ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގާކުރުން ފެށެނީ ސްކޫލު މާހައުލުން!

ސްކޫލު ދަރިވަރުނތަކެއް/ ފޮޓޯ-ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލަކީ ދަރިވަރެއްގެ ކުރިމަގު ބައްޓަންކޮށް ގިނަ ތަޖުރިބާތަކާއި ފިލާވަޅުތަކެއް ދަރިވަރުންނަށް ދަސްކޮށްދެވޭ މާހައުލެކެވެ. އަދި ދިރިއުޅުމުގައި ދިމާވާ ކަންކަމާއި ކުރިމަތިލުމަށް ހިއްވަރުުދީ، ގަދަ އަޅައި މަސައްކަތް ކުރުމަށް ބާރު އަޅަ އެވެ. މި މާހައުލަކީ ކޮންމެ ދަރިަވރެއްގެ ހުނަރުތައް ތަރައްގީކޮށް ނަފްސަށް އޮންނަ އިތުބާރު އިތުރުކުރުވާ ތަނެއްކަމީ އެންމެންވެސް ގަބޫލު ކުރާ ހަގީގަތެކެވެ. ނަމަވެސް މިއަދު ފެނިގެންދާާ މަންޒަރުތަކާއި އިވެމުންދާ އަޑުތަކުން މިހަގީގަތް ގަބޫލުކުރަން ދަތި ކުރުވާފަދަ އެވެ. ސްކޫލު މާހައުލުގައި ބުލީ ކުރުން ނުވަތަ ހަނގާ ކުރުން އާއްމުވުމުގެ ސަބަބުން، މިއީ އެ ކުދިންގެ ދެވަނަ ގެ ބާއޭ ހިތަށް އަރަ އެވެ.

ހަނގާ ކުރުމަކީ ދިވެހީންގެ ތެރޭގައި ވެސް އާއްމުވެފައިވާ ނުރައްކާތެރި އާދައެކެވެ. މަޒާޖީ ސިފައެއްގައި ނުވަތަ މަޖާ ކުރުމުގެ ބޭނުމުގައި ބޭނުން ކުރާ ބަހެއް ނުވަތަ ކުރާ ކަމެއްގެ ސަބަބުން އަަމިއްލަ ނަފްސުގެ މައްޗަށް ކުރާ އިތުބާރު ގެއްލިފައިވާ އެތައް ކުދިންނެއް އެބަތިއްބެވެ. މިއީ ނުރައްކާތެރި ސިފައެކޭ ބުނާ ސަބަބަކީ، ހަނގާ ކުރުމުގެ ސަބަބުން ހަލާކުކޮށްލެވެނީ އެ ކުދިންގެ މުސްތަގުބަލު ކަމުގައި ވާތީއެވެ. ހަނގާކުރުމުގެ ސަބަބުން ފުނޑު ފުނޑު ކޮށްލެވެނީ އެތައް ދަރިވަރުންތަކެއްގެ އުންމީދުތަކެވެ. ގެއްލިގެންދަނީ ނަފްސަށް އޮންނަ އިތުބާރާއި ކަންކަމުގައި ކެރިގެން ކުރިމަތިލާނެ ހިތްވަރެވެ.

ކުލާހުގެ ތެރޭގައި ހަނގާ ކުރުން އާއްމުވެ، އެއް ކުއްޖެއް އަނެއް ކުއްޖަކަށް ޖެއްސުން ކުރުމާއި، އަނެއް ކުއްޖާގެ ސިފައަށް ފާޑުކިއުމަކީ އެ މީހުންގެ ނަޒަރުގައި “ވަރަށް ކޫލް” ކަމެކެވެ. ހަނގާ ކުރުން މިއަދު ސްކޫލުތަކުގެ ތެރޭގައި ‘ޓްރެންޑް’ އަކަށް ވެފައިވުމުގެ އަސްލަކީ، ހަނގާކުރާ ކުއްޖާއަށް ތަރުހީބު ލިބި ދަރިވަރުންގެ މެދުގައި މަޝްއޫރުވާފަދަ ކަމެއްގެ ގޮތުގައި ބަލައިގަނެވިފައިވާތި އެވެ.

ސްކޫލެއްގެ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ނުދެމެހެއްޓޭ ކަމީ މިއަދު ވިސްނާ ފިކުރު ކުރަން ޖެހޭ ކަމެކެވެ. ހަނގާކުރުމަކީ ހަނގާ ކުރެވޭ ކުއްޖާ، ސްކޫލު މާހައުލުގެ ތެރެއިން ބާކިީ ކުރެވިފައިވާކަމުގެ އިހުސާސް ކުރުވާފަދަ ކަމެކެވެ. ސްކޫލު މާހައުލުގައި ހަނގާ ކުރުވެނީ ހަމައެކަނި ދޭދޭ ދަރިވަރުންގެ މެދުގައި ނޫންކަމީ މިއަދު އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.

ހަނގާކުރުމަށް މަގުފަހި ކުރުވާފަދަ އަމަލުތައްް މުދައްރިސުންގެ ކިބައިން ފެންނާން އެބަހުއްޓެވެ. އެގޮތުން ދަރިވަރުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތަކަކީ، އެކަމަށް ހުޅުވާލެވޭ ދޮރެކެވެ.

ހަނގާކުރުން ސްކޫލު ތަކުގެ ތެރޭގައި އާއްމުވެފައިވާއިރު މިއީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްކަން އެނގުމަކީ މުހިންމުކަމެކެވެ. ހަނގާ ކުރެވޭ ކުއްޖާއަށް ކުރިމަތި ވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ހިތްވަރުގެއްލުމުގެ އިތުރުން ސުކޫލު ތެރޭގައި ފީ ކުއްޖެއްގެ ގޮތުގައި ފާހަގަކުރެވިގެންދެއެވެ.

ހަނގާ ކުރުމުގެ ތެރޭގައި ކުއްޖެއްގެ ހަމުގެ ކުލައާއި ނުވަތަ އިސްކޮޅާއި ބެހޭގޮތުން ފާޑު ކިޔުންތައް އަމާޒުވާއިރު ތަޅައިގަތުމާއި އެކަކު އަނެކަކަށް ފުރައްސާރަ ވާނޭ ފަދަ އަމަލުތައް ހިންގުން ހިމެެނެއެވެ. ހަމައެއާއެކު ކިޔެވުމުގެ ވާދަވެރިކަމުގެ ތެެރޭގެ އުފެދޭ ދެބަސްވުންތަކުގައި އަނެކާއަށް ދެރަ ލިބޭނެފަދައިން ކަންތައްކުރުންވެސް ހިމެނެއެވެ. ސްކޫލުތެރޭގައި ތަޅާފޮޅުމާއި ހަމަނުޖެހުން ހިންގާތަންވެސް މިއަދު ފެނަނީ ހަނގާކުރުމުގެ ސަބަބުންނެވެ.

ހަނގާކުރުމަކީ، ކަންކަމާއި ކެރިގެން ކުރިމަތިލަމުން އަންނަ ދަރިވަރުގެ ނަފްސާއި މެދު ކަންބޮޑުވެ ޝައްކު ކުރުވާފަދަ ކަމެކެވެ. މިކަމުގެ ސަބަބުން ދުވަހީ ދިރިއުޅުމުގައި ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ދޫކޮށްލެވި ކަންކަމާއި މެދު އޮންނަ ފަހި ވިސްނުމަށް އަސަރު ކުރެއެވެ. ސްކޫލު ދައުރުގައި ކެރޭ ގަދަ ކުއްޖަކަށްވުމަކީ އަޒުމް ކަމުގައިވީ ނަމަވެސް، ހަނގާކުރުމަކީ މިކަމަށް އެޅޭ ހުރަހެކެވެ. ސްކޫލު މާހައުލުގައި ދަރިވަރުންގެ ދެމެދު ހަނގާކުރުމުގެ ސަބަބުން ގިނަ ދަރިވަރުންނަށް ނަފްސާނީ އެތައް މައްސަލަތަކާއި ކުރިމަތި ކުރުވައެވެ.

ކުއްޖެއްގެ ސިފައަށް ނުވަތަ އައިބަކަށް ފާޑު ކިޔާ މަލާމާތް ކުރުމަކީ ނޭގުމުގައިވެސް އެ ކުއްޖެއްގެ ނަފްސަށް އޮންނަ އިތުބާރު ގެއްލޭފަދަ ކަމެކެވެ. ހަނގާކުރުމަކީ، އެކަމުގެ ޝިކާރައަކަށްވެ ދަރިވަރުންގެ މަދުރަސީ ހަޔާތް ނާމާން ކުރުވާފަދަ ކަމެކެވެ. މިއަދު ގިނަ ބަޔަކު މިނުރައްކާތެރި އަމަލުގެ ޝިކާރައަކަށްވެ، އަމިއްލަ ނަފްސަށާއި ފުރާނައަށް ގެއްލުންދޭ މަންޒަރު އަޅުގަނޑުމެންގެ ލޯ ކުރިމަތިން ފެނުން މިވަނީ އާއްމުވެފައެވެ. ހަނގާކުރުމުގެ ނޭދެވޭ އަސަރާއިމެދު ކުޑަ ވަގުތުކޮޅަކަށް ފިކުރުކުރުމުންވެސް މިކަމުގެ ނުރައްކާ ހާމަ ވެގެންދެއެވެ.

ކޮންމެ އިންސާނަކީވެސް ތަފާތު މީހެކެވެ. ކޮންމެ އިންސާނެއްގެ ކިބައިގައި ތިބާގެ ގައިގައި ނެތް ސިފައެއް ނުވަތަ ތިމާއަށް އައިބުވާ ސިފައެއް ހުރިނަމަވެސް ހަނގާކުރުން އެއީ ކޮށްގެން ވާނެ ކަމެއްނޫނެވެ. ސްކޫލު މާހައުލުގައި ދަރިވަރަކަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި ހަނގާކުރުން ބެލެވޭނެއެވެ. ހަނގާކުރުމަކީ ކޮންމެއަކަސް ދަރިވަރެއްގެ އުޅުމާއި ނަފްސާއި މެދު ދެކޭ ގޮތް ބަދަލުކުރުވާފަދަ ކަމަކެވެ. ހަނގާކުރުން ނުވަތަ ބުލީ ކުރުމަކީ ސްކޫލް މާހައުލު ނުރައްކާތެރި ތަނަކަށް ބަދަލުކުރުވައި ދަރިވަރުން ބިރު ހީކުރުވާފަދަ ކަމަކަށް ވުމާއިއެކެ މި މައްސަލަތަކަށް ދަރިވަރުން އިތުރަށް ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެކެވެ. ހަނގާކުރުމަކީ ސްކޫލު މާހައުލުގައި ކޮށްގެން ނުވާނެ، މުޖުތަމައު އިން ނައްތާލަން ޖެހިފަިއވާ އާދައެކެވެ.

ވަރަށް ގަދަ
62%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 19%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: