ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ ޝައުނާގެ ބަސް: ކޮޕްއަކީ ދިވެހިންގެ ދިރިހުރުމާއި ގުޅިފައިވާ ބައްދަލުވުމެއް!

މިނިސްޓަރު ޝައުނާ، ރައީސް އޮފީހުގެ ރަސްމިއްޔާތެއްގައި/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ، ކޮޕް ސަމިޓަކީ އެތައް ގައުމެއްގެ އުންމީދާއި ގުޅިފައިވާ ބައްދަލުވުމެކެވެ. ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ސަބަބުން، ތިމާވެއްޓަށް އޭގެ ގެއްލުންތަކެއްވެފައި ވާއިރު، ތަޖުރިބާކާރުން ބުނާ ގޮތުން މިއީ މިކަމުގެ ހައްލެއް ހޯދަން ލިބޭ އެންމެ ފަހު ފުރުސަތެވެ. އެހެންކަމުން، ހަމައެކަނި ދައްކާލާ ވާހަކައެއްގެ ގޮތުގައި ނަހަދައި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާއި މޫސުމީ އެކި ކާރިސާތައް މަދު ކުރުމަށް، ނަތީޖާ ނިކުންނާނެ ފަދަ ހައްލެއް ހޯދުން މުހިންމެވެ.

ތިމާވެށީގެ ބަދަލުތަކާއި، އޭގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމަކީ ރާއްޖެ އެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ދުނިޔެ އަވަސް ފިޔަވަޅު އަޅައި، އެއްބައިވަންތަ ކަމާއެކު މަސައްކަތް ނުކުރާނަމަ މި ގަރުނު ނިމުމުގެ ކުރިން ރާއްޖެ ނެތިގެން ހިނގައިދާނެ ކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވެ އެވެ.

ތިމާވެށީގެ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމަކީ ރާއްޖެކަމަށް ވާއިރު، ސަމިޓަށް ދިވެހި ސަރުކާރުން ވެސް ބޮޑު އުންމީދުތަކެއް ކުރެ އެވެ. ތިމާވެށީގެ ނުރައްކަލުން ދިވެހިން ސަލާމަތްކުރުމަށް އެއްބަސްވެވޭނެ ކަމުގެ އުއްމީދުގައި ސަމިޓަށް ސަރުކާރުގެ ބޮޑު ވަފުދެއް ވަނީ އިނގެރޭސިވިލާތުގަ އެވެ. މިއީ ނިމިދިޔަ 12 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ކޮޕް ސަމިޓަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

“އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލް، އަޅުގަނޑުމެންގެ ރައްޔިތުންގެ މުސްތަގުބަލް، އަޅުގަނޑުމެންގެ ސަގާފަތުގެ މުސްތަގުބަލް… މިހުރިހާ ކަމެއް ބިނާވެފައި މިއޮތީ މިއަދު އަޅުގަނޑުމެންގެ އަމަލުގެ މައްޗަށް.” ޝައުނާ

މިއަދު ރާއްޖޭގެ 1190 ރަށުގެ ތެރެއިން 80 އިނައްސަތަ ރަށަކީ ކަނޑުގެ ލޮނުގަނޑުން ފެށިގެން މީޓަރެއްހާ އުސް ރަށްތަކަކަށްވެފައި، އެ ރަށްތަކަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ ވަކިން ބޮޑު ރަށްތަކަކަށް ވަނީ ވެފަ އެވެ. އެކަމަށް އިޝާރާތްކޮށް ޝައުނާ ވިދާޅުވީ މިހާރުވެސް 90 އިންސައްތަ ރަށުގައި ފެންބޮޑުވުމާއި، 97 އިންސައްތަ ގޮނޑުދޮށް ގިރުމުގެ އިތުރުން، ރަށް ގިރުމުގެ މައްސަލަތަކުގެ ރިިޕޯޓު ލިބެމުންދާ ކަމަށެވެ.

ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ރާއްޖެއިން މިހާރު ވެސް ގިނަ އެޑެޕްޓިވް ފިޔަވަޅުތަކެއް ތައާރަފުކޮށްފައިވާ ކަމަށާއި އެގޮތުން ރެސިލިއަންސް ޕްރޮމޯޓް ކުރުމަށް ގޮނޑުދޮށްތައް ހިމާޔަތް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި ކޮމިއުނިޓީ ޕްރޮގްރާމްތައް ފަދަ ކަންކަން އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެއިން ވަނީ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ 26 އިންސައްތަ މަދުކޮށް، 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ކާބަން އެމިޝަން ސްކޮއާ ކުރުމަށް ބޭނުންވާ އެންމެ ފަހުގެ ލަނޑުދަނޑިތައް ނެރެފައެވެ. ޝައުނާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަށް އަމިއްލަ ހައިސިއްޔަތުން، އަދި ސަރުކާރުތަކުން ސިޔާސީ ފެންވަރުގައި ހައްލު ހޯދުމަށް ދުނިޔޭގެ ކޮންމެ މީހަކު ވެސް ބޭނުންވާ ކަމަށެވެ.

މި ސަމިޓުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ، މިއީ ދިވެހިންގެ ދިރިހުރުމާއި ގުޅިފައިވާ ބައްދަލުވުމެއް ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަރުތަކުގެ ދިރުން މަރުވެ، އެންވެރިކަމާއި ދަނޑުވެރިކަން ނެތި ގޮސް ރަށްތައް ގެނަސް ޖެހި ފަރުތަކަށް ލިބެމުންދާ ގެއްލުންތަކަކީ އެއީ ރާއްޖެ ކުރިމަތިލާން ޖެހޭ ތިމާވެށީގެ އެންމެ ބޮޑެތި މައްސަލަތައްކަން ޝައުނާ ފާހަގަ ކުރެއްވި އެވެ.

ޝައުނާ ވިދާޅުވި ގޮތުގައި އަމާޒަކީ ޕްރިސް އެގްރިމެންޓުގައި ވާ ގޮތަށް ރަށް ގިރުމަށާއި، ތިމާވެށި ހިމާޔަތް ކުރުންފަދަ މަސައްކަތަށް އަހަރަކު 100 ބިލިއަން ޑޮލަރު ދޫކުރުމެވެ. ރާއްޖޭގެ މުރަކަތައް މަރުވެ، ރަށް ރަށުގައި ފެންބޮޑުވާ މައްސަލަ އިތުރުވެފައިވާއިރު މިއީ ދިވެހިން ކޮންމެ ދުވަހަކު ކުރަމުންދާ ހަނގުރާމައެއްކަމަށް ޝައުނާ ވިދާޅުވި އެވެ.

1.5 ޑިގްރީގައި ދުނިޔޭގެ ހޫނުމިން ހިފެހެއްްޓުމަށް ދުނިޔެއިން އެއްބަސްވުމަކާއި ހަމައަށް އައުމަކީ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކޮށް ޝައުނާ ވިދާޅުވީ ދިވެހިންނަށް އިންތިޒާރު ކޮށްގެން ތިބެވޭކަށެއް ނެތްކަމަށެވެ. ހަމައަށް އައުމަށް ރާއްޖެއިން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

12 އަހަރަށް ފަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކޮޕްގައި ބައިވެރިވެވަޑައިގަތުމަކީ ގައުމަށް ލިބޭ ފަހުރެއްކަމަށް ޝައުނާ ވިދާޅުވި އެވެ. މިއީ ގައުމުގެ އަޑު އިއްވުމަށް ލިބޭ ބޮޑު ފުރުސަތެއްގެ ގޮތުގައި މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: