ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން އިއްޒަތް ދިން މިންވަރަކުން، ފުއްދާލައިގެން ތިބީމަ ރަނގަޅުވާނެ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ރައްޔިތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިއްޒަތް ދީފައިވާ މިންވަރަކުން ފުއްދާލައިގެން ތިބުމުން ރަނގަޅުވާނެކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ލިބެންވާ އިއްޒަތް މަޖިލީހުން ބޭރުން ނުލިބޭކަމަށް ވިދާޅުވެ ބައެއް މެމްބަރުން ވަނީ ޝަކުވާކުރައްވާފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މެމްބަރަކު ކުރެއްވި މެސެޖެއްގައި ވަނީ ގާނޫނާއި ގަވާއިދަށް ބަދަލު ގެނެސްގެންވިޔަސް، މެމްބަރުންނަށް އިއްޒަތް ލިބޭކަން ކަށަވަރުުރަންޖެހޭކަމަށް ވިދާޅުވެފައެވެ. ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ބެލުމަށް ޓިކެޓު ގަތުމަށްޓަކައި ކިޔޫގައި މަޑުކުރަން ޖެހޭތީ އެކަމުގެ ޝަކުވާ ފާޅުކުރައްވައި، މެމްބަރު ވިދާޅުވީ ހަގީގީ މާނާގައި އިއްޒަތް ނުހޯދާ މަޖިލީހަކަށް އޮންނާނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އެކަނިކަމަށެވެ. އަދި މެމްބަރުންގެ ނަން ވިދާޅުވާއިރު ކުރިއަށް އިއްޒަތް ކިޔުމުގެ ބަދަލުގައި ނިކަމެތި ކިޔައިފިނަމަ އާންމުން މާއުފާވާނެ ކަމަށްވެސް މެމްބަރު ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި ލިޔުއްވާފައިވެއެވެ.

މެމްބަރުންނަށް ދޭންޖެހޭ އިއްޒަތާއި، ހާއްސަ ހިދުމަތްތަކާއި ގުޅޭގޮތުން ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ސުވާލުކުރުމުން މެމްބަރު ޝިޔާމް ވިދާޅުވީ، މިވާހަކަތަކަކީ އެބޭފުޅާއަށް ކޫސަނި ވާހަކަތަކެއް ކަމަށެވެ. މަޖިލީހުގެ މެމްބަރުކަމަށް އާދެވުމުން ބައެއް މެމްބަރުންގެ ވިސްނުމާއި، އުޅުއްވަން ބޭނުންފުޅުވާގޮތަށް ބަދަލުތަކެއް އަންނަކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންނަމަވެސް، އެކަންކަމަކީ ނެތް އިއްޒަތެއް ހޯދަން އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދެއްކެވުމަކީ ހަޑިކަމެއްކަމަށް ވިދާޅުވިއެވެ.

“ބައެއް ބޭފުޅުން ހިނގާ ގޮތް ތަފާތުވޭ، ވަންނަން ބޭނުންވާ ކޮފީޝޮޕްތައް ތަފާތުވޭ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެނަށް މިލިބޭ ޓައިޓްލްއާއި، އިއްޒަތަކާއި، ޕްރިވިލެޖްތަކަކީ ރައްޔިތުން އަޅުގަނޑުމެންނަށް ދޭ އެއްޗެއް. ރައްޔިތުން ދޭ މިންވަރަކުން ފުއްދާލައިގެން ތިބީމަ ރަނގަޅުވާނެ. އިތުރަށް ކޯއްޗެއްތޯ ހޯދަން އޮތީ؟” ޝިޔާމް

މެމްބަރުންނަށް ލިބޭ އިއްޒަތާއި އިނާޔަތުގެ ވާހަކަތައް މިފަހުން ދެކެވެން ފެށީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެކުވެރިންނަށް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުންކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު ކޮމިޓީއިން ފާސްކުރި އިސްލާހުތަކަކާއި ގުޅިގެންނެވެ. އެކަން ނިންމި ކޮމެޓީ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމަކަށް ވާތީ، އެކަން އެގޮތަށް ނިންމުމަށް ވޯޓު ދެއްވި މެމްބަރުން ހާމަވެފައި ނެތެވެ.

ގިނަ އާންމުންގެ ފާޑުކިޔުން މިކަމަށް އަމާޒުވަމުންދަނިކޮށް، މެމްބަރުންނަށް ލިބެންވާ އިއްޒަތް ނުލިބޭކަމަށް ވިދާޅުވެ އެމްޑީޕީގެ މަޖިލިސް މެމްބަރުން ތިއްބަވާ ގްރޫޕަށް މެސެޖެއް ފޮނުއްވާފައިވަނީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަނެވެ. މަޖިލީހުގެ ރިޔާސަތު މިވަގުތު ބަލަހައްޓަވަމުން ގެންދަވާ އީވާ އަބްދުﷲ ވަނީ މިކަމަށް ތާއީދުނުކުރައްވާކަން ހާމަކުރައްވާފައެވެ. އަދި މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އާންމުންގެ ފާޑުކިޔުން މެމްބަރުންނަށް އަމާޒުވާ އެއް ސަބަބަކީ މެމްބަރުން ބޮޑާވުން ކަމަށް ވިދާޅުވެފައެވެ. އަދި މިވާހަކަތަކާއި ނިންމެވުންތަަކާއިމެދު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ރައީސް ނަޝީުދ ވަނީ ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: