއި އެކު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އާއި އެކު ނެގި 65 ގޮނޑީގެ ވާހަކަ އެވެ. އެމްޑީޕީއަށް މި ގޮނޑިތައް ލިބުނީ ރައީސް ނަޝީދުގެ ބުރަ މަސައްކަތުންކަން އެއީ ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ. ކޮންމެ ކެނޑިޑޭޓެއްގެ ކެމްޕެއިނަށް ވަކިވަކީން ވަޑައިގެންނެވި އެވެ. އެހެން ނަމަވެސް މިއަދު މަޖިލީސް ވެސް ދެބަޔަކަށް ބެހި، ބާރު އޮތީ ރައީސް ސޯލިހުގެ އެވެ. މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު ހުންނެވި ނަމަވެސް، ބާރާއި ކޮންޓްރޯލް އޮތީ ތިމަންބޭފުޅާގެ އަތުގައިކަމަށް އަޑަށް ބާރުލައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ނޫސްވެރިން ކުރިމަތީ އެވެ. އެހެން ކަމުން ޕާލިމެންޓްރީ ގްރޫޕުގެ ތެރޭގައި ވެސް އަތުން ގުނާލެވޭހާ މަދު މެމްބަރަކާއި އެކު ރައީސް ނަޝީދު ހުންނެވީ ގިނިކަންޏާ އެވެ.
އިއްޔެ ކުރިޔަށް ގެންދިޔަ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަކީ ޕާޓީގެ އެންމެ ބޮޑު އިމްތިހާނެވެ. މި އިމްތިހާނު ކާމިޔާބު ކުރާނެ ބޭފުޅާއަކީ އެއްވެސް ޝައްކެއް ވެސް ނެތި 2023 ގެ ރިޔާސީ ކެނޑިޑޭޓެވެ. އޭގެ ސަބަބުތައް ވެސް ބައިވަރެވެ. އެމްޑީޕީގެ ގައުމީ މަޖިލީހަކީ އެ ޕާޓީގެ އެންމެ މުހިންމު ބޮޑެތި ނިންމުންތައް ފާސް ކުރާ ގުނަވަނެވެ. އިންތިހާބު ކާމިޔާބު ކުރައްވާ ރައީސަކަށް، އެމްޑީޕީގެ އެންމެ ބާރުވެރި މަޖިލީސް ލިބުނީ އެވެ. ދެ ބޭފުޅުންގެ ފަރާތުން ވެސް ކެނޑިޑޭޓުން މި އިންތިހާބަށް ނެރުނެވެ.
މި އިންތިހާބުގެ ބޮޑު ބައި ކުޅޭނީ ޕާޓީގެ އާއްމު މެމްބަރުންނެވެ. އެހެންކަމުން، އާއްމުންގެ ވިސްނުން ހުރި ގޮތް ވެސް އެނގިގެން ދާނެ އެވެ. މިހާތަނަށް އާއްމުވި ނަތީޖާތައް ދައްކާ ގޮތުން، ކުރި ހޯއްދެވީ ރައީސް ސޯލިހެވެ.
މިއީ މިހާރު އެހެން އެމްޑީޕީއެއް، ޕާޓީގެ ޑިމޮކްރަސީއެއް ނެތް!
އެމްޑީޕީގެ އެތެރެއަށް ފާއިތުވި ތިން އަހަރެއްގެ ތެރޭގައި މިވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފަ އެވެ. މިއީ ސީދާ ބާރުވެރިކަމާއ ގުޅޭ ވާހަަތަކެއް ނޫނެވެ. ޕާޓީގެ އުސޫލާއި، އަސްލުތަކާއި ހިލާފު އެތައް ކަމެއް ހިނގައިދާއިރު މަޖިލީހުގެ ތެރޭގައި ނުރުހުން ވެ، ހަރު އަޑުން ގޮވަގޮވައި ތިބުން ނޫން ގޮތެއް ބައެއް މެމްބަރުންނަށް ނެތެވެ.
އިންތިހާބާއި ކުރިމަތިލުމުގެ ގޮތުން އެމްޑީޕީން ނިންމި އެއް ނިންމުމަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބިވަޑައިގެންފައިވާ މެމްބަރުންނަށް ވާދަ ނުކުރެވޭ އުސޫލެއް އެކުލަވާލުމެވެ. ހިޔާނާތުގެ މަންފާ ލިބުނުކަމުގެ ތުހުމަތަށް، ތަހުގީގީ އިދާރާއަކުން ސުވާލުކޮށްފައިވާ ނުވަތަ އެފަދަ އެއްވެސް ލިސްޓެއްގައި ނަން ހިމެނޭ ނަމަ އާއި ޖިނާއީ ކުށެއްގެ ތުހުމަތެއް އަދި ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭނަމަ އެމީހެއްގެ ފޯމު ބާތިލު ކުރުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ނިންމި އެވެ.
ކެމްޕެއިން ވެސް ފަށާފައިވަނިކޮށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިގެން ދިޔައީ، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް، އަކްރަމް ކަމާލުއްދީނަށެވެ. މި ދެ ބޭފުޅުންނަކީ ވެސް ރައީސް ސޯލިހުގެ ފެކްޝަނެވެ. އެ ނިންމުން އިސްތިއުނާފުކޮށް އަލުން ރިވިއުކޮށްދޭން އެދި ހުށަހަޅައި ތަކުރާރުކޮށް މަސައްކަތް ކުރަމުން ދަނިކޮށް އަލަށް އިންތިހާބު ކުރި އަދި ރައީސް ސޯލިހުގެ ބާރު އޮތް އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން އެ ފުރުސަތު މަހުލޫފަށް ދިނެވެ. އެކަމާ އެމްޑީޕީގެ އެތައް މެމްބަަރުންނެއް ނުރުހުން ވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، އެމްއެމްޕީއާރުސީ ކޮރަޕްޝަންގައި ޝާމިލުވާ އެއްވެސް މީހަކަށް ގައުމީ މަޖިލީސް އިންތިހާބުގައި ވާދަ ނުވެވޭނެކަމަށް ނިންމި ނިންމުން ޖެހިގެން އައި ދުވަހު ބަދަލު ކުރުމުން ހިތާމަ ކުރާ ކަމަށެވެ. މިއީ ލަދުވެތި ނިންމުމެއްގެ ގޮތުގައި ފާހަގަކޮށް އިންތި ވިދާޅުވީ، ހިޔާނާތުގެ މައްސަލަ ބަލަން ވީ ވައުދުގެ މައްޗަށް އެމްޑީޕީން ފައިން އަރާފައިވާ ކަމަށެވެ.
ބޮޑެތި ވައްކަންތައް ބަލައި، ފިޔަވަޅު އަޅާ ޕާޓީއަކަށްވާނެ ކަމުގެ ވައުދު އެމްޑީޕީން ވިޔަސް އެއާއި ހިލާފުވަމުން ދާތީ އިންތި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ވަކި ވަޒީރުންތަކަށް ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާއިރު އެ މީހުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހެދީ ޕާޓީގެ މިންގަނޑުތައް ހިފެހެއްޓުމަށް ކަމަށެވެ.
“ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ވަޒީރުންގެ ގޮތުގައި ތިއްބަވާ ބޭބޭފުޅުންގެ ނަން އައިސް ދައުވާ ކުރާ ހިސާބަށް ދިޔައިމަ އެކަހަލަ ހިސާބުގަ ތިބޭ މީހުން އެމްޑީޕީގެ މަގާމުތަކަށް ވާދަ ނުކުރެއްވޭނެ ނިންމުން ނިންމާފައި ވަނީ އެމްޑީޕީގެ މިންގަނޑު ހިފަހައްޓަން…. އެގޮތަށް ފާސްވުމަށް ފަހު ޖެހިގެން އައި ދުވަހު އަނެއްކާ ހަމަ އެ މިންގަނޑު އެ ވައްޓާލީ….. އެގޮތަކަށް ނުހެދޭނެ…. ހަދައިގެން ވެސް ނުނާވެ…. ކުރިޔަށް މިއޮތް އެމްޑީޕީގެ އިންތިހާބުގައި އާންމު މެންބަރުން މިކަމަށް ވިސްނަވަން ޖެހޭ….. އެމްއެމްޕީއާރްސީ މައްސަލަ ބެލުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭނެ…. މި ޕާޓީ ބަޔަކު ނޫން އެހެން ބަޔަކު މިކަން ކުރާނެ ކަމަށް ދެކިގެން ނުވާނެ” ވަރަށް ބޮޑަށް ނުރުހުންވެ ވާހަކަ ދައްކަވައި އިންތި ވިދާޅުވި އެވެ.
“ސަންގު” ގެ ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިންތިހާބު ކޮމިޓީގެ މުގައްރިއު ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ނިންމުންތަކާއި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުންތަކާއި ފުށުއެރުންތަކެއް ހުރިކަަމަށް ގަބޫލު ކުރާކަމަށެވެ. ހިޔާނާތުގެ މަންމާ ލިބުނުކަމަށް ތުހުމަތު ކުރެވޭ ދެ ބޭފުޅަކަށް ވާދަކުރުމުގެ ފުރުސަތު ދޭން ނިންމި ނިންމުމަށް ފާޑުވިދާޅުވެ ހަސަން ލަތީފް ވިދާޅުވީ އެއީ ޕާޓީގެ އަސާސާއި ހިލާފު ނިންމުމެއް ކަމަށެވެ. އެއާއި މެދު ހިތްހަމަ ނުޖެހުނަސް އޭގައި އިންތިހާބީ ކޮމިޓީގެ ހައިސިއްޔަތުން ކުރެވޭނެކަމެއް ނެތްކަން ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމާއި ދެކޮޅަށް ވަކާލާތު ކުރަމުން އަންނަ އެމްޑީޕީގެ ގުނަވަނެއްގެ ނިންމުން ބަަދަލު ކުރުމުގެ ބާރު މިހާރު އޮތީ ރައްޔިތުންގެ އަތުގައިކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
އެމްޑީޕީގެ މުހިންމު މަޖިލީހެއް އެކުލަވާލާއިރު، އެތަނަށް ހިޔާނާތުގެ ތުހުމަތުވާ ބަޔަކު ނަގާނެތޯ ނުވަތަ ނޫންތޯ ދެން ނިންމާނީ ރައްޔިތުންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“އަޅުގަނޑު 6 ފަހަރު ކިޔައިފިން އިސްތިއުނާފް ފަނޑިޔާރުންގެ ނިންމުން، އަޅުގަނޑަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ އަދި ނުވެސް ވިސްނޭ، އޭގައި އެ ވިދާޅުވާ ސަބަބެއް، ކީއްވެގެން ކަމެއް ވާދަކުރެވެންވީ އެ ބޭފުޅުންނަށް” ހަސަން ލަތީފް ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވަކި ބަޔަކަށް ވާދަ ނުކުރެވޭނެކަމަށް އެމްޑީޕީން ނިންމާފައިވަނީ ކަމާއިބެހޭ އިދާރާތްތަކަށް ފޮނުވި ސިޓީތަކަށް ލިބުނު ޖަވާބުތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އެހެން ނަމަވެސް އެ ނިންމުން އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅައި، އަލަށް އިންތިހާބު ކުރި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން މަހުލޫފަށް ވާދަކުރެވޭނެކަމަށް ކުއްލިއަކަށް ނިންމީ އެވެ. އެކަމާއި ދެކޮޅު އެންމެން ބުނަމުން ދަނީ “ހިޔާނާތުގެ މަންފާ ލިބުނު މީހުންނަށް” އިންތިހާބުގައި ވާދަކުރަން ފުރުސަތު ލިބުނަސް ޕާޓީގެ އަސާސްތަކުގައި ހިފަހައްޓައިގެން ކުރިޔަށް ދިއުމަށެވެ.
“ސަންގު” އާއި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ، ވަޒީރުންނާއި ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުތައް ރަނގަޅު ގޮތުގައި އަދާ ނުކޮށް ގައުމީ މަޖިލީހުގެ އިންތިހާބަށް ދާއިރާގެ ރައީސުންނަށް ވާދަ ކުރަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. ވަޒީރުންގެ ގޮތުގައި ހުރިހާ ބާރެއް ނަންގަވައި، ރައްޔިތުންނަށް ހިދުމަތެއް ނުދީ އެބޭފުޅުން އިންތިހާބުގައި ވާދަ ކުރަން ލަދު ގަންނަން ޖެހޭނެ ކަމަށް ވެސް ބޮންޑެ ވިދާޅުވި އެވެ.
ބޮންޑެ ވިދާޅުވީ އެމްޑީޕީން އެއްވެސް ގޮތަކަށް ހިޔާނާތްތެރިންނެއް ބޭނުން ނުވާކަމަށެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުން ފެށިގެން، ވެންޓިލޭޓަރުގެ ޙިޔާނާތުގެ ތަހުގީގު ކުރެވެންޖެހޭކަން ފާހަގަކޮށް ބޮންޑެ ވިދާޅުވީ އެމްޑީޕީން އަސާސްތަކާއި ދުރަށް ދާތަން ފެނުމަކީ އެއީ ކަންބޮޑުވުމެއް ކަމަށެވެ. އެހެން ނަމަވެސް އިސްލާހަށް މަސައްކަތް ކުރަން، އަދިވެސް ވަގުތު އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ. ބޮންޑެ މިހެން ވިދާޅުވީއިރު އޭނާއަކީ ހިޔާނާތުގެ މަންފާ ލިބުނު މީހުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ޝަރުތު ހުށަހެޅުއްވި މެމްބަރެވެ.
ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އެމްޑީޕީއަށް ރައްޔިތުންނާއި ހަމައަށް ގެނެސްދެވުނު ބަދަލެއް ނެތްކަމަށް ފާހަގަ ކުރުމުން އޭގެ ރައްދު ދެއްވައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ ސަރުކާރުގެ އެތެރެއިން ވަރަށް ބައިވަރު މަސައްކަތްތައް މިހާތަނަށް ކުރެވިއްޖެކަމަށެވެ. އެހެންނަމަވެސް، އެކަންކަމުގެ ނަތީޖާ ފެންނަން ދުވަސްކޮޅެއް ނަގާނެ ކަމަށާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޝާމިލުވާ މީހުންގެ މައްސަލަތައް ބެލުމަކީވެސް ހާސިލްކުރެވުނު ކާމިޔާބީއެއް ކަމަށް އޭނާ ގަބޫލު ކުރެ އެވެ. އެގޮތަށް މަސައްކަތް ކުރާނެކަމުގެ ވައުދާއި އެކު އިންތިހާބުވީ ވެރިކަމެއްގައި ހިޔާނާތުގެ މަންފާ ލިބުނު ބައެއް މަގާމުގައި ތިބުން ގަބޫލެއް ނުކުރާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަނު ހުންނެވުމަށް ފަހު، ރައީސް ސޯލިހު ފާޅުގައި ނިކުންނަން މަޖުބޫރުވި ސަބަބު!
ސަރުކާރުގެ އެތެރޭގެ މަސައްކަތްތައް ގޯސްވެ، އެމްޑީޕީގެ މެމްބަރުން އައީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ރައީސް ސޯލިހަށް ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ. އެމްޑީޕީގެ ވެރިކަމެއްގައި، ކޯލިޝަންގެ އެހެން ޕާޓީތަކަށް މަންފާ ލިބޭ ގޮތަށް މި ސަރުކާރުން މަސައްކަތް ކުރާކަމުގެ ތުހުމަތާއި، ރައްޔިތުން އެދޭ ބަދަލަށް މަސައްކަތް ނުކުރާކަމުގެ އެތައް ވާހަކަތަކެއް ދެއްކެވި އެވެ. މިސާލެއްގެ ގޮތުގައި ނަގާނަމަ، އެމްޑީޕީގެ އެތެރޭގެ މަޝްރަހު އެންމެ ބޮޑަށް ގޯސްކޮށްލި ނަފްރަތުގެ ބިލު ފުދޭނެ އެވެ. ސަރުކާރުން ބިލަށް ކުރި ތާއީދު އެންމެ ފަހު ވަގުތު އަނބުރާ ގެންދިއުން ވީ އެމްޑީޕީގެ ޕީޖީގެ އެތެރޭގައި ހުޅު ރޯވި ސަބަބަކަށެވެ.
އެދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ޔޫތް ވިންގުގެ ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ޔަމީން ރަޝީދުގެ މަރާއި، ނޫސްވެރިޔާ ރިޟްވާން އަބްދުﷲ އަދި ޑރ. އަފްރާޝީމް އަލީއަށް އިންސާފު ހޯދައިދޭ ވާހަކަ ދެން އެމްޑީޕީގެ އެއްވެސް މެމްބަރަކު ދައްކައިގެން ނުވާނެ ކަމަށެވެ. އެ މަރުތަކަށް ވިއްކައިގެން އައިސް، އިތުރު ވާހަކައެއް މަޖިލީހުގެ ތެރޭގައި ދައްކަން ލަދު ގަންނަންޖެހޭކަމަށް ބުނެ 65 މެމްބަރުންގެ ސުޕަ މެޖޯރިޓީއަކީ “ފިނޑި މެޖޯރިޓީ” އެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ.
މީކާއިލް ވިދާޅުވީ ދިވެހި ރައްޔިތުން އެމްޑީޕީއަށް ވެރިކަމާއި، މަޖިލީހުގެ އަޣުލަބިއްޔަތު ދިނީ އިންސާފު ހޯދުމުގެ އުއްމީދުގައި ކަމަށާއި އިންތިހާބުތަކާ ދިމާކޮށް އެމްޑީޕީގެ ކޮންމެ މެންބަރަކު ވެސް ދެއްކީ އިންސާފު ގާއިމް ކުރާނެކަމުގެ ވާހަކަތަކެއް ކަމަށެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ، ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ މައްސަލައިގައި އެމްޑީޕީން އަމަލުކޮށްފައިވަނީ، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހަވަރަށް ދޭ އުސޫލުން ކަމަށެވެ. އެހެންވެ، ބިލެއް ދިފާއު ކުރުމުގެ ގަޓު ނެތްނަމަ ސަރުކާރުން މަޖިލީހަށް ބިލު ހުށަނާޅާނީކަމަށް އޭނާ ވިދާޅުވި އެވެ.
“ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވާލަން ހިތްވަރު ނެތިއްޔާ ނުކުރާނީ މިކަހަލަ ކަންކަން. ހަމަ ނެއްޓިލާފަ، ހިސާނުގެ ބިލު. ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން މި ބިލަށް ހިސާންގެ ބިލު. އިސްލާމުދީނަށް ތައުހީނުކުރުން މަނާކުރާ ބިލު ވީމަ ސަރުކާރުގެ ބިލު. މި ފާޑަށް ކަންތައް ނުކުރާށޭ..” ވައްޑެ ވިދާޅުވި އެވެ.
އެދުވަހުގެ ޖަލްސާގެ ރިޔާސަތުގައި، ހުންނަވައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ނަފްރަތުގެ ބިލު މަޖިލީހަށް ހުށަހަޅައިގެން ހާސިލުވިހާ ވެސް ކަމަކީ ހިސާން ނުރައްކަލެއްގެ ތެރެއަށް ވައްޓާލުން ކަމަށެވެ. ސަރުކާރުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ސަރުކާރުގެ އެޓާނީ ޖެނެރަލް ފިޔަވާ އެންމެ ބޭފުޅަކުވެސް ދިފާއުގައި ނިކުމެފައި ނުވާކަމަށް އީވާ ވިދާޅުވި އެވެ.
“ތުޅާދޫ ދާއިރާގެ މެންބަރު އެވަރަށް މަރަން މަރަން މަރަން، ލާދީނީ ލާދީނީ ލާދީނީ، ގޮވި އިރު އެންމެ ބޭފުޅަކުވެސް ތުޅާދޫ ދާއިރަގެ މެންބަރު ހިސާން ހުސައިން ދިފާއުކޮށް ނުދެއްވާ.” އިވާ ވިދާޅުވިއެވެ.
މަޖިލީހުގެ ތަޅުން ހޫނުވެ ބޮންޑެ ރައީސް ސޯލިހުގެ އިސްތިއުފާއަށް ވެސް ގޮވާލި އެވެ. ބޮންޑޭ ވިދާޅުވީ ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅަށް ބަޔަކު ހަރުއަޑުން ވާހަކަ ދައްކަމުން ދިޔައީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ މިސްރާބާއި، އޭގެ ތަހުގީގުގެ އަޑު ކަނޑުވާލުމަށް ކަމަށެވެ. ނުރުހުންވެ ވާހަކަ ދެއްކެވުމަށްފަހު ބޮންޑެ ވަނީ ރައީސް އިސްތިއުފާ ދެއްވައި، ކެބިނެޓު އުވާލަން ގޮވާލާފައެވެ. ބޮންޑެ ވިދާޅުވީ މިހާވަރުން ހިންގޭނެ ސަރުކާރެއް ނޯންނާނެ ކަމަށެވެ.
އެމްޑީޕީގެ އެތެރެ މިހާބޮޑަށް ފަޅައިގެން ދިޔައިރު ވެސް ރައީސް ސޯލިހު ހުންނެވީ ހަނު އެވެ. ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަށްފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެންމެ ފުރަތަމަ ވެސް ވިދާޅުވީ ޕާޓީގެ އެތެރެ ހަލާކުކޮށްލުމުގެ ފުރުސަތު އެއްވެސް ބޭފުޅަކަށް ނުދޭނެ ކަމަށެވެ. އަދި އެމްޑީޕީގެ އަސާސްތަކުގައި ހިފަހައްޓާކަމާއި އެމަނިކުފާނާއި އެހެން ޕާޓީތަކާއި ގުޅުވައި ވާހަކަ ދައްކަވަން ވީ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކޮށް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ކުރިޔަށްދާނެކަމަށް ވިދާޅުވި އެވެ. އެ ދުވަހު ރައީސް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ އޮތީ އެމަނިކުފާނުގެ އަތުގައި ކަމަށެވެ. ރައީސް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން، އިސް ލީޑަރަކީ އެމަނިކުފާނު ކަމަށެވެ.
އިންތިހަބާއި ގާތްވެފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ސޯލިހު އަތޮޅުތަކަށް ކުރެއްވި ދަތުރުގެ ތެރެއިން އެމްޑީޕީގެ “އިސް ލީޑަރުގެ” ގޮތުގައި މެމްބަރުންނާއި ބައްދަލު ކުރި އެވެ. އެމްޑީޕީގެ ބައެއް މެމްބަރުންނަށް އެކަން ފެނުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދުވަސްވަރު ހިންގެވިފަދަ ޚުދުމުހުތާރު އަމަލެއްގެ ގޮތުގަ އެވެ.
އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް އިސްލީޑަރުގެ ހައިސިއްތުން ކުރި ބައްދަލުވުންތަކުގެ ޓްވީޓުތައް ވެސް ކުރައްވަމުންނެވެ. މަބްރޫކްގެ ކޮންމެ ޓްވީޓެއްގައި ނުސީދާ ގޮތެއްގައި ދަތުރަށް އަމާޒުވާ ފާޑުކިއުމަށް ރައްދު ދެއްވާފައި ހުރެ އެވެ.
މިއީ ރައީސް ނަޝީދުގެ ބާރު ކަނޑުވާލުމުގެ ފެށުން!
ދިވެހިރާއްޖެ ޑިމޮކްރަސީގެ މަގަށް ގެނައުމުގައި އެންމެ އިސްކޮށް އުޅުއްވީ ރައީސް ނަޝީދެވެ. އެންމެ ޒުވާން ދުވަސްވަރުން ފެށިގެން ރާއްޖޭގެ ރައްޔިތުންނަށްޓަކައި އެމަނިކުފާނު އެތައް ގުރުބާނީއެއްވީކަން އެއީ ދެބަސް ވެގެން ނެތް ހަގީގަތެކެވެ. މިއަދު އެމްޑީޕީގެ ތެރެއިން ފެކްޝަންތަކެއް އުފެދި، ބަޔަކު މީހުން އެމަނިކުފާނުގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތް ބަލަން ތިބެން ކޮންމެ މީހަކަށް ފަސޭހައެއް ނުވާނެ އެވެ.
ގައުމީ މަޖިލީހުގެ އިންތިހާބަށް ވެސް ނުފޫޒުތަކެއް ފޯރުވުމަށް މަސައްކަތް ކުރިތަން ފެނުނެވެ. ސަރުކާރުގެ އެތެރެއިންނާއި ބޭރުން ކެމްޕެއިންތައް ކުރަމުން ދިޔައިރު، ރައީސް ނަޝީދަށް އަމާޒު ކުރަމުން ދިޔައީ އެމަނިކުފާނަކީ ޕާޓީ ހަލާކު ކުރާ ބޭފުޅެއްގެ ގޮތުގަ އެވެ. އައިއީޑީއެއް ގޮއްވަލައި ދިން ޓެރަރިސްޓު ހަމަލާގައި ސީރިއަސް ބޮޑެތި ޒަހަމްތަކެއް ލިބުނު ރައީސް ނަޝީދު މިވަގުތު ރާއްޖެއިން ބޭރުގައި އިތުރުފަރުވާއަށް ހުންނެވިއިރު އެމަނިކުފާނު އެންމެ ބޭނުންވީ ދުވަހު ބަޔަކު، ކޮޅުފައިން ޖަހައި ދުރަށްލީކަން އެވެސް ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ.
ބާރާއި މެޖޯރިޓީ ކޮންމެ މީހަކަށް ލިބުނަސް މައްސަލައެއް ނެތެވެ. ޔަގީންވާ އެއްކަމަކީ ރައީސް ސޯލިހު މެޖޯރިޓީ ނެގުމާއި އެކު 2023 ވަަނަ އަހަރަށް ރިޔާސީ ޕްރައިމެރީއެއް އެމްޑީޕީގެ އެތެރޭގައި ނޯންނާނެ ކަމެވެ. އަދި ބަރުލަމާނީގެ މަގަށް ކުރާ ދަތުރަށް ވެސް ލިބޭނެ ކާމިޔާބީއެއް ނެތް ކަމެވެ.