ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު ހުށައެޅުން މާދަމާ: ހުސްވި އަހަރަށްވުރެ މިއަހަރުގެ އިގްތިސާދީ ހާލަތު މިވަނީ ރަނގަޅުވެފައި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް މާދަމާ ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައި ދެއްވާނީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.

ބަޖެޓް މަޖިލީހަށް ފޮނުވުމަށްފަހު މިނިސްޓަރ ޕްރެޒެންޓް ކުރާގޮތަށް ކުރިން އޮތްނަމަވެސް މިއަހަރު ބަޖެޓް ހުށަހަޅާނީ މިނިސްޓަރ މަޖިލީހަށް ވަޑައިގެން ބަޖެޓް މަޖިލީހަށް ފޮނުވާ ދުވަހުކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

2021 ވަނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓު

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުމަށް ނިންމާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.6 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު ދަރަނި 10.2 ބިލިއަން ރުފިޔާއަށް އަރާއިރު، ކުރިއަށް އޮތް ދެ އަހަރު ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރާނެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށައެޅުމަށް ތައްޔާރުވަމުން އަންނައިރު، ހުސްވި އަހަރާއި އަޅާބަލައިރު މިހާރު މިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވެފައިވާކަމަށް ގަބޫލުކުރެވެއެވެ. މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ފަތުރުވެރިކަމުގެ ދާއިރާއެވެ.

މި އަހަރަށް ލަފާކުރި ބަޖެޓު ހުށައެޅުމަށް ހުސްވި އަހަރު މަސައްކަތް ކުރިއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ދަށަށް ގޮސްފައެވެ. މުޅި އަހަރު އެއްކޮށް ކަހަލަ ގޮތަކަށް އާމްދަނީ ލިބޭނެ ދޮރުތައް ބަަންދުކޮށްފައި އޮތުމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ހުސްވި އަހަރު ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން މި އަހަރަށް ލަފާކުރި ބަޖެޓު ހުށައެޅިއިރު ގިނަ ގޮންޖެހުންތަކެއް ފިނޭންސް މިނިސްޓްރީއަށް ކުރިމަތިވިއެވެ.

މި އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓަށް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެގޮތުން، އޭރު ރާއްޖޭގެ އިގްތިސާދު އޮތް ހާލަތަށް ބަލާއިރު ފުޓްސަލް ދަނޑު އެޅުން ފަދަ އެންމެ މުހިންމު ނޫން ބައެއް މަޝްރޫއުތައް ހުރިކަން ފާހަގަކުރެވޭކަމަށް އެމްޑީޕީއަށް ތާއީދުކުރައްވާ މެމްބަރުން ވެސް ވިދާޅުވި އެވެ. އަދި ހުސްވި އަހަރު މަޖިލީހުގެ ތަޅުމަށް ފިނޭންސް މިނިސްޓްރީއިން ފޮނުވި ބަޖެޓަކީ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުގެ ކުރިން މަޖިލީހަށް ބަޖެޓެއް ފޮނުވަން ޖެހޭތީ ފޮނުވާފައިވާ އެއްޗެއްގެ ގޮތުގައި އެމްޑީޕީ މެމްބަރުންވެސް ސިފަ ކުރިއެވެ.

2021 ފެށުނުއިރު އިގްތިސާދީ ބޮޑު އަނދަވަޅެއްގައި

ހުސްވި އަހަރު ބަޖެޓުގެ މަސައްކަތްކުރި ދުވަސްވަރަކީ ބައިނަލްއަގްވާމީ މުޖުތަމައުއިން ވެސް ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ގިނަ ކަންތައްތަކެއް ފާހަގަކުރި ދުވަސްވަރެކެވެ. އެގޮތުން، ލަފާކުރި ވަރަށްވުރެ ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ކްރެޓިޑް ރޭޓިން “ބީ މައިނަސް” އިން “ސީސީސީ” އަށް ދަށްކޮށް ރާއްޖޭގެ އިގްތިސާދީ ހާލަތާއި މެދު ފިޗްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފިޗްއިން އޭރު އަންދާޒާ ކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުން 2009 ގެ ފައިނޭންޝަލް ކްރައިސިސް އާއި ސުނާމީއާ ގުޅިގެން އިގްތިސޯދަށް ލިބުނު ގެއްލުމަށް ވުރެ ބޮޑުވާނެ އެވެ. ރާއްޖޭގެ ފަތުރުވެރިކަން މަޑުމަޑުން ކުރިޔަށް ދިޔަ ނަމަވެސް، ދާއިރާ ކުރިއަރަން ވަގުތު ނަގާނެކަމަށް ފިޗްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި 2020 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް އައީ ކުއްލި ހުއްޓުމެއް ކަމަށާއި، 2021 ވަނަ އަހަރު ފަތުރުވެރިކަމަށް އަންނާނެކަމަށް ބެލެވެނީ 20 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މިދިޔަ އަހަރުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މި ރޭޓިންއާއި ދެކޮޅު ހަދާ ފިނޭންސް މިނިސްޓްރީއިން ނުރުހުން ފާޅު ކުރި އެވެ. އެގޮތުން، ސަރުކާރުގެ ސިޔާސަތުތަކާއި ގުޅިގެން ހީކުރިވަރަށްވުރެ ރަނގަޅު ކުރިއެރުމެއް އިގްތިސާދަށް އަންނަމުންދާ ކަމަށާއި ރާއްޖޭގެ ދަރަނި ދުވަހަކުވެސް ޑީފޯލްޓްނުވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުންޏެވެ. އަދި ދައްކަންޖެހޭ ދަރަންޏެއް ނުދެއްކުމުގެ ސަބަބުން އެއްވެސް މައްސަލައެއް ދިމާވެފައިނުވާކަމަށް ފިނޭންސްއިން ވަނީ ބުނެފައެވެ.

އިގްތިސާދީ ބޮޑު އަނދަވަޅެއްގެ ތެރޭގައި އޮތްއިރު ފިނޭންސް މިނިސްޓްރީއަށް އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒު ވެގެންދިޔައީ ކެނޑިނޭޅި ދަރަނިތަކާއި ލޯނުތައް ނަގަމުންދިޔުމުންނެވެ. އެހެންނަމަވެސް މިނިސްޓަރ އަމީރު އޭރުވެސް ވަނީ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ދަރަނި ނަގައިގެންވިޔަސް، މަޝްރޫއުތައް ހިންގަން ޖެހޭ ކަމަށާއި އެހެން ނޫންނަމަ މިހާލަތުގައި ދިގު މުއްދަތެއް ވަންދެން ތާށިވެފައި ތިބެން ޖެހިދާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ލިބޭ އެއްޗަކުން ފުއްދާލައިގެން ޚަރަދުތައް ކުޑަކޮށްގެން ފުއްދާލައިގެން އުޅެވިދާނެ ކަމަށާއި ހަމައެކަނި މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ދީގެން ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗަރ އަށް އެކަނި ވިސްނައިގެންވެސް ތިބެވިދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް، އޭރުން އިގްތިސާދު އިތުރު ހަރުފަތަކަށް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އޭރުން މިހާލަތުގައި މިހެން ބަނދެވިފައި ތިބޭނީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އޭރުއޮތް ހާލަތުން އަރައިގަތުމަށް ދަރަންޏަށް ފައިސާ ނަގައިގެން ކަންތައްތަކެއް ކުރުން މުހިންމުކަމަށް މިނިސްޓަރ އޭރު ވިދާޅުވެފައިވެއެވެ.

ރިކަވަރީ ރޭޓް ހީކުރިވަރަށްވުރެ ރަނގަޅު!

ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް ކުރަމުންދިޔަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ހޮންކޮންގްގެ ފިޗް ކުންފުނިން ރާއްޖެއަށް ދީފައިވާ ސީސީސީ ރޭޓިން މައްޗަށް ޖައްސައި ބީ މައިނަސްގެ ރޭޓިންއެއް މިހާރު ވަނީ ދީފައެވެ. މި އަހަރުގެ ފިޗް ރިޕޯޓުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކޮވިޑު-19 ގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ހީވެސް ނުކުރާހާ ހަލުވި މިނެއްގައި ކުރިއަރައި ދިޔަކަމަށެވެ.

އެގޮތުން އަހަރުގެ ތެރޭގައި ފަތުރުވެރިކަމަށް 70 އިންސައްތައިގެ ރިކަވަރީއެއް ލިބިފައިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް އިއްޔެ ރާއްޖެއިން ވަނީ މަރުހަބާކިޔާފައެވެ. އަދި ކުރިއަށް އޮތް ދެ މަސްތެރޭގައިވެސް ގާތްގަނޑަކަށް ދެލައްކަ ފަތުރުވެރިން އަންނާނެކަމަށް އަންދާޒާކުރެވޭކަމަށް ޓުއަރިޒްމް މިނިސްޓްރީއިން ބުނެއެވެ.

މި އަހަރުގެ ބަޖެޓު މާދަމާ ހުށައަޅާއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތުން ރަނގަޅުވަމުން އަންނަކަމަށް ގަބޫލުކުރެވެއެވެ. ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ކުރިއެރުންތަކެއް އަންނަމުންދާއިރު، އަންނަ އަހަރުގެ ބަޖެޓުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، މިނިމަމް ވޭޖާއި ޓީޗަރުންގެ މުސާރަ ކަނޑައެޅުންފަދަ މުހިންމު ކަންތައްތަކެއް ބަޖެޓުގައި ހިމަނާފައިވާނެކަމަށް ލަފާކުރެވެއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: