ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދައްރިސުން: މިއީ ހަމައެކަނި ވަޒީފާއެއް ނޫން، ބައެއްގެ މުޅި ދިރިއުޅުން!

ޓީޗަރުންގެ ދުވަހު އިސްކަންދަރު ސްކޫލުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަސް، މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ މުދައްރިސުންނަށް ޝުކުރު ދަންނަވައި އެބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. ހަޔާތުގެ 10 އަހަރު ދަރިވަރެއްގެ ގޮތުގައ ހޭދަކުރެވުނު އިރު އެނގުނީ، މުދައްރިސުންނަކީ އެފަދަ ދެވަނަ އެ ނުވާ ބައެއްކަމެވެ. ގައުމު ކުރިއަރުވައި ގައުމަށް ބޭނުންތެރި ދަރިންތަކެއް ބިނާ ކުރުމުގައި މުދައްރިސުން ކުރައްވާ މަސަައްކަތަކީ ނުހަނު އަގު ހުރި މަސައްކަތްތަކެއްކަން ކަށަވަރެވެ. 

މުދައްރިސުންގެ ހިދުމަތްތަކަކީ މުޅި ގައުމު ރޯޝަން ވެގެން ވިދާނޭފަދަ ހިދުމަތްތަކެއްކަން ޔަގީނެވެ. ދަރިވަރު ސްކޫލުގެ ގޭޓުން އެތެރެވުމާއިއެކު، ކޮންމެ ދަރިވަރަކަށްމެ މުދައްރިސުންގެ ފަރާތުން ލިބޭ ލޯތްބާއި ކުލުނު، މައިންބަފައިންގެ ކިބައިން ލިބޭ ލޯތްބާއި ކުލެނެކޭ ހަމަ އެއްފަދަ އެވެ. އެއްވެސް ބުރަކަމެއްނެތި، ދަރިވރުންނަށް ފުރިހަމަ ގޮތުގައި އިލްމު އުނގަންނައި ދެވޭނެ މަގު ފަހި ކޮށްދޭން މަސައްކަތް ކޮށްދެނީ މުދައްރިސުންނެވެ. ރެއާއި ދުވާލުގެ ނިދި ނަގާލައި، ދަރިވަރުންގެ އަހްލާގު ބައްޓަންކުރުމަށް ހެޔޮ ފިލާވަޅު ދަސްކޮށްދިނުމުގައި މުދައްރިސުން ހޭދަ ކުރާ ވަގުތު ތަކަކީ، އެބަޔަކަށްޓަކައި މައިންބަފައިންވެސް އަދި އެހެން ފަރާތަކުގެ ހިތުގައި ލޯބި އުފެދިގެންދާ ކަމެކެވެ. މުޖުތަމައަށް ނުކުންނަ ދަރިންތަކަކީ ރަނގަޅު ސުލޫކެއްގެ ވެރި، އިލްމު ހާސިލްުކޮށްފައިވާ ދަރިންތަކެއްގެ ގޮތުގައި ހެދުމަށް މުދައްރިސުން ވެދެއްވާ ގުރުބާނީތަކަކީ ޝުކުރު އަދާކޮށްލުމަކުން ނިންމާ ނުލެވޭނެހާ ބޮޑު ގުރުބާނީތަކެކެވެ.

ގައުމު އައު އުސްމިންތަކަށް ގެންދަން މަސައްކަތް ކުރާ މިދަތުރުގެ އާރުކާޓިންނަކީ މުދައްރިސުންނެވެ. މިހެން ބުނެވޭ ސަބަބަކީ ދަރިވަރުންނަށް އިލްމާއި ހިލްމު އުނގަންނައިދީ، ރަނގަޅު ދަރިންތަކެއް ފަރުމާކޮށް އުފައްދަނީ މުދައްރިސުން ކަމަށްވާތީއެވެ. މަދުރަސީ މާހައުލު ދަރިވަރުންނަށް ރައްކާތެރި މާހައުލެއްގެ ގޮތުގައި ދަމަހައްޓައި ދެނީ އެ މަދަރުސާއެއްގެ މުދައްރިސުންނެވެ. ދަރިވަރު ކާމިޔާބަށް ވާސިލުވުމަށް، ދިމާވާ ގޮންޖެހުންތަކުގައި ކުރިމަތިލާނެ ގޮތުގެ އުކުޅުތައް ދަސްކޮށްދެނީ އެ މުދައްރިސުންނެވެ. ކޮންމެ ދަރިވަރެއްގެ ކާމިޔާބުގެ ދަތުރުގެ ބިޔަ ބޮޑު ރާސްތާ ކަޑައްތު ކުރުމަށްފަހު ދިރިއުޅުމުގެ އައްސޭރީގެ ހަގީގީ މަލަމަތި ފެނުމުގެ މަގު ފަހި ކޮށްދެނީ މުދައްރިސުންނެވެ.

ކޮންމެ ސްކޫލެއްވެސް ރަނގަލު ތައުލީމީ މަރުކަޒެއްގެ ގޮތުގައި ފާހަގަ ކުރެވިގެންދާނީ ބަޔަކަށް ފެންނަން އޮތް ހަގީގަތެއްގެ މައްޗަށެވެ. އެގޮތުން ދަރިވަރުންނަށް ލިބޭ ކާމިޔާބިތަކާއި ސްކޫލު ތަމްސީލުކޮށް ދަރިވަރުން ހޯދާ ޝަރަފަކީ އެ ސްކޫލެއް މޮޅު ސްކޫލެއްްގެ ގޮތުގައި ފާހަގަ ކުރެވިގެން ދާނެ ކަނތައްތަކެވެ. މި އިން ކޮންމެ ކާމިޔާބެއް ހާސިލުކުރުމަގެ ފަހަތުގައި މުދައްރިސެއްގެ އެއްބާރުލުމާއި އެހީތެެރިކަން ލިބޭނެ ކަން ޔަގީނެވެ. ކޮންމެ އިލްމީ ދަންމަރެއް ކާމިޔާބު ދަންމަރަކަށް ހެދުމުގައި މުދައްރިސުން އަދާ ކުރަނީ ނުހަނު މުހިންމު ރޯލެއް ކަން މިކަމުން ދޭހަ ވެގެން ދެއެވެ.

2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އައިސް މިއަދާ ހަމައަށް އަޅުގަނޑުމެން ކުރިމަތި ލަމުން މިދާ ކޮވިޑުގެ ބަލިމަޑު ކަމުގައި މުދައްރިސުން ކޮށްދެއްވި މަސައްކަތާއި، ކިޔަވައި ދިނުމަށް ހޭދަ ކުރި ވަގުތުތަކަކީ، ނިމުމެއް ނެތް ޝުކުރު ހައްގުވާ މަސައްކަތްތަކެކެވެ. ޓެކްނޮލޮޖީގެ އެހީގައި، މުޅިންވެސް އައު ކަންތަތަކެއް ދަސްކޮށް، ގޭގައި ތިބެގެން ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާ ފަދަ އިންތިޒާމް ތަކެއް ހަމަ ޖައްސައި، ހުރަހެއް ނެތި ކިޔެވުުން ކުރިއަށް ގެނދެވުނީ މުދައްރިސުންގެ ހިތްވަރުގެ ސަބަބުން ކަން ގަބޫލުކުރަން ޖެހއެވެ. ކޮވިޑުގެ ތެރޭގައި އަމިއްލަ ނަފްސާއި، އަމިއްލަ މަސައްކަތްްތައް ދޫކޮށް ދަރިވަރުންގެ ކިޔެވުން ފަސޭހަ ކޮށްދިން ބަޔަކީ މުދައްރިސުންނެވެ.

ކޮވިޑުގެ ހާލަތުގެ ސަބަބުން ގިނަ ރަށްތައް ބަންދުކުރުމާއިއެކު، އޮންލައިން ކޮށް ކިޔަވަދޭން ފެށުމަކީ މުދައްރިސުންނަށް ގިނަ ފާޑު ކިއުންތައް އަމާޒުވެގެން ދިޔަކަމެކެވެ. ގޭގައި ތިބެ ޗުއްޓީ އަދާ ކުރާ ފަދައިން ދަރިވަރުންގެ ކިޔެވުމުގެ ކަންތައް ކުރިއަށް ގެންދާ ކަމަށާއި މުދައްރިސުންގެ ވަޒީފާ އަދާ ނުކުރެވޭ ކަމަށް ބުނެ ގިން ދިވެހިން ދިޔައީ ބަސް ބުނަމުން ނެވެ. އެހެންނަމަވެސް، ކޮވިޑުގެ ދުވަސްވަރުގައިވެސް ދަރިވަރުންގެ ކިޔެވުމަށް ހުރަސް ނޭޅޭ ފަދައިން ކިޔަވާދީ، ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުން ވެގެން ދިޔައީ އެންމެހާ މުދައްރިސުންގެ ވެސް އެންމެ ބޮޑު އިސް ކަމެއް ދެވުނު ކަމަށެވެ.

ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ބުނާ ގޮތުގައި، މުދައްރިސުން ވަޒީފާ އަދާކުރަނީ ހަމަ އެކެނި މުސާރައިގެ ބޭނުމުގައި ކަމަށް ބުނާ އިރު މިއީ މިކަމުގެ ހަގީގަތް ނޫންކަން މިއަދު ގަބޫލު ކުރަންޖެހެއެވެ. މުދައްރިސުންގެ އުޖޫރަ ކިތަންމެ ކުޑަ ކަމުގައި ވީނަމަވެސް، މުދައްރިސުންކޮށްދެއްވާ ހިދުމަތްތަކީ ދުލުން ނުވަތަ ގަލަމަކުން ބަޔާން ނުކުރެވޭނޭ ފަދަ އަަގު ހުރި މަސައްކަތްތަކެކެވެ. މުސާރަ އެއީ ބޭނުން އެއްޗެއްގެ ގޮތުގައި ނަހަދައި، ގައުމަށް ވަފާތެރި، ބޭނުންތެރި ދަރިންތަކެއް ތަރުބިއްޔަތު ކުރުމަށް މުދައްރިސުން ކުރައްވާ މަސައްކަތަކީ މުޅި ގައުމު ފަޙުރު ވެރިވާ ފަދަ މަސައްކަތްތަކެވެ. މުޖުތަމައުގައި ހިނގާ ކޮންމެ ރަނގަޅު ކަމެއްގެ ފަހަތުގައި މުދައްރިސެއްގެ އަތެއް ވާނެ ކަމާއި މެދު ޝައްކެއްވެސް ނެތެވެ.

މާދަމާގެ މުސްތަގުބަލު ކަމުގައި މިއަދުގެ ކިޔަވާ ކުދނިް، ގައުމުގެ ހުނގާނުގައި ހިފަން ތައްޔާރު ވަމުންދާ އެކުދިން ގެ ކާމިޔާބީގެ ދަތުރު، ބާއްޖެވެރި އަމާން ދަތުރަކަށް ހަދައި ދެނީ ސްކޫލުތަކުގެ މުދައްރިސުން ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: