ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުލޫފް މައްސަލައިގައި ޕީޖީން ދައްކާނެ އާ ވާހަކައެއް ނެތް!

ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރަކަށް ހުންނަވައިގެން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުކޮށްފައިވާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގައި ލަސްވީ ނަމަވެސް ބޭނުންވާ މައުލޫމާތު އެއް ނުކޮށް ދައުވާކުރުމާއި މެދު ގޮތެއް ނުނިންމޭނެކަމަށް އެ އޮފީހުން ބުނެފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހުގައެވެ. އޭގެ ފަހުން ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް އަދި އެ ކަމާ މެދު ގޮތެއް ނުނިންމައެވެ. އަދި މައްސަލަ ޕީޖީ އޮފީހަށް ފޮނުވި ފުވަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި މަހުލޫފްގެ މައްސަލަ ދިގުލައިގެންދާތީ އެންމެފަހުން ރައީސް އޮފީހުން ވަނީ މަހުލޫފް މިއަދުން ފެށިގެން ވަޒީރުކަމުގެ މަސްއޫލިއްޔަތުތަކާއި އެކު ކުރިޔަށް ދާން އަންގާފަ އެވެ.

މަހުލޫފްއަށް ދައުވާ ކުރުމަށް އެދި އޭސީސީން ފޮނުވި ސިޓީގައި ބުނީ އޭނާ ހިޔާނާތުގެ ފައިސާ ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު އަހުމަދު އަދީބުގެ އަތުން ނަންގަވާފައިވަނީ މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި ހުރުމަށް ކަމަށެވެ. އަދި އެ ދުވަހުގެ ވޯޓަށް މަހުލޫފް ވަޑައިގަތީ މެލޭޝިއާގައި ހުންނެވުމަށްފަހުކަމަށް ވެސް ވެއެވެ. އޭނާއަށް އެކަމުގެ ރިޝްވަތު ދެއްވީ ކުރީގެ ނައިބް ރައީސް، އަހުމަދު އަދީބުކަމަށް އޭސީސީން ބުންޏެވެ.

މައްސަލައިގައި ގޮތެއް ނުނިމި ދިގުލައިގެންދާތީ، މަހުލޫފްގެ ފާޑުކިއުން ސަރުކާރަށާއި ޕީޖީއަށް އަމާޒުވި އެވެ. އޭނާ ތުހުމަތު ކުރާ ގޮތުން، މިއީ އެމްޑީޕީގެ ތެރެއިން ބަޔަކު އިސްވެ އޭނާއާއި މެދު ހިންގާ އަމަލެކެވެ.

ރޭގެ ވަގުތެއްގައި މަހުލޫފްގެ ސަސްޕެންޝަން އުވާލިކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމާއި އެކު، އެކަމާ ބައެއް އާއްމުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ޕީޖީ އާއި ފާއިތުވެ ދިޔަ ހަތަރު މަހުން ފެށިގެން ނޫސްވެރިން އަމާޒު ކުރާ ސުވާލު ތަކުރާރު ކުރުމުން މިއަދު ވެސް ޕީޖީން ދިނީ އެއް ޖަވާބެކެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ މަހުލޫފްގެ މައްސަލައިގައި ހެކި އެއްކުރުމުގެ މަރުހަލާ ކުރިޔަށްދާކަމަށާއި، މައްސަލަ ދިގުލައިގެންދާކަމަށް ބުނަ އަވަސް އަރުވާލައި ގޮތެއް ނުނިންމޭނެކަމަށެވެ.

މަހުލޫފްގެ ސަސްޕެންޝަން ވެސް މިހާރު އުވާލާފައިވާކަމާއި، ޕީޖީއަށް އަދި ކިހާ ދުވަހެއް ބޭނުންވޭތޯ ސުވާލު ކުރުމުން ޝަފީއު ވިދާޅުވީ އިދާރާތަކުން މައުލޫމާތު އެއްކުރެވުނުހާ އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ. އަދި މައްސަލަ ކުރިޔަށް ގެންދިއުމުގައި އަވަސް އަރުވާލަން ބޭނުން ނުވާކަމަށް އޭނާ ވިދާޅުވި އެވެ. ސަސްޕެންޝަނާއި މެދު ގޮތެއް ނިންމާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށް ވުމާއި އެކު، އެކަމާ ޕީޖީއަށް ބުނެވޭނެ ބަހެއް ނެތްކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު މި ސަރަހައްދުގެ އެންމެ ބޮޑު އެއް ފުޓުބޯޅަ މުބާރާތް ކުރިޔަށްދާތީ، އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ޔޫތް މިނިސްޓްރީއަށެވެ. މަހުލޫފްގެ ސަސްޕެންޝަން އުވާލީ އެ ސަބަބާއި ހުރެކަމަށް ބެލެވެ އެވެ.

އޭސީސީން މަހުލޫފަށް ދައުވާކޮށްދޭން އެދި ފޮނުވިއިރު، ބޭނުންވާ ބައެއް ލިޔުންތައް ހަމަނުވާކަމަށް ބުނެ ޕީޖީން އެ ކޮމިޝަނަށް ސިޓީއެއް ހުށަހެޅި އެވެ. އެކަމަކު ޕީޖީން ބުނީ، މައްސަލަ ފޮނުވީ ދިރާސާކޮށް ބަލަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުން، މަހުލޫފްގެ މައްސަލައިގައި ރާއްޖެއިން ބޭރަށް ދިޔަ ޓީމެއް މި ހަފްތާގެ ތެރޭގައި އެނބުރި ގައުމަށް އަންނާނެ އެވެ. އެހެންކަމުން، ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ޕީޖީން ދައުވާ ކުރުމާއި މެދު ގޮތެއް ނިންމުން ގާތެވެ.

މަހުލޫފާއި ދެކޮޅަށް އޭސީސީން ދައުވާ ކުރަން ފޮނުވިއިރު އަދީބާއި މަހުލޫފު ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާ ގުޅުވުމުން، މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ އަދީބު އޭނާއަށް ދެއްވާފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭ ކަމަށް ކޮމިޝަނުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: