މޫސުމީ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ވަމުންދާ ގެއްލުންތަކުގެ ވާހަކަތައް ދައްކާތާ އެތައް އަހަރެއް ވެއްޖެކަމަށާއި އެހެންނަމަވެސް، އެކަމުގެ ސަބަބުން އެއްވެސް ރަނގަޅު ނަތީޖާއެއް ނުކުމެފައި ނުވާކަމަށް އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ކޮޕް 26 ސަމިޓު ފެށުމަށްޓަކައި ކުރިއަށްދިޔަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އިއާދަކުރަނިވި ހަކަތައާްއި ކޮސްޓް ޝެއާރިންގެ ވާހަކަތައްވެސް ދެކެވެމުންދާތާ އެތައް އަހަރެއްވެއްޖެ ކަމަށާއި އެހެންނަމަވެސް މިކަންކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށް ޝާހިދު ވިދާޅުވިއެވެ. މިއީ ގަބޫލުކުރަން އުނދަގޫކަމަކަށްވެދާނެ ކަމަށާއި އެހެންނަމަވެސް މިއީ ހަގީގަތްކަން ގަބޫލުކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މިކަން މިގޮތަށް އޮތް އުސޫލުން މިކަން ބަދަލުކުރުމުގެ ބާރުވެސް އެބައޮތްކަމަށެވެ. އަދި އދގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންވެސް އެންމެ ގިނައިން އަޑު އަހަންޖެހޭ ވާހަކައަކަށްވެފައި އޮންނަނީވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަތައްކަމަށް ޝާހިދު ވިދާޅުވިއެވެ. ބައްދަލުވުންތަކުގައި ހުރިހާ ލީޑަރުންނާއި ޑެލިގޭޓުންވެސް މިވާހަކަތައް އަބަދުވެސް ދައްކަވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އާންމު ފަރުދުންނާއި، ޒުވާނުންނާއި، އަންހެނުންގެ ޖަމިއްޔާއަކުންވެސް މިވާހަކަތައް އަބަދުވެސް ހިއްސާކުރަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.
ކޮޕް26 ސަމިޓުގެ ކުރިން ބޭއްވި އދގެ އާންމު ބައްދަލުވުމުގައިވެސް އެންމެ ބޮޑަށް ދެކެވުނީ މިވާހަކަތައްކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން، ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާއި، ދެރަ، ނިކަމެތި ހާލަތުގައި އުޅެމުންދާ އާބާދީތަކަށް އެހީތެރިވުމާއި، ޓެކްނޮލޮޖީގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވިފައި ނުވުމާއި، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުުވުމުގެ މުހިންމުކަމުގެ މައްޗަށް ބައްދަލުވުމުގެ ބައިވެރިން މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވިކަމަށް ޝާހިދު ވިދާޅުވިއެވެ.
"ހަ އަހަރުކުރިން އެއްބަސްވެވުނު ޕެރިސް އެގްރީމެންޓްގައި 1.5 ޑިގްރީއަށްވުރެ މަތިނުވާ ގޮތަށް މަސައްކަތްކުރުމަށް. އެންމެ ނިކަމެތި ގައުމުތަކާއި އާބާދީތައް ރައްކާތެރިކުރުމަށްޓަކައި މަސައްކަތްކުރެވުނު. މިއީ މުޅި ދުނިޔެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ގޮތުގައި ބަލައިގަނެވި އެއްވެސް ގައުމަކުން އެކަނި މިކަމާއި ދެކޮޅަށް މަސައްކަތްކުރަން ނުޖެހޭނެކަމަށް އެއްބަސްވެވުނު" ޝާހިދު
އެހެންނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި ގްރީންލޭންޑަށް ފުރަތަމަ ފަހަރަށް ވާރޭވެހުމާއި، ޖައްވަށް ދޫކުރާ ކާބޮންޑައިއޮކްސައިޑްގެ ލެވެލް ރެކޯޑް އަދަދަކަށް މައްޗަށް ދިޔުމާއި ފެން ބޮޑުވުމާއި، ޖަންގަލިތަކުގައި އަލިފާން ރޯވުންފަދަ ކަންކަން އާންމުވެ، ކަނޑުގެ ލޮނުގަނޑު އުފުލިފައިވާކަން ފާހަގަކުރެވިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އދގެ އާންމު މަޖިލީހުގެ މެމްބަރުންގެ ވާހަކަތައް ގްލާސްގޯގެ ކޮޕް ސަމިޓަށް ގެނެސްދޭނެކަމަށް ވައުދުވެފައިވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.