ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސްޕެކްޝަންތަކުން ބޮޑަށް ފާހަގަކުރެވެނީ ރަޖިސްޓްރީނުކޮށް ހިނގާ ވިޔަފާރިތައް: ވިސާމް

ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ވިސާމް މަޖިލީހުގެ ކޮމެޓީއަށް މައުލޫމާތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހިންގާ އިންސްޕެކްޝަންތަކުން މައިގަނޑު ގޮތެއްގައި ފާހަގަކުރެވޭ މައްސަލައަކީ ރަޖިސްޓްރީނުކޮށް ހިންގާ ވިޔަފާރިތަކުގެ މައްސަލަކަމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

އާންމު ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް މިހާރު ހުށައެޅިފައިވާ އިސްލާހުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް އިސްލާހުތައް އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އިގްތިސާދީ ކޮމެޓީއަށް ކަމާއި ގުޅުންހުރި އިދާރާތަކާއި މުއައްސަސާތަކުގެ ބައެއް ބޭފުޅުން ވަނީ ވަޑައިގެންފައެވެ. ކޮމެޓީގައި ވާހަކަދައްކަވަމުން ވިސާމް ވިދާޅުވީ 2019 ވަނަ އަހަރު ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކީ އޮންލައިންކޮށް ހިންގާ ވިޔަފާރިތައްވެސް ރަޖިސްޓްރީކުރަންޖެހޭ ކަމަށެވެ. އަދި ވިޔަފާރިތައް ރަޖިސްޓްރީނުކުރާނަމަ 10،000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށާއި އިންސްޕެކްޝަން ޓީމްތައް އިތުރަށް ވަރުގަދަކުރެވިފައިވާ ކަމަށެވެ. އަދި ގެނެވުނު އިސްލާހުތަކަށްފަހު މިހާތަނަށް އައިއިރު 2000 އިންސްޕެކްޝަން ކުރިއަށްގެންދެވިފައިވާކަމަށް ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި 18،000 އަށްވުރެ ގިނަ ވިޔަފާރި ރަޖިސްޓްރީކޮށް ހިންގާކަމަށެވެ. އަދި މީގެ ތެރެއިން 7،000 އަށްވުރެ ގިނަ ވިޔަފާރީގެ މުއްދަތު ހަމަވެފައިވާކަމަށް ވިސާމް ވިދާޅުވިއެވެ. މިހާރު ގާނޫނުގައިވާ ގޮތުން، ވިޔަފާރިތައް ރަޖިސްޓްރީކޮށްދެނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި މީގެ ސަބަބުން ވިޔަފާރިތައް ހިންގުމަށް ބައެއް ކަހަލަ ދަތިތައް ދިމާވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ބައެއް ކަހަލަ އެއްބަސްވުންތައް ހެދުމާއި ބައެއް ވިޔަފާރިތައް ފުޅާކުރުމަށް ގޮންޖެހުންތަކަކާއި ދިމާވާކަން ވިސާމް ފާހަގަކުރެއްވިއެވެ. އަދި މިކަން އާންމު ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް އެއްބަސްވުމުގެ މުއްދަތު 10 އަހަރުގެ މުއްދަތަކަށް އިތުރުކުރުމަށް އިސްލާހުތަކުގައި ހުށައަޅާފައިވާނެކަމަށް ވިސާމް ވިދާޅުވިއެވެ.

“މިހާރު ފަރުމާކުރާ އުސޫލުތަކާއި ހުއްދަތަކުގައިވެސް އަޅުގަނޑުމެން މިބަލަނީ ވީހާވެސް ދިގު މުއްދަތަކަށް އެހުއްދަތަށް ދޫކުރުމަށް. އެކަމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާކުރަމުން މިއަންނަނީ” ވިސާމް

އާންމު ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތަފްސީލް ހިއްސާކުރައްވާ ވިސާމް ވިދާޅުވީ، މިހާރުވެސް ވިޔަފާރީގެ ގާނޫނުގައި ވިޔަފާރި ރަޖިސްޓްރީ ކުރާ މީހަކީ ދިވެއްސަކަށްވުމަށް ލާޒިމްކުރާކަމަށެވެ. އަދި މިހާރު ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި ބަދަލުގައި މަސްއޫލުވެރިއެއްގެ ގޮތުގައި ނުވަތަ ދުވަހުން ދުވަހަށް ކުރާ ކަންކަން ކުރަން ހަވާލުކުރާ މީހަކީވެސް ދިވެއްސަކަށް ވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާނެކަމަށް ވިސާމް ވިދާޅުވިއެވެ.

މީގެ އިތުރުން ވިސާމް ވިދާޅުވީ، ކަންކަން އިސްލާހުކޮށް ރައްޔިތުންނަށް ފަސޭހަ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑެތި ކާމިޔާބީތަކަކާއި ހަމައަށް އާދެވިފައިވާ ކަމަށެވެ. އެގޮތުން، ވިއްސަކަަށް އަހަރުވަންދެން ބަދަލުނުގެނެވި ހުރި އިޖުރާއަތްތަކަށް ބަދަލު ގެނެވި އެކަމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް ވިސާމް ވިދާޅުވިއެވެ. އަދި ވިޔަފާރިތަކާއި ގުޅުން ހުރި ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ރައްޔިތުންނާއި ވީހާވެސް ގާތުން ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެފަދަ މައުލޫމާތުތައް އެއްތަނަކުން އާންމުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ވިސާމް ވިދާޅުވިއެވެ.

“ވިޔަފާރީގައި ލިބުނު މަންފާއަށް ބަލައި ވިޔަފާރިއަށް ރަނގަޅު ގޮތަކީ ވިޔަފާރި ވިއްކާލުން ކަމުގައިވާނަމަ އެކަން ކުރާނެ ރަނގަޅު އިންތިޒާމްތަކެއް މިއިސްލާހުތަކުގައި މިވަނީ. މިކަން ކުރުމަށްޓަކައި އަމަލުކުރަންޖެހޭ ގޮތްތައް މީގެކުރީގައި އާންމުންނަށް ސާފުވެފައި ނެތް. އާންމުން އުންމީދުކުރޭ ވިޔަފާރި ވިއްކާލަން ބޭނުންވާ ކަމުގައިވާނަމަ ދެން އަމަލުކުރާނެ ގޮތަކީ ކޮބައިކަން ގާނޫނުގައި ބަޔާންވެފައި އޮންނަން” ވިސާމް

ކޮމެޓީ ބައްދަލުވުމުގައި ވިސާމް ވަނީ ރައްޔިތުންނާއި ގާތުން ހިދުމަތްދީ، އަތޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މިހާތަނަށް އައިއިރު 100 ކައުންސިލަކަށް އޮންލައިންކޮށް ތަމްރީންތަކެއް ފޯރުކޮށްދެވިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އަތޮޅުތަކުގައި ވިޔަފާރި ބާތިލްކުރަން ހުށައެޅުމުން އެކަމުގައި ކައުންސިލުން އަމަލުކުރަންޖެހޭނެ ގޮތުގެ ތަމްރީންތަކެއް ދީފައިވާނެކަމަށް ވިސާމް ވިދާޅުވިއެވެ. އަދި ކައުންސިލްތަކުން މިނިސްޓްރީއާއި އެކަން ހިއްސާކުރުމުން ވިޔަފާރީގެ ހުއްދަ ބާތިލްކުރުމަށް ހޭދަވާ ޕްރޮސެސިން ޓައިމް ހަ ގަޑިއިރަށް ކުޑަކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވިސާމް ވިދާޅުވިއެވެ. މީގެ އިތުރުން، އަތޮޅުތެރޭގައި އިޖުރާއަތްތައް ތިލަކޮށްދިނުމަށް ގޮންޖެހުންތައް އެބަހުރިކަމަށާއި ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަމަށް ވިސާމް ވިދާޅުވިއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެވިފައިވަނީ ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ހުށައަޅާފައިވާ އިސްލާހުތަކެވެ. އެގޮތުން ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި، މިހާރު ދޫކުރާ ހުއްދަތަކުގެ މުއްދަތު އިތުރުކުރުމާއި ބިދޭސީން ހިންގާ ވިޔަފާރިތައް މަނާކުރުމާއި ގުޅޭ އިސްލާހުތަކެއް ވަނީ ހުށައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: